• 15 މެއި 2013، ގާނޫނުލް އުގޫބާތު ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުން - ދިއިސްލާމް ފޮޓޯ: އިބްރާޙިމް އަސްވާގް

ޝެއިޚް އިލްޔާސް: ލާދީނިއްޔަތުގެ މެޔަށް ހަރާލެވުނު ކަނޑި!

 ޝެއިޚް އިލްޔާސް ޙުސެއިނަކީ އިސްލާމީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިގެން އެބޭފުޅާގެ ތަޢުލީމީ ފެންވަރާއި ވަނަވަރު ދިވެއްސަކު ހޯދަން އެދެންޖެހޭ ވަރަށްވުރެ މާ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އެބޭފުޅާގެ ޢިލްމުވެރިކަން ދިވެހިން ކުރިމަތީގައި ވަހުމެއް ނުވާނޭ މިންވަރަށް، ސާބިތުކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މާތް ﷲ ގެ ރަޙްމަތުން ލިބިފައިވާ ބަލާޣާތްތެރި ދޫފުޅަކުން ދަރުސް ދެއްވާއިރު ކޮންމެ މައްސަލައެއްވެސް ބަޔާންކޮއްދެއްވަނީ ޤުރުއާނާއި ސުންނަތުގެ އަލީގައެވެ. އަޑުއަހައި ފޫހިނުވާފަދަ ވައްޓަފާޅިއެއްގައެވެ. ދީނީ ސަލަފުއްޞާލިޙުންގެ މަންހަޖާ އެއްގޮތަށެވެ. ދީނަށް ލޯބިކުރާ ރައްޔިތުންގެ ފަރާތުން ޝެއިޚް އިލްޔާސާމެދު ތައުރީފުގެ ބަސްތައް އަބަދުމެ އޮހޭ ސަބަބަކީ ދަލީލަކަށް ބޭނުންނުވާނޭ ކަމެކެވެ.

އިސްލާމްދީނުގެ އިރު ފެނުން ނިކުމެ ތޮޅިލި ހިނދު، ޢުމަރުގެފާނު ވެގެންދިޔައީ އިސްލާމްދީނަށް މާތް ﷲ ދެއްވި ވަރުގަދަ ޢިއްޒަތަކަށެވެ. މަތިވެރި ޞަޙާބީން ފަޚުރުވެރިވެލައްވައި އެވާހަކަ ބަޔާންކުރައްވާ އުޅުއްވިއެވެ. ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމަކީ ފަތަޙައެއްކަމުގައި ސިފަކުރައްވައެވެ. ޢުމަރުގެފާނުގެ ހިޖުރަފުޅައަކީ ފަތަޙައެއްކަމުގައި ސިފަކުރައްވައެވެ. ޢުމަރުގެފާނަކީ މައްކާގެ މުޝްރިކުންގެ ޢަދާވާތްތެރިކަމުގެ ކުރިމައްޗަށް ހަރާލެވުނު ކަނޑިއެކެވެ.

ދިވެހިރާއްޖޭގެ ޢިލްމުވެރިންނަށް އެބޭފުޅުންގެ ޢިއްޒަތާއި މަޖުދު މިއަދު ޝެއިޚް އިލްޔާސް އެވަނީ ލާދީނިއްޔަތުގެ ކުރިމަތީގައި އިތުރު ނަންގަވާ ކޮޅަށް ޖައްސަވާފައެވެ. ދިވެހި ޢިލްމުވެރިންނަށް އިތުރު ހިއްވަރަކާއި ނަމޫނާއެއް އެވަނީ ދައްކުވައިދެއްވާފައެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިން، އެނގޭ މީހުންނާއި، ނޭނގޭ މީހުން ދުވަހަކުވެސް އެއްވަރު ނުވާނޭކަން އިއްޔެގެ މުނާޒަރާއިން އެކަނިވެސް ސާބިތުވެގެން ހިނގައްޖެއެވެ.

އެ މަޖިލީހުގެ ކޮމެޓީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކީ ޤާނޫނީ ރޮގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ދެ މެމްބަރުންނެވެ. ނަމަވެސް، ދީނީ މިފަދަ މައްސަލައެއްގައި އެބައިމީހުން ކުފޫ ހަމަނުވާކަމަށް އަމިއްލަފުޅަށް އެއްބަސް ވެލައްވައެވެ. މިފަދަ މައްސަލަތަކުގައި ބަސްކިޔަން ތިބެން ޖެހެނީ ނަބީބޭކަލުންގެ ވާރުތަވެރިން ކަމުގައިވާ ދީނީ ޢިލްމުވެރިންކަން އިއްޔެގެ މުނާޒަރާއިން ސާފުވެގެން ހިނގައްޖެއެވެ. ޢިލްމާއި އަދަބާއި ޙިކުމަތްލިބިއްޖެ މީހަކީ ނަޞީބުވެރިއެކެވެ. މާތް ﷲ ގެ ރަޙުމަތުން އިއްޔެގެ ކޮމެޓީގައި ޝެއިޚް އިލްޔާސް ވަނީ މިހުރިހާ ސިފަތަކެއް ދައްކުވައިދީފައެވެ. ގަދަވާން ޖެހޭ ތަނުގައި ގަދަ ވެލައްވައެވެ. މައިތިރިވާން ޖެހޭ ތަނުގައި މައިތިރިވެލައްވައެވެ. ޙިކުމަތަކީ މިއީ ނޫންތޯއެވެ؟

ދިވެހި ޢިލްމުވެރިން ޝެއިޚް އިލްޔާސާމެދު ފަޚުރުވެރިވާކަމުގެ ހެއްކަކީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި އޮތް މުނާޒަރާ ނިމުމާއެކު ޝެއިޚުންގެ ފަރާތުން ޝެއިޚް އިލްޔާސަށް ލިބިގެން ދިޔަ ހޫނު މަރުހަބާއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި، އެއްވެސް ޖެހިލުމެއްނެތި، ހިތްވަރާއެކު ބާޠިލުގެ މައްޗަށް ޙައްޤު ބަސް ވިދާޅުވަމުން ގެންދެވިއިރު، ޝެއިޚް އިލްޔާސް އެގެންދެވީ ދިވެހިރާއްޖޭގެ އެންމެހާ ޢިލްމުވެރިން ތަމްސީލުކުރައްވަމުން ކަމާމެދު ޝައްކެއްނެތެވެ. އަދި ކިއެއް، އެގެންދެވީ އިސްލާމްދީނުގެ ސަފީރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ. އެފަދަ ތަޙައްދީއާއި ޖެއްސުމާއި ފުރައްސާރައިން ފުރިގެންވާ ކިއްލާއެއްގައި ގިނިކަންޏާ ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ޢިއްޒަތާއި މަޖުދު ދިފާޢުކުރައްވަމުން ގެންދެވިއިރު، ދީނީ ޢިލްމުވެރިންނާއި ދީނަށް ލޯބިކުރައްވާ އެންމެހާ ބޭފުޅުން ތިއްބެވީ އެބޭފުޅުންގެ ސަފީރާމެދު ފަޚުރުން ފުރިގެންވާ ހާލުގައި ކަމާމެދު ޝައްކުކުރާނޭ ޖާގައެއް ނެތެވެ. ބާޠިލުގެ މައްޗަށް ކާމިޔާބު ހޯއްދެވި އެމުނާޒަރާއަކީ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ މުނާޒަރާއެކެވެ.

ޝެއިޚް އިލްޔާސް ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ފަށްފަށުން ޝުކުރު ދަންނަވަމުން މިކޮލަމް ކުރުކޮށްލާނަމެވެ. ކުރުކޮށްލުމުގެ ގޮތުން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. އެއީ، ޝެއިޚް އިލްޔާސަކީ ދިވެހިރާއްޖޭގައި ހިނގަމުންދާ ލާދީނިއްޔަތުގެ މެޔަށް ހަރާލެވުނު މިއަތޫނު ކަނޑިއެކެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާ ﷲ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!