• ކައުބަތުއްﷲ ގެފުޅުގައި ނަމާދު ކުރަނީ | ދިއިސްލާމް ފޮޓޯ: ޝަފީއު އަބްދުﷲ

އިސްލާމްދީނަކީ މެދުމިނުގެ ދީނޭ ބުނެވޭ ބަހުގެ މާނަ

އިސްލާމީ “ގިޔުގަނޑު” އޭ ބުނެވޭ ބަހުގެ މާނައަކީ “އިސްލާމްދީނުގެ ހަމަތަކެވެ”.

މިޒަމާނުގައި މީސްތަކުންގެ ތެރޭގައި ވަރަށް ޢާއްމުކޮށް ފެތުރިފައިވާ އެއް ޖުމްލަ އަކީ “އިސްލާމް ދީނަކީ މެދުމިނުގެ ދީނެކެވެ”، މިއީ ވަރަށް ވެސް ބޮޑު ތެދު ޙަގީގަތެކެވެ. އެކަން ދޭހަކޮށްދޭނެ އާޔަތްތަކާއި ޙަދީޘް ތައް ބައިވަރު އެބަހުއްޓެވެ. ނަމަވެސް ބައެއް ފަރާތް ތަކުން މި ޖުމްލަ ނުބައި ގޮތުގައި ބޭނުން ކުރަމުން ދެ އެވެ. ޝަރީޢަތުގެ އެތައް ޙުކުމްތަކެއް އެމީހުންގެ ހަވާނަފްސާ އެއްގޮތަށް އަނބުރާލުމަށް ބޭނުންކުރާ ހަތިޔާރަކަށް މިޖުމްލަ ވަނީ ހަދާފައެވެ.

މިހާރަކަށް އައިސް ދެގޮތަކަށް އެބަސްބޭނުންކުރަމުން ދެއެވެ. އެއްގޮތަކީ ޙައްގު ގޮތެވެ. އަނެއްގޮތަކީ ބާޠިލް ގޮތެވެ.
މިޖުމްލައިގެ ޙައްގު ގޮތަކީ ގުރްއާނާއި ސުންނަތުން އަދި ސުންނަތުގެ ދަންނަބޭކަލުންގެ ބަސްފުޅުތަކުން ތާއީދު ލިބެންހުރި ގޮތެވެ. މި އުއްމަތަކީ މެދުމިނުގެ އުންމަތެއްކަން ކީރިތި ގުރްއާނުގައިވަނީ ބަޔާން ކުރައްވާފައެވެ. އޭގެ މަގްޞަދަކީ ދެފަރާތުގެ މެދުގައި ހުރުމެވެ. ﷲ ވަޙީ ކުރަައްވާފައިވެއެވެ. (وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَى عَقِبَيْهِ وَإِنْ كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ) މާނައަކީ: “ތިޔަބައިމީހުންނަކީ މެދުމިން އުންމަތެއްގައި، ތިމަން ﷲ ތިޔަބައިމީހުން ލައްވައިފައިވަނީ، އެގޮތުގެ މަތީންނެވެ. އެއީ، ތިޔަބައިމީހުންނަކީ، މީސްތަކުންގެ މައްޗަށްތިބި ހެކިންތަކެއް ކަމުގައިވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވާ ހެކިވެރިއަކު ކަމުގައި ރަސޫލާ ލެއްވުމަށްޓަކައެވެ. ރަސޫލާއަށް ތަބާވާމީހުންނާއި، ހުރިފިޔަވަޅުމަތީން އަނެއް ފުށަށް އެނބުރިގަންނަމީހުން، ތިމަން ﷲ ދެނެވޮޑިގެން، މީސްތަކުންނަށާއި ކަލޭގެފާނަށް އަންގަވައިދެއްވުމަށްޓަކައި މެނުވީ، ކަލޭގެފާނު އިހު ހުންނެވި ގިބްލަ (ބައިތުލް މަގްދިސް) އެއީ ގިބްލައެއް ކަމުގައި ތިމަން ﷲ ނުލެއްވީމުހެވެ. މާތް ﷲ ތެދުމަގު ދެއްކެވިމީހުންނަށް މެނުވީ، އެގިބްލައަށް ކުރިމަތިލުން އެއީ، ކަށަވަރުންވެސް ބޮޑުދަތިކަމެއް ކަމުގައިވުމާއި އެކުގައެވެ. ތިޔަބައިމީހުންގެ އީމާންކަން (އެ ގިބްލަ އަށް ކުރިމަތިލައިގެން ކުޅަ ނަމާދުތައް) ގެއްލެނި ކުރައްވާކަށް މާތް ﷲ ވޮޑިގެން ނުވެތެވެ. އެހެނީ، ހަމަކަށަވަރުން މާތް ﷲ އީ މީސްތަކުންނާއިމެދު، އޯގާވަންތަ މާތް އިލާހެވެ”. (ސޫރަތުލް ބަގަރާގެ 143 ވަނަ އާޔަތް). މިއާޔަތުގެ ތަފްސީރުގައި އަލްއިމާމް ގުރްޠުބީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. “މި އާޔަތުގައި މާތް ﷲ މި އުންމަތުގެ މީހުންނަކީ “މެދުވަރުގެ ބައެއް” ކަމުގައި ޞިފަ ކުރައްވާފައިވަނީ އެބައިމީހުންގެ ދީނުގައި މެދުމިނުގައި ހިފަހައްޓާތީއެވެ. ނަޞާރާއިން ފަދައިން ރަހްބާނިއްޔަތަށް(ދުނިޔޭގެ ލައްޛަތު ދޫކޮށް އާޚިރަތަށް އެދުން) ގޮސް ހުސްވެ، ދީނުގެ ކަންކަމުގައި ލޯބިކުރުމުން ގޮސް ހައްދުފަހަނަ އަޅައި ދިޔަ ބަޔަކު ގެ ގޮތުގައެއް ނޫނެވެ. އަދި އެގޮތުން ޢީސާގެފާނަކީ ﷲ ގެ ދަރިއެއް ކަމުގައިވެސް ހެދިއެވެ. އަދި މިއުންމަތުގެ މީހުންނަކީ ޔަހޫދީން ފަދައިން ދީނުގެ ކަންކަމުގައި ފަރުވާ ކުޑަ ކުރި ބަޔަކުވެސް ނޫނެވެ. އެބައިމީހުން ފަރުވާކުޑަ ކުރީނުން ގޮސް އެބައިމީހުންގެ މައްޗަށް ބާވާލެއްވުނު ފޮތް ބަދަލުކޮށް، ނަބިއްޔުން ގަތުލުކޮށް، ﷲ އަށް ކާފިރުވެ، ﷲ ގެ ޙައްގުގައި ދޮގުހަދާ ދިޔައީއެވެ. އެހެންނަމަވެސް މިއުންމަތުގެ މީހުންނަކީ މެދުމިނުގެ މީހުންނެވެ. މިއުންމަތުގެ މީހުން ޞިފަ ކުރައްވާފައިވަނީ ވެސް “މެދުމިނުގެ އުންމަތެއް” ގެ ގޮތުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތުގައި އެންމެ ލޯބިކަންބޮޑީވެސް މެދުމިނުގެ ކަންތަކެވެ”. (ތަފްސީރު ގުރްޠުބީ 3/142).

މިބަސްފުޅަށް ތާއީދު ކުރައްވާ އަލްއިމާމް އިބްނުލް ގައްޔިމް-ރަޙިމަހުﷲ- ވިދާޅުވިއެވެ. “ﷲ ގެ ދީންވަނީ، ދީނުގެ ކަންތަކުގައި ލޯބިންގޮސް ހައްދުފަހަނަ އަޅައި ދިޔުމާއި، ފަރުވާކުޑަވެގެންގޮސް ހައްދުފަހަނަ އަޅައި ދިޔުމުގެ މެދުގައެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ ލޯބިންގޮސް ހައްދުފަހަނަ އަޅައިނުގޮސް، އަދި ފަރުވާކުޑަކަމުންގޮސް ދީނުގެ ކަންތައް ދޫކޮށްނުލާ މެދުމިނުގައި ހިފަހައްޓާ މީހާއެވެ. (އިޣާޘަތުއްލަހްފާން 1/182).
އިސްލާމީ ޝަރީޢަތަކީ މެދުމިނުގެ އުންމަތެއްގެ މައްޗަށް ބިނާވެފައިވާ އުންމަތެއްކަން ރަމްޒުކޮށްދޭ މިޘާލުތަކުގެ ތެރޭގައި:
1. ސޫރަތުލްފާތިޙާ ގައި މުސްލިމުން ކުރާ ދުޢާ، (اهْدِنَا الصِّرَاطَ الْمُسْتَقِيمَ . صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ) މާނައަކީ: “އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާންދޭވެ! އެއީ އެބޭކަލުންގެ މައްޗަށް އިބަ ﷲ ނިޢުމަތް ދެއްވި ބޭކަލުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލެއްވިގެންވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއް ނުމެ ނޫންމެއެވެ”.
މި ދުޢާ އަކީ މުސްލިމުން ނަމާދުގައްޔާއި އެހެނިހެން ތަންތަނުގައި ވެސް ތަކްރާރު ކުރާ ދުޢާ އެކެވެ. މިދުޢާ ގައި މުސްލިމުން ﷲ އަށް ދަންނަވަނީ ނިޢުމަތް ދެއްވި ބޭކަލުންގެ މަގު ދެއްވުމަށެވެ. އަދި މަގުފުރެދިފައިވާ ޔަހޫދީންގެ މަގުން އެބައިމީހުން ދުރުކޮށް ދިނުމަށެވެ. އަދި ޖާހިލުކަމުގެ ސަބަބުން މަގުފުރެދިފައިވާ ނަޞާރާއިން ފަދައިންވެސް ނުލެއްވުމަށެވެ.
2. ޒަކާތުގެ ގޮތުގައި އެންމެ މޮޅު މުދަލެއްވެސް އަދި އެންމެ ދެރަ މުދަލެއްވެސް ނުހިމެނެއެވެ. މުޢާޛް ބިން ޖަބަލް ޔަމަންކަރައަށް މީސްތަކުންނަށް ދީނަށް ގޮވާލެއްވުމަށް ފޮނުއްވިއިރުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަޞިއްޔަތް ކުރެއްވިއެވެ. (فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ فَإِذَا صَلَّوْا فَأَخْبِرْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ زَكَاةً فِي أَمْوَالِهِمْ تُؤْخَذُ مِنْ غَنِيِّهِمْ فَتُرَدُّ عَلَى فَقِيرِهِمْ فَإِذَا أَقَرُّوا بِذَلِكَ فَخُذْ مِنْهُمْ وَتَوَقَّ كَرَائِمَ أَمْوَالِ النَّاسِ) މާނައަކީ: ” އެބައިމީހުން ފަސްނަމާދު އަދާކޮށްފިނަމަ އެބައިމީހުން ގެ މުއްސަދިންގެ އަތުން ނެގި ފަގީރުންނަށް ރައްދުކުރެވޭ ޒަކާތެއް މާތް ﷲ ފަރްޟު ކުރައްވާފައިވާ ކަން އަންގަވާށެވެ. އެބައިމީހުން އެގޮތަށް އެކަމަަށް ރުހިއްޖެނަމަ އެބައިމީހުންގެ އަތުން ޒަކާތް ނަގާށެވެ. އަދި މީސްތަކުން ގެ މުދަލުގެ ތެރެއިން މެދުފަންތީގެ މުދަލުން ޒަކާތް ނެރުއްވާާށެވެ”.

މި ޙަދީޘުން ލިބިދޭ ފައިދާތައް ބަޔާން ކުރައްވަމުން އަލްއިމާމް އައްނަވަވީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “މިޙަދީޘުން ދޭހަވާގޮތުގައި ޒަކާތް ނަގާއިރުގައި އެންމެ މޮޅުމުދާ ނެރެގެން ނުވާނެއެވެ. އަދި އެންމެ ދެރަމުދާވެސް ނެރެގެން ނުވާނެއެވެ. ނެރެންޖެހޭނީ މެދުފަންތީގެ މުދަލެވެ”.

3. ހޭދަކުރުމުގައި މެދުމިންވަރެއް ގެންގުޅުން. މާތް ﷲ ކީރިތި ގުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَلِكَ قَوَاماً) މާނައަކީ: “އަދި، އެބައިމީހުންނަކީ، އެބައިމީހުން ހޭދައެއްކުރިނަމަ، އިސްރާފުނުކުރާ، އަދި މުށްބާރުވެސް ނުކުރާމީހުންނެވެ. އެދެގޮތް ދެމެދުގައިވާ މެދުމިންވެ، ސީދާވެތިބޭމީހުންނެވެ”. (ސޫރަތުލް ފުރްގާން ގެ 67 ވަނަ އާޔަތް).

މިއާޔަތުގެ ތަފްސީރުގައި އަލްއިމާމް އިބްނު ކަޘީރް-ރަޙިމަހުﷲ- ވިދާޅުވިއެވެ. “މިއާޔަތުގެ މާނައަކީ އެބައިމީހުންނަކީ ހޭދަކުރުމުގައި އިސްރާފު ކުރާބައެއް ނޫނެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ޚަރަދެއް ނުކުރެއެވެ. އަދި މުށްބާރުވެގެން ގޮސް ތިމާ ޚަރަދު ބަލަހައްޓަން ޖެހޭ މީހުންގެ ކަންތައްވެސް ކޮށްނުދޭ މީހުންނެއް ނޫނެވެ. އަދިކިއެއްތަ، މެދުމިނެއް ގެންގުޅޭ މީހުންނެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ހެޔޮމިންވަރަކީ މެދުމިންވަރެވެ”. (ތަފްސީރު އިބްނު ކަޘީރު 6/123،124).

އިސްލާމްދީނަކީ މެދުމިނުގެ ދީނެކޭ ބުނެވޭބަހުގެ މާނަ ބާޠިލް ގޮތުގައި ބޭނުންކުރާ މީހުންނަކީ ދީނުގައި އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުގައި ފަސްޖެހި އެމީހުންގެ އަމިއްލަ ސިކުނޑިއަށް ތަބަޢަވާ ބަޔެކެވެ. އެފަދަ މީހުންނަކީ ސުންނަތާއި ބިދްޢަތާއި ދެމެދުގައި ތިބޭ ބަޔެކެވެ. އެމީހުން ބިދްޢަ އެއްކޮށް އިންކާރެއްވެސް ނުކުރެއެވެ. ހަމައެފަދައިން، ސުންނަތްވެސް އެއްކޮށް އިންކާރެއް ނުކުރެއެވެ.

މިފަދަ މީހުން ސުންނަތަށް ނަޞްރެއްވެސް ނުދެއެެވެ. ހަމައެފަދައިން ބިދްޢަ މުގުރައެއްވެސް ނުލައެވެ. މިފަދަ މީހުން ގެ ބޭނުމަކީ ތިމަންމެންނަކީ މެދުމިނުގެ މީހުންނޭ ކިޔާ މީޑިޔާ ތަކުގައި މަޝްހޫރުވުމަށް މަސައްކަތް ކުރުމެވެ. ދުނިޔޭގައި އެބައިމީހުންނަށް ލިބޭނެ ވަގުތީ އުފާތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައެވެ. والله أعلم

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!