ހޮނިހިރުދުވަހު ސުންނަތް ރޯދަ ހިފުމުގެ ޙުކުމް (1 ވަނަ ބައި)

إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا وسيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، و أشهد ألا إله إلا الله وحده لا شريك له و أشهد أن محمداً عبده و رسوله ((يا أيها الذين ءامنوا اتقوا الله حق تقاته و لا تموتن إلا و أنتم مسلمون)) ، ))يا أيها الناس اتقوا ربكم الذي خلقكم من نفس واحدة وخلق منها زوجها وبث منهما رجالاً كثيراً ونساء واتقوا الله الذي تساءلون به و الأرحام إن الله كان عليكم رقيباً (( ، )) يا أيها الذين ءامنوا اتقوا الله وقولوا قولاً سديداً يصلح لكم أعمالكم ويغفر لكم ذنوبكم ومن يطع الله و رسوله فقد فاز فوزاً عظيماً (( أما بعد فإن أصدق الحديث كتاب الله، و أحسن الهدي هدي محمد صلى الله عليه وسلم، و شر الأمور محدثاتها وكل محدثة بدعة وكل بدعة ضلالة وكل ضلالة في النار.

އާދެ! ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. އަދި އެޚިލާފުގެ ނާރެހަކީ عبد الله بن بسر رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެކެވެ. އެ ޙަދީޘަކީ: “لا تصوموا يوم السبت إلا فيما افترض عليكم، وإن لم يجد أحدكم إلا لحاء عنبة ، أو عود شجرة فليمضغه” މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެވިގެންވާ ރޯދައެއްގައި މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދާ ނުހިފާށެވެ! އަދި (ރޯދަ ވީއްލާނެ އެއްޗެއް ނުލިބިގެން) މޭބިސްކަދުރެއްގެ ތޮށިގަނޑު ނުވަތަ ގަހެއްގެ ދަނޑިގަނޑެއް މެނުވީ ނުފެނުނަމަ، ފަހެ އެ ހަފާށެވެ! (އެބަހީ: އެ ހަފައިގެން ވިޔަސް ރޯދަ ދޫކުރުރާށެވެ!)” މިޙަދީޘާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ ދެގޮތަކުންނެވެ:
ފުރަތަމައީ: މިޙަދީޘުގެ ޙާލަތާމެދުގައެވެ. އެބަހީ: މިޙަދީޘުގެ ޞައްޙަކަމާމެދުގައެވެ. ފަހެ އެއްބައި ޢިލްމުވެރިން މިޙަދީޘް ޞައްޙަކުރައްވައެވެ. އަދި އަނެއްބައި ޢިލްމުވެރިން މިޙަދީޘް ޟަޢީފް ކުރައްވައެވެ.
ދެވަނައީ: މިޙަދީޘުގެ ފިޤްހާ މެދުގައެވެ. އެބަހީ ފިޤްހީ ގޮތުން މިޙަދީޘުން ދޭހަވާ މާނައާއި އެއިން ލާޒިމްކުރުވާ ޙުކުމާ މެދުގައެވެ.
ދަންނައެވެ! މިޙަދީޘް ޟަޢީފްކުރައްވާ ޢިލްމުވެރިން އެކަމުގެ މައްޗަށް އެކިގޮތްގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން މިޙަދީޘަކީ منسوخ ވެގެންވާ ޙަދީޘެކޭ އިމާމު أبو داود ވިދާޅުވާއިރު النسائي އާއި ابن حجر ވިދާޅުވަނީ މިޙަދީޘަކީ مضطرب ޙަދީޘެއް ކަމަށެވެ. މީގެއިތުރުން ابن تيمية އާއި ابن القيم އާއި މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ابن باز ފަދަ ޢިލްމުވެރިން ވިދާޅުވަނީ މިޙަދީޘަކީ منسوخ ނުވަތަ شاذ ޙަދީޘެއްކަމުގައެވެ. މިފަދައިން ޢިލްމުވެރިން މިޙަދީޘާމެދު ދައްކަވާފައިވާ ވާހަކަތަކުގެ ތަފްޞީލް މިލިޔުމުގައި ބަޔާންކުރުމަށް އަޅުގަނޑު ޤަޞްތުނުކުރަމެވެ. ސަބަބަކީ މިލިޔުމުގައި އަޅުގަނޑުގެ މަޤްޞަދަކީ މިޙަދީޘް ޞައްޙަ ކުރައްވާ ޢިލްމުވެރިން ފިޤްހީގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ އަލީގައި ހޮނިހިރު ދުވަހު ރޯދަހިފުމުގެ ޙުކުމަކީ ކޮބައިކަން ބަޔާންކުރުމެވެ. އެހެންކަމުން މިމައްސަލައިގައި އިތުރަށް ކުރިއަށް ދިއުމުގެ ކުރިން މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިންނާއި ޞައްޙަ ނުކުރައްވާ ޢިލްމުވެރިން ތިރީގައި ޛިކުރުކުރަމެވެ.

މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމަށް ވިދާޅުވާ ޢިލްމުވެރިން:

1 ابن شهاب الزهري (އަވަހާރަވީ ހިޖުރައިން 124 ވަނަ އަހަރުގައެވެ.)
2 الأوزاعي (އަވަހާރަވީ ހިޖުރައިން 157 ވަނަ އަހަރުގައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: “މިޙަދީޘް ފެތުރިގެންދާތަން އަހަންނަށް ފެނިއްޖެއުމަށް ދާންދެންވެސް އަހަރެން މިއަންނަނީ މި ޙަދީޘް ފޮރުވަމުންނެވެ.”
3 مالك بن أنس (އަވަހާރަވީ ހިޖުރައިން 179 އަހަރުގައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: “މިއީ ދޮގު ޙަދީޘެކެވެ.”
4 يحيى بن سعيد القطان (އަވަހާރަވީ ހިޖުރައިން 194 ވަނަ އަހަރުގައެވެ.)
5 أحمد بن حنبل (އަވަހާރަވީ ހިޖުރައިން 241 ވަނަ އަހަރުގައެވެ.)
6 أبو بكر بن الأثرم (އަވަހާރަވީ ހިޖުރައިން 261 ވަނަ އަހަރުގައެވެ.)
7 أبو داود (އަވަހާރަވީ ހިޖުރައިން 275 ވަނަ އަހަރުގައެވެ.)
8 النسائي (އަވަހާރަވީ ހިޖުރައިން 303 ވަނަ އަހަރުގައެވެ.)
9 الطحاوي (އަވަހާރަވީ ހިޖުރައިން 321 ވަނަ އަހަރުގައެވެ.)
10 ابن العربي (އަވަހާރަވީ ހިޖުރައިން 543 ވަނަ އަހަރުގައެވެ.)
11 ابن تيمية (އަވަހާރަވީ ހިޖުރައިން 728 ވަނަ އަހަރުގައެވެ.)
12 ابن القيم (އަވަހާރަވީ ހިޖުރައިން 751 ވަނަ އަހަރުގައެވެ.)
13 ابن مفلح (އަވަހާރަވީ ހިޖުރައިން 762 ވަނަ އަހަރުގައެވެ.)
14 ابن حجر (އަވަހާރަވީ ހިޖުރައިން 852 ވަނަ އަހަރުގައެވެ.)
15 ابن باز (އަވަހާރަވީ ހިޖުރައިން 1420 ވަނަ އަހަރުގައެވެ.)
16 ابن العثيمين (އަވަހާރަވީ ހިޖުރައިން 1421 ވަނަ އަހަރުގައެވެ.)

މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން:
1 الترمذي (އަވަހާރަވީ ހިޖުރައިން 279 ވަނަ އަހަރުގައެވެ.)
2 ابن خزيمة (އަވަހާރަވީ ހިޖުރައިން 311 ވަނަ އަހަރުގައެވެ.)
3 ابن حبان (އަވަހާރަވީ ހިޖުރައިން 354 ވަނަ އަހަރުގައެވެ.)
4 الحاكم (އަވަހާރަވީ ހިޖުރައިން 405 ވަނަ އަހަރުގައެވެ.)
5 ابن السكن (އަވަހާރަވީ ހިޖުރައިން 353 ވަނަ އަހަރުގައެވެ.)
6 الضياء المقدسي (އަވަހާރަވީ ހިޖުރައިން 643 ވަނަ އަހަރުގައެވެ.)
7 ابن قدامة (އަވަހާރަވީ ހިޖުރައިން 620 ވަނަ އަހަރުގައެވެ.)
8 النووي (އަވަހާރަވީ ހިޖުރައިން 676 ވަނަ އަހަރުގައެވެ.)
9 ابن عبد الهادي (އަވަހާރަވީ ހިޖުރައިން 744 ވަނަ އަހަރުގައެވެ.)
10 الذهبي (އަވަހާރަވީ ހިޖުރައިން 748 ވަނަ އަހަރުގައެވެ.)
11 ابن الملقن (އަވަހާރަވީ ހިޖުރައިން 804 ވަނަ އަހަރުގައެވެ.)
12 العراقي (އަވަހާރަވީ ހިޖުރައިން 806 ވަނަ އަހަރުގައެވެ.)
13 الألباني (އަވަހާރަވީ ހިޖުރައިން 1422 ވަނަ އަހަރުގައެވެ.)

(ސަމާލުވާށެވެ!) މިމައްސަލަ އިތުރަށް ދިރާސާކުރުމުގެ ކުރިން އަޅުގަނޑުމެން ދަންނަންޖެހޭ ވަރަށް މުހިއްމު ދެނުކުތާއެއް ވެއެވެ. އެއީ:

(1)މިޙަދީޘް ޟަޢީފްކުރައްވާ ޢިލްމުވެރިންގެ އަރިހުގައި ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމަކީ މުޠްލަޤު ގޮތެއްގައި ހުއްދަކަމެކެވެ. އެބަހީ: އެކަހެރިކޮށް ވަކިން ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެންކަމުން މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަހަށް ތަބަޢަވާ މީހެންނަމަ އެމީހަކަށް މިމައްސަލައިގައި އިތުރު ބަޙުޘަކަށް ބޭނުން ނުވާނެއެވެ. ނަމަވެސް ފިޤްހީ ގޮތުން މިމައްސައްލަ އިތުރަށް ބަޙުޘްކޮށް ދިރާސާކުރަންޖެހެނީ މިޙަދީޘް ޞައްޙަކަމަށް ދެކޭ މީހުންނެވެ.

(2)މިޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވާ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާގޮތުގައި މިޙަދީޘުގައި ވާރިދުވެގެންވާ ނަހީ ނެގިގެންވަނީ ކަރާހަތުގެ މައްޗަށެވެ. އެބަހީ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހު ކަމެކެވެ. ޙަރާމްކަމެއް ނޫނެވެ. މިއީ މިޙަދީޘް ޞައްޙަކުރައްވާ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތެވެ. އަލްއިމާމް އަލްބާނީ رحمه الله ފިޔަވައެވެ. އިމާމު އަލްބާނީގެ ކުރިން 14 ގަރުނުގެ ތެރޭގައި ވަޑައިގެންނެވި ޢިލްމުވެރިންގެ ތެރެއިން މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހު ކަމެއް ކަމުގައެވެ. އަދި އެބޭކަލުން ބަޔާންކުރައްވާ ގޮތުގައި ހޮނިހިރު ދުވަހު ރޯދަހިފުން މަކްރޫހުވުމުގެ ސަބަބަކީ އެދުވަހަކީ ޔަހޫދީން މަތިވެރިކޮށް މާތްކުރާ ދުވަހަކަށް ވުމެވެ. ޔަހޫދީން ދެކޭ ގޮތުގައި އެދުވަހަކީ ﷲ ތަޢާލާ ހަދުވަހުން އުޑުތަކާއި ބިން ހެއްދެވުމަށްފަހު އަރާމް ކުރެއްވި ދުވަހެވެ. (އެއުރެންގެ ނުބައި ބަސްތަކުން ﷲ ތަޢާލާ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.) އެހެންކަމުން ހޮނިހިރު ދުވަހަކީ ޔަހޫދީންގެ ރަސްމީ ބަންދު ދުވަހެވެ. ހަފްތާގެ ދުވަސްތަކުގައި ބުރަ މަސައްކަތުގައި އުޅުމަށްފަހު އެބައިމީހުން އަރާމްކުރާ ދުވަހެވެ. އަދި އެބައިމީހުންގެ ދީނީ މާތް ދުވަހެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މިނުބައިވެގެންވާ ދަޢުވާއަށް ކީރިތި ޤުރްއާނުގައި ރައްދު ދެއްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ: (وَلَقَدْ خَلَقْنَا السَّمَاوَاتِ وَالأرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِنْ لُغُوب فَاصْبِرْ عَلَى مَا يَقُولُونَ) [ق 38] މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ!” އެހެންކަމުން އެދުވަހު ރޯދަހިފުމުގެ މަޤްޞަދުގައި އެދުވަސް ޚާއްޞަ ނުކުރާނަމަ، ނުވަތަ އެދުވަހު އެކަހެރިކޮށް ރޯދަ ނުހިފައި އެދުވަހާއެކު އެހެން ދުވަހެއްގައި ރޯދަ ހިފާނަމަ، ނުވަތަ އެދުވަހު ރޯދަ ހިފުމަކީ ރޯދަވެރިޔާގެ އާދައަކަށް ނުހަދާނަމަ އެދުވަހު ރޯދަހިފުން ހުއްދަވާނެއެވެ. މިއާ ޚިލާފާއަށް އިމާމް އަލްބާނީ رحمه الله ވިދާޅުވަނީ ފަރުޟު ރޯދަ ނޫން ރޯދައެއް އެދުވަހު ހިފުމަކީ ޙަރާމް ކަމެއްކަމުގައެވެ.

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!