ރަމަޟާންމަހަށް ތައްޔާރުވާނީ ކިހިނެއް!

” ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް، ޣަފުލަތާ ވަކިކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް…”

ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް އަޅުގަނޑުމެނާ ބައްދުކޮށްފިއެވެ. ހުރި އުފާވެރިކަމާއެވެ. އިލާހީ ރަޙުމަތް އޮއްސޭ މަހެކެވެ. މަޣުފިރަތާއި ނަރަކައިން ދިންނެވުން އޭގެ ކޮޅުނެތް ކޮޅަށް މިންވަރުވެގެންދާ މަހެކެވެ. މި މަހަށް ތައްޔާރުވާން ނިކަން ބާރަށް ކަމަރު ބަދެލައްވާށެވެ.

މި މާތް މަހަށް މަރުޙަބާ ކިޔައި ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކުރާ މީހުންނެވެ. ބަދިގެ ސާމާނު ހޯދާ މީހުންނެވެ. ޓީވީން ރޯދަމަހަށް ހާއްސަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީކޮން މުނިފޫހިފިލުވުމުގެ ޕޮރުގުރާމުތަކެއްތޯ ބަލައި އެއަށް ވަޤުތުހުސްކުރާ މީހުންނެވެ.

އަނެއްބަޔަކީ އެމީހުންގެ ގޯތިގެދޮރު ރަމްޟާންމަހަށް ތައްޔާރުކުރާ ބީދައިން އެމީހުންގެ އަމިއްލަ ނަފްސުތައްވެސް އެމަހަށް އިސްތިޤްބާލުކުރުމުގެ ގޮތުން ތައްޔާރުކޮށް އެމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކޮންގޮތަކަށްތޯ އެގޮތަށް ކުރިޔަށްދެވޭތޯ ބަލާމީހުންނެވެ.

މިދެބައިމީހުންގެވެސް އެއްގޮތް ކަމެއް އެބައޮތެވެ. އެއީ ދުރާލައި ޝަޢުބާން މަހުން ފެށިގެން ދެބައިމީހުންވެސް މިބަރަކާތްތެރި ރަމްޟާންމަހަށް ތައްޔާރުވަމުންދާކަމެވެ. އެހެންކަމުން މިލިޔުމަކީ މިދެބައިމީހުންނަށްވެސް ފައިދާކުރާނެ ލިޔުމެކެވެ. މިމަހުގެ ބަރަކާތްތެރިކަން އެންމެ އެދެވޭގޮތުގައި ހާސިލުނުވާނެގޮތަށް ތައްޔާރީވަމުންދާ މީހުން އެކަން ސީދާކުރާނެ ގޮތް އެނގިގެންދާނެތީއެވެ. އަދި ރަނގަޅުގޮތުގައި ތައްޔާރީވަމުންދާ މީހުންނަށް އެކަމުގައި އިތުރު ހިތްވަރެއްލިބިގެންދާނެތީއެވެ.

އެގޮތުން މި މަހަށް ފުރިހަމައަށް ތައްޔާރީވެ އެކަށީގެންވާ މަރުހަބާއެއް ކިޔުމުގެ ގޮތުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެވިދާނެއެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ ވާޖިބެކެވެ. މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. އިންސާނާގެ މުޅި ޙަޔާތުގައި އޭނާ ތައުބާވުން މަތީގައި އަބަދުމެ ދެމި ހުންނާން ޖެހޭނެއެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަތް ޚާލިޞްކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ ( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ )  މާނައީ: ” އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އެކީ އެކައްޗަކަށް ﷲ އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ.”

2 – ދުޢާކުރުން:

މި އުއްމަތުގެ ސަލަފުއްޞާލިޙުންނާ ބެހޭގޮތުން ވާރިދުވެގެންެވެއެވެ. އެބޭކަލުން ރޯދަމަސް ޖެހެން 6 މަހަށްވުމާއެކު އެމަސް ލިބޭތޯ، އަދި އެމަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރެއެވެ. އަދި ރޯދަމަސް ނިމުމުން 5 މަސްވަންދެން އެރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯވެސް ދުޢާކުރެއެވެ.

އެހެންކަމުން، މިރޯދަމަހުގައި އަޅުކަންތަކުގައި މަޝްޣޫލުވެ އުޅުމުގެ އަދި މި ރޯދަމަހުގެ ފުރިހަމަ ޡަވާބާއި ދަރުމަ ލީބޭތޯ ކޮންމެ މީހަކުމެ ދުޢާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

3- މިމަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމު އަޅާއާ ބައްދަލުކުރާ ވަރަށްވެސް ޙާއްޞަ އަދި ބޮޑު ނިޢުމަތެއް ކަމުގައި މިމަސް އޭނަޔާ ބައްދަލުކުރުންވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މާތް ﷲގެ ރަޙުމަތް އޮއްސާލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

މި މައްސަރަށް ދަހިވެތިވެ މި މައްސަރު އޭނާއާ ބައްދަލުވާތީ އުފާވެރިކަން އޭނަގެ ނަފުސަށާއި ރޫޙަށް ލިބިގެންދާ އަޅަކަށް އުފާވެރިކަން ހުއްޓެވެ. އެހެނީ، އެއީ އީމާންކަމުގެ ޢަލާމާތަކަށް ވާތީއެވެ. މާތް ﷲ އެފަދަ އަޅަކަށް މިމަހުގެ ހެއުކަމާއި ސަވާބު މިންވަރުކޮށްދެއްވާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

 

4- ރޯދަ ޤަޟާކުރުން:

މިއީ ބައެއް ފަހަރު ވަރަށް ގިނަ އަންހެން ބޭކަނބަލުންނަށް ދިމާވާކަމެކެވެ. ކުރީ ރޯދަމަހުގެ ޤަޟާކުރަންޖެހޭ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ޤަޟާ ނުކުރެވި ހުރުމެވެ. މިއީ އޭގެ ޒާތުގައި މައްސަލައެއްނޫނެވެ. އެހެނީ އެކަނބަލުން ގިނަފަހަރު ފިރިމީހާގެ ވާޖިބުތަކާއި އަދި ގޭތެރޭގެ ވާޖިބުތަކުގައި ތާށިވާތަން އާދެއެވެ. އެހެންކަމުން ޝަޢުބާން މަހާ ހަމަޔަށް އަންނައިރުވެސް ބައެއް ރޯދަތައް ޤަޟާ ނުކުރެވި ހުރެދާނެއެވެ. ނަމަވެސް، މިޝަޢުބާން މަހު ބާކީ ހުރި ހުރިހާ ރޯދަތަކެއް ޤަޟާކޮށް ނިންމުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.

عَنْ أَبِي سَلَمَةَ قَالَ : سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : (كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ)

މާނައީ: ﷲ ރުއްސުންލެއްވި އަބޫ ސަލަމަތުުގެފާނު ވީދާޅުވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. (ބައެއްފަހަރު ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަންޖެހޭ ރޯދަތައްހުރެއެވެ. ނަމަވެސް ތިމަންކަމަނާއަށް އެރޯދަތައް ޝަޢުބާން މަހުގައި ނޫނީ ޤަޟާކުރުވޭ ވަރެއް ނުވެއެވެ.)

5- ރޯދަމަހުގެ ޙުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވުން:

މިގޮތުން ރޯދާއި ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންތައް ކިޔުމާއި ރޯދަމަހާ ގުޅޭގޮތުން ބޭއްވޭ ޙާއްޞަ ދަރުސްތަކުގައި ބައިވެރިވުން ހިމެނެއެވެ. މިކަމުގެ ސަބަބުން ތިމާގެ ރޯދައާ ބެހޭ ފިޤުހު އިތުރުވެ ރޯދަ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ލިބިގެންދާނެއެވެ. އަދި ތިމާއަށް އެނގޭ މިންވަރުން ރޯދައާ ބެހޭގޮތުން އަނބިދަރީންނަށް އުގަންނައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެނގޭ އެއްޗެހި އެހެންމީހުންނަށް ބުނެދިނުމަކީ އެމަޢުލޫމާތުތައް ސިނކުޑީގައި ހަރުލާނެ ކަމެކެވެ.

6- ޝަޢުބާން މަހުގެ ސުންނަތް ރޯދަހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ : قُلْتُ : يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ : ( ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ )

މާނައީ: މާތް ﷲ ރުއްސުންލެއްވި أسامة بن زيد ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ކަލޭގެފާނު ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅުކުރެއްވިއެވެ:( އެމަހަކީ މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެކެވެ. އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.)

 

ޝަޢުބާން މަހުގައި އެކަލޭގެފާނު (ޞައްލަﷲ ޢަލަހި ވަސައްލަމް) އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް ޙަދީޡުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ. ނަމަވެސް މިއަށް ޢިލްމުވެރީން އިތުރުކުރައްވާ އެހެން ޙިކުމަތެއް ވެސް ވެއެވެ. އެއީ ފަރުޟު ނަމާދުތަކުގެ ކުރިން އިހު ސުންނަތް ކުރާ ފަދައިން ކުރެވޭ ކަމެއްގެ ގޮތުގައިވުމެވެ. ފަރުޟު ނަމާދުގެ ކުރީން ސުންނަތް ކުރުމަކީ ނަމާދަށް ތިމާގެ ޚުޝޫޢަތްތެރިކަން އިތުރުވެ، ފަރުޟު ނަމާދަށް އިތުރު ސަމާލުކަމެއްދެވި ފުރިހަމައަށް ތައްޔާރީވާން ލިބޭތީއެވެ. ހަމަ އެގޮތަށް ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއްގެ ގޮތުގައި ބައެއް ޢިލްމުވެރީން ސިފަކުރައްވައެވެ.

7- މިމަހުގެ ބޭނުން އެންމެ ހެއުގޮތުގައި ހިފުމުގެ ޢަޒުމު ކަނޑައެޅުން

ރަމަޟާން މަސް އައުމުގެ ކުރިން މިމަހުގެ ބޭނުން އެންމެ ހެއުގޮތުގައި ހިފުމުގެ ޢަޒުމް ކަނޑައެޅުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ. ކަމަކަށް ޢަޒުމު ކަނޑައަޅައިފިނަމަ، އެކަމެއް ކުރުމުގެ ރޫޙު އާލާވާނެއެވެ. އަދި ރޫޙާނީގޮތުންވެސް އެމީހަކު ހުންނަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެފައެވެ.

ބަރާބަރަށް ޖަމާޢަތުގައި ފަސް ނަމާދު ކުރުމަށް ޢަޒުމުކަނޑައަޅަންވާނެއެވެ. ސުންނަތް ނަމާދުތައްވެސް ކުރުމަށް ޢަޒުމުކަނޑައަޅަންވާނެއެވެ. ރަމަޟާންމަހުގައި މަދުވެގެން ޚަތިމެއް ކުރުމަށް ޢަޒުމުކަނޑައަޅަންވާނެއެވެ. އަދި އެއްރޭވެސް ވައްޓާނުލާ ތަރާވީހާއި ދަމު ނަމާދުކުރުމުގެ ޢަޒުމުކަނޑައަޅަންވާނެއެވެ. ގިނަގިނައިން ޞަދަޤާތްކުރުމަށްވެސް ޢަޒުމު ކަނޑައަޅަންވާނެއެވެ. މީގެ އިތުރުން އެންމެ އެއް މުހިއްމު ކަމަކީ މައިންބަފައިންނަށް ކިޔަމަންތެރިވުމެވެ. ހެޔޮގޮތުގައި އެމީހުންގެ ހިތަށް އުފާވެރިކަން ވައްދާދީ، އެމީހުންނަށް އެހީތެރިވުމީ މީގެ ތެރެއިން އެންމެ މާތް މަތިވެރި އެއް އަޅުކަމެވެ. އެހެންކަމުން އެކަމަށް ފަރުވާތެރިވާށެވެ.

ޢަޒުމެއްގައި ހުރެއްޖެނަމަ، އިންޝާﷲ އެކަން ކާމިޔާބުވާނެއެވެ.

*****************************

އިސްވެ ބަޔާންވެގެންދިޔައީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ބައިވަރު މޮޅެތި ކަންތައްތައް ހުރެދާނެ ކަމާމެދު ޝައްކެއްނެތެވެ.

ނިންމާލުމުގެ ކުރިން ވަރަށް މުހިއްމު ނުކުތާއަކަށް އަލިއަޅުވާލަން ބޭނުމެވެ. އެއީ މާހިފުމާ ބެހޭގޮތުންނެވެ. ޢައިލާއާއި ރައްޓެހިންނާއެކު މާހިފުމުގެ ނަމުގައި ބޭރަށް ގޮސް ކައިބޮއެ ހަދާލުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމުގައި އަޅުގަނޑުގެ އުސްތާޒުން ވިދާޅުވެއެވެ. ނަމަވެސް، އެކަންވެސް މާތް ﷲ ނަޙީކުރައްވާފައިވާ ކަންތަކާއެކުވެއްޖެނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ. މިސާލަކަށް، ބޮޑުބެރުޖެހުމާއި، މިޔުޒިކަށް ނެށުމާއި، ދެޖިންސު މަސްހުނިވެގެން އެފަދަ މާހިފުން ބޭއްވުމަކީ ކަނޑައެޅިގެން މުންކަރާތުގެ ތެރޭގައި ހިމެނިގެންދާނެ ކަމެކެވެ. މިފަދަ މަތިވެރި މައްސަރެއް އެފަދައިން ފަށައިފިނަމަ، އެމަހުގެ ބަރަކާތާ ބައްދަލުވުމުގެ ކުރިން އެމަހުގެ ޙުރުމަތްތެރިކަން ކަނޑާލުން ނޫން ކަމަކަށް ނުވާނެއެވެ. ވީމާ، އެފަދަ މުންކަރާތްތަކުން ދުރުވުމަށް ނަޞޭޙަތްތެރިވަމެވެ.

މާތް ﷲ އަޅަމެންނަށް ރަމަޟާންމަހުގެ ރޯދަ ހެޔޮ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާފައިދޭއެވެ. އާމީން!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!