ރައީސް ނަޝީދަށް ވޯޓު ދެއްވުމުގެކުރިން ވިސްނާލަންޖެހޭ ބައެއް ކަންތައްތައް

އިސްލާމީ ތަޢުލީމަށް ހުރަސް އެޅުއްވުން

1-      ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން، އަލްޖަޒީރާގެ ޕްރޮގްރާމެއްގައި، ދިވެހި ސަރުކާރުން ހިންގާ ސްކޫލް ތަކާއި ކޮލެޖް ތަކުގައި، 11000 ދަރިވަރަކު އަރަބި އިސްލާމީ ތަޢުލީމު އުނގެނެމުން ދާކަމަށް ވިދާޅުވެ، އެތަންތަނުން އެކުދިންނަށް ދީނީ ގޮތުން ހައްދުފަހަނައަޅަން ދަސްކޮށްދޭ ކަމަށް ވިދާޅުވިއެވެ. އިސްލާމީ ތަޢުލީމަށް އެމަނިކުފާނުގެ ހިތްޕުޅުގައިވާ ނަފުރަތު ހާމަކުރެއްވިއެވެ.

2-      ތަޢުލީމީ މުޤައްރަރު ބަދަލު ކުރުމާއި ދިވެހި މުސްލިމު ދަރިވަރުންގެ މުދައްރިސުން ތަމްރީނުކުރުމާ ބެހޭ އެއްބަސް ވުމެއްގައި، 24 ސެޕްޓެމްބަރ 2009 ވަނަދުވަހު، ހައްދުފަހަނަޅާފައިވާ އިޒްރޭލާއިއެކު އެއްބަސްވުމެއްގައި ސޮއެކުރެއްވިއެވެ.

3-      ސްވިޑަން އާއި ޖަރުމަނާއި އިނގިރޭސި ވިލާތުން އަންގާފައިވާ ގޮތުގެމަތިން، ތަޢުލީމީ މުޤައްރަރު ބަދަލުކުރައްވާފައިވާކަމަށް، އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ 19 މޭ 1010 ވަނަދުވަހު އިސްލާމީމަރުކަޒުގައި އޮތް ޖަލްސާއެއްގައި ހާމަކުރެއްވިއެވެ.

4-      ދިވެހި ރާއްޖޭގައި ހުރި ހަމައެކަނި އަރަބި އިސްލާމީ ތަޢުލީމުދޭ ސްކޫލްކަމަށްވާ، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން 2010 ވަނަ އަހަރުގެ މާޗް މަހު އެސްކޫލުގެ އިމާރާތް ބާވެގެން ނިކުންނަން ޖެހުމުން، އެސްކޫލު ހިންގާނެ ޢިމާރާތެއް ދެއްވުމުގެ ބަދަލުގައި، ސްކޫލް އުވާލައި މާލޭގެ އެހެން ސްކޫލްތަކަށް އެދަރިވަރުން ބަހާލަން ނިންމެވިއެވެ. ނަމަވެސް ބެލެނިވެރިންނާއި އަދާލަތުޕާޓީގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން އެކަން ހުއްޓުވުނެވެ. އަދި ސްކޫލް އަޅަން ނިންމީވެސް، ބެލެނިވެރިންނާއި އަދާލަތުޕާޓީއިން އަހަރަކަށްވުރެ ގިނަދުވަސް ވަންދެން، އެކިގޮތްގޮތުން ކުރަމުންދިޔަ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އަދި ހަމަމިދުވަސްވަރު، ޢަރަބިއްޔާގެ ބިން ސަރުކާރަށްނަގައި، ބަޖެޓު ކުޑަކޮށް، ރައީސް ނަޝީދާއި ބައްދަލުކުރަން ދިޔަ އަރަބިއްޔާގެ ބެލެނިވެރިންގެ ލޮލާއިބޮލަށް ކަރުނަގޭސްޖަހައި ތަޅައި އަނިޔާކޮށް ހައްދަވާފައިވެއެވެ.

5-      ކިޔަވާކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ދެވިފައިވާ ލޮއެއްބާއި ޤަދަރު ކުޑަކުރުމަށްޓަކައި، ހީލަތްތެރި ރޭވުމެއްގެ ދަށުން، ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އިސްލާމް މާއްދާ އިޚްތިޔާރީކޮށް، ކިއެވުމާއި ނުކިއެވުން ހަމަހަމަ މާއްދާ އަކަށް ހައްދަވަން މަސައްކަތް ކުރެއްވިއެވެ.

6-      އިސްތިއުފާދެއްވުމަށްފަހު، އެމެރިކާއަށް ވަޑައިގެން، ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި، އިސްލާމްދީނާއި ދުރުގޮތަކަށް ރާއްޖޭގެ ތަޢުލީމު ބައްޓަންކުރެއްވިކަމަށް ވިދާޅުވެ، އެމަނިކުފާނަކީ އިސްލާމީ ތަޢުލީމުގެ ދުޝްމަނެއްކަމަށް އަމިއްލަދޫފުޅުން އިޢުތިރާފްވެވަޑައިގަތެވެ.

އިސްލާމީ ޝަރީއަތުގެ ޙުކުމްފުޅުތަށް އުވާލަން މަސައްކަތް ކުރެއްވުން

1-      ސަރުކާރުގެ ދަޢުވަތަކަށް، އަލިފްދާލުގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ދިވެހި ރާއްޖެ ގެންނަވައި، ﷲ ބާވައިލެއްވި ޙުކުމްފުޅެއް ކަމަށްވާ ޒިނޭގެޙައްދު ބާތިލު ކުރަން ވާހަކަދައްކައި، ﷲ ގެ ޙުކުމް ފުޅު ތަކާއި ދެކޮޅަށް ބަހުސް ކުރުމަށް ގޮވާލުމާ ވިދިގެން، ދިވެހި ރައްޔިތުންނާއި ޖައްމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުން މިވާހަކަތައް ކުއްވެރި ކުރަމުންދަނިކޮށް، ރައީސް ނަޝީދުވަނީ އޭނާޔަށް ހިތްވަރު ދެއްވާފައެވެ.

2-      ރައީސް ނަޝީދުގެ 19 ވަނަ ރޭޑިއޯ ޚިޠާބުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙުކުމްފުޅުތަށް ކަމަށްވާ، މަރަށް މަރު ހިފުމުގެ ޙުކުމް ފުޅާއި ވައްކަންކުރާ މީހާގެ އަތް ކެނޑުމުގެ ޙުކުމް ފުޅު، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި އޮންނަން ތިމަން މަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވެ ތަފާތު އެކި ބަހަނާތައް ދައްކަވައި ޤުރުއާނުގެ އެތައް އާޔަތަކާއި ހަނގުރާމަ އިޢުލާންކުރެއްވިއެވެ.

3-      އިސްތިއުފާދެއްވުމަށްފަހު، އެމެރިކާއަށް ވަޑައިގެން، ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި، އިސްލާމްދީނާއި ދުރު ޝަރުޢީ ޙުކުމްތަކެއް ގެންނަން މަސައްކަތް ކުރެއްވިކަމަށް ވިދާޅުވެ، އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމަށް އެއްބަސްވިއެވެ. މީގެ އިތުރުންވެސް، އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މާރިޔާދީދީއާއީ އީވާ ޢަބްދުﷲއާއި ހާމިދު އަބްދުލް ޣަފޫރުއާއި މުޙައްމަދު ޒުހައިރު (ޖުހާ) މެންފަދަ އެތައް ބަޔަކުވަނީ، އެތައްފަހަރެއްގެ މަތިން ﷲ ގެ އެކިއެކި ޙުކުމްފުޅުތަކާއި ފާޅުގައި ދެކޮޅުހައްދަވާފައެވެ.

4-      ގަންޖާ ބޯންޖެހޭކަމަށާއި ގަންޖާ ދޭންޖެހޭކަމަށާއި، ނުބޮއެ ސަލާމަތެއް ނުވާނެކަމަށާއި، ހަމައިން ނެއްޓެންއޮތް ހަމައެކަނި ގޮތަކީ ހަކުރައްވީމާ ހަކުރު ގިނަވާކަމަށް ވިދާޅުވެ، ހަކުރުނޫން އެހެން ކޮންމެއެއްޗެއް ބުޔަސް މައްސަލައެއް ނެތްކަމަށްވެ ވިދާޅުވެފައިވެއެވެ. އަދި މިސިޔާސަތުގެ ދަށުން، މީހުން ދިރި އުޅޭ ރަށްރަށުގައި، ﷲ ޙަރާމް ކުރެއްވި ބަނގުރާ ވިއްކުމަށް މަސައްކަތް ކޮށް، އެކަން ނާކާމިޔާބުވުމުން، ރައްރަށުގެ މެދުތެރިން ފަޅުރަށް ހައްދަވައި، ބަނގުރާ ވިއްކޭނެހެން ޤަވާޢިދު ބަދަލުކޮށް ދިވެހިރައްޔިތުންނަށް ގޮންޖެއްސެވިއެވެ.

ޣައިރު ދީންތަކަށް ފުރުސަތު ދެއްވުން

1-      ސައިންސާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ނަމުގައި، ދެ ޖައްމިއްޔާއަކުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކަލަކު ވޮޑިގެންނުވާކަމަށް ކިޔަވާދެމުން ދިޔައިރު، އެކަން ހުއްޓުވުމަށްޓަކައި ނަޝީދުގެ ސަރުކާރުން، އެނގިތިބެ އެއްވެސް މަސައްކަތެއް ނުކުރެއްވިއެވެ.

2-      ދިވެހިރާއްޖޭގައި ބުދުފައްޅި އެޅުން މަނާކުރުމާ ބެހޭގޮތުން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ އިބްރާހިމް މުއްތޮލިބު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލަކަށް ނިސަބަތްކޮށް، ރައީސް ނަޝީދުގެ 24 ވަނަ ރޭޑިއޯ ޚިޠާބުގައި، ދިވެހިރާއްޖޭގައި އުޅޭ އެހެން ދީންތަކުގެ މީހުން އެދީންތަކަށް އަޅުކަން ކުރުމުން މަޙުރޫމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވާކަމަށާއި، އެބިލު ތަސްދީގު ކުރުމުގެ ކުރިން، އެހެން ދީންތަކަށް އަޅުކަން ކުރުމާ މެދު އިސްލާމްދީން ދެކޭގޮތް ތިމަންމަނިކުފާނަށް އެގެން އެބަޖެހޭކަމަށް ވިދާޅުވެ، ބުދުފައްޅި އެޅުން މަނާކުރާ ބިލު ތަސްދިގު ނުކުރެއްވުމަށް ބަހަނާ ދެއްކެވިއެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ޤަވާއިދުގައި ހުރި، ބުދުފައްޅި އެޅުން މަނާކުރާ މާއްދާ އުނިކޮއް، ދިވެހި ފަސްގަނޑުން އެހެން ދީންތަކަށް ފުރުސަތު ލިބޭނޭހެން އެޤަވާއިދު ފާސްކޮށް ގެޒެޓް ކުރެއްވިއެވެ.

3-      އައްޑޫ ސިޓީގެ އެކިތަންތަނުގައި، އަޅުކަންކުރާ ޒާތުގެ ބުދު ހިމެނޭގޮތަށް، މޮނުމެންޓުތަކެއް ބަހައްޓައި، އެތަކެއްޗަކީ ސަރުކާރުގެ ހަރުމުދާ ކަމުގައި ބުނެ، އެތަކެއްޗަށް ޙިމާޔަތް ދެއްވިއެވެ.

4-      އިސްލާމްދީނާއި އިދިކޮޅަށް މަސައްކަތް ކުރާމީހުންނާއި ޣައިރުދީންތަށް ފަތުރަން މަސައްކަތް ކޮށްފައި ތިބި އެތަށް ބަޔަކަށް ސަރުކާރުގެ އިސް މަޤާމުތަށް ދެއްވިއެވެ. އޭގެތެރޭގައި ކްރިސްޓިއަން ދީން ފަތުރައިގެން ޑީޕޯޓުކޮށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލާފައިވާ ޑޭވިޑް ހާޑިންގްހަމްއާއި ޕޯލް ރޮބަޓްސް ފަދަމީހުން، އަނބުރާ ރާއްޖެގެންނަވައި، ދިވެހި ދައުލަތުގެ މިނިސްޓަރުން ފެންވަރުގެ މަޤާމުތައް ދެއްވުން ހިމެނެއެވެ. އަދި ޣައިރުދީން ފަތުރައިގެންބަންދު ކުރެވިފައިވާ އިންޓަނެޓް ވެބްސައިޓެއް ހިންގި، ފަރީޝާ އަބްދުﷲ އަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ކަމުގެ މާޤާމު ދެއްވުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް މިނިވަން ނޫހުގައި ލިޔުނު އައިޝަތު ވެލެޒިނީ އަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަން ދެއްވުން ހިމެނެއެވެ.

5-      ޑެންމާކަށް ވަޑައިގެން، ކްރިސްޓިއަން ދީން ފަތުރާ ބައެއް ކަމަށްވާ، ޖެޒުއެޓުން(Jesuits) ރާއްޖެ ގެނައުމަށް ފާޅުގައި ދަޢުވަތުދެއްވިއެވެ.

6-      އެމްޑީޕީގެ 2013 ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި، ޒުވާނުންނަށްޓަކައި ބިރުކަނޑާލާފައި މަޖާކޮށް، މިޔުޒިކާއި އެކު މައްސުނިވެ ޑާންސްކޮށް، ހުރިހާ މަލަކުން ފޮނިބޮމުން އުޅެވޭނެގޮތް ހަދައި ދެވޭނެކަމަށް، ސަރީޙަބަހުން ލިޔެ ގޭގެޔަށް ބަހަމުން އެބަދެއެވެ. އަދި މިކަންކުރުމަށްޓަކައި އެންޓަޓައިންމެންޓު ހައުސްތަކެއް (ނައިޓް ކުލަބުތަކެއް) އަޅާދޭނެކަމަށްވެސް މިމެނިފެސްޓޯގައި ލިޔެފައިވެއެވެ.

އިސްލާމް ދީނާއި ދެކޮޅުހެއްދެވުމާއި، ދީނާއި ދެކޮޅަށް ޚިޔާލުފާޅުކުރެއްވުން

1-      ރައީސް ނަޝީދުގެ 41 ވަނަ ރޭޑިއޯ ޚިޠާބުގައި، ދީނީ ދަރުސް ތަކުގައި ސުވަރުގެ އާއި ނަރަކަ އާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ވާހަކަ ދައްކަވާ ގޮތުން، ވަރަށް ގިނަ ބައެއްގެ ޝަކުވާތަށް ލިބެމުން ދާކަމަށް ވިދާޅުވެ، ތިމަންމަނިކުފާނަށް ފެނި ވަޑައިގަންނަވަނީ، މިވާހަކަ ތަކާ ނުރުހޭ މީހުން، އޭގެ އިދިކޮޅު ޚިޔާލު ފާޅުކުރުން ކަމުގައި ބުނެ، ސުވަރުގެ އާއި ނަރަކަ އާއި އިދިކޮޅަށް ޚިޔާލު ފާޅުކުރުމަށް ގޮވާލެއްވިއެވެ.

2-      ރައީސް ނަޝީދަށް ނިސްބަތްވާ މިނިވަން ނޫހާއި، އެސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ އެންވޯއީ އަހުމަދު ޝަފީގު މޫސާގެ ދިވެހި އޮބްޒާވަރ ވެބްސައިޓުގައި، އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދިޔައިރުވެސް، މިކަން ހުއްޓުވާފައެއް ނުވެއެވެ.

3-      މުޅިދުނިޔޭގެ ހުރިހާ މުސްލިމުންގެ ލޯބި ލިބިފައިވާ ޑރ.ޒާކިރު ނައިކުގެ ތަޤުރީރު ބާއްވަން، ޓްރެކްދަނޑު ނުދޭންވެސް މަސައްކަތްކުރެއްވިއެވެ

4-      ދާދިފަހުން ޑެންމާކަށް ކުރެއްވި ދަތުރު ފުޅެއްގައި، ޤުރުއާނާއި ސުންނަތުން ދީނީ ޢިލްމުވެރިން ހުރިހާ ކަމެއްގެ ޙައްލު އެބަނެރޭކަމަށާއި، ތިމަންމެންވެސް މިފަދަ އެހެން ހައްލެއް ހޯދަން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަކީ، ‘ލިބެރަލް’ މުސްލިމުން އުޅޭ ޤައުމަކަށް ހައްވަކަންކަމަށްވެސް ވިދާޅުވިއެވެ. ލިބެރަލްގެ މާނައަކީ، ލިބެރަލް ޑިމޮކްރަސީއާއި އެއްގޮތަށް، ބިރުކަނޑާލާފައި މިނިވަންކަމާއިއެކު، އެއްވެސް އިމެއް ނެތި ބޭނުން ކަމެއްކުރެވި، ބޭނުން ވާހަކައެއްދެކެވި، ބޭނުން އެއްޗެއް ބޮއެވި، ބޭނުން ދީނަކަށް އުޅެވި، އެއްޖިންސުން ކާވެނިކުރެވި، ހިތަށްއެރިގޮތަކަށް ޖިންސީއެދުން ފުއްދޭނެގޮތް ވުމަށްކިޔާނަމެކެވެ. އެވިދާޅުވާ އަނެއްދިވެހިރާއްޖެއަކީ އެއީއެވެ.

12 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ހަމަ ޢަންނި އަށް ވޯޓް ދޭނީ އެއްބުރުން

  2. ކިތައްމެ ބުރަކުން ވޯޓްދިނަސް ތިޔަމީހެއް ދެނެއް މިގައުުމުގެ ރައީސްކަމަކަށް ދިވެހިންނެއް ނުހޮވާނެ. ސޮރީ.

  3. އަންނި އަކަށް ވޯޓެއް ނުދޭނަން ، މާތްﷲ ގަންދީ ހުވާ އަންނި އަކަށް ވޯޓެއް ނުދޭނަން !

  4. ނަޝީދު އެކަނިތަ ރައީސްކަމަށް ކުރިމަތި ލައިގެން އުޅެނީ؟ އެހެންނުވާނީ މޭވާ އަޅާ ގަހަކަށްތާ އެންމެންވެސް ގަޅި އުކާނީދޯ!

  5. ތި ހުރިހާ ކަމެއް އެ ސޮރު ކުރިކަމެއް ދިވެހި ގިނަ ރައްޔިތުން އަކަށް ނޭނގޭ…
    ކޮންމެވެސް ގޮތަކުން އެބަޖެހޭ އަންނި ގެ ހަޤީޤަތް ދިވެހިން އަށް އޮޅުން ފިލުވަދޭން….
    މި ފުރުސަތުގަ މާތް ﷲ އަށް ބިރުވެތިވެ، އެ އިލާހަށް ތައުބާ ވުމަށް ނަޝީދަށް އާދޭހާ އެކު ގޮވާލަން…..

  6. އަންނިއަށް ނުވާނެ ވޯޓު ލާކަށް

  7. ނަޝީދަށް ގަޅި އުކަނީ މޭވާ އަޅާތީކީނޫން. އޭނަގެ ގަޅިކަމުން އެހެންމީހުން އޭނައާ ދިމާއަށް ގަޅި އުކަނީ….
    ތިޔަބުނާ ނަޝީދު އަދާލަތާ މާބޮޑަކަށް އަޅައިގަނެގެން އުޅެނީ އަޅެފަހެ އަދާލަތު ވެރިކަމަށް ކުރިމަތިލައިގެންތަ؟

  8. ދެން ތިބި މީހުންނަށް ވެސް ވޯޓް ނުދޭންވީ…….

  9. ކިތަންމެ ވަރަކަށް ޖައްސާލިޔަސް އިރާދަކުރެއްވިއްޔާ ހަމަ ނަޝީދު އެއްބުރުން. ތުނބުޅި ލައިގެން ތިބެ ކުރާ ކަންތައް ރީއްޗެއްނު

  10. މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ މީހުންނަކީ އަހަރެން ދެކޭގޮތުގައި ކޮންމެވެސް ގޮތަކުން ބަޔަކު ދެކެ ރުޅިއާއި ނަފްރަތާއި ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހުއެކުވެ ، އިސްލާމްދީނާއި ދިވެހިޤައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ ޒާތީ މަސްލަހަތު ކުރިއަށް ނެރެ ޒާތީ ތައައްސަބުން ފުރިފައިވާ ބައެއްކަން އަހަރެންނަށް ވަރަށް ބޮޑަށް ޔަޤީން

  11. އަންނިއެއް ނޫނޭ އަދާލަތާ އަޅައިގަތީ އަދާލަތުންނޭ އަންނިއާ އަޅައިގަތީ

  12. ކީރިތި އޯގާވަންތަ ނިއުމައްތަކުގެ ވެރިﷲ ޒަމާން ގަންދެއްވާ ވަހީކުރައްވަނީ އިންސާނާވާކަން ކަށަވަރީ ހަލާކެއްގެ ތެރޭގަކަން ހެއޮކަންކަމައް އަމުރުކޮއް ނުބާކަން ކަންމަނާކުރާމީހުން ފިއަވާ ދެންތިބިމީހުންނަކީ ސިއްރާފާޅު ދެނެވޮޑިގެންވާ ﷲބިރުވެތިވެ ސީދާމަގައްރުޖޫއަ ވާކައް ނުވޭތޯ ސައެތޯނީވަސްވާސް ތަކުގަ ޖެހި މިފަދަ މަތިވެރި އާޔައްތަކުމަތިން ހަދާން ނެތިދާތީ ހިތާމަކުރަން ކީރިތިﷲ މިޖަމާއަތުގެ މީސްތަކުންގެ ހިތުގާ އީމާންތެރިކަން އިތުރުކުރައްވާށި (އާމީން)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!