އިންޓަރނެޓް މެދުވެރިކޮށް ދީނީ މަޢުލޫމާތު ހޯދުން…

އާދެ، އިސްލާމްދީން ވަނީ މީގެ ސާދަ ޤަރުނު ކުރިން ފުރިހަމަވެ ނިމިފައެވެ. އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނާއި ހަވާލުކުރެވުނު ރިސާލަތު ފުރިހަމައަށް މީސްތަކުންނަށް ފޯރުކޮށްދީފައެވެ. ދެން، މަގު ފުރެދިގެން ދާ މީހަކު ނަމަ، ދާނީވެސް ބަޔާންވެގެންވާ ހާލުގައެވެ. އަދި، ޙައްޤު މަގުން ދާ މީހަކު ނަމަ، ދާނީވެސް ބަޔާންވެގެންވާ ހާލުގައެވެ.

މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. ބޭނުން ކޮންމެ މަޢުލޫމާތެއް ފަސޭހަކަމާއެކު ލިބެން ހުންނަ ޒަމާނެކެވެ. ގޭގަ ހުރެގެންނެވެ. އެހެންކަމުން، މިފަދަ ޒަމާނެއްގައި، ދީނީ ގޮތުން ވެސް، ކަމަކާ ބެހޭގޮތުން، ރަނގަޅު ގޮތާއި ނުބައި ގޮތަކީ ކޮބައިތޯ ހޯދާ ބަލައިލުމަކީ އުދަނގޫ ކަމެއް ނޫނެވެ.

ނަމަވެސް، ދީނުގައި އޮތް މައްސަލައެއް ބަލަން “ގޫގަލްސް” އިން ސާރޗްކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އެ ގޮތަށް ބައެއް މައްސަލަތަކާއި ބެހޭގޮތުން ހޯދާ މީހުންނަށް ގިނަ ފަހަރު މަގު އޮޅޭތަން އާދެއެވެ. ދީނުގަ އޮތް ގޮތާއި މުޅިން އިދިކޮޅު ގޮތަކަށް، ޙަރާމްކަންތައް ޙަލާލު ކަމެއްގެ ގޮަތަށް، މަޢުލޫމާތު ނަގައިގެން އަންނަ ތަން ވެސް ފެނެއެވެ. މިއީ ވަރަށް ބިރުވެރި ކަމެކެވެ.

ހަމަ އެހެންމެ، އިންޓަރނެޓްގައި ހުންނަ ގޮތް ނޭނގޭ ސައިޓްތަކަށް ވަދެ މަޢުލޫމާތު ނެގުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. އެހެނީ، ބައެއް ސައިޓްތަކަކީ އިސްލާމުންގެ ނަމުގައި ނަޞާރާއިންނާއި ޔަހޫދީން ހިންގާ ސައިޓްތަކެކެވެ. މިއީ ފިސާރި އެނގިހުރެ ދަންނަވާ ވާހަކައެކެވެ.

ދަންނަވަން މިއުޅެނީ، އިސްލާމްދީނުގައި ކަމަކާ ބެހޭގޮތުން އޮތީ ކިހިނެއްތޯ ހޯދަން ބޭނުން މީހަކަށް، ރަނގަޅު ސައިޓްތަކުގެ ޒަރީޔާއިން ލިބެން އެބަހުއްޓެވެ. ޖެހޭނީ، އެކަމުގެ ތެރޭގައި އުޅޭ ބައެއްގެ އަތުން ސައިޓްތަކުގެ މަޢުލޫމާތު ހޯދާލާށެވެ. ޙައްޤު ހޯދަން މަސައްކަތްކުރާ މީހަކަށް ރަނގަޅު އިތުބާރު ހިފޭ ސައިޓްތަކަކީ ކޮބައިތޯ ބެލުން އެއީ އެހާ ބުރަކަމަކަށް ނުވާނެވެސް މެއެވެ.

އެހެންކަމުން، އިންޓަރނެޓްގެ މިފަދަ ޒަމާނެއްގައި ޙައްޤަކީ ވަންހަނާވެފައި އޮންނާނެ އެއްޗެއް ނޫނެވެ. ބޮޑެތި ޢާލިމުންގެ ފޮތްތަކާއި އޯޑިއޯ ވީޑިއޯ ދަރުސްތައް އިންޓަރނެޓް މެދު ވެރިކޮށް ލިބެން އެބަހުއްޓެވެ.

އެހެންކަމުން، އަޅުގަނޑަށް ފާހަގަކުރެވިފައި ހުރި ބައެއް ދީނީ ސައިޓްތަކުގެ ކުރު މަޢުލޫމާތު ކޮޅެއް ހިމަނާލާނަމެވެ. އެގޮތުން؛

އާދަމްޝަމީމް.ކޮމް
އާދަމްޝަމީމް.ކޮމަކީ ފަޟީލަތުއްޝައިޚް އާދަމް ޝަމީމްގެ އޮފިޝަލް ވެބްސައިޓެވެ. މިސައިޓްގައި އައްޝެއިޚް އާދަމް ޝަމީމްގެ ތަފާތު ދީނީ ލިޔުންތައް ކިޔާލެވެން ހުންނާނެއެވެ. މިސައިޓްގެ އެންމެ ޚާއްޞަ އެއްކަމަކީ، ޝެއިޚަށް ސުވާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމެވެ. ހުށައެޅޭ ސުވާލަތަކަށް ޖަވާބުދެއްވަނީ ޚުދު ޝެއިޚް ޝަމީމެވެ.

އެހެންކަމުން، މިސައިޓަކީ، މިސައިޓްގެ ލާބަޔާއި މަންފާ ދިވެހި އުއްމަތަށް ވަރަށް ފުރިހަމަ ގޮތުގައި ކުރަމުންދާ ސައިޓެކެވެ. ޝެއިޚާއި ޝެއިޚްގެ ޓީމަށް މާތްﷲ ބަރަކާތްލައްވާށިއެވެ. އާމީން.

ނޫރުލްއިސްލާމް.ކޮމް

ނޫރުލް އިސްލާމް.ނެޓަކީ ފަޟީލަތުއްޝައިޚް ޝަހީމް އަލީ ސަޢީދުގެ މުޝްރިފުކަމުގެ ދަށުން، މުޙަންމަދު އަނީލްގެ އެޑިޓަރުކަމުގައި ހިނގަމުންދާ ސައިޓެކެވެ. ތަފާތު ގިނަ ގުނަ ދީނީ މަޢުލޫމާތުތަކެއް ލިބެން ހުންނަ ސައިޓެކެވެ. ޚާއްޞަކޮށް ވަރަށް ފުރިހަމަ ކުޑަ ކުދިންގެ ޕޭޖެއްވެސް ހިމެނެއެވެ. އެކި އެކި މުނާސަބަތު ތަކާއި ގުޅިގެން ޚާއްޞަ ފޭޖްތަކެއް ހެދިފާވެއެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ރާއްޖެއިން ޙައްޖަށް އަންނަ މީހުންގެ ޚަބަރު އެންމެ ފުރިހަމަ ގޮތުގައި ކަވަރު ކުރަމުންދާ ސައިޓަކީ ނޫރުލްއިސްލާމް.ނެޓެވެ.

ދަރުސްލައިވް،ކޮމް

ދަރުސްލައިވް.ކޮމަކީ ދިވެހިރާއްޖޭގެ ދީނީ ދަރުސްތައް އަޕްލޯޑުކުރެވޭ ސައިޓެކެވެ. އެގޮތުން، ތަފާތު ޢިލްމުވެރިންގެ ދީނީ ދަރުސްތަކުގެ ވީޑިޔޯ ދަރުސްތައް މިސައިޓުން ބަލައިލެވެން ހުރެއެވެ. އަދި ޑައުންލޯޑުވެސް ކުރެވޭނެއެވެ. ޓީވީން ފޮނުވާ “އިސްލާމީ ދިރިއުޅުން” ފަދަ ޙާއްޞަ ދީނީ ޕޮރުގުރާމްތައްވެސް އަޕްލޯޑްކުރެވެމުން ދެއެވެ. މިއާއިއެކު، އިސްލާމީ މަރުކަޒުގައި ދެވޭ ބައެއް މުޙިންމު ހުކުރު ޚުތުބާތައްވެސް އަޕްލޯޑްކުރެވިފައި ވެއެވެ.

އެހެންކަމުން، ދިވެހި ވީޑިއޯ ދަރުސް އިންޓަރނެޓް މެދުވެރިކޮށް ބަލާލުމަށް މީ އެންމެ ފުރިހަމަ ސައިޓެވެ.

އިސްލާމްކިއުއޭ.ކޮމް

މިއީ ސަޢުދީ ޢަރަބިޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޞާލިޙް އަލްމުނައްޖިދުގެ މުޝްރިފުކަމުގެ ދަށުން ހިނގަމުންދާ ސައިޓެކެވެ. މިއީ ސުވާލާއި ޖަވާބުގެ ސައިޓެކެވެ. މުޅި ދުނިޔޭގެ އެތަން މިތަނުން މުސްލިމުން ބޭނުން ކުރަމުންދާ ސައިޓެކެވެ. އެހެންކަމުން، ސައިޓަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ސުވާލެއް ހުށަހެޅެމުންދެއެވެ.

އަދި ހަމަ އެހެންމެ، ދުނިޔޭގެ ގިނަ މުސްލިމުންނަށް ބޭނުންކުރެވޭ ގޮތަށް ތަފާތު ލެންގުއޭޖް އޮޕްޝަންސް ނެގެން ހުރެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ އިނގިރޭސި ބަސް ވަރަށް ފުރިހަމައަށް ބޭނުން ކުރަމުންދާ ބަޔަކަށްވާތީ، އަޅުގަނޑުމެންނަށް އިނގިރޭސި ބަހުގެ އޮޕްޝަން ބޭނުންކޮށްގެން މަޢުލޫމާތު ލިބެން ހުންނާނެއެވެ. މިސައިޓްގެ ފުރިހަމަ ކަމުގެ ވާހަކަ ވަރަށް ދިގުކޮށް ދެއްކިދާނެއެވެ. ނަމަވެސް، ސައިޓަކީ ގިނަ ބަޔަކަށް އެނގޭނެ ސައިޓަކަށްވުމުން، ވާހަކަ ކުރުކޮށްލީއެވެ.

ރާއްޖެއިސްލާމް.ކޮމް

ރާއްޖޭގައި ހިނގަމުންދާ ދީނާއި ގުޅޭ ޚަބަރުތައް ބަލާލުމަށް ރާއްޖެއިސްލާމް ވަރެއް ނެތެވެ. އަވަސް އަވަހަށް ދީނީ ފަހުގެ ޚަބަރުތައް އަޕްލޯޑްވަމުންދާ ސައިޓެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގާ ދީނާއި ބެހޭ ޚަބަރުތައްވެސް ބައެއް ފަހަރު އަރަމުންދެއެވެ. އެހެންކަމުން، ރާއްޖޭގެ ދީނީ ޙާލަތު އެނގިގަތުމަށްޓަކައި ރާއްޖެއިސްލާމް.ކޮމަށް ބަރޯސާވެވިދާނެއެވެ.

ހަމައެހެންމެ، ދީނީ މަޒުމޫނުތަކާއި، ދީނީ މަޢުލޫމާތު ލިއްބައިދޭ ލިޔުންތައް އެހާމެ ބާރު ސްޕީޑްގައި މިސައިޓަށް އަރަމުންދެއެވެ. ފުންނާބު އުސް ޝެއިޚުންނާއި ދީނީ ތަޢުލީމު އުނގެނެމުންދާ ދަރިވަރުންގެ މަޒުމޫނުތަކުން މުއްސަނދިވެފައިވާ ސައިޓެކެވެ.

މިދެންނެވީ، އަޅުގަނޑަށް ފާހަގަކުރެވިފައި ހުރި ބައެއް ސައިޓްތަކުގެ ވާހަކައެވެ. މިފަދަ އިތުބާރު ހިފޭ އެހެނިހެން ސައިޓުތައްވެސް އެބަހުއްޓެވެ. ނަމަވެސް، މި ލިޔުން ދިގުވެދާނެތީ، ކުރުކޮށްލީއެވެ.

ނިންމާލަމުން ބުނެލާ ހިތް އޮތީ، ދީނީ މަޢުލޫމާތު ތިބާ ހޯދަނީ ކޮންތާނކުންތޯ ބަލާށެވެ. އެހެނީ، އެއީ ތިބާގެ ދީނެވެ. ލިބޭ މަޢުލޫމާތު ގޯސްވެއްޖެނަމަ ތިބާގެ ދީން ގޯސްވީއެވެ. އިތުބާރު ހިފޭ އެދުރުން އަތުން ދީން ހޯދާ ގޮތަށް، ދީނީ މަޢުލޫމާތު ނަގަން ޖެހޭނީ އިތުބާރު ހިފޭ ސައިޓުތަކުންނެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އެމެރިކާގެ ޔަހޫދީން ދުނިޔެ އިސްތިއުމާރު ކުރަން ގެންގުޅޭ ޖަމާއަތަކީ ޔޫއެން މިކިޔާ ޖަމުއްޔާ، އިންގިރޭސި ނަސާރާއިން ދުނިޔެ އަޅުވެތިކުރަން ގެންގުޅޭ ޖަމާއަތަކީ މިކިޔާ ކޮމަންވެލްތު ޖަމުއްޔާ! ޔޫންއާއި ކޮމަންވެލްތަކީ އެއްމާބަޑު ނަހަލާލު ދެދަރިން! ދުވަހަކުވެސް މުސްލިމުނަ ހެވެއްނެއެދޭނެ، އަބަދުވެސް ކޮންމެސް އުސޫލެއް މުވާހަދާއެއް ހަދައިގެން މުސްލިމުން ދީނާއި ދުރުކުރެވޭތޯ އުޅޭނީ، ނުވަތަ އެމީހުންގެ ދީނުގައި ފިތުނަވެރި ކުރެވޭތޯ؟

  2. އެމެރިކާގެ ޔަހޫދީން ދުނިޔެ އިސްތިއުމާރު ކުރަން ގެންގުޅޭ ޖަމާއަތަކީ ޔޫއެން މިކިޔާ ޖަމުއްޔާ، އިންގިރޭސި ނަސާރާއިން ދުނިޔެ އަޅުވެތިކުރަން ގެންގުޅޭ ޖަމާއަތަކީ މިކިޔާ ކޮމަންވެލްތު ޖަމުއްޔާ! ޔޫންއާއި ކޮމަންވެލްތަކީ އިބިލީހުގެ އެއްމާބަޑު ކޮރު ދެދަރިން! ދުވަހަކުވެސް މުސްލިމުނަ ހެވެއްނެއެދޭނެ، އަބަދުވެސް ކޮންމެސް އުސޫލެއް މުވާހަދާއެއް ހަދައިގެން މުސްލިމުން ދީނާއި ދުރުކުރެވޭތޯ އުޅޭނީ، ނުވަތަ އެމީހުންގެ ދީނުގައި ފިތުނަވެރި ކުރެވޭތޯ؟

  3. ވަރަށް މުހިއްމު އާޓިކަލްއެއް.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!