ޢިލްމުގެ ޙަޤީޤީ ފައިދާ


ޙާތިމް އަޞައްމު ޚުރާސާނީ، އެކަލޭގެފާނުގެ ދުވަސްވަރުގެ ޡާހިރީ ޢިލްމުތައް (ތަފްސީރު، ޙަދީޘް، ޤިރާއަތު، ތަޖުވީދު އަދި ފަލްސަފާ ފަދަ ޢިލްމުތައް) މަތީ ދަރަޖަޔަކަށް ޙާޞިލްކުރެއްވުމަށްފަހު، އުގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވުުގެ ބަދަލުގައި ޢިލްމުގެ ފޮނިކަމާއި މީރުކަން އިތުރަށް އިޙުސާސްކުރެއްވުމަށްޓަކައި އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޝަޤީޤް ބަލްޚީގެ އަރިހަށް ވަޑައިގެންނެވިއެވެ. ޝަޤީޤް ބަލްޚީގެ އަރިހުން ތެދުވެރިކަމާއި ޒާހިދުކަމާއި ކެތްތެރިކަމާއި އަނެކާއަށް އިސްކަންދިނުމާއި ތަވާޟުޢުވެރިކަމާއި ވަފާތެރިކަމާއި ޙިލްމުވެރިކަމާއި މަޢާފުކުރުމާއި ރިވެތި ބަސްބުނުމާއި ސަލާމް ފެތުރުން ފަދަ ރިވެތި އަޚްލާޤުގެ ދަރުސްތައް ޙާޞިލްކުރެއްވުމުގައި ތިރީސްއަހަރު ހޭދަކުރެއްވިއެވެ.

އެއްދުވަހަކު އެކަލޭގެފާނުގެ ޝެއިޚް ސުވާލުކުރެއްވިއެވެ. [އޭ ޙާތިމެވެ! ތިބާ އަހަރެންގެ ދަރުސްތަކުގައި ބައިވެރިވާތާ 30 އަހަރު ވެއްޖެއެވެ. މިދުވަސްތަކުގައި ތިބާ އުނގެނުނު ޢިލްމުން ހޯދި ފައިދާއެއް ނިކަން ބުނެބަލާށެވެ!]

ޙާތިމް ދެއްވީ ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެން އުނގެނުނު ޢިލްމުން 8 ފައިދާއެއް ޙާޞިލްކުރީމެވެ. އަދި އަހަރެން ދެކޭގޮތުގައި އެމިންވަރު އަހަރެންނަށް ފުދެއެވެ. އަދި އަހަރެން އުންމީދުކުރަނީ އެކަންތަކުގެ ސަބަބުން އަހަރެންނަށް ކާމިޔާބު ލިބޭނެކަމަށެވެ.]

ފުރަތަމަ ފައިދާ

މަޚުލޫޤުންގެ ޙާލުގެ މައްޗަށް އަހަރެން ވިސްނައި ފިކުރުކުރީމެވެ. އެހިނދު އަހަރެންނަށް ވިސްނުނީ ކޮންމެ އިންސާނަކަށްވެސް އެމީހަކު ލޯބިވާ ކޮންމެވެސް ލޯބިވެރިއެއް ވާކަމެވެ. އެކަމަކު އޭނާގެ ލޯބިވެރިންކުރެ އެކަކު އޭނާގެ މަރު ބައްޔާއި ޖެހެންދެން ލޯބީގެ ކުލަވަރު ދައްކައެވެ. އަނެއް ލޯބިވެރިޔަކު ކަށްވަޅުގެ އަނގަމައްޗާއި ހިސާބަށް އެކުގައި ދެއެވެ. އެއަށްފަހު ކަށްވަޅުގެ އަނދިރި ވަޅުގަނޑަށް އޭނާ ކޮށްޕައިލުމަށްފަހު އެނބުރި އާދެއެވެ. އެންމެ ގަޑިއެއްގެ އިރަށްވެސް އޭނާއާ އެކު އޮށޯވެނުލައެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އަހަރެންނާއެކު ކަށްވަޅަށް ވަދެ އެތާނގައި އަހަރެންގެ އެކަނިވެރިކަމާއި ބިރުގަތުން ދުރުކޮށްދީ އަހަރެންގެ ހިތާމަތައް ލުއިކޮށްދޭފަދަ އެކުވެރިޔަކު އަހަރެންގެ ލޯބިވެރިއަކަށް ހެދުމަށެވެ. އެހެންކަމުން ޞާލިޙު ޢަމަލު އެއީ އަހަރެންގެ ލޯބިވެރިޔާކަމުގައި ހެދީމެވެ. އެހެނީ އޭނާ ފިޔަވައި އެހެން އެކަކުވެސް އަހަރެންނާއެކު ކަށްވަޅަކަށް ނުވަންނާނެއެވެ. އަދި އެތެރޭގައި އެއްވެސް ކަހަލަ އަލިކަމެއްގެ އިންތިޒާމެއްވެސް ހަމަޖައްސައެއް ނުދެވޭނެއެވެ.

ދެވަނަ ފައިދާ

އަހަރެން މަޚުލޫޤުތަކަށް ބެލީމެވެ. އެބައިމީހުން އެމީހުންގެ އެދުންތައް ފުއްދުމަށްޓަކައި ހުރިހާ ޖާއިޒު ނާޖާއިޒު ޒަރީޢާއެއްގެ ބޭނުންކުރެއެވެ. އެހެންކަމުން އަހަރެން ﷲ ގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾ – سورة النازعات -މާނައީ: [އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.]

އެހިނދު އަހަރެންނަށް ޔަޤީންކުރެވުނީ ކީރިތިޤުރުއާނަކީ ޙައްޤު ތެދުކަމެވެ. އެހެންކަމުން އަހަރެން އަހަރެންގެ ނަފްސުގެ މައްޗަށް ބާރުފޯރުވީމެވެ. އަދި ނަފްސުގެ އެދުންތަކަށް ޢަމަލުކުރުން ހުއްޓުވީމެވެ. ކެތްތެރިކަމަށް އެ ނަފްސު ހޭނުވީމެވެ. އެހެންކަމުން ﷲ ގެ ކިޔަމަންތެރިކަމާއި ޠާޢަތަށް އެނަފްސު ރުހި ޤަބޫލުވެއްޖެއެވެ.

ތިންވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ ދީނާރާއި ދިރުހަމް ޖަމާކޮށް އެތަކެތި ގެއްލިދާނެކަމަށްޓަކައި ރައްކާކުރުމުގައި މަޝްޣޫލުވެގެން ވަނިކޮށެވެ. އެހިނދު ހުރިހާ ވެރިކަމެއްގެ ވެރި ﷲ ގެ މި ވަޙީ ބަސްފުޅަށް އަހަރެން ވިސްނީމެވެ. مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللهِ بَاقٍ (سورة النحل: 96) މާނައީ: [ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި ﷲ ގެ ޙަޟުރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ.]

އެހެންކަމުން އަހަރެންގެ މަސައްކަތުން ޙާޞިލްވާ ނަފާ، ﷲ ގެ ރުއްސެވުން އަދައިގެން މިސްކީނުންގެ މައްޗަށް ހޭދަކުރަން ފެށީމެވެ. އެއީ ﷲ ގެ ޙަޟްރަތުގައި އެތަކެތި އަހަރެންނަށްވާ އާޚިރަތުގެ ޚަޒާނާއަކަށް ވުމަށްޓަކައެވެެ.

ހަތަރުވަނަ ފައިދާ

އަހަރެންނަށް ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ ބޭކާރު ކަންތައްތަކަށް ބުރުއްސުމުގައި ކަމަށެއެވެ. އެހިނދު އަހަރެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. إِنَّ أَكْرَ‌مَكُمْ عِندَ اللهِ أَتْقَاكُمْ (الحجرات: 13)މާނައީ: [ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.]

މިއީ ތެދު ޙައްޤު ބަސްފުޅެކެވެ. އެހެންކަމުން އަހަރެން، ﷲ އަށް ބިރުވެތިވުމާއި ތަޤުވާވެރިކަމަށް ލޯބިކުރީމެވެ.

ފަސްވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ އެކަކު އަނެކެއްގެ ޣީބަބުނެ، ނުބައިވާހަކަ ދައްކާތީއެވެ. އެހެންކަމުން އެމީހުންގެ އެ ޢަމަލާމެދު އަހަރެން ވިސްނީމެވެ. އެހިނދު އަހަރެންނަށް އެނގުނީ އޭގެ ތެރެއިން އެކަކު އަނެކާއަށް ލިބިފައިވާ ޢިލްމާއި، މާތްކަމާއި، ޖާހާއި، މަންޞަބާއި، މުދަލާއި ފައިސާގެ ތަނަވަސްކަން ފެނުމުން އެމީހަކާއި މެދު ޙަސަދަވެރިވާން ފަށަނީކަމެވެ. ދެން އަހަރެން ﷲ ގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَ‌فَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَ‌جَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِ‌يًّا (الزخرف:32) މާނައީ: [ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ.]

އެހެންކަމުން އަޞްލުގައި މިގޮތަށް ބެއްސެވި ފަރާތަކީ ﷲ ތަޢާލާކަމުގައި އަހަރެން ޤަބޫލުކޮށް އަހަރެންގެ ނަސީބުގެ މައްޗަށް ރުހުނީމެވެ. އަދި މީސްތަކުންނަށް ޙަސަދަވެރިވުން ދޫކޮށްލީމެވެ.

ހަވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ އެމީހުންގެ އުންމީދުތައް ފުރިހަމަނުވުމުން އެކަމަށްޓަކައި އެކަކު އަނެކަކަށް ޢަދާވަތްތެރިވާތީއެވެ. އެހިނދު އަހަރެން ކީރިތި ޤުރުއާނުގެ މި އާޔަތަށް ވިސްނީމެވެ. إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا (فاطر: 6)މާނައީ: [ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ.]

އެހެންކަމުން އަހަރެންގެ ދުޝްމަނަކީ ޝައިޠާނާކަމުގައި ބެލީމެވެ. އަދި އެހެންމީހުންނާ ޢަދާވާތްތެރިވުން ދޫކޮށްލީމެވެ.

ހަތްވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ ރިޒުޤުހޯދުމުގެ ދަހިވެތިކަމުގައި ޙަލާލެއް ޙަރާމެއް ބަލައިލުމެއްނެތި އަރުވާޖަހައިގެން ދުވާތީއެވެ. އަދި އެކަމުގައި ތިމާގެ ޤަދަރާ މަޤާމާއި ޢިއްޒަތާ އަބުރުވެސް ގެއްލުވައިލައެވެ. އެހެންކަމުން ﷲ ގެ މިވަޙީ ބަސްފުޅަށް އަހަރެން ވިސްނީމެވެ. وَمَا مِن دَابَّةٍ فِي الْأَرْ‌ضِ إِلَّا عَلَى اللهِ رِ‌زْقُهَا (هود : 6)މާނައީ: [ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ، ރިޒުޤުނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ.

އެހެންކަމުން އަހަރެންގެ ރިޒުޤު ވަނީ ﷲ ގެ ޒިންމާގައިކަން އަހަރެން ޔަޤީންކުރީމެވެ. އެހެންކަމުން ރިޒުޤުގެ ފިކުރު ދޫކޮށްލުމަށްފަހު، އަޅުކަމައިގެން އަހަރެން މަޝްޣޫލުވީމެވެ. އަދި އެއްވެސް މަޚްލޫޤެއްގެ ކިބަޔަކުން އެއްޗަކަށް ނޭދެމެވެ.

އަށްވަނަ ފައިދާ

އަހަރެންނަށް ފެނުނީ ކޮންމެ އިންސާނަކުވެސް ދީނާރާއި ދިރުހަމަށް، މުދަލާއި ފައިސާއަށް އިތުބާރުކުރާތީއެވެ. ނުވަތަ ރަސްގެފާނާއި އަމީރުން އެމީހުންގެ މުހުތާދުތައް ފުއްދައިދޭނެކަމަށް ހީކުރާތީއެވެ. އެކަކު ލިބިފައިވާ ހުނަރާއި ކުޅަދާނަކަމަށް ޔަޤީންކުރެއެވެ. އަނެކަކު ތިމާފަދަ މަޚުލޫޤުންނާ އުންމީދުތައް ގުޅުވައެވެ. އެހިނދު އަހަރެން ﷲ ގެ މި ބަސްފުޅަށް ވިސްނީމެވެ. مَن يَتَوَكَّلْ عَلَى اللهِ فَهُوَ حَسْبُهُ ۚ إِنَّ اللهَ بَالِغُ أَمْرِ‌هِ ۚ قَدْ جَعَلَ اللهُ لِكُلِّ شَيْءٍ قَدْرً‌ا (الطلاق:3)މާނައީ: [އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.]

އެހެންކަމުން އަހަރެން ﷲ އަށް ވަކީލުކުރީމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަހަރެން އިތުބާރެއްނުކުރަމެވެ. އެކަލާނގެއީ އެންމެ މޮޅަށް އަހަރެން ބަލަހައްޓަވާ ފަރާތެވެ.

ޙާތިމްގެ ޖަވާބު އަޑުއެއްސުވުމަށްފަހު ޝަޤީޤު ބަލްޚީ ވިދާޅުވިއެވެ. [އޭ ޙާތިމްއެވެ! ﷲ ތަޢާލާ، ތިބާ ސީދާވެގެންވާ ތެދުމަގުގައި ލަހައްޓަވާށިއެވެ. ތިމަން ތައުރާތާއި އިންޖީލާއި ޒަބޫރާއި އަދި ކީރިތި ޤުރުއާންގެ އެންގެވުންތަކާއި އިރުޝާދުތަކަށް ވިސްނައި ފިކުރުކުރުމުން، ތިމަންނައަށް ފެނުނީ ތިބާ ތިޔަ ވިދާޅުވި ކަންތައްތަކެވެ. ތިޔަ ކަންތަައްތަކަށް ޢަމަލުކޮށްފި މީހާ އެހަތަރު ފޮތަށް ޢަމަލުކޮށްފިއެވެ.]
____________________________________

މަޞްދަރު: އިސްލާމީ ތާރީޚް ކޭ ދިލްޗަސްބް އައުރް އީމާން އާފްރީން ވާޤިޢާތް / އަބޫ މަސްޢޫދް ޢަބްދުލްޖައްބާރު

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah ya ALLAH
    Maasha ALLAH
    warah wes furihama

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!