ކުޑަ ކުދިން ރޯދަހިފަން ޢާދަ ކުރުވުމަށް އެންމެ ރަގަޅު ޢުމުރު

ކުޑަކުދިން ރޯދަ އަށް ބައިތިއްބަން އެންމެ ރަގަޅު ޢުމުރަކީ ކޮބައިތޯ؟ އެކުދިން ރޯދަ ހިފުމަށާއި ޖަމާޢަތުގައި ނަމާދު ކުރުމަށް ޚާއްޞަ ގޮތެއްގައި ތަރާވީޙް ނަމާދު ގެ ޖަމާޢަތުގައި ބައިވެރި ކުރުވުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭނެ ކަމަކީ ކޮބައިތޯ؟ ރަމަޟާން މަހު ކުޑަކުދިންގެ ހުސްވަގުތު ހޭދަ ކުރާނެ ރަގަޅު ގޮތެއް ބުނެދެއްވާ؟

 

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ފުރަތަމަ ކަމަކަށް: ކުޑަކުދިން ބާލިޣް ނުވަނީސް ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلاثَةٍ : عَنْ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يفِيقَ ، وَعَنْ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنْ الصَّبِيِّ حَتَّى يَحْتَلِمَ) މާނައަކީ: “ތިން މީހެއްގެ މަތިން ގަލަން ވަނީ އުފުއްލިގެންނެވެ. ބުއްދިފިލައި ގޮސްފައިވާ މީހާ އޭނާގެ ބުއްދި ހަމަޖެހުމާއި ހަމައަށް، ނިދިފައިވާ މީހާ ހޭލެވުމާއި ހަމައަށް، އަދި ކުޑަކުއްޖާ އިޙްތިލާމްވުމާއި ހަމައަށެވެ”.

އެހެންނަމަވެސް، ކުޑަކުދިން ރޯދަ ހިފުމަށް ޢާދަ ކުރުވުމުގެ ގޮތުން ރޯދައަށް ބައިތިއްބަން ވާނެއެވެ. އަދި ކުޑައިރު ކުރާ ހެޔޮ ޢަމަލުތަކަކީވެސް ފޮތުގައި ލިޔުއްވޭނެ ޢަމަލުތަކެއްވެސްމެއެވެ. މިގޮތުން ރޯދައަށް ބައިތިއްބަން ފަށާނެ ޢުމުރަކީ އެކަމަށް އެކުދިން ކުޅަދާނަ ވީއްސުރެންނެވެ. އެހެންކަމުން، އެކި ކުދިންގެ ހެދި ބޮޑުވުމުގެ ކަންތައް ހުންނަ ގޮތުން ޢުމުރު ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން އެއީ ކުއްޖާގެ ޢުމުރުން ދިހަ އަހަރު ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އިމާމް ޚަރްގީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ކުއްޖާގެ ޢުމުރުން ދިހަ އަހަރު ފުރުމުން ރޯދަ ހިފުމަށް އަމުރު ކުރަން ވާނެއެވެ”.

އިމާމް އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މާނައަކީ: ދިހަ އަހަރުފުރުމުން ކުއްޖާ އަށް ނަމާދު ކުރުމަށް އަމުރު ކުރާފަދައިން  ރޯދަ ހިފަން އަމުރު ކުރަން ވާނެއެވެ.  ރޯދަ ހިފުމަށް ތަމްރީނު ދިނުމުގެ ގޮތުންނެވެ. އަދި އެކަމަށް ޢާދަ ކުރުވުމުގެ ގޮތުންނެވެ.
ދުޢާ އަކީ އަޅުގަޑުމެންގެ ދަރިންނަށް އިސްލާމީ ތަރްބިއްޔަތު ދިނުމުގެ އެހީތެރިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެން އެންމެންނަށް ދެއްވުމެވެ. އާމީން. والله أعلم

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!