އީމާންކަން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަމެއް

ދާއިމީ ގޮތެއްގައި ވަރުގަދަ އީމާންތެރި ކަމެއްގައި ދެމި ހުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބައިވަރެވެ. އޭގެ ތެރޭގައި:

  1. ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނަ އާއި މެދުގައި ފުންކޮށް ވިސްނުން. ގުރްއާނުގައި އައިސްފައިވާ ސުވަރުގެ އާއި ނަރަކައިގެ ވާހަކަ ތަކާއި ނަބީ ބޭކަލުންގެ ވާހަކަ ތަކާއި އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ވާހަކަ ހިތްމައްޗަށް ގެނައުމުން އިންސާނާގެ އީމާންކަން ވަރުގަދަވެގެން ދާނެއެވެ.
  2. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތު ދިރާސާ ކުރުން. އަދި ޞަޙާބީންގެ ދިރިއުޅުން ބައްޓަން ކުރެއްވި ގޮތުގެ ވާހަކަ ތައް ކިޔާ އެވާހަކަ ތަކާއި މެދުގައި ވިސްނާ ފިކުރުކުރުން. މީގެ އިތުރުން ޞާލިޙް ރަގަޅު ބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލް ކުރުން.
  3. ތިމާގެ ނަފްސުގެ ޢަމަލުތައް އަމިއްލަ އަށް ޙިސާބުކޮށް، މަރުވާނެ ކަން ހަނދާން ކުރުން. އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ ޢަމަލުތަކަށް މާތް ﷲ ޙިސާބު ބައްލަވާނެކަން ހިތްމައްޗަށް ގެނައުން.
  4. ތިމާގެ އެކުއުޅޭ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަގަޅު ރަޙްމަތްތެރިން ކަމުގައި ހެދުން. ސަބަބަކީ ވަރަށް ގިނަފަހަރަށް އެކުއުޅޭ މީހެއްގެ ސަބަބުން އިންސާނާގެ ޢަމަލުތަކަށް ބަދަލު އަންނާތީއެވެ.
  5. ދީނީ ދަރުސްތަކަށް ޙާޟިރުވެ، ދީނީ މަޢްލޫމާތު ގެ ޚަޒާނާ މުއްސަންދި ކުރުން. އަދި ދީނީ މަޢްލޫމާތު ގިނަގިނައިން ހޯދައި ދިރާސާ ކޮށް ހެދުން.
  6. ރޭޑިޔޯ ޓީވީ އިން އަންނަ ދީނީ ޕްރޮގްރާމް ތައް ބަލާ އަޑުއަހާ ހެދުން.

މި ނޫންވެސް އެތައް ކަމެއް އީމާން ކަން ވަރުގަދަ ކުރުމުގެ ގޮތުން ކުރެވިދާނެއެވެ. ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާ ބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މާތް ﷲ އަޅުގަޑަށާއި ތިޔަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚްތުންނަށް ހެޔޮ ތައުފީގް ދެއްވާ އަޅުގަޑުމެންގެ އީމާންކަން ވަރުގަދަ ކޮށްދެއްވާށި. އާމީން. والله أعلم

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އާމީން

  2. ވަރަށް ރަގަޅު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!