މުސްކުޅި ބައްޕަ ދޫކޮށްލި ރޯދަ ހިފުން

ސުވާލު: އަޅުގަނޑުގެ ބައްޕަގެ ބަލިހާލަތު ހުރިގޮތުން ފަރުޟުރޯދަ ވަނީ ހިފޭ ގޮތް ނުވެފައެވެ.މިހާރުވެސް ބައްޕަ ބަލިހާލަތު ހުރިގޮތހުން ހިފޭ ގޮތެއް ނުވެއެވެ. ބައްޕައަކީ ވަރަށް މުސްކުޅި އަދި ގައިގެ ވަރުދެރަވެފައިވާ މީހެކެވެ.އަދި ރޯދަމަހުގެ ފަރުޟު ރޯދައަށް ފުރަތަމަ ދުވަހު ހުރުމުގެ ސަބަބުން ވަނީ ބަލިހާލަތު އިތުރަށް ގޯސްވެފައެވެ.ބައްޕަގެ ފިރިހެން ހަތަރު ދަރިން އަދި އަންހެން ތިން ދަރިން ތިބެއެވެ. ވީމާ ބައްޕަގެ ގެއްލުނު ރޯދަތައް ހިފުމަށް ހަދަން ޖެހޭނެ ގޮތަކީ ކޮބައިތޯއެވެ.

ޖަވާބު:

لله والصلاة والسلام على رسول الله،

ބައްޕަގެ ތި ބައްޔަކީ ޢާއްމު ބަލިތައްފަދައިން ފަސޭހަވުމުގެ އުންމީދުއޮތް ބައްޔެއްނަމަ ބަލި ފަސޭހަވުމުން ނުހިފި ހުރި ރޯދަ ހިފާނީއެވެ. ނަމަވެސް ތި ބައްޔަކީ ރަނގަޅުވުމުގެ އުއްމީދެއްނެތް ބައްޔެއް ނަމަ އޮތް ޙުކުމަކީ ނުހިފާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. ކާންދިނުމުގެ މިންވަރަކީ އެރަށެއްގެ ބަޔަކު ކެއުމުގެ ގޮތުގައި ޢާއްމުކޮށް ބޭނުންކުރާ ބާވަތަކުން، މިސާލަކަށް ހަނޑުލުގެ ޞާއެއްގެ ދެބައިކޮށްފަ އެއްބައިގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 1ކިލޯ 500ގްރާމެވެ.

ދެން ތި ވިދާޅުވީ ބައްޕަގެ ދަރީން ތިބި ވާހަކައެވެ. ހަށިގަނޑަށް އަދާކުރެވޭ އަޅުކަންތަކަކީ އެ އިންސާނެއްގެ އަމިއްލަ ނަފްސަށް ވާޖިބު ކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން އޭނާ ދިރިހުރި ހާލުގައި އެހެންމީހަކަށް އޭނަގެ މައްޗަށް ނަމާދުކޮށް ރޯދަހިފައި ހެދުމެއް ނޯވެއެވެ. އެއީ އަމިއްލަ ދަރިން ކަމުގައިވިޔަސްމެއެވެ. ނަމަވެސް ނުކުޅެދޭ ހާލުގައި ޙައްޖު ޢުމުރާ އޭގެތެރިން އިސްތިޘްނާ ވެގެންވެއެވެ އެއީ ސާފު ޞަރީޙަ ނައްޞުތަކާއި ދަލީލުތައް އެކަމަށް ވާރިދުވެފައިވާތީއެވެ. والله أعلم

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!