ރޭގަނޑު ނިދަން އުނދަގޫވޭތަ؟ ނިދި ނައިސްގެން އުޅެންޖެހޭތަ؟ ނިދިއަޔަސް ހިނދުކޮޅު ކޮޅުން ތެދުވަންޖެހޭތަ؟ ހެލްޕްލައިނެއް ބޭނުންތޯ؟

މިވަނީ ކިހިނެތްހެއްޔެވެ؟ ރޭގަނޑު ނިދަން އޮށޯވެ ގަޑި ދެގަޑިއިރުވާއިރުވެސް ނިދިއަންނަ ގޮތެއް ނުވެއެވެ. ނިދަން އުޅުނަސް ނިދޭގޮތެއް ނުވެއެވެ. އެދުގައި އޮވެ ދެއަތަށް ފުރޮޅި އަރިއަރިމައްޗަށް އެބުރި، ނިދިއަންނާނެހެން ހީވާހާ ގޮތެއް ހެއްޖަސް ނިދޭ ގޮތެއް ނުވެއެވެ. މިވަނީ ކީއްހެއްޔެވެ؟

ޑޮކްޓަރުން ބުނެފާނެއެވެ. ތިޔައީ އިންސޯމްނިޔާއެވެ! އެއީ ބައްޔެއްނޫނެވެ. އެންމެ ރަގަޅެވެ. އެއީ ބައްޔަކަށް ނުވިޔަސް އެކަމުގެ ސަބަބުން ބައްޔަކަށް ނުވޭހެއްޔެވެ؟ މުޅި ދުވާލުގެ މަސައްކަތް ޚަރާބުވެ މޫޑު ހުންނަނީ ކަޓާފަ ނޫންހެއްޔެވެ؟ މީހާގެ ތާޒާކަން ގެއްލި، ނިދި ހުންނަނީ އެއްފިޔަތަކުގައި އެލިގަނެ ތިރިއަށް ބަރުޖައްސައިގެން ނޫންހެއްޔެވެ؟ މިއަށްވުރެ ވަކި ތުރާވާނެ ބައްޔެއް ކޮބާހެއްޔެވެ؟

ނިދި ހަލާކުވެ ނިދަން އުދަގޫވުމާއި ނިދާފައި އޮތުމަށް އުދަގޫވުމަކީ އިންސޯމްނިޔާއަށް ވެދާނެއެވެ. ޑޮކްޓަރަކަށް ނުވާތީ، އެކަމުގެ ތަފްޞީލެއް ދޭކަނަށް ނޭގެއެވެ. އެނގޭ އެއްޗަކީ ނިދި ހަމައަށް ނުލިބޭނަމަ، އިންސާނާގެ ހަކަތައިގެ މިންވަރު ދަށަށްގޮސް މީހާގެ ކިބައިން ރޫޙު ގެއްލިފައި ހުންނަފަދަ އިޙްޞާޞްތަކެއް ކުރެވޭނެ ކަމެވެ. އަބަދަކު ސްލީޕިން ޕިލްސް ނުވަތަ ނިދާބޭސް ކައިގެން ނިދުމަކީވެސް ނިދީގެ ފޮނިމީރުކަން ހޯދަން ކުރެވޭނެ ކަމެއް ނޫނެވެ. ވަރަށް ގިނަ މީހުންނަށް ހަތްގަޑިއިރާއި އަށްގަޑިއިރާއި ދެމެދުގެ ނިދި ބޭނުން ވެއޭ ބުނެއެވެ. އެހެންކަމަށްވާނަމަ، ރޭގަޑުގެ ނިދި މިފަދައިން ހަލާކުވެގެން އުޅޭ މީހަކަށް އޮތީ ކޮން ފަރުވާއެއް ހެއްޔެވެ. ގިނަމީހުންނަކީ ޙަޔާތުގެ ކޮންމެވެސް އެއްހިސާބެއްގައި ނިދިނައުމުގެ އުދަގުލާ ކުރިމަތިލާން ޖެހޭ ބައެކެވެ. އެފަދަ ކޮންމެ މީހަކަށް މިފަދަ ހެލްޕް ލައިނެއް ނުލިބިދާނެއެވެ.

ނަމަވެސް، މުސްލިމުންނަށް މިއީ ބޮޑު ކަމެއްނޫނެވެ. އަތްފޯރާ ފަށުގައި “ހެލްޕް” ލައިންތައް ބައިވަރެވެ. “އޯލްޓަނޭޓިވް” އެއް ބޭނުމެއް ނޫނެވެ. މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ގުޅިފައިވާ ގުޅުންތަކެވެ. ޙަޔާތުގެ ދިރިއުޅުމުގައި ވޭތުކުރާ ދުވަސްތަކުގައި އުޅުން ބަހައްޓާ ބައްޓަމަށް ކުޑަ ބަދަލެއް ގެންނާން ޖެހެއެވެ. ހެލްޕް ލައިނުގެ އެހީތެރިކަން ހޯދުމަށްޓަކައެވެ. މިފަދަ އެހީތެރިކަމެއް ލިބުމާއެކު ރޭގަޑުގެ ނިދި ހަލާކުވެގެން ނިދިނައިސްގެން ނުނިދިގެން ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ހިތް ނުތަނަވަސްވެ ނިދިނައުމުން، ނުވަތަ ރޭގަޑު ނިދަން އުދަގޫވޭ ނިދުމަށް އޮށޯވެ އެތަކެއް އިރެއް ވޭތުވާއިރުވެސް ނުނިދި ފަރާތް ފަރާތަށް ފުރޮޅި އެގޮތް މިގޮތްވެގެން އުޅޭ އުޅުމަށް ސަލާމަތްވެ މަންފާ ކުރާނެއެވެ. މިކަމަށްޓަކައި، ރޫޙާނީ ފަރުވާ ވެއެވެ.

މީގެތެރެއިންވެއެވެ. ޚާލިދުބުނި ވަލީދު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނަށް ނިދަން ދަތިވާތީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނުގެ ތަންމަތީގައި އޮށޯވެ މިފަދައިން ކިޔަވާށެވެ. “اللهم رب السموات السبع وما أظلت ورب الأرضين وما أقلت ورب الشياطين وما أضلَّت كن لي جاراً من شر خلقك كلهم جميعاً أن يفرط علي أحد أو أن يبغى علي عز جارك وجل ثناؤك ولا إله غيرك ولا إله إلا أنت” (ترمزى)

ނިދުމަކީ މަޚްލޫޤުން އެގޮތުގައި ވުމުގެ އަސާސީ ސިފައެއް ކަމުގައިވާ ކަމަށްޓަކައި، ނިދުމާއި ނުލާއި ޚަލްޤުތަކުންނަށް އުޅުމަކީ ވެވޭނެ ކަމެއްނޫނެވެ. މިކަމަށްޓަކައި ޚާލިޤުވަންތަﷲ އެއިލާހުގެ ޚަލްޤުތަކުންނަށް ނިދުމުގެ ހަމަތަކާއި އުޞޫލުތައްވަނީ އުގަންނައި ދެއްވާފައެވެ. ނިދުމަކީވެސް ވަކި ހަމައެއްގެ މަތިން، ވަކި އުޞޫލެއްގެ މަތިން ތަރުތީބުވެގެން ކުރަންޖެހޭ، ކަމެއްކަމަށް ވުމުން، އިންސާނަކު އޭނާގެ ނިދި ހަލާކުވެ ނުނިދޭގޮތްވުމަކީ އިންސާނާގެ ތަބީޢަތުގެ ޒާތުން ބަލާއިރު، ބޮޑު ކަމެކެވެ. އެކަމައްޓަކައި އިންސާނުން އުޅެންވީ ގޮތް، ނުވަތަ ދީންކަމުގައިވާ އިސްލާމްދީނުގައި ހެލްޕްލައިނެތް ނެތްނަމަ، އެދީނަކީ ފުރިހަމަ ދީނެއްކަމުގައި ބުނާނީ ކިހިނެތްހެއްޔެވެ؟ އެހެންކަމުން ނިދި ނައިސްގެން ނިދަން އުދަގޫވެގެން އުޅޭމީހަކަށް ދީނުގައި އޮތް ގޮތް ނުވަތަ އެކަމުގެ ފަރުވާ ޝޭޚަކަށްވިޔަސް، އުސްތާޛަކަށް ވިޔަސް، ޙަކީމަކަށް ވިޔަސް، ބުނެދިނުމަކީ އެއީ އިސްލާމްދީނުގެ މޮޑަން ވާޝަނެއް ނޫނޭ، އެއީ ވައްހާބިޒަމޭ ނުވަތަ އެކްޓްރީމިޒަމޭ ނޫނީ ދެންވެސް ދީނަށް ކުރެވެން އޮތް ފުރައްސާރައެއް ކޮށް، އިގިރޭސިބަހުން މީހަކު އަގަތަކެއް ތެޅުމަކީ އެމީހަކަށް އަދި މޮޑަނިޒަމްގެ ތެރެއަށް ވަދެވޭނެ ސަބަބެއް ނޫނެވެ. މިއާޚިލާފަށް އެމީހަކަށް އެހުރެވެނީ ޝަޓަނިޒަމްގެ ތެރެއަށް ވެދެވިފައެވެ.

އިސްލާމްދީނުގައި ނިދުމާއިބެހޭ ގޮތުން ބަޔާންކޮށްފައިވާ ވާހަކަތައް ވަރަށް ގިނައެވެ. މީގެ ތެރޭގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީގެފާނަށާއި ފާޠިމަތުގެފާނަށް ނިދުމުގެ ކުރިން “سبحان الله” “والحمد لله” الله أكبر” މިއިން ކޮންމެ ކަލިމައެއް ތެއްތިރީސް ފަހަރު ކިޔަވާ ވިދާޅުވުމަށް އަމުރު ކުރެއްވިއެވެ. މިއީނިދި ނައުމާއި، އަދިވެސް އެތައްކަމަކަށް މަންފާ ކުރާނެ ކަމެއްމެއެވެ. ޞައްޙަ މަގުން ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެން ވާގޮތުގައި، އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވަން ވުމުން، އިޚްލާޞް ސޫރަތާއި މުޢައްވިޒަތައިނި ދެސޫރަތް ކިޔަވާވިދާޅުވެ، އެކަލޭގެފާނުގެ ދެއަތްޕުޅަށް ފުމެލެއްވުމަށްފަހު، އެކަލޭގެފާނުގެ މޫނު ފުޅުގައާއި ގައިކޮޅުން އަތްޕުޅު ފޯރާ ހުރިހާ ތަނެއްގައި އަތްޕުޅުން ފުއްސަވައެވެ. މިގޮތަށް ތިންފަހަރު މިކަން ކުރައްވައެވެ. ހަމައެފަދައިން ޞަޙީޙު މުސްލިމުގައި ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިފި ވަޞައްލަމަ، އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގަތުމަށްފަހު މިފަދައިން ވިދާޅުވެއެވެ. ‏ ” ‏الحمد لله الذي أطعمنا وسقانا وكفانا وآوانا فكم ممن لا كافي له ولامؤوي” ޢަބުދުﷲ ބުނި ޢުމަރުގެ ކިބައިން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެމީހާގެ ދާންމަތީގައި އޮށޯތުމަށް ގަސްދުކޮށްފިމީހާ މިއާޔަތް ކިޔާށެވެ. يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّـهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْ‌يَمَ رَ‌سُولُ اللَّـهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْ‌يَمَ وَرُ‌وحٌ مِّنْهُ فَآمِنُوا بِاللَّـهِ وَرُ‌سُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا خَيْرً‌ا لَّكُمْ إِنَّمَا اللَّـهُ إِلَـٰهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْ‌ضِ وَكَفَىٰ بِاللَّـهِ وَكِيلًا ﴿النساء: ١٧١﴾ މާތްﷲ އޭނާގެ ކިބައިން އުދަގޫތަކާއި ޝައިޠާނާގެ ކަސްތަޅުތައް ސާފުކޮށްދެއްވާނެތެވެ.

މީގެ އިތުރުން، ނިދުމުގެ ކުރިން ޝަހާދާ ކިޔުމާއި، ބަޤަރާ ސޫރަތުގެ ކުރީކޮޅާއި، އާޔަތުލްކުރުސިއާއި، ބަޤަރާސޫރަތުގެ ފަހުކޮޅާއި، ކަހަފުސޫރަތުގެ ފަހުކޮޅާއި، ތިރީތިންސޫރަތާއި، އަލްޙަމްދާއި އަދި މިނޫނަސް، ވަޙީއާއި ޙަދީޘުން އެގެން ހުރި ދުޢާތަށް ކިޔުމަކީ، ރައްކާތެރިކަމާއި އަމާންކަމުގައި އެމީހާގެ ނިދީގެ ދާންމަތި ތަނަވަސްކުރުމަށް ޒަމާނުންސުރެ، ދީނުގެ ފަރާތުން އައިސްގެން މައިންބަފައިންގެ ކިބައިން ދަރިންނަށް ނަޤުލުވަމުން ދަސްކޮށްދެމުން އަންނަ ކަންތައްތަކެވެ. މިކަންކަމާއި އަޅުވާ، މޮޑަނިޒަމްގެ ތެރެއިން، ދީނަށް ފުރައްސާރަ ކުރުމަކީ ޢިއްޒަތް ލިބޭނެ ކަމެއްކަމަށް ހީވިޔަސް، ޢިއްޒަތަކީ ބޭރު ދޮންމީހުން ދޭ އެއްޗެއްނޫނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!