އަންހެނުންނަށް ޙަޤީޤީ މިނިވަންކަން ހޯދައިދީފައި ވަނީ ހަމައެކަނި އިސްލާމްދީނުގައެވެ.

 އަންހެނުންނަކީ މިނިވަން ބައެކެވެ. ފިރިހެނުންނެކޭ އެއްފަދައިން ޤައުމު ތަރައްޤީ ކުރުމުގަ އާއި ހަޟާރާތް ބިނާކުރުމުގައި ފައިތިލަ ސާބިތު ކުރެވޭ މުޖުތަމަޢުގައި ޤަދަރުވެރި ބަސްކިޔޭ ބަޔެއްވެސް މެއެވެ. ތަޢުލީމު އުނގެނުމާއި މުދާ މިލްކުކުރުމާއި ވާރުތަމުދާ ލިބިދިނުމުގެ ޙައްޤުވެސް ލިބިދީފައިވާ ބައެކެވެ. އިންސާފުވެރި ނަޒަރަކުން ބަލައިފި ކަމުގައިވަނީނަމަ އިސްވެމިދެންނެވުނު ޙައްޤުތައް ނުވަތަ އެކަނބަލުންނަށް ޙަޤީޤީ މިނިވަންކަން ހޯދައިދިނީ އިސްލާމްދީނުގައިކަން އެނގިސާފުވެއެވެ. އެކަބަނލުންގެ އިއްޒަތާއި ކަރާމާތް އެންމެ މަތީ ދަރަޖައިގައި ހޯދައިދީފައިވަނީވެސް އިސްލާމްދީނުގައެވެ. މިބުނުމަށް ބާރުދޭކަމުގައި ވާނަމަ ޤަދީމީ ޙަޟާރާތް ތަކާއި އެކިއެކި ދީންތަކުގައި އަންހެނުންނާއިމެދު ދެކޭގޮތާއި އިސްލާމްދީނުގެ ކުރީގައި އަންހެނުންނާއިމެދު ޢަމަލު ކުރެވިފައިވާ ގޮތާއި އިސްލާމްދީނުގައި އެކަނބަލުންނަށް ހޯދައިދިން މިނިވަންކަމާއި މަޤާމް ދެނެގަތުން މުހިއްމެވެ. އަދި އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ އެންމެ ގަދައަށް ދައްކަމުން އަންނަ ޔޫރަފްގައި އަންހެނުންނާއި މެދު ވެފައިވާ އިޙްމާލުގެ މައްޗަށް އަލިއަޅުވާލުމަކީވެސް މި ބުނުމަށް ހެކިލިބިދޭނެ ކަމެކެވެ.

ޤަދީމީ ޙަޟާރާތް ތަކުގައި އަންހެނުންނާއިމެދު ދެކެވިފައިވާ ގޮތް

ޤަދީމީ އެކިއެކި ޙަޟާރަތް ތަކުގައި އަންހެނުންނާއި މެދު ދެކެވިފައިވަނީ ވަރަށް އިހާނެތި ގޮތަކަށެވެ. ބައެއް ޙަޟާރަތްތަކުގައި އަންހެނުން ދިރިހުއްޓާ އަލިފާނަށް ލައި އަންދަމުން ދިޔައެވެ. ކުޑަނަމަވެސް ޙައްޤުތަކެއް ލިބިދިން ހަމަ އެކަނި ޙަޟާރަތަކީ ހަމައެކަނި ޤަދީމީ މިޞްރުގެ ޙަޟާރަތެވެ. އެބައިމީހުންގެ ތެރޭގައި އަންހެނާއަށް މުދާ މިލްކުކުރުމުގެ ޙައްޤާއި ފިރިމީހާގެ ޣައިރު ޙާޟިރުގައި ޢާއިލާގެ ޛިއްމާ އުފުލުމުގެ ޙައްޤު ހަނި ދާއިރާއަކުން ނަމަވެސް ލިބިދީފައި ވެއެވެ. އެހެންނަމަވެސް އެ ޙަޟާރަތުގައި ވެސް އަންހެނުންނާއި މެދު ދެކެވިފައި ވަނީ އެކަނބަލުންނަކީ ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލާތެއްކަމުގައެވެ.

ޗައިނާގެ ޙަޟާރާތަށް ބަލާއިރު އެބައިމީހުން ދެކޭގޮތުގައި އަންހެނުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. މިގޮތުން އަނބިމީހާއަކީ ފިރިމީހާގެ ގެއަށް ލައިގެންފައިވާ ސުންޕާއެއް ކަމުގައި ދެކެއެވެ. ވުމާއެކު ފިރިމީހާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގެއިން ބޭރުކޮށްލައެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ، ހުވަފަތް އަނބިމީހާ އުޅެން ޖެހެނީ ފިރިމީހާގެ ގޭގައި ޤައިދުވެ، އެގޭގެ ނޯކަރެއްގެ ގޮތުގައެވެ.

ޤަދީމީ ޙަޟާރާތްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ޙަޟާރާތް ކަމަށްވާގްރީކްގެ ޙަޟާރަތުގައިވެސް އަންހެނުންނާއި މެދު ދެކެވިފައިވަނީ މިފަދަ ބީދައަކުންނެވެ. އަންހެނުންނަކީ އަގެއްނެތް ބައެއްކަމަށް އެބައިމީހުންގެ ތެރޭގައި ދެކެވިފައިވާއިރު އަނބިމީހާ އިންނަންޖެހޭނީ ފިރިމީހާގެ ގޭގެ ނޯކަރެއްގެ ގޮތުގައި ކަމަށް ޤަބޫލު ކުރެއެވެ.އެހެންކަމުން އަންހެނުންނަކީ ކަންކަމަށް ތަސައްރަފު ފުދޭ ބައެއް ކަމަކަށް ނުދެކެއެވެ. ވުމާއެކު އަންހެނުންނާއި މެދު ދެކެވިފައިވަނީ އެބައިމީހުންނަކީ ޝައިތާނާގެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ބައެއް ކަމުގައެވެ. ބޮޑެތި މުސީބާތްތައް ކުރިމަތިވާހިނދު އިލާހުންނަށް ކުރެވޭ ޤުރުބާނެއް ކަމުގައި އަންހެނުން ފިދާކުރެއެވެ.

ރޫމީންގެ މެދުގައި ތަފާތުކުރުންތައް އިންތިހާއަށް ބޮޑުވެފައި ވާއިރު، އެބައިމީހުންގެ ނަޒަރުގައި އަންހެނުންނަކީ ފިރިހެނުން މަގުފުރެއްދުމަށްބޭނުންކުރެވޭ ހަތިޔާރެކެވެ. އެބައިމީހުންގެ ތެރޭގައި އަންހެނުން ވެފައިވަނީ ގަނެވިއްކޭ މުދަލެއްގެ ގޮތުގައެވެ. ފިރިމީހާއަކީ އަނބިމީހާގެ ވެރިމީހާއެވެ. އަދި ފިރިމީހާ ބޭނުން ޢަދަދަކަށްމީހުންނާ އިނުމުގެ އިޙްތިޔާރު ފިރިމީހާއަށް ލިބިގެންވެއެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ހަޑިމުޑުދާރު ނަޖިސް ޙައިވާނުންނެވެ. އަދި އެބައިމީހުންނަށް ރޫޙެއް ދިރިހުރުމެއް ލިބިގެނެއް ނުވާކަމަށް ދެކެއެވެ.

މީގެ އިތުރުން ޤަދީމީ އިންޑިއާގައި ވެސް އަންހެނުންނާއިމެދު ދެކެވިފައިވަނީ އެބައިމީހުންނަކީނަޖިސް ބައެއްގެ ގޮތުގައެވެ. މިގޮތުން އެބައިމީހުންގެ މެދުގައި ގަބޫލުކުރުން އޮންނަ ގޮތުގެ ސަބަބުން ފިރިމީހާ މަރުވެއްޖެނަމަ އޭނާގެ ގަބުރާއެކު އަނބިމީހާވެސް އަންދާލައެވެ. އަދި އެބައިމީހުންގެ ތެރެއިން ފިރިމީހާއަކީ އަނބިމީހާގެ ސާހިބުމީހާއެވެ. އަނބިމީހާއަށް ދެވިފައިވަނީ ފިރިމީހާގެ އަޅެއްގެ މަޤާމެވެ. މިގޮތުން ހިތްހަމަ ނުޖެހިއްޖެނަމަ ތަޅާ އަނިޔާކޮށް އެއްޗެހިކިޔާހަދާއިރު، އިންސާނިއްޔަތާ ޚިލާފް އެތައް ޖިސްމާނީ އަދި ނަފްސާނީ އަމަލެއް އަންހެނުންނާއިމެދު ވަނީ ހިންގިފައެވެ. ވުމާއެކު މިއިން ދޭހަވާކަމަކީ ދުނިޔެދުށް މަޝްހޫރު ޙަޟާރަތް ތަކުގައިވެސް އަންހެނުންނަށް މިނިވަންކަން ހޯދައިދީފައި ނުވާކަމެވެ. އެކަނބަލުންގެ އެތައް ޙައްޤުތަކެއް ނިގުޅައި ގަނެފައި ވާކަމެވެ.

 

އެކިއެކި ދީންތަކުގައި އަންހެނުންނާއިމެދު ދެކެވިފައިވާ ގޮތް

ތަފާތު ދީންތަކުގައި ވެސް އަންހެނުންނާއި މެދު ދެކެވިފައިވަނީ  ވަރަށް ހަނި ވިސްނުމެއްގައެވެ. ޔަހޫދީންގެ އަޤީދާގެ ޤަބޫލުކުރުން ތަކުގެ ސަބަބުން އެބައިމީހުން އަންހެނުންނާއިމެދު ދެކެނީ ވަރަށް އިހާނެތި ގޮތަކަށެވެ. “ޔަހޫދީން ގާތުގައި އާދަމްގެފާނު މަގުފުރައްދައި ސުވަރުގެއިން ނެރެވުމުގެ ޒިއްމާއެޅެނީ ޙައްވާގެފާނުގެ އިސްތަށިފުޅުގައެވެ”. ވުމާއެކު އެބައިމީހުންގެ ތެރޭގައި މިފާފަ އޮންނަނީ އަންހެން ޖިންސަށް ނިސްބަތްކުރެވިފައެވެ. އަންހެނުންނަކީ ޙައިޟުގެ ދުވަސްވަރު ނަޖިހެކެވެ. އަދި އެކަނބަލުން ބީހިއްޖެ ކޮންމެ އެއްޗެއް އެދުވަސްވަރުގައިނަމަ ނަޖިސްވާނެ ކަމަށް ދެކެއެވެ. އަދި އަންހެނުން ވިއްކާ އެކަނބަލުން ވާރުތަމުދަލުން ވަކިކުރުމުގެ ޙައްޤު ފިރިހެނުންނަށް ލިބިދެއެވެ. އިސްލާމްދީނުގައި ފިރިމީހާގެ ވާރުތަ މުދަލުން ބައެއް އަނބިމީހާއަށް ލިބުނުކަމުގައި ވިއަސް ޔަހޫދީންގެ ދީނުގައި ފިރިމީހާގެ ވާރުތަ މުދަލުން އަނބިމީހާއަކަށް ބައެއް ނުލިބެއެވެ. އަދި އަންހެން ދަރިފުޅަށް އޭނާގެ އެއްބަނޑު އެއްބަފާ އަޚަކު ހުރި ކަމުގައި ވާނަމަ އޭނާއަކަށް ވާރުތަ މުދަލުން ބައެއް ނުލިބެއެވެ. ވުމާއެކު މިއިން ދޭހަވަނީ ޔަހޫދީންގެ ދީނުގައި އަންހެނުންނަށް މިނިވަންކަން ހޯދައިދީފައި ނުވާކަމެވެ.

ނަޞާރާއިންގެ ގާތުގައި އަންހެނުންނަކީ ޝައިޠާނާގެ ވަޞީލަތެކެވެ. ބުއްދިއެއްވާ ބައެއް ނޫނެވެ. އެއީ ނަޖިހެކެވެ. ނަޞާރާދީނުގެ ޗާޗްތަކުން ނެރެފައިވާ ޤަރާރު ތަކުގައި ވެސް އަންހެނުންނާއި މެދު އިހާނެތި ގޮތަކަށް ދެކެވިފައި ވެއެވެ. މިގޮތުން ޗާޗް ތަކުގެ ފާދިރީން ނެރެފައިވާ ޤަރާރު ތަކުގައި ބުނާގޮތުން އަންހެނުންނަކީ ފާފައިގެ އަސްލު ކަމަށާއި، ފިރިހެނުން ނަރަކައަށް ގެންދާ މީހުންނަކީ އަންހެނުން ކަމަށެވެ. މީގެ އިތުރުން ނަޞާރާގެ ތެރެއިން ޠަރުތާލިއަނުން ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ޝައިޠާނާއަށް މަގުދައްކާ މީހުންނެވެ. މީގެ އިތުރުން “ނަޞާރާއިންގެ ތެރެއިން ކެތޮލިކް މަޛްހަބުގެ މީހުން ޤަބޫލުކުރާ ގޮތުގައި މަޚްލޫޤުންގެ ތެރެއިން އަންހެނުންނަކީ ދެވަނަ ދަރަޖައިގެ މީހުންނެވެ”. އެހެންކަމުން މިއިން ދޭހަވަނީ ނަޞާރާދީނުގައި އަންހެނުންނަށް އެކަނބަލުންގެ ޙައްޤުތައް ހޯދައިދީފައި ނުވާކަމެވެ.

މަޖޫސީން ނުވަތަ އަލިފާނަށް އަޅުކަންކުރާ މީހުން ދެކޭގޮތުގައި ވެސް އަންހެނުންނަކީ ދަށްބައެކެވެ. މިގޮތުން އަންހެނުންނަކީ މުޖުތަމަޢުގައި ފަސާދަފެތުރުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެބައިމީހުން ދެކެއެވެ. އެކަނބަލުންނަށް ތަފާތު އެތައް އަނިޔާތަކަކާއި ބޭއިންސާފެއް އެ ދީނުގައި ކުރިމަތިކުރުވައެވެ. އަނބިމީހާ ފިރިމީހާއަށް ޚިޔާނާތްތެރި ވެއްޖެކަމަށް ފިރިމީހާއަށް ހީވެއްޖެނަމަ އަނބިމީހާ ދަންޖެހޭން ޖެހެއެވެ. އަދި ޝާޝާނީ ވެރިކަމުގައި އަންހެނުން އެފަދަ އަމަލެއް ކޮށްފި ނަމަ ޖަލަށް ލެވެއެވެ. އެކަން ދެވަނަ ފަހަރަށް ތަކުރާރު ކުރުމުން ދަންޖައްސައެވެ. ފިރިމީހާއަށް އަނބިމީހާ ޤަތުލުކުރުމަށް ޙުކުމް ކުރެވެމުން ދިއައިރު، ބޭނުން ޢަދަދަކަށް ކައިވެނި ކުރުމުގެ އިޚްތިޔާރު ވެސް އެދީނުގައި ފިރިމީހާއަށް ލިބިދެއެވެ. ވުމާއެކު މަޖޫސީދީނުގައި އަންހެނުންނަަށް މިނިވަންކަން ހޯދައިދީފައި ނުވާކަމަށް ޤަބޫލު ކުރެވެއެވެ.

ހިންދީ ދީން ނުވަތަ ބުދު ދީނުގައި ވެސް އަންހެނުންނާއިމެދު އަމަލުކުރެވެމުން ދިއައީ މިފަދަ ނިކަމެތި ގޮތަކަށެވެ. “ބުދު ދީނުގެ އަހުލުވެރިންގެ ގާތުގައި އަންހެނުންނަކީ ފިޔަބިނދި ގޮތެއް ނެތިފައިވާ މަޚްލޫޤެކެވެ.” ހުރާފާތް ތަކާއި ބޯދާ އާދަކާދައިގެ ސަބަބުން އަންހެނުންގެ ހައްޤުތައް ވަނީ ނިގުޅައި ގެނެފައެވެ. މިގޮތުން އަންހެން މީހާ ހުވަފަތް ވެއްޖެނަމަ އޭނާގެ ފިރިމީހާގެ ހަށިގަނޑު އަންދާލާއިރު އަންހެންމީހާވެސް އަނދައިގެން ދާންޖެހޭނެ ކަމަށް އެބައިމީހުން ދެކެއެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ އެހެން މީހަކާ އެ އަންހެންމީހާއަކަށް ނުއިނދެވެއެވެ. އަދި އެކަނބަލުން ތިބެންޖެހެނީ ގޭގައި ހުދުހެދުން ލައިގެން ކަފުނުގައެވެ. ވުމާއެކު އިސްލާމްދީނުގައި އަންހެނުންނަށް ހޯދައިދީފައިވާ މިނިވަންކަމާއި މެދު އަޅާބަލާއިރު އެހެންދީންތަކުގައި ހޯދައިދީފައިނުވާކަމަށް ޤަބޫލުކުރެވެއެވެ. ބައެއް ދީންތަކުގައި އެންމެ ކުޑަމިނުން ދިރިހުރުމުގެ ޙައްޤު ވެސް މިވަނީ ނިގުޅައި ގަނެފައެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި މެދު އަމަލު ކުރެވެމުންއައި ގޮތް

ޖާހިލިއްޔަޒަމާނުގައި ޢަރަބިންގެ ތެރޭގައި އަންހެނުން ވެފައިވަނީ ވަރަށް ނިކަމެތި ބައެއްގެ ގޮތުގައެވެ. އޭރު އަންހެނުންނަކީ ފިރިހެނުންގެ ބާރުގެ ދަށުގައި އަޅުންތަކެއް ފަދައިން އެއްވެސް މިނިވަންކަމެއް ނެތްބައެކެވެ. ދެ ޖިންސުގެ ތަފާތުކުރުންތައް ވަރަށް ބޮޑެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ އަންހެނުންނަށް އެބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކަހަލަ އިޚްތިޔާރެއްލިބިގެންނުވެއެވެ. ޖާހިލިއްޔަ ޒަމާނުގައިއަންހެނުންގެ އެއްވެސް ދަރަޖައެއްމަޤާމެއް ނެތް މިންވަރަކީ ގަނެވިއްކާ މިލްކު ކުރެވޭ ތަކެތީގެ ތެރޭގައިއެމީހުން ހިމެނޭކަމެވެ. އަދި ޣަނީމާ މުދާ ނުވަތަ ޖަނަވާރުފަދައިން ވިއްކާލެވޭބައަކަށް އަންހެނުން ވެފައިވާ ކަމެވެ. އަންހެނުން ވެފައިވަނީ ވާރުތަ މުދަލެއްގެ ގޮތުގައެވެ. “ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބައެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްޤު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ”. އަންހެނުންނަށް ތަޢްލީމު އުނގެނުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި ވާރުތަވުމުގެ ޙައްޤެއްވެސް ލިބިދީފައެއް ނުވެއެވެ. އަދި ހަމަ މިއާއެކު އަންހެނުންގެ މުދާ އެބައިމީހުންގެ ހުއްދައާ ނުލައި ފިރިންނަށް ބޭނުންކުރެވޭނެ ކަމަށް ޤަބޫލުކުރާއިރު، ބައެއް މީހުންގެ ނަޒަރުގައި އަންހެނުންނަށް ދިރިއުޅުމުގެޙައްޤެއްވެސް ލިބިގެނެއް ނުވެއެވެ. އަދި ފިރިހެނަކު އަންހެނަކު ޤަތުލު ކޮށް މަރާ ހެދުމަކުންފިރިހެނުންގެ ކިބައިން އެކަމުގެ ބަދަލުގައި ބަދަލު (ޤިޞާޞް) ހިފުން ނުވާކަމަށް ދެކެއެވެ. ވުމާއެކު ބައްޕައިންނަށް އެމީހުންގެއަންހެން ދަރީން ޤަތުލު ކުރުން ނުވަތަ ދިރިހުއްޓާވަޅުލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤަބޫލު ކުރެއެވެ.

“އަދި އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރުދެވިއްޖެ ނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެއެވެ. އޭނާ އަށް އެކަމުގައި ހިތާމަ ލިބިގެންވާ ޙާލުގައެވެ. އެމީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަން މަތީގައި އޭނާ އެކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެއަށް އެކުއްޖާ ކޮށްޕާލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންގެ ނިންމުން ހާދަހާވާ ނުބައިވެގެންވެއެވެ” (ކީރިތި ޤުރުއާން، ސޫތަތުލް ނަޚްލު، 58-59)

މި ޙައްޤު ތަކުގެ އިތުރުން ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް އެތައް ޙައްޤުތަކެއްވަނީ ނިގުޅައި ގަނެވިފައެވެ. އެ ކަނބަލުންނަކީ ދެރަ ނިކަމެތި ދަށްފަންތީގެ ބައެއްކަމުގައި ވަނީ ދެކެވިފައެވެ. އެހެންކަމުން ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް މިނިވަންކަން ލިބިދީފައި ނުވާކަން މިއިން ދޭހަވެއެވެ.

އިސްލާމްދީން އަންހެނުންނަށް ހޯދައިދިން މިނިވަންކަން

އެކިއެކި ހަޟާރާތް ތަކާއި ދީންތަކުގައި އަންހެނުންނާއިމެދު އިހާނެތި ގޮތެއްގައި އަމަލު ކުރެވެމުން ދަނިކޮށް “ދީންތަކުގެ ތެރެއިން އިންސާނީ ކަރާމާތްތެރިކަމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރެއްވި ފުރަތަމަ ދީނަކީ އިސްލާމް ދީނެވެ”. މިކަމަށް ތާރީޚުގެ ތެރެއިން ހެކިވަނީ ލިބިދީފައެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ކިބައިން ނިގުޅައި ގެންފައިވާ އެތައް ޙައްޤެއް އިސްލާމްދީނުގައި ވަނީ ހޯދައި ދީފައެވެ. މިގޮތުން ދިރިހުރުމުގެ ޙައްޤު ހޯދައި ދިނެވެ. ވިޔަފާރި ކުރުމުގެ ޙައްޤު ދީފައިވާއިރު، ވާރުތަ މުދާ ލިބުމުގެ ޙައްޤުވެސް ހޯދައިދިނެވެ. މީގެ އިތުރުން  އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްޤު ހޯދައި ދިނެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްޤު ދެއްވިއެވެ. އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިއެވެ. މީގެ އިތުރުންވެސް އެތަށް ޙައްޤުތަކެއް އެކަނބަލުންނަށް ހޯދައިދިނެވެ. އެއްވެސް ދީނެއްގައި އަދި އެއްވެސް ޙަޟާރަތެއްގައިވެސް ހޯދައި ދީފައި ނުވާ މިންވަރަށެވެ.

ޔޫރަޕްގައި އަންހެނުންގެ ހައްޤުތައް

ހައްޤުތަކަށް އެންމެ ގަދައަށް ވަކާލާތުކުރާ ޔޫރަޕުން ވެސް ފެނިގެންދަނި އަންހެނުންގެ ޙައްޤުތައް ނިގުޅައި ގަނެވިފައިވާ ތަނެވެ. އެކަނބަލުންގެ ހަޤީޤީ ކަރާމާތް ރައްކާތެރި ކުރުމަށް އިޙުމާލު ވެފައިވާތަނެވެ. 585މ. ގައި ފަރަންސޭސިން އަންހެނުންގެ ކަންތައްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބޭއްވިއެވެ. އެއީ އަންހެނުން ނަށް ރޫޙެއް ލިބިގެން ވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ރޫޙެއްވީނަމަވެސް، އެއީ އިންސާނެއްގެ ރޫޙުތޯ ނުވަތަ ޙައިވާނެއްގެ ރޫޙުތޯ ބެލުމަށެވެ. އެންމެ ފަހުން އެބައްދަލުވުމުގައި އެބައިމީހުން ނިންމީ އަންހެނުންނަކީ ފިރިހެނުންނަށް ޚިދުމަތްކުރުމަށްޓަކައި ހައްދަވާފައިވާ ބައެއް ކަމަށެވެ. މީގެ އިތުރުން ހެންރީ 8 ގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައިވަނީ އެބައިމީހުންގެ މުޤައްދަސް ފޮތް ކަމުގައިވާ”އިންޖީލު” ކިޔެވުމަކީ އަންހެނުންގެ މައްޗަށް މަނާވެގެންވާ ކަމެއް ކަމުގައެވެ. ސަބަބެއް ކަމަށް އެބައިމީހުން ބުނަނީ އެކަނބަލުންނަކީ ނަޖިސް ބަޔެއްކަމުގައެވެ. އަދި ހަމަ މިއާއެކު1805ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގައި އެބައިމީހުންގެ ވަޟުއީ ޤާނޫނޫ ބުނާ ގޮތުން ނަމަ ފިރިމީހާއަށް އޭނާގެ އަންހެނުން ވިއްކާލުމުގެ ޙައްގު ލިބިގެންވެއެވެ. އަދި އެބައިމީހުން އަންހެނާގެ އަގެއް ކަމުގައި ކަނޑައަޅާފައިވަނީ  އެންމެ 6 ޕައުންޑެވެ.

މި ފަހުގެ ތާރީޚަށް ބެލި ކަމުގައި ވިޔަސް ޔޫރަޕުން ފެންނަނީ މިފަދަ މަންޒަރެކެވެ. ހައްދެއް ނެތް މިންވަރަށް މިނިވަންކަން ދީފައިވާ ކަމުގައި ބުނި ނަމަވެސް ހަޤީޤީ މިނިވަންކަމެއް ލިބިދީފައެއް ނުވެއެވެ. އަންހެނުންނާއި ފިރިހެނުން އަމަލީ މައިދާނުގައި އެއްވަރު ކުރިކަމުގައި ވީނަމަވެސް އެކަނބަލުންގެ ބަޔޮލޮޖިކަލް ތަފާތު ތަކަކަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރެވިފައެއް ނުވެއެވެ. އަންހެނުންނާއިމެދު އަމަލު ކުރެވެނުން އައީ ވަރަށް އިހާނެތި ގޮތަކަށެވެ. ޢުމުރުން 18 އަހަރު ފުރުމުން ޢާމްދަނީ ހޯދުމަށް އަންހެންކުދިން ގެއިން ނިކުތުމަށް މަޖްބޫރު ކުރުވުމާއި ނުނިކުމެ ގޭގައި ތިބެއްޖެނަމަ، ކޮޓަރީގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދު މައިންބަފައިންނަށް ދޭންޖެހުމުން މީވެސް ޔޫރަޕްގެ ފަހުގެ ތާރީޚްގައި ހިނގާފައިވާކަމެކެވެ. ރޮޑާލާމަން (1987) ޓައިމްސް އޮފް އިންޑިއާގެ ސްޓާފްރޮޕޯޓަރަކަށްދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ “…. އެމެރިކާގެ ފަޤީރުންގެ %77 އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ ސަބަބަކީ އަންހެނުންނާއި ފިރިހެނުންގެ މުސާރާގައި ހުރި ތަފާތެވެ.”

ވުމާއެކު ޔޫރަޕްގައި އަންހެނުންނާއިމެދު މިނިވަންކަމުގެ ނަމުގައި ވެފައިވާ އިޙްމާލު ވަރަށް ފުރިހަމައަށް ހާމަވެގެން ދެއެވެ. ޔޫރަޕްގެ ވަޟުއީ ޤާނޫނު ތަކުން ހޯދައިދީފައި ނުވާ އެތައް ޙައްޤު ތަކެއް މީގެ ސާދަ ސަތޭކަ އަހަރުކުރިން އިސްލާމް ދީނުގައި ވަނީ ހޯދައި ދީފައެވެ.

އިސްލާމްދީނުގައި އަންހެނުންގެ މަޤާމް

އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވަނީ ވަރަށް މަތީ މަޤާމެކެވެ. އެކަނބަލުން މާތްކުރެއްވިއެވެ. “މުތާއި، ޖަވާހިރަށްވުރެން ހަޤީޤަތުގައި އަގުމާތްވެގެންވަނީ އެއިގެ ގަހަނާ ތަކުން ޒީނަތްތެރިވެއުޅޭ އަންހެނުންނެވެ. އެހެންކަމުން ރަނާއި، މުތާއި، ޖަވާހިރަށްވުރެން ބޮޑަށް ރައްކާކުރެވެން ޖެހޭނީ އަންހެނުންނެވެ.” ކޮންމެ އަންހެނަކީވެސް މުޖުތަމަޢުގެ ކޮންމެވެސް މަޤާމެއްގައި ހުރި މީހެކެވެ. ކޮއްކޮއެއް، ދައްތައެއް، އަންބެއް ނުވަތަ މަންމައެކެވެ.

ދައްތައެއްގެ ގޮތުން ނުވަތަ އުޚްތެއްގެ ގޮތުންވެސް އިސްލާމްދީނުގައި އަންހެނުން ވަނީ މާތް ކުރައްވާފައެވެ. މިގޮތުން ރަޙިމްގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވާ ބާރު އަޅުއްވާފައި ވެއެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާ ނުލުމަށާއި، އެކަމުގެ ހުރި ނުބައިކަން އުއްމަތަށް ބަޔާންކޮށްދެއްވާ އިންޛާރު ދެއްވިއެވެ. އަދި ދަރިއެއްގެ ޙާލަތުގައްޔާއި، އުޚުތެއްގެ ޙާލަތުގައި އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް އެންގެވިއެވެ. އެކަނބަލުންނަށް އަޅާލައި ރަނގަޅު ތަރުބިޔަތެއްދީފިނަމަ އޭގެ ސަބަބުން ސުވަރުގެއަށް ވަނުމުގެ ނަޞީބު ދެއްވާފައިވާކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ.

އަދި ހަމަ މިއާއެކު އަންބެއްގެ ޙައިޘިއްޔަތުން ވެސް އިސްލާމްދީނުގައި އަންހެނުން ވަނީ މާތް ކުރައްވާފައެވެ. އެކަބަލުންނާއި އެކު ހެޔޮގޮތުގައި އުޅުމަށް އެންގެވިއެވެ. އިސްލާމްދީނުގައި އަނބިންނަށް ހެޔޮކޮށް ހިތުމަށް ފިރިންގެ މައްޗަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަދި ރިވެތިވެގެންވާ ހެޔޮ ދިރިއުޅުމެއްއުޅުމަށް އަމުރުކުރައްވާފައިވެއެވެ. ފިރިންގެ މައްޗަށް އަނބިންގެ ޙައްޤުތަކެއް ލެއްވިއެވެ. މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮމީހަކީއަނބިންނަށް އެންމެ ހެޔޮ މީހާ ކަމުގައި ލެއްވިއެވެ. އެކަނބަލުންގެ ރުހުމަކާނުލައި އެކަނބަލުންގެ މުދަލުން ބޭނުން ނުކުރުމަށް އެންގެވިއެވެ.

މީގެ އިތުރުން މަންމައެއްގެ ޙައިޘިއްޔަތުން އެކަމަނާއަށް ކިޔަމަންތެރިކަންއަދާކޮށް، ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. މަންމަގެރުހުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. މަންމަގެދެފައިތިލަ ދަށުގައި ސުވަރުގެ ލައްވާފައިވާއިރު، އުއްފެއްގެ މިންވަރަށް ވެސް ނުރުހުމުގައި މަންމަ އާ ދިމާލަށް އެއްޗެއް ނުބުނުމަށްއަމުރުކުރެއްވިއެވެ. މީގެ އިތުރުން މަންމަ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑު ފާފަތަކުގެތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، ބައްޕަގެ ޙައްޤަށްވުރެ މަންމަގެ ޙައްޤު މަތިވެރިކުރެއްވިއެވެ. އަދި މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އަޅާލުންދީ އޯގާތެރިކަމާއެކު ޚިދްމަތްކޮށްދިނުމަށް އަމުރު ކުރައްވާފައި ވެއެވެ.

އިސްވެމިދެންނެވުނު ކަންތައްތަކުން ދޭހަވަނީ އިސްލާމްދީނުގައި އަންހެނާގެ މަގާމާއިދަރަޖަ އުފުއްލައި ދީފައިވާކަމެވެ. އަންހެނުންނާއިމެދު ހެޔޮކޮށްހިތުމާއި އެކަނބަލުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާ މިންވަރެވެ. އަދި ހަމަ މިއާއެކު ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ހަމަހަމަ ޙައްޤުތަކެއް އިސްލާމްދީނުގައި ހޯދައިދީފައިވާކަމެވެ. މުތަކީ އަގުބޮޑު އެއްޗެއް ކަމުގައި ވާއިރު، އިތާގެ އެތެރޭގައި އެ މުތަށް ރައްކާތެރިކަން ހޯދައިދީފައިވާ ފަދައިން އިސްލާމްދީނުގައި އަންހެނުންނަށް ހޯދައިދީފައިވާ ރައްކާތެރިކަމާއި ހިމާޔަތުގެ ފުރިހަމަކަމެވެ.

އިސްލާމް ދީނަކީ ޢަދުލު އިންސާފުގެ ދީނެވެ. ހަމަހަމަ ކަމުގެ ދީނެވެ. މިނިވަންކަމުގެ ދީނެވެ. މިގޮތުން އަންހެނުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިނިވަންކަން ހޯދައިދީފައިވާކަމީ މެންދުރުގެ އިރު ފަދައިން ޤަބޫލުކުރެވޭ އެއް ހަޤީޤަތެވެ. އަނިޔާވެރިކަމާއި ނޭއްގާނީ ކަންތައްތަކާއި ޖަހާލަތުގެ ތެރެއިން އަންހެނުން ނެރެދިން ދީންވެސްމެއެވެ. އެކިއެކި ހަޟާރާތްތަކާއި ދީންތަކުގައި އަންހެނުނާއިމެދު އިހާނެތިކޮށް ހިތިފައިވަނިކޮށް އެންމެ އަސާސީ ޙައްޤުތަކުން ފެށިގެން ގޮސް އަންހެނަކަށް ބޭނުންވާ ހުރިހާ ޙައްޤުތަކެއް އެކަނބަލުންނަށް ހޯދައިދިނެވެ. ކަންމިހެން ހުރިނަމަވެސް ބައެއް ފަރާތްތަކުން އިސްލާމްދީނުގައި މި ޙައްޤުތައް ހޯދައިދީފައިވާކަމާމެދު ދަނީ ޝައްކު އުފައްދަމުންނެވެ. ނަމަވެސް ޙަޤީޤަތަކަށް އެނބުރި ދާއިރު އަންހެނާއަށް ދިރިހުރުމުގެ ޙައްޤާއި އަނިޔާވެރިކަމުން މިނިވަންވެގަތުމުގެ ފުރުޞަތު ހޯދައިދީ، އެކަބަލުންނަކީ މާތްބައެއް ކަމުގައި ހަދައިދިނީ އިސްލާމްދީންކަން އެނގިފާޅުވެއެވެ. އެހެނީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވަނީ އަގުބޮޑު ޖަވާހިރެއްފަދަ މަޤާމެކެވެ. އެހެންކަމުންއިސްވެ ބަޔާންކުރެވުނު ހުރިހާ ވާހަކަތަކަށް ބަލާއިރު، އަންހެނުންނަށް ޙަޤީޤީ މިނިވަންކަން ހޯދައިދިނީ ހަމައެކަނި އިސްލާމްދީނުގައި ކަން ސާބިތުވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!