• ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ސީޕްލޭނެއް ކަނޑަށް ވެއްޓިފައި

ދިވެހިރާއްޖޭގެ ވައިގެ އުދުހުންތަކުގެ އެންމެ ހިތާމަވެރި ހާދިސާތައް

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރު އޭވިއޭޝަން ދާއިރާގައި ވަރަށް ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. މިގޮތުން މި ރިޕޯރޓުގައި މިހިމަނާލަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީން ރަސްމީކޮށް ތަޙްޤީގުކޮށް އާންމުކޮށްފައިވާ މައުލޫމާތުތަކެވެ. މި މައުލޫމާތުތަކަށް ބަލާލާއިރު ރާއްޖޭގެ އުމުރުން ވަރަށް ހަގު އޭވިއޭޝަން ދާއިރާގައިވެސް ނިސްބަތުން ވަރަށް ގިނަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

ސިވިލް އޭވިއޭޝަންގެ މައުލޫމާތުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ވައިގެ އެންމެ ހިތާމަވެރި ހާދިސާއަކީ 3 ޑިސެމްބަރ 1999 ވަނަ ދުވަހު މެންދުރުފަހު 03:00 ގައި ހިނގައިދިޔަ ހާދިސާއެވެ. އަރިއަތޮޅު ދެކުނުބުރީ ރަންގަލި ކައިރީގައި ހިނގައިދިޔަ މިހާދިސާ، ދިވެހި ތާރީޚުގެ ވައިގެ އެންމެ ހިތާމަވެރި ހާދިސާއަށް ވެގެންދިޔައީ ހެލިކޮޕްޓަރުގައި ތިބި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންކަމަށްވާ 10 މީހުންގެ މަރާއެކުގައެވެ. މޯލްޑިވިއަން އެއަރޓެކްސީގެ ބެލް-212 މަރުކާގެ މި ހެލިކޮޕްޓަރު “މޫނުވަތަށް ވެއްޓޭގޮތަށް” ކަނޑަށް ވެއްޓިގެންދިޔައީ ހެލިޕޭޑުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މުޅިރާއްޖެއާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަސުރިހީއަށް ކުޑަ ހިނދުކޮޅެއްގައި އެރި މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށްވެސް ބޮޑެތި ލޮޅުންތަކެއް އަރައިގެންދިޔައެވެ.

މަތީގައި މިދެންނެވި ހާދިސާގެ 5 އަހަރާއި 11 މަސްދުވަސްކުރިން، 8 ޖެނުއަރީ 1994 ވީ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 11:15 ގައި އަރިއަތޮޅު ފެސްދޫ ކައިރީގައި ހިނގައިދިޔަ ހާދިސާއަކީވެސް ނުހަނު ހިތާމަވެރި ހާދިސާއެކެވެ. ހަމިމްބާރޑް ހެލިކޮޕްޓާރސް ކުންފުނީގެ އެމް.އައި-8ޕީ މަރުކާގެ ހެލިކޮޕްޓަރު ފެސްދޫއާ ދިމާލުން މޫދަށް ވެއްޓުނުގޮތަށް ކަނޑުގެ އަޑިއަށް ދިޔައިރު، ބޯޓުގައި ތިބި 11 މީހުންގެ ތެރެއިން 9 މީހުން މަރުވެ، އެކަކު ވަރަށްބޮޑަށް އަނިޔާވިއިރު އެހެން ފަސިންޖަރަކަށް ކުދި އަނިޔާތަކެއްވަނީ ލިބިފައެވެ. މުޅި ހެލިކޮޕްޓަރު ބޭނުންނުކުރެވޭވަރަށް ހަލާކުވެގެން ދިޔައިރު މިއީ ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ މިފަދަ ހިތާމަވެރި ފުރަތަމަ ހާދިސާކަން ފާހަގަކޮށްލެވެއެވެ.

ހަމިމްބާރޑް ހެލިކޮޕްޓާރސް ކުންފުނީގެ ހެލިކޮޕްޓަރެއް 1999 ގައިވެސްވަނީ ވެއްޓި ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. 26 ޖެނުއަރީ 1999 ވީ އަންގާރަދުވަހުގެ ރޭ ގާތްގަނޑަކަށް 9:30 ގައި މިހާދިސާ ހިނގާފައިވަނީ އަރިއަތޮޅު ދެކުނުބުރީ ރަންގަލީގެ ހެލިޕޭޑުން ނައްޓާލިތާ ގާތްގަނޑަކަށް 2 މިނެޓްގެ ތެރޭގައި ބޯޓުގެ ވާތް ފަރާތު އިންޖީނު ހަލާކުވުމުގެ ސަބަބުންނެވެ. ހަމިމްބާރޑްގެ އެމް.އައި-8ޕީ މަރުކާގެ (އެލް.ޒެޑް-ސީ.އޭ.ކޭ) މި ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި 20 މީހުންގެ ތެރެއިން 4 މީހަކު މަރުވެ 16 މީހުންނަށް އެކިވަރުގެ އަނިޔާތައްލިބުނެވެ.

18 އޮކްޓޯބަރު 1995 ވީ ބުދަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:55 ގައި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގައިވެސްވަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. އޭރުގެ ދިވެހި ޤައުމީ އެއަރލައިންކަމަށްވާ އެއަރ މޯލްޑިވްސްގެ ޑޯނިއަރ 228 (9އެމް-ޕީ.އީ.ކިއު) މަރުކާގެ ބޯޓަށް ދިމާވި މިހާދިސާއަކީ، ރަންވޭގެ ލޭންޑިންގ ރޯލްގައި ކަނާތައް އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެންގޮސް އެތާގެ ކަނޑުތޮށީގައިޖެހި ބޯޓު އެނބުރެމުންގޮސް މޫދަށް ވެއްޓިގެން ހިނގި ހާދިސާއެކެވެ. މި ނުރައްކާތެރި ހާދިސާގައި ބޯޓުގައިތިބި 8 މީހުންގެ ތެރެއިން އެކަމަށް ސީރިއަސް މިންވަރަށް އަނިޔާވެފައިވާއިރު 2 މީހަކުވަނީ ޒަޚަމްވެފައެވެ.

17 މެއި 2004 ވީ ހޯމަ ދުވަހުވެސް މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގައިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ޑީ.އެޗް.ސީ-6-300 މަރުކާގެ (8ކިއު-ޓީ.އެމް.ސީ) ބޯޓު އެދުވަހުގެ ގާތްގަނޑަކަށް 11:01 ގައި މާލޭ އެއަރޕޯޓުން ނައްޓާލިތަނުން ބޯޓުގެ ވާތް ފަރާތުގެ ކަނދު ހުޅުލޭގެ ކަނޑުތޮށީގައި ޖެހުނު މިހާދިސާއާ ގުޅިގެން ބޯޓު ވެއްޓުނު އިރު ބޯޓުން ދަތުރުކުރި 17 މީހުންގެ ތެރެއިން ބޯޓުގެ 2 ދިވެހި ކުރޫއަކާއި ޖަރުމަނުވިލާތުގެ ފަތުރުވެރިޔަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު އެކަކުވަނީ ޒަޚަމްވެފައެވެ.

މިފަދަ ހާދިސާއެއްގައި 2009 ވަނަ އަހަރުވެސް ސީޕްލޭނެއް ވަނީ ވެއްޓިފައެވެ. 02 ޖޫން 2009 ވީ އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:09 ގައި ހިނގި މިހާދިސާގައި ބޯޓުގެ ކުރޫއަކާއި ފަސިންޖަރަކު ޒަޚަމްވިއެވެ. މިހާދިސާ ހިނގުމުގެ ކުރިން ހެނދުނު 09:04 ގައި ހަލަވެލި ރިޒޯޓަށް ކުރި 20 މިނެޓުގެ ދަތުރަށްފަހު ރިޒޯޓުގައި މަޑުކުރުމަށްފަހު 09:45 ގައި ފޮޓޯ ސެޝަނަކަށް ބޯޓު ހަލަވެލިން ނައްޓާލީ 4 ފަސިންޖަރުންނާއެކުގައެވެ. މިހާދިސާގެ އެންމެ ފާހަގަކުރެވޭ ކަމަކީ ބޯޓު ލެވެލް ވުމަށްފަހު އެކްސިޑެންޓްވުމާހަމައަށްވެސް ފޮޓޯނަގާ ކެމެރާމަނަކަށް ކޯޕައިލެޓް ސީޓް ދިނުމަށްފަހު ކޯޕައިލެޓް އިނީ ފަސެންޖަރ ސީޓުގައިކަމެވެ. ޕައިލެޓަށް ކޮންޓްރޯލް ނުވެގެން ހަލަވެލީގެ ފަރާދިމާލަށް ބޯޓު ވެއްޓުނުއިރު، އަނިޔާވި ފަރާތްތަކާއި އެހެނިހެން ފަސިންޖަރުންނާއި ކުރޫން ބޯޓުން ނެރުނީ ޑިންގީއެއް ބޭނުންކޮށްގެންނެވެ. ބޯޓު ވެއްޓުމާގުޅިގެން ހަލަވެލީގެ ފަރުގެ ބައެއް މުރަތަކަށްވެސް ގެއްލުން ލިބުނުކަމަށް ސިވިލް އޭވިއޭޝަންގެ މައުލޫމާތުތަކުން ހާމަވެއެވެ.

ސިވިލް އޭވިއޭޝަންގެ މައުލޫމާތުތަކަށް ބަލާއިރު އެންމެ ފަހުން ހިނގާފައިވާ މިފަދަ ހާދިޘާއަކީ 9 ޖުލައި 2012 ވަނަ ދުވަހު އދ.ރަންގަލީގައި ހިންގަމުންދާ ކޮންރެޑް މޯލްޑިވްސްގެ ޕްލެޓްފޯމްގައި ޑީ.އެޗް.ސީ 6-300 މަރުކާގެ ސީޕްލޭނެއް ޖެހުމުގެ ސަބަބުން ހިނގައިދިޔަ ހާދިސާއެވެ. 40-45 ނޮޓް އާއި ދެމެދުގެ ބާރުގަދަ ވައިގެ ސަބަބުން ޕްލެޓްފޯމްގައި ޖެހުނުކަމަށް ބުނާ މިހާދިސާގައި އެއަރކްރާފްޓުން ދަތުރުކުރި 14 ޕަސެންޖަރުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވުނު ނަމަވެސް ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ މިބޯޓުގެ ބޮޑުބައެއް ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ރާއްޖޭގެ މަދަނީ ވައިގެދަތުރުފަތުރުގެ ކަންތައްތަކުގެ ރެގިއުލޭޓަރކަމަށްވާ ސިވިލް އޭވިއޭޝަނުގެ މައުލޫމާތުތަކުން ހާމަވާގޮތުގައި ވައިގެ ނުރައްކާތެރި 16 ވަރަކަށް ހާދިސާ ރާއްޖޭގައި ހިނގާފައިވެއެވެ. ރާއްޖެފަދަ ޤައުމަކަށް މިއީ ބޮޑު އަދަދެއްކަމަށް ގިނަ ފަރާތްތަކުން ބުނާއިރު، އެންމެ ގިނަ ފަރާތްތަކުން އިނގިލިދިއްކުރާ މައްސަލައަކީ ރާއްޖޭގެ ވައިގެ ޚިދުމަތްދޭ ކުންފުނިތަކުން ގެންގުޅޭ މަތިންދާބޯޓުތަކަކީ ވަރަށް ގިނަ ދުވަސްވެފައިވާ ބޯޓުތަކެއްކަމެވެ. މީގެ ހަޤީގަތް ބަލާލުމަށް ސިވިލް އޭވިއޭޝަންގެ އެއަރކްރާފްޓް ރެޖިސްޓަރއަށް އަޅުގަނޑު ބަލާލުމުންވެސް މިކަން އިތުރަށް ޔަޤީން ކުރެވުނެވެ.

އެއަރކްރާފްޓް ރެޖިސްޓަރއަށް ބަލާއިރު ފެންނަންއޮތް އެންމެ ބޮޑު ހަޤީގަތަކީ ރާއްޖޭގައި އޮޕަރޭޓްކުރާ ވަރަށް ގިނަ އަދަދެއްގެ އެއަރކްރާފްޓްތަކަކީ ކުދި މަތިންދާބޯޓު އުފެއްދުމުގައި މަޝްހޫރު ވިކިން އެއަރ (ޑެ ހެވިލޭންޑް) އެއަރކްރާފްޓް ކުންފުނީގެ ޑީ.އެޗް.ސީ-6-300 އަދި 400 މަރުކާގެ ބޯޓުތައްކަމެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ބޯޓުތަކަކީ 70 އަދި 80ގެ އަހަރުތަކުގެ ތެރޭގައި އުފައްދާފައިވާ ބޯޓުތަކެކެވެ. މިއީ ޓްރާންސް މޯލްޑިވިއަން އަދި މޯލްޑިވިއަން އެއަރޓެކްސީ އިން މިހާރުވެސް ބޭނުންކުރަމުންދާ ބޯޓުތަކެކެވެ. އައިލެންޑް އޭވިއޭޝަން ސަރވިސެސް އިން ބޭނުންކުރަމުންދާ ގިނަ ބޯޓުތަކަކީ ކެނެޑާގެ މަޝްހޫރު ބޮންބާޑިއާ އިންކޯޕަރޭޝަންގެ ޑީ.އެޗް.ސީ-8-315 މަރުކާގެ ބޯޓުތަކެކެވެ. މިއީ އެހާގިނަދުވަސްވީ ބޯޓުތަކެއްނޫންނަމަވެސް އެނގިހާމަވާނެހުރި ހަޤީގަތަކީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގިނަ ސީޕްލޭންތަކަކީ ވަރަށް ގިނަދުވަސްވީ “މުސްކުޅި” ބޯޓުތަކެއްކަމެވެ. ބޯއިން ބީ757، އޭ.ޓީ.އާރު 72 މަރުކާގެ ބޯޓުތައް މަދުމަދުންނަމަވެސް ރާއްޖޭގައި ހުރިއިރު، މަޝްހޫރު އެއަރބަސް އޭ320 މަރުކާގެ އައު ބޯޓެއްވެސް އޮޕަރޭޓްކުރެވެމުންދެއެވެ.

ކޮންމެއަކަސް ފުލުފުލުގައި ހިނގައިދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކުގެ ސަބަބުން ހެލިކޮޕްޓަރުގެ ކޮމާޝަލް އުދުހުންތައް ރާއްޖޭގައި ހުއްޓިފައިވީނަމަވެސް ހަޤީގަތަކީ ދިވެހިރާއްޖެއަށް ހެލިކޮޕްޓަރުވެސް އަދި ސީޕްލޭންގެވެސް ކޮމާޝަލް އުދުހުންތައް ދިވެހީންނަށް ބޭނުންވާކެމެވެ. މައްސަލަ ދިމާވެ އެއަރކްރާފްޓްތަކުގެ ނުރައްކާތެރި ހާދިސާތައް ހިނގާނަމަ އެކަން ހުއްޓުވާ ރެގިއުލޭޓްކުރުން ވަރުގަދަ ކުރަންޖެހެއެވެ. މާޒީގައި އޭވިއޭޝަން ދާއިރާގައި ރާއްޖޭގައި 23 މީހުންގެ ފުރާނަ ގޮސްފައިވާއިރު، ކުރިއަށްއޮތްތަނުގައި ރާއްޖޭގައި އެއަރޕޯރޓްތައް ގިނަވެ އޭވިއޭޝަން ދާއިރާގެ ކުންފުނިތައް ގިނަވެ އަދި އެއަރކްރާފްޓްތައް ގިނަވާއިރު އޭވިއޭޝަން ސިނާއަތުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ކުރިމަގަށްބަލާއިރު ނުހަނު މުހިއްމުކަމެކެވެ.

މަޢުލޫމާތު:  މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!