ރިޕޯޓްކޮލަމިސްޓް

ވައްހާބިޒަމަކީ ކޮބާ؟

މި އާޓިކަލް ލިޔަން ފެށުމުގެ ކުރީން ވައްޙާބިޒަމާއި ބެހޭގޮތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނާ ސުވާލުކޮށް މި ކަމާއިމެދު އެމީހުންގެ ޚިޔާލު ހޯދީމެވެ. ލިބުނު މަޢުލޫމާތުގެ އަލީގައި ދަންނަވަން ޖެހެނީ ވައްހާބިޒަމޭ ބުނުމުން ގިނަ މީހުންނަށް ސިފަވަނީ ތުނބުޅި، ޖުއްބާ، އަދި ފަގުޑިއާއި، ފައިކުރިއެވެ. އެއްބަޔަކު އެއީ ޓެރަރިސްޓުން ކަމަށް ދެކޭއިރު އަނެއްބަޔަކުދެކެނީ އެއީ ސުންނީ މުސްލިމުންގެ ގޮތުގައެވެ. އެހެންނަމަވެސް ވައްޙާބިޒަމް ގެ އަސްލާއި، އެއީ ކޮންއެއްޗެއްކަމާއި އެނަން ދެވުނީ ކޮންބަޔަކަށްކަމާއި އެބަޔަކަށް އެނަން ދެވުނު ސަބަބު އެނގިގަތުމަކީ އަޅުގަނޑު ދެކޭގޮތުގައި މުސްލިމެއްގެ ޙައިސިއްޔަތުން ކުރުން އައުލާކަން ބޮޑުކަމެކެވެ. ސަބަބަކީ ހަމަ ގައިމުވެސް އަޅުގަނޑު ހޯދި ހޯދުމުން އެގުނު ގޮތުގައި " ވައްހާބިޒަމް " މިބަސް ގިނަ ދިވެހިން ނިސްބަތްކުރަނީ ތަފާތު 3 ބާވަތެއްގެ ބަޔަކަށެވެ. އެއީ ސުންނަތަށް އުޅޭ މުސްލިމުންނާއި، ސުންނީ މުސްލިމުންގެ ތެރެއިން ހައްދުފަހަނަޅައި ދިޔަ މީހުންނާއި އަދި ބައެއް އެހެން ފިރުޤާތަކުގެ މީހުންނަށެވެ. ނަމަވެސް ގިނަ މުސްލިމުންނަށް ވައްހާބީންނަކީ ކޮބައިކަން ނޭނގޭ ޙާލު ސުންނަތަށް އުޅޭ މީހަކު ފެންނައިރަށް އެނަމުން ގޮވާ އުޅެއެވެ. އެހެންކަމުން އަސްލު ވައްޙާބީންނޭ ކިޔެނީ ކޮން ބަޔަކަށްކަމާއި، އެނަން ދެވުނީ ކީއްވެކަން އަޅުގަޑުމެން ދަނެގަންނަންޖެހެ އެވެ.

      ކޮންމެ ފިކުރެއްވެސް އުފެދިގެން އަންނަނީ ވަކި ފިކުރަކަށް ތަބާވާ މީހަކަށް ބޯ ލަނބައި އެމީހަކުގެ ރަޢުޔަށް ޖާމާޢަތެއްގެ ބަޔަކު އެއްބަސްވާ ހިސާބުންނެވެ. މިސާލަކަށް ދަންނަވާކަމުގައިވާނަމަ އިސްލާމް ދީނުގައި މަޝްހޫރު 4 މަޒުހަބަށް ވެސް ނަންދެވިފައިވަނީ އެ މަޒްހަބުގެ އިމާމުންގެ ނަމާއި ގުޅުވައިގެންނެވެ. ސަބަބަކީ އެ މަޒުހަބުގައި ކަންކަން ހިނގަނީ އެ އިމާމުންގެ ރަޢުޔަށް ކަމަށް ވާތީއެވެ. އެގޮތުން ވައްހާބީންގެ ފެށުންވެސް ވާނީ މިފަދައިން ކަމާއިމެދަކު އަޅުގަނޑު އަރަރުމެއް ނުވަމުއެވެ.

      އެންމެ ފުރަތަމަ، " ވައްހާބީ " މިނަމާއި މެދުގައި  ފުންކޮށް ވިސްނާލުން މުހިއްމެވެ. އެގިވަޑައިގަންނަވާނޭ ފަދައިން މާތްﷲ އަށް ނިސްބަތް ކުރެވޭ އަސްމާއު ވައްޞިފާތުގައި ބަޔާންކުރެވިފައިވާ 99 އިސްމުފުޅާއި ޞިފަފުޅުތަކުގެ ތެރޭގައި ހިމެނޭ އެއް ޞިފަ ކަމުގައިވާ " އަލް ވައްޙާބު " އަކީ " ވައްހާބީ " ގެ އަސްލު އެބަހަކުން ނެގިފައިވާ ބަހެވެ. ޢަރަބި ބަހުގައި " ވައްޙާބު " ގެ މާނައަކީ ދެއްވުމެެވެ. އެހެންކަމުން " އަލް ވައްޙާބު " ގެ މާނައަކީ ދެއްވާ ފަރާތް ކަމާއިމެދަކު ޝައްކެތް ނެތެވެ. އަދި ކިއެއްތޯއެވެ؟ އެ ފަރާތަކީ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ކަމާއިމެދަކުވެސް އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

      " ވައްހާބީ " މިނަން ނިސްބަތް ކުރެވިފައިވަނީ މީލާދީ ސަނަތުން 16 ވަނަ ޤަރުނުގައި އުޅުއްވި ބޭކަލެއް ކަމުގައިވާ މުޙައްމަދު ބިން ޢަބްދުލް ވައްހާބަށެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ އައްޝައިޚް ޢަބްދުލްވައްޙާބް އިބްނު ސުލައިމާން އެވެ. ތުއްޕުޅު ޢުމުރުފުޅުގައި ލިޔަން ކިޔަން ދަސްކުރެއްވުމަށްފަހު ބައްޕާފުޅުގެ އަރިހުންނާއި އަދިވެސް އެހެން ޢިލްމުވެރީންގެ އަރިހުން އިސްލާމްދީނުގެ ތަޢުލީމު އުނގެނިވަޑައިގަތެވެ. ޒުވާން ޢުމުރުފުޅުގައި މައްކާއަށާއި މަދީނާއަށް ދަތުރުކުރައްވައި އެތަނުގައިވާ މީސްތަކުންގެ ދިރިއުޅުން ދިރާސާ ކުރެއްވިއެވެ. އެއަށްފަހު ބަޞަރާ ( ޢިރާޤް ) އަށް ޙިޖުރަ ކުރައްވައި ތައުޙީދުގެ ގޮވުމަށް މީސްތަކުންނަށް ގޮވައިލެއްވިއެވެ. މި ދަޢުވަތުގައި އެކަލޭގެފާނު އެންމެ ބާރު އެޅުއްވީ ވީހާވެސް ބޮޑަށް ޤުރުއާނާއި ސުންނަތަށް ރިޢާޔަތްކޮށް، ހަމައެކަނި ޤުރުއާނާއި ސުންނަތުން ސާބިތުވާ އަޅުކަންކަމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. އެގޮތުން އިރާޤުގެ ބައެއް ބާޠިލް ފިރުޤާ ތަކުގެ ޢިލްމުވެރީންނާއި ބަހުސްކުރައްވައި ހެއްދެވިއެވެ. އެހެންނަމަވެސް ކަންތައްތައް ވެގެންދިޔައީ މާ އެދެވިގެންވާ ގޮތަކަށް ނޫނެވެ. ބިދުޢަވެރީންނާ ޚުރާފީ ވިސްނުމުގެ އަހުލުވެރީން އެކަލޭގެފާނާ ދެކޮޅަށް ނިކުމެ، ޢިރާޤުން އެކަލޭގެފާނު ބޭރުކޮށްލިއެވެ.

      އެއްއަށްފަހު އައްޒުބައިރަށާއި، އަލްއަޚްސާގެ އިތުރުން ހުރާމިލާ އަށް ދަތުރުކުރައްވައި، އެތަންތަނުގެ ވެރީން ގާތު، އެ ތަންތަނުގެ ކުށްވެރީންގެ މައްޗަށް އިސްލާމީ ޝަރީޢާ ޤާއިމުކޮށްދެއްވުމަށާއި ބާޠިލް ފިކުރުތައް ދޫކުރައްވައި ހައްޤުގެ މަތީގައި ސާބިތުވުމަށް ގޮވައިލެއްވިއެވެ. އެހެންނަމަވެސް މިތަންތަނުގައި އޭރު އަތްގަދަކޮށްފައިވަނީ ޝީޢާއިންނާއި ސޫފީންނާއި އަދި މި ނޫން އެހެން ބާޠިލް ފިރުޤާތަކަށް ނިސްބަތްވާ މީހުންކަމުން ބައެއްމީހުން އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ނަފުރަތުކޮށް، އެކަލޭގެފާނު ޤަތުލު ކުރުމަށް ނިންމިއެވެ. އެހެންނަމަވެސް މިހުރިހާ ރޭވުންތަކަކުން ރެކިވަޑައިގެން ޢުޔާނާގެ ވަލީ އަޙްދު ޢުޘްމާނު އިބްނި މުޙައްމަދު އިބްނި މުޢައްމަރުގެ ހިމާޔަތުގައި އެކަލޭގެފާނު އެރަށަށް ވަޑައިގަތެވެ. އަދި ޙައްޤު އިސްލާމްދީނަށް ގޮވާލެއްވުމުގައި އެކަލޭގެފާނަށް ހިމާޔަތާއި އެއްބާރުލެއްވުން ދެއްވުމަށް ޢުޔާނާގެ ވަލީ އަޙުދު އެކަލޭގެފާނަށް ވަޢުދުވެވަޑައިތެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޢުޔާނާގައި އެކަލޭގެފާނުގެ ދަޢުވަތު އިތުރަށް ފުޅާވެގެންދިޔުމެވެ. އެގޮތުން ކައިރި އަވަށްތަކުންނާއި އަދި ކައިރި ޤައުމުތަކުން އުގެނުމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް ވަރަށް ގިނަ މީހުން ޒިޔާރަތް ކުރިއެވެ. އަދި ޚުދު އެކަލޭގެފާނު އެކި ސަރަހައްދުތަކުގައި ތިއްބެވި ޢިލްމުވެރީންނަށް ސިޓީ ލިޔުއްވާ، ޝިރުކާއި ބިދުޢަތަކުން މީސްތަކުން ސަލާމަތްކުރުމަށް އެކަލޭގެފާނަށް އެހީވުމަށް ގޮވައިލެއްވިއެވެ. ބައެއް ޢިލްމުވެރީން އިޖާބަ ދެއްވިއެވެ. ބައެއް ޢިލްމުވެރީން ދެކޮޅުހެއްދެވިއެވެ.

      ވިސްނާލަންޖެހޭ ހަޤީޤަތަކީ މުޙައްމަދު އިބްނު ޢަބްދުލް ވައްހާބުގެ ދުވަސްވަރުގައި އިނގިރޭސީންވަނީ ޢަރަބިކަރައަށް ފިތުނަވެރި " ފަނިފަކުސާތައް " ދޫކޮށްފައެވެ. އިސްލާމީ ޚިލާފަތު ފުޅާވުމާއި އަދި ޚިލާފަތުގެ ވަރުގަދަކަމުން ޔަހޫދީންނާއި ނަސާރާއިންވަނީ މުސްލިމުންގެ ކުރިމަތީގައި ނުހަނު ބަލިކަށި ބަޔަކަށްވެފައެވެ. އެހެންކަމުން މުސްލިމުން ބައިބައިކޮށް، މުސްލިމުންގެ ޢަޤީދާ ހީނަރުކޮށްގެން މެނުވީ އެބައިމީހުންނަށް ކާމިޔާބެއްނެތް ކަމުގައި އެބައިމީހުންނަށް ވިސްނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ނަސާރާއިންނާއި ޔަހޫދީން، ޢިލްމުވެރިންގެ ގޮތުގައި ފޮރުވިގެންތިބެ މުސްލިމުންގެ ޢަޤީދާ މަސްހުނި ކުރުމަށްޓަކައި އިސްލާމީ ތަފާތު ޢިލްމުވެރީންގެ ނަމުގައި ޢަރަބިކަރައިގައި އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމެވެ. އެހެންކަމުން މުޙައްމަދު އިބްނު ޢަބްދުލް ވައްޙާބު، ޤުރުއާނާއި ސުންނަތަށް ގޮވައިލެއްވި ގޮވައިލެއްވުން ވެގެންދިޔައީ އެކަލޭގެފާނަށް އުފުއްލަވަން ޖެހުނު ބުރަ މަސްޢޫލިއްޔަތަކަށެވެ. މިގޮތުން އެކަލޭގެފާނާއި ދެކޮޅުހެއްދެވި ޢިލްމުވެރީންގެ ތެރޭގައި މި ދެންނެވި " ފަރުދާގެ ފުރަގަހުގައި " ފޮރުވިގެން ތިބި މީހުންނަށް ހެއްލުނު އެކި ޖަމާޢަތްތަކާއި ޢިލްމުވެރީންނާއި ނަސާރާއިންނާއި ޔަހޫދީން ނުހަނު ގިނައެވެ. އެބައިމީހުން ގެންދިޔައީ އެކަލޭގެފާނުގެ ތައުހީދުގެ ދަޢުވަތަކީ ބާޠިލް ގޮވުންތަކެއް ކަމަށް ބުނަމުންނެވެ. އެގޮތުން ނަސާރާއިންނާއި ޔަހޫދީންނާއި އަދި މިދެންނެވި ބާޠިލް ފިރުޤާތަކުގެ މީހުން އެއްގަލަކަށްއަރައި،  އެކަލޭގެފާނަށް ތަބާވީހާބަޔަކަށް ޖެއްސުމާއި ފުރައްސާރަ އާއި މަލާމާތްކޮށް، އެބައިމީހުންނަކީ މުޙައްމަދު އިބްނު ޢަބްދުލް ވައްޙާބަށް ތާއީދު ކުރި މީހުންގެ ގޮތުގައި ނުވަތަ ވަހާބީން ގެ ގޮތުގައި ލޭބަލް ކުރަންފެށިއެވެ.  އަދި މީގެ އިތުރުން އެކަލޭގެފާނު ލިޔުއްވި ފޮތް ކަމުގައިވާ " ކިތާބު އައްތައުޙީދު " އަކީ ބިދުޢަވެރި ފޮތެއްކަމުގައި ބެލެވި އެފޮތް ނުކިޔުމަށް ގޮވާލައި ބޮޑެތި ކޭމްޕެއިންތައް ކުރެވުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މުސްލިމުންގެ ތެރެއިން ބައެއް ސުންނީ މުސްލިމުންވެސް މި ގޮވާލުމަށް ހެއްލި މުޙައްމަދު އިބްނި ޢަބްދުލް ވައްޙާބާއި އެކަލޭގެފާނުގެ ފޮތް ބޮއިކޮޓް ކުރުމެވެ. އަދި މިގޮތަށް ހެއްލިގެންދިޔަ އެތައް ޢިލްމުވެރީންނެއްވަނީ އެކަލޭގެފާނު ލިޔުއްވި ފޮތް ދުވަހަކުވެސް ހުޅުވާނުލުމަށް ޢަޒުމް ކަނޑައަޅާ ނިންމަވާފައެވެ.

            ކިތާބު އައްތައުޙީދަކީ ތަފްޞީލީ ގޮތެއްގައި " لا اله الا الله " މި ކަލިމައިގެ މައްޗަށް ޢަމަލު ކުރަންވީގޮތް ބަޔާންކޮށްދެއްވާފައިވާ، މުސްލިމުންގެ އެންމެ ޞައްޙަ ޢަޤީދާ ބަޔާންކުރައްވާފައިވާ ނުހަނު އަގުހުރި ފޮތެކެވެ. މިފޮތުގައި މުޙައްމަދު އިބްނު ޢަބްދުލް ވައްޙާބު ގެނެސްދެއްވާފައިވާ ވާހަކަތަކަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅުތަކާއި ރަޢުޔުތަކުގެ މައްޗަށް ގެނެސްދެއްވާފައިވާ، ވާހަކަފުޅުތަކެއް ނޫނެވެ. އެހެނެއްކަމަކު މި ފޮތުގައިވާ ކޮންމެ ނުކުތާއެއްވެސް އަލި އަޅުވާލެވިފައިވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ.  މި ފޮތަކީ މުސްލިމުންގެ ޢަޤީދާ ބަޔާންކޮށްދިނުމުގައި ސައްހަކަން ބޮޑު ފޮތެއްކަމުގައިވީހިނދު ދީނުގެ ރައްބާނީ ބޮޑެތި ޢިލްމުވެރީންނާއި މުފައްކިރުންގެ އަރިހުގައި މިފޮތް ވެގެންގޮސްފައިވަނީ ނުހަނު ޞައްޙަކަން ބޮޑު، ބޭނުންތެރި ފޮތެއްކަމުގައެވެ. އަޅުގަޑުމެން އުފާ ކުރާ ކަމީ ޚުދު އަޅުގަޑުމެންގެ ދިވެހިބަހަށްވެސް މި ފޮތް ތަރުޖަމާކުރެވިފައިވާތީއެވެ.

      އެހެންކަމުން ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ، ވައްހާބިޒަމަކީ އަކީ 16 ވަނަ ގަރުނުގައި ސެކިއުލާރ އަދި ލިބެރަލް އިސްލާމުންނާ ދެކޮޅަށް އަޑުއުފުލި ސުންނީ މުސްލިމުންގެ ބޮލުގައި ބާޠިލު ބަޔަކު އަޅުވާފައިވާ " ހޭޝް ޓެގް " އެއްކަން ގައިމެވެ. ވީމާ އަޅުގަޑުމެން އެއްބަޔަކު އަނެއްބަޔަކާ ދިމާލަށް ނުވަތަ އެއްބަޔަކު އަނެއްބަޔަކާ މުޚާތަބުކޮށް މިނަމުން ގޮވާ އުޅުމަކީ ބާޠިލުގެ އަހުލުވެރީންގެ ގޮވުމުން އެކަކު އަނެކަކާ ދިމާލަށް ގޮވުން ނޫންތޯއެވެ؟ ނަތީޖާއަކަށްވެގެންދާނީ ނޭނގިނަމަވެސް ޔަހޫދީންނާއި ނަސާރާއިންނާއި އެއްބައިވެވި، ތިމާގެ މުސްލިމް އަޚާ ނިކަމެތިކޮށް، އެ މުސްލިމް އަޚާ ދެރަކޮށްލުން ނޫންތޯއެވެ؟ ވީއިރު ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން މިކަމާއިމެދު ފުންކޮށް ވިސްނުން މުހިއްމެވެ. މިހެންކަމުން، މުސްލިމުންނާ މުޚާޠަބުކޮށް ގޮވޭ މިފަދަ ބާޠިލު ގޮވުންތަކުން ދޫ ރައްކާތެރިކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ ކިޔުންތެރިޔާއަށް ނަސޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

ގުޅުންހުރި

7 ޚިޔާލު

  1. ވަރަށް ރަގަޅު!

  2. ހަމަ މިފަދައިން މިސްރުގެ ހަސަލުން ބަންނާ އާއި ސައްޔިދު ޤުތުބު އާއި ޖަޒީރަތުލް ހިދު ނުވަތަ ހިންދުކަރާއިގެ މައުދޫދީ އާއި ނަދަވީ ފަދަ އިލްމުވެރިންގެ ހަޤީގައްވެސް މިގޮތައް ގެނެސް ދެއްވުން އެދެން، އެއީވެސް ގިނަބަޔައްކަށް އޮޅި ނުބައި ތަސައްވުރެއް އޮންނަބަޔެއް!

  3. އަލްވައްހާބް އަކީ ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ވިސްނާލަން ޖެހޭ ނުކުތާއަކީ ﷲގެ އިސްފުޅުން ނަންދެވިފައިވާ ކިތަން މީހުންތޯ ﷲ ޙަރާމް ކުރެއްވި އެތަށް ކަންކަމަށް އަރައިގަނެގެން އުޅެމުން އެދަނީ! މިސާލަކަށް "ޢަބްދުއްﷲ" މިނަމުގެ ކިތަން މީހުންތޯ މީހުން މެރުމާއި ވައްކަން ކުރުމާއި، ޒިނޭކުރުމާއި މިފަދަ ފާހިޝް ޢަމަލުތަކުގައި ދެމިއެތިބީ ވީމާ ޢަބްދުލްވައްހާބްގެ ނަމުން ނަންދެއްވާފައިވާ މީހަކުވެސް މީސަތަކުންނަށް އޮޅުވާލަން މަސައްކަތް ނުކުރާނެޔޭ ބުނަންއެގޭނީ ކިހިނަކުންތޯއެވެ. ތިޔައީ ބަސްބުނުމުގައި ތެދުވެރިއެއްކަމުގައިވާނަމަ މިސުވާލަށް ޖަވާބުދެއްވާށެވެ.

  4. ވިލިފުށީ/ އިބްރާހީމް އަށް ވަރަށްސަލާމް!

  5. އިސްލާމްދީނަށް ނިސްބަތްވާ ފިރްްޤާތަކާ ބެހޭ ގޮތުން ދިރާސާކުރާ މީހުންގެ ގާތުގައި ވައްހާބިޒަމް ނުވަތަ އަލްވައްހާބިއްޔާ އަކީ ޚަވާރިޖުންގެ އިބާޟީ ޖަމާޢަތުން އުފެދިފައިވާ ގުރޫޕެއް. އެމީހުންގެ އިސްމީހަކީ عبد الوهاب بن رستم އޭ ކިޔާ މީހެއް. ލިޔުމުގައި ބުނެފައިވާ ފަދައިން ސަލަފުންނަށް ތަބާވީ މީހުންނަށް ވައްހާބިޒަމްގެ ނަން ދިނީ އިނގިރޭސީން. އެއީ ސަލަފުންގެ މަގަކީ ހަމަ އެހެންވެސް މަގު އޮޅިފައިވާ ޖަމާޢަތްފަދަ ޖަމާޢަތެއްކަމަށް މީހުންނަށް ހީކުރުވުމަށްޓަކައި
    ބައްލަވާ: http://www.islam-qa.com/ar/112822

  6. ވިލުފުށީ އިބުރާހިމަށް.
    ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

    ﷲ ގެ ދީންވަނީ ފުރިހަމަކުރެވިފައެވެ. އެދީނުގެ މަސްދަރުތައް ﷲ ވަނީ ރައްކާތެރިކުރައްވާފައެވެ. ތައުޙީދުގެ ބައްޕަ ކަމުގައިވާ ﷲގެ ޙަލީލު އިބުރާހީމް ޢަލައިހިއްސަލާމްގެ ނަން ތިބާއަށް ކިޔާފައިވުމަކީ ތިބާއަށް ތައުޙީދު ރޯފިލާފައިވުން ލާޒިމުކުރާ ކަމެއްނޫނެވެ. ﷲ ގެ ރަސޫލާވަނީ މީސްތަކުންނަށް ތައުޙީދު އުނގަނައިދެއްވާފައެވެ.

    އިބުރާހިމާއެވެ. ލިޔުންތެރިޔާގެ ލިޔުން ތިބާ ކިޔާފައިވާނަމަ ތިޔަ އުފެއްދި ސުވާލު އުފެދިގެންނުވާނެއެވެ. އެހެނީ އިމާމް ޢަބްދުލްވައްހާބުގެ މަޝްހޫރު ތައުޙީދު ފޮތް އެކަލޭގެފާނު ލިޔުއްވާފައިވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައި ކަމުގައި ލިޔުންތެރިޔާ އެވަނީ ބަޔާންކޮށްދީފައެވެ. އިބުރާހީމު އެފޮތް ކިޔުމަށްފަހު އޭގައި ޤުރުއާނާ ސުންނަތާ ޚިލާފު ވާހަކައެއް އޮތިއްޔާ ނިކަން އަހަރުމެންނަށް ދައްކަބަލާށެވެ.

  7. Vilufushee Ibraahim ah
    Konme kamehgai proof beynun vaa nama thibaage Islaam kamuga proof kobaatho Eve
    E kan vs prove vaany Qiyaamath dhuvahun neve
    Eyge kurygai othy Ilmuveringe bahah thabaa vumeve.

Your email address will not be published. Required fields are marked *

More in ރިޕޯޓް