އޭމަގޭ އަޚުންނާއި އުޚުތުންނޭވެ! އޮޅުވާލުންތަކާއިމެދު ފުންކޮށް ވިސްނަވާށެވެ!

އިސްލާމްދީނާ ދެކޮޅަށް ތިމަންނަގެ ބަހާއި ޢަމަލުން މަސައްކަތް ކުރަމުންދާމީހަކު މިހާރު އިސްލާމްދީން ނޫންއެހެން ދީނަކަށް މިޤައުމުގައި ޖާގަނުދޭނަމޭ އެބަބުނައެވެ. އަދި ޙުއްޖަތަކަށް ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ހަވާލާވެސް އެބަދެއެވެ. މީ ވަރައްބޮޑު އޮޅުވާލުމެކެވެ. ދީނާޚިލާފު ހުރިހާކަމެއް ކުރެއްވީވެސް ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ އެހެން އޮތްވާނޫންތޯއެވެ؟ މައްސަލައަކީ ޤާނޫނުއަސާސީގައިވާގޮތައް ޢަމަލު ނުކުރުމެވެ. އަދި އެއަށް ބޯނުލަބާ ތިމާ ހިތުހުރިގޮތަކަށް ޔަހޫދީން ރުއްސުމަށް މަސައްކަތްކުރާކަމެވެ. މިއީ ޔަހޫދީން ބޭނުންވާގޮތެވެ. ޔަހޫދީންނަކީ ތައުރާތުގައި މާތްﷲ ބަޔާންކުރައްވާފައިވާގޮތާ ޚިލާފަށް ޢަމަލުކުރުމުން އިލާހީ ކޯފާ ޙައްޤުވި ބަޔަކެވެ. އެމީހުންގެ ބޭނުމަކީ މުސްލިމުންނަކީވެސް އެގޮތަށް ޢަމަލުކުރާބަޔަކަށްހެދުމެވެ. އަދި އެމީހުން މުސްލިމުންދެކެ ރުހޭނީވެސް މިގޮތަށް ޢަމަލުކުރީމައެވެ.

ބަޤަރާސޫރަތުގެ 120 ވަނަ އާޔަތާމެދު ކޮންމެ މުސްލިމަކުވެސް ވިސްނާލާށެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ.”

އަދި ނަބަވީ މިއިރުޝާދާމެދު ވިސަނަވާށެވެ. “އަބުއްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެން ރަސޫލުﷲ صلى الله عليه وسلم އަރިހުގައިވަނިކޮށް އެކަލޭގެފާނު އުޑަށް ބައްލަވާފައި ޙަދީޘުކުރެއްވިއެވެ. މިވަގުތަކީ ޢިލްމު އޭގެ އެއްވެސް މިންވަރެއްނެތި މީސްތަކުންގެ ކިބައިން އުފުލައްވާ ވަގުތެވެ. އެހިނދު ޒިޔާދުބިން ލަބީދު ވިދާޅުވިއެވެ. ތިމަންމެންނާއި ތިމެންމެންގެ އަނބިންނާ ދަރިން ޤުރުއާން ކިޔަވަމުން ދަނިކޮށް ތިމަންމެންގެ ތެރެއިން ޢިލްމު އުފުލިގެންދާނީ ކިހިނަކުންހެއްޔެވެ؟ ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. އޭޒިޔާދެވެ. ވިސްނާށެވެ! ތިމަން ނަބިއްޔާ ހީފުޅުކުރެއްވީ ޒިޔާދަކީ މަދީނާގެ ވިސްނޭ މީހުންގެ ތެރެއިންވާ މީހެއްކަމުގައެވެ. ޔަހޫދީންނާއި ނަޞާރާއިންގެ އަތުގައި ތައުރާތާއި އިންޖީލު ނުވޭހެއްޔެވެ؟ އެއިން އެމީހުންނަށް ކުރީ ކޮން ފައިދާއެއްހެއްޔެވެ. (އެބަހީ އޭގައިވާ ގޮތަށް އެމީހުން ޢަމަލު ނުކުރައެވެ.)” (ތިރިމިޒީ/ އިބުނުމާޖާ)

މިއަދު ޤުރުއާންވެސް އަދި ތިބުނާ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީވެސް އެބައޮތެވެ. ނަމަވެސް އޭގައިބަޔާންކޮށްފައިވާ ޤާނޫންތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރަނީ ކާކުހެއްޔެވެ. ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޙައްދު ތަކާއިމެދު އެޙައްދުތައް ޤާނޫނުލް ޢުޤޫބާތުގައި ލިޔެވިގެން ދިއުމަކީ ތިމަންނައަށް ފެންނަކަމެއްނޫނޭ ބުނުމަކީ ޤުރުއާނަށް އިންކާރު ކުރުން ކަމުގައި ނުވޭތޯއެވެ؟ ޔަޤީނުންވެސް އެއީ އެޙައްދުތަކަށް އިންކާރު ކުރުމެވެ. ދެން އެއަށް ފަހުގަވެސް ލާދީނީއޭ ނުކިޔޭނެއޭ ބުނެވޭނެތޯއެވެ. ލާދީނީއޭ މިބުނެވެނީ އިސްލާމްދީނުގައި އައިސްފައިވާގޮތް ދޫކޮށް އަމިއްލަ ބުއްދިއަށް ވިސްނޭގޮތަށް ޢަމަލުކުރުމަށެވެ. (އަބޫ ޢައްމާރު)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!