މުޙުލަތުގެ ގަޑިތައް ހުސްވަމުންދާއިރު ޑރ. މުރްސީ އާއި މިޞްރު

މިޞްރުގެ އިސްލާމީ ވެރިކަމާ ދެކޮޅަށް އިދިކޮޅު ސެކިޔުލަރ ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މިހާރު މިޞްރުގެ ސިޔާސީ މަސްރަޙްވަނީ ނުހަނު ހޫނުވެފައެވެ. އެހެންނަމަވެސް، މިޞްރުގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރްސީ ހުންނެވީ ނުހަނު ސާބިތުކަމާއެކީއެވެ. ލޭ އޮހޮރުވާލިއަސް ޙަވާލުކުރެވިފައިވާ ޤާނޫނީ ޞައްޙަކަމުގެ ދިފާއުގައި ހުންނަވާނެކަމަށް ވެރިކަމުގައި ހުރުމަށް މަދު ގަޑިއިރުކޮޅެއް ދެވިފައިވާ ޑރ. މުރުސީ ޤައުމީ ޓީވީ މެދުވެރިކޮށް މުޅި ޤައުމަށާއި ދުނިޔެއަށް އިޢުލާނުކުރައްވައިފިއެވެ.

ޑރ. މުރުސީގެ ވެރިކަމާ ޤަބޫލުނުވެފައިވާ މިޞްރުގެ އަސްކަރިއްޔާއިން ޑރ. މުރްސީއަށް މުހުލަތެއް ދީފައިވާކަން އިޢުލާނުކޮށްފައިވާތީ، އަންގާރަ ދުވަހު މިޞްރުގެ ޤައުމީ ޓީވީ މެދުވެރިކޮށް ޑރ. މުރުސީ ވަނީ މިހާރު ތަޤްރީރެއް ދެއްވާފައެވެ. މިތަޤްރީރުގައި ޤާނޫނީ އުޞޫލްތަކަށް ގޮންނުޖެހުމަށް ޑރ. މުރްސީ ގޮވާލެއްވިއެވެ.

މަޤާމާ ޙަވާލުވެލެއްވުމަށްފަހު ހޭދަވެގެން މިދިޔަ ފުރަތަމަ އަހަރު ހިންގުމުގައި އުނދަގޫތަކެއް ކުރިމަތިވިކަމަށާއި، ކުރީ ވެރިކަމުގެ ތެރެއިން މިހާރުވެސް ތިބި ކޮރަޕްޓް މީހުންގެ ފަރާތުން ގޮންޖެހުން ކުރިމަތިވެފައިވާކަމަށް މުރްސީ ވިދާޅުވިއެވެ.

މިޞްރުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޙުސްނީ މުބާރަކްގެ ވެރިކަން އިންޤިލާބަކުން ނިންމާލުމަށްފަހު، މިޞްރުގައި ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގައި ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިސްލާމީ ޕާރޓީއެއްކަމަށްވާ އިޚްވާނުލް މުސްލިމީން ނުވަތަ މުސްލިމް ބްރަދާރހޫޑުގެ ސިޔާސީ ޕާރޓީ ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީއިންނެވެ. އިޚްވާނުންގެ ޑރ. މުޙައްމަދު މުރްސީ މަޤާމާއި ޙަވާލުވެލެއްވުމަށްފަހު ފަސާދަވެފައިވާ ޤައުމަށް ގެންނެވި އިސްލާޙީ ބަދަލުތަކާމެދު ނަޞާރާއިންނާއި ސެކިޔުލަރިސްޓުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުރްސީއާ ދެކޮޅު ޙަރަކާތްތައް ތަފާތު ބަހަނާތަކުގެ ނަމުގައި ފަށައިގަނެވުނެވެ.

ޑރ. މުރްސީގެ ވެރިކަމަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ، އަސްކަރިއްޔާގެ ބާރު އަދިވެސް ކުރީގެ ޚުދުމުޚްތާރު ވެރިންގެ އަތުގައި އޮތުމެވެ. އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އައްސިސީ، ޑރ. މުރްސީ އިދިކޮޅު ފަރާތްތަކުގެ ގޮވުންތަކަށް ތަބާވެ ވެރިކަން އިދިކޮޅު ފަރާތްތަކަށް ބައްސަވާލެއްވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާ ނޫސްބަޔާނެއްވެސް ނެރެފައިވެއެވެ. ރައީސް މުރުސީއާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ނެރެފައިވާ މިކުއްލި ނޫސް ބަޔާނާމެދު ރައީސް މުރުސީގެ އޮފީހުން ވަނީ ފާޑުވިދާޅުވެފައެވެ. އެންމެ ފަހުން ޑރ. މުރުސީ މިއަދު ދެއްވި ޓީވީ ތަޤްރީރުގައިވެސް އެކަމަށް ފާޑުވިދާޅުވެފައިވެއެވެ.

އަސްކަރިއްޔާ ބުނާގޮތެއް މުރްސީ ނުހައްދަވައިފިނަމަ، ކުރިމަގުގެ މަގުޗާރޓެއް އިޢުލާނުކޮށް އެކަން ތަންފީޒުކުރުމަށް ފަށާނެކަމަށްވެސް އަސްކަރިއްޔާގެ ބޮޑު އިންޒާރުގައި ހާމަކޮށްފައިވެއެވެ. އަސްކަރިއްޔާގެ މިއިންޒާރުތަކަށް ރައްދުދެއްވަމުން ޑރ. މުރްސީ ވިދާޅުވެފައިވަނީ އެބޭފުޅާގެ އިސްލާޙީ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ.

“ކޮންމެ ޙާލަތެއްގައި ވިޔަސް، އެންމެ ފިޔަވަޅެއްވެސް ފަހަތަށް އެޅުމަކަށް ހަމަޔަޤީނުންވެސް މިޞްރު ތަނެއް ނުދޭނެ.” އަންގާރަދުވަހުގެ ޓީވީ ތަޤްރީރުގައި މުރްސީ ވިދާޅުވިއެވެ.

އެއްކޮޅުން މުސްލިމުން އެއްބައިވެ، އަނެއްކޮޅުން ކާފަރުން އެއްބައިވެ

ޑރ. މުރުސީއާ އިދިކޮޅަށް މިހާރު މުޒާހަރާކުރަމުންދަނީ ސެކިޔުލަރ ފިކުރުގެ މީހުންނާއި ނަޞާރާއިންނާއި އެތީސްޓުންނެވެ. މިޞްރުގެ ބޮޑު ޕޯޕްވެސް ވަނީ މި މުޒާހަރާތަކާމެދު އުފާކުރާކަން ހާމަކޮށް އެމީހުންނަށް ހިތްވަރުދެއްވާފައެވެ. މުޒާހަރާތަކުގެ އަޑީގައިވަނީ ވެއްޓުނު ޚުދުމުޚުތާރު ވެރިކަމުގެ އިސްވެރިންނާއި އެމީހުންގެ ނޭޝަނަލް ޑިމޮކްރެޓިކް ޕާރޓީ އެންޑީޕީ އެވެ. އަދި އިންތިޚާބުތަކުން މުސްލިމޫންގެ އަތުން ބަލިވެފައިވާ ލާދީނީ މީހުންނެވެ.

ސެކިޔުލަރ އެންޑީޕީގެ މުޒާހަރާތަކަށް މިޞްރުގެ ޣައިރު މުސްލިމް އަދި ލާދީނީ ގިނަ ބަޔަކު ތާއީދުކުރަމުންދާއިރު، މުސްލިމުންގެ ތެރެއިން ޑރ. މުރްސީއާ ސިޔާސީ ގޮތުން ޚިޔާލްތަފާތު ބޭފުޅުންވެސް މުރްސީގެ ޙިމާޔަތުގައި ދަނީ ނުކުންނަމުންނެވެ. އެގޮތުން މިޞްރުގެ އިސްލާމީ ސިޔާސީ ޕާރޓީއެއްކަމަށްވާ އައްނޫރު ޕާރޓީއިން ވަނީ ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުން ހުރި ނަމަވެސް ޑރ. މުރްސީގެ ވެރިކަމުގެ ޙިމާޔަތުގައި ނުކުންނާނެކަން ހާމަކޮށްފައެވެ. އިޚްވާނުލް މުސްލިމީންގެ ސިޔާސީ ޖަމާޢަތްކަމަށްވާ ފްރީޑަމް އެންޑް ޖަސްޓިސް ޕާރޓީއިން އިސްނަގައިގެން މިހާރުދަނީ ޑރ. މުރުސީގެ ވެރިކަމަށް ތާއީދުކޮށް ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ގޮވާލާ ބޮޑު މުޒާހަރާތަކެއް ނަޞްރުސިޓީގައި ކުރަމުންނެވެ. ޑރ. މުރުސީގެ ޙިމާޔަތުގައި އަލްޖަމާޢާ އަލްއިސްލާމިއްޔާ ކިޔާ ހަތިޔާރު އެޅި ޖަމާޢަތެއްވެސް ޙަރަކާތްތެރިވަމުންދެއެވެ. އެޖަމާޢަތަކީ ޙުސްނީ މުބާރަކާ ދެކޮޅު ހަރަކާތްތަކެއް ނިމިދިޔަ ވެރިކަމުގައި ހިންގާފައިވާ ތަޖްރިބާކާރު ޖަމާޢަތެކެވެ.

ބަޣާވާތެއް؟

އެތައް މިލިޔަން ބަޔަކު ޑރ. މުރުސީއާ ދެކޮޅަށް މަގުތަކުގައި އަޑުއުފުލަން ފަށާ މަގުތަކުގެ ހަމަނުޖެހުން ނަގާލުމުން މުޅި މިޞްރުގެ ސަމާލުކަން ވަނީ އެމީހުންނަށް އަމާޒުވެފައެވެ. އެދަނޑިވަޅުގައި ވެރިކަމުގެ ބަސްނުވިކޭ އަސްކަރިއްޔާއިންވަނީ ވެރިކަމާ ދެކޮޅު ޤަރާރެއް ނެރި ޢާއްމުކޮށް ރައީސް ޑރ. މުރްސީއަށް މުހުލަތެއް ދެއްވާފައެވެ. އަދި އަސްކަރިއްޔާގެ އަމުރުތަކަށް ތަބާނުވެއްޖެނަމަ، “ކުރިމަގުގެ މަގުޗާއްޓެއް” އެކުލަވާލާ އެކަން ތަންފީޒުކުރާނެކަމަށް ބުނެ އަސްކަރިއްޔާއިން ވަނީ އިންޒާރުވެސް ދީފައެވެ. ނަމަވެސް، އަސްކަރީ އިންޤިލާބަކުން ވެރިކަން ބަދަލުވުމުގައި އެމެރިކާގެ ރުހުމާއި ތާއީދަކީ މުޙިއްމުކަމެކެވެ. ބަޣާވަތެއްގެ ބިރު ބޮޑުވެފައިވަނީ މިޞްރުގެ އަސްކަރިއްޔާގެ އިސްވެރިޔާ އައްސިސީ އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް މާރޓިން ޑެމްޕްސީއާ ދެމެދު ވާހަކަތަކެއް ދެކެވިފައިވާކަން ހާމަވެފައިވާތީއެވެ.

އާދިއްތް ދުވަހުގެ މުޒާހަރާތަކުގައި އުޅޭ އިދިކޮޅު އިއްތިހާދުގެ އިސްވެރިން ބުނާގޮތުން، ދެން މުރުސީއާ ވާހަކަދެއްކުމެއް ނޯންނާނެއެވެ. އެހެނެއްކަމަކު، އަސްކަރިއްޔާއިން ނެރެފައިވާ 48 ގަޑިއިރުގެ މުހުލަތު ހަމަވުމުން ވެރިކަން ބަދަލުކުރާނެ ގޮތަކާމެދު ސީދާ ވާހަކަތައް ދައްކާނީ އަސްކަރިއްޔާއާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން މި ލިބެރަލް ކޯލިޝަނުގެ ފަރާތުން އަސްކަރިއްޔާއާ ވާހަކަތައް ދެއްކުމަށް ނަގާފައިވާ ސަފީރަކީ އ.ދގެ ކުރީގެ ނިޔުކުލިޔަރ ހަކަތައާބެހޭ އިސްވެރިޔާ ޑރ. އަލްބަރާދައީއެވެ. ވެރިކަން ހޯއްދެވުމަށް މިޞްރަށް ވަޑައިގެންނެވި އަލްބަރާދައީއަށް އިންތިޚާބުގައި ނާކާމިޔާބު ކުރިމަތިލެއްވުމުން މިހާރު ސިޔާސީ މައިދާނުގައި ޑރ. މުރުސީއާ އިދިކޮޅު ޙަރަކާތްތަކުގައި ނަގާކިޔަން އުޅުއްވައެވެ. އެއްކޮޅުން ވެރިކަން ބަދަލުކުރާނެ ގޮތަކާމެދު އަސްކަރިއްޔާއާ ވާހަކަދައްކަމުންދާއިރު، އިދިކޮޅު ފަރާތްތަކުންދަނީ ދައުލަތުގެ އެންމެ އިސް މަޤާމުން މުރުސީ ވަކިކޮށްދިނުމަށްއެދި ޤާނޫނީ ކޯޓްގެ އިސްފަނޑިޔާރަށް ފިއްތުންކުރިމަތިކުރަމުންނެވެ. މުރުސީގެ ކިބައިން ވެރިކަން ނިގުޅައިގަތުމަށްފަހު، އިންތިޤާލީ މަރުޙަލާގައި ޤައުމު ހިންގަން ޙަވާލުކުރާނީ އަސްކަރިއްޔާގެ އިސްވެރިންނަށް ކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކުރެއެވެ. މުރުސީގެ ކުރިން މިޒަމާނުގެ މިޞްރަކީ ފުލުފުލުގައި އަސްކަރީ އިންޤިލާބުތައް ކުރިމަތިވެ މުޅީންވެސް އަސްކަރީ ވެރީންގެ ގަދަބާރު ހިންގާފައިވާ ޤައުމެކެވެ. މިހެން މިކަން އޮތްއިރުގައި އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ އެމްބެސެޑަރ ނަވީ ޕިއްލޭގެ އިސްތަރުޖަމާނު ރުޕާރޓް ކޮލްވިލް ވެސް ވަނީ އަސްކަރިއްޔާގެ ބައިވެރިވުން މުޙިއްމުކަމަށް ވިދާޅުވެފައެވެ. ޤައުމުގެ މާޟީ އިޢާދަކުރަން ބަޔަކު ބޭނުންވެއެވެ. ބޭރުކޮށްލެވިފައިވާ ކުރީގެ ރައީސް ޙުސްނީ މުބާރަކްވެސް މުރުސީ މަޤާމުން އިސްތިއުފާ ދިނުމަށް ދަނީ ގޮވަމުންނެވެ.

ހުޅަނގަށް ހަތަރު އުދަރެސް ފެނުޖެހިފައި

ހުޅަނގުގެ ތަފާތު ބާރުތަކުން މިޞްރުގެ ޙާލަތާމެދު ފުން ނަޒަރަކުން ބަލަމުން އެބަދެއެވެ. އިސްލާމީ ވެރިކަން ބަދަލުކުރަން ކިތަންމެ ބޭނުންވިޔަސް، ޑިމޮކްރެޓިކް އުޞޫލުން ހޮވިފައިވާ ވެރިކަމެއް ވައްޓާލުމަށް ތާއީދުކޮށް މުނާފިޤުވާކަށްވެސް ނުކެރެއެވެ. އެހެންކަމުން އ.ދގެ އިންސާނި ޙައްޤުތަކާބެހޭ އޮފީހުންވެސް ގޮވާލާފައިވަނީ، މަގުމަތީގައި އުޅޭ މީހުންގެ އަޑުވެސް އެހުމަށެވެ. އެހެންނަމަވެސް ޑިމޮކްރަޓިކް އުޞޫލްތަކަށް ރިޢާޔަތްނުކުރެވޭނެ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައިވެއެވެ. ނަމަވެސް، އެދެކަމަކީ އެއްފަހަރާ ވާނެ ދެކަމެއް ނޫނެވެ. މަގުމަތީގެ މީހުންގެ އަޑުތަކަށް ތަބާވެއްޖެނަމަ، ޑިމޮކްރެޓިކް ޞައްޙަވެރިކަމަށް ރިޢާޔަތްނުކުރެވުނީއެވެ. ޞައްޙަވެރިކަން ދިފާޢުކޮށްފިނަމަ، މަގުމަތީގެ މީހުންގެ ބޭކާރު އަޑުތައް ނޭހުނީއެވެ.

މުހުލަތު ހަމަވަނީ… ދެން؟

ޑރ. މުރުސީގެ ވެރިކަން މިޞްރުގައި ދެމިއޮވެ އިތުރު އިސްލާޙީ ބަދަލުތަކެއް މިޞްރަށް އައުމަކީ އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ އެދުމެކެވެ. ޑރ. މުރުސީ ހުންނެވީ އަޅާހާ ބަތަކަށް ރިހަކިޔުއްވާ އުޞޫލުން ފިނޑިވެއެއްނޫނެވެ. އަދި އެއީ އެހެން ރައީސުންނެކޭ އެއްފަދައިން ގޮނޑިކޮއްކޮ ރައީސެއް ނުވަތަ ކުޅޭކުޅޭ ބުދެކޭ ދެންނެވޭކަށްވެސް ނެތެވެ. އެހެނެއްކަމަކު، ޑރ. މުރުސީގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ހަރުދަނާކަމާއި ޘާބިތުކަމެވެ. ކުރިއަށް އޮތް މަދުގަޑިއިރުކޮޅުގެ ތެރޭގައި އެޞިފަ ބަދަލުކުރެއްވުމަކީ ވަރަށް ނާދިރުކަމެކެވެ. ފިނޑިވާން ވެއްޖެނަމަ، ފިނޑިވާންވީ ވަގުތު މިހާރު ފާއިތުވެ ހިނގައްޖެއެވެ. އޭގެ އަނެއްކޮޅުން، މިޞްރުގެ ހުރިހާ އިސްލާމީ ޙަރަކާތްތައް ފަދަ ގޮތަކަށް ޑރ. މުރުސީގެ ޙިމާޔަތުގައި މިހާރުވަނީ މަގުމައްޗަށް ނުކުމެއެވެ. އަޑުއަހަން ޖެހެނީ ހަމައެކަނި މަގުމައްޗަށް ނުކުންނަ މީހުންގެ ކަމުގައިވާނަމަ، އިސްލާމީން މިފަހަރުވެސް މުޅި މިޞްރުގެ މަގުތައް ފުރާލާނެއެވެ. އެހެންވެއްޖެނަމަ، އަސްކަރިއްޔާއިން ގެންނަ ނަމަ ގެންނަ އިންޤިލާބަކީ ޤައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ގެންނަ އިންޤިލާބަކަށް ނޫނީ ނުވާނެއެވެ. އެފަދަ ޙާލަތެއްގައި އަސްކަރިއްޔާގެ ބާރު އޮންނާނީ އަވައްޓެރި ސޫރިޔާގެ އަސްކަރިއްޔާގެ ބާރު ފަދައަކުން ހަތަރެސްފައި ބަނދެލެވިފައެވެ. ބިރުނުގަންނަ ނަމަ، އެއަސްކަރިއްޔާއާ އެތައް އަހަރެއް ވަންދެން ހަނގުރާމަކޮށްފައިވާ އަލްޖަމާޢާ އަލްއިސްލާމިއްޔާ ޑރ. މުރުސީގެ ފަހަތުގައި އޮތްކަން ހަނދާންނުވަނީއެވެ. އަސްކަރިއްޔާ މިހާރެކޭ އެއްގޮތަށް ދެމިއޮންނަން ބޭނުން ވެއްޖެނަމަ، ޑރ. މުރުސީގެ ވެރިކަމާ ނުބެހި މަޑުން އޮންނަން މިހާރު އޮތީ މަޖްބޫރުވެފައެވެ. ނަމަވެސް، ކުރިމަގު ދައްކާނެގޮތެއް ޔަޤީންކަމާއެކު ބުނުމަކީ އުނދަގޫވެސް ކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!