މާދަމާ ވާން ހުރި ކަންތައްތައް އެނގެން ބޭނުން ހެއްޔެވެ؟

ބަނީ އިސްރާއީލުންގެ ތެރެއިން މީހަކު މޫސާގެފާނަށް ދެންނެވިއެވެ. “އަޅުގަނޑުގެ ތަޤުދީރުގައި ޖެހިގެން އަންނަ ދުވަހަށް (މާދަމަޔަށް) ލިޔުއްވާފައިވާ ކަންތައް އަޅުގަނޑަށް އެނގޭނޭގޮތް ހައްދަވައިދެއްވުމަށް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވައި ދެއްވާށެވެ. “އެނާގެ އެޚިޔާލު ދޫކޮށްލެއްވުމަށް މޫސާގެފާނު ދެންނެވިއެވެ. ނަމަވެސް އެމީހާ ގޮތްދޫނުކޮށް އެކަން އެނގޭނޭގޮތް ހައްދަވައިދެއްވުމަށް ދުޢާކޮށްދެއްވުމަށް ތަކުރާރުކޮށް އެދެމުންދިޔައެވެ. އެމީހާގެ ގޮތްދޫނުކުރުން ފެނިވަޑައިގަތުމުން މޫސާގެފާނު އެކަމަށްޓަކައި ﷲގެ ޙަޟުރަތުގައި ދޫޢާދެންނެވުމުން މާތް ﷲ އެދުޢާ އިޖާބަކުރެއްވިއެވެ.

އެމީހާ ވަރަށް އުފަލާއެކު އެތަނުން އެނބުރިދިޔައެވެ. އަދި އޭނަޔަށް އެނގުނީ ޖެހިގެން އަންނަދުވަހު އޭނާ ގެންގުޅޭ އަސް މަރުވާނެކަމެވެ. އެކަން އެނގުމުން އަވަހަށް ބާޒާރަށްގޮސް އެއަސް ވިއްކާލުމަށްފަހު ވަރަށް ހަމަޖެހިލިއެވެ. އަދި އެކަންއެނގި ގެއްލުމެއް ލިބުމުގެ ކުރިން އަސް ވިއްކާ ލެވުނީތީ ވަރަށް އުފާވެސްވިއެވެ.

އަސް ވިއްކާލި ދުވަހު އެނގުނީ ޖެހިގެން އަންނަދުވަހު އޭނާ ގެންގުޅޭ އަޅު ކަލޭގެ މަރުވާނެކަމެވެ. އެކަން ހަމައެނގުމާއެކު އަސް ވިއްކާލިގޮތަށް ބާޒާރަށްގޮސް އަވަހަށް އަޅު ކަލޭގެވެސް ވިއްކާލައިފިއެވެ. އަދި އެކަމުންވެސް އޭނާ މިންޖުވެއްޖެއެވެ. އަދި ހުރިހާކަމެއް މެދުވެރިވުމުގެ ކުރިން އެކަން އެނގި ސަލާމަތްވެވޭތީ އެމީހާ ވަރަށް އުފާވެއެވެ.

އެ އުފަލުގެމަތީގައި އޭނާ އުޅެނިކޮށް ކުއްލިއަކަށް އޭނައަށް އެނގުނީ ޖެހިގެން އަންނަދުވަހު އޭނާ މަރުވާނެ ކަމެކެވެ. އެމީހާ ވަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ. އަދި މޫސާގެފާނުގެ އަރިހަށްގޮސް އެވާހަކަ ދެއްނެވިއެވެ. މޫސާގެފާނު އެކަމާމެދު ވިދާޅުވިއެވެ. އެކަމާމެދު މާތްﷲ ބަސް ވަޙީކުރެއްވައިފިއެވެ. ޖެހިގެން އަންނަދުވަހުގެ ކަންތައްތައް އެނގޭގޮތްވުމަށް އެދުނު އެދުން ދޫކޮށްލުމަށް ދެންނެވީމެންނުހެއްޔެވެ. އެމީހާ ގޮތްދޫނުކުރުމުން އެކަމުގެ ޙަޤީޤަތާއި އޭނައެޖެހުނީ ކުރިމަތިލާށެވެ.

މޫސާގެފާނު ދެންނެވިއެވެ. ޙާޤީޤަތުގައި އެކަން ހަމަޖެހިފައިއޮތްގޮތަކީތިބާއަށް ހިތާމައެއްކުރިމަތިވުމަށް މެދުވެރިކުރެއްވީ އަސްމަރުވުމުންނެވެ. ނަމަވެސް ތިބާ އެއަސް ވިއްކާލައި ތިބާއާ ދުރުކޮށްލީއެވެ. އެއަށްފަހު ނިންމެވީ އެކަން ތިބާގެ އަޅުމެދުކޮށް ކުރެއްވުމަށެވެ. ނަމަވެސް އެއަޅުކަލޭގެވެސް ތިބާ ވިއްކާލައި މިލްކިއްޔާތާ ދުރުކޮށްލީއެވެ. ބާކީ ހުރީ ތިބާ އެކަންޏެވެ. ކުރިޔަށްއޮތް ޚަބަރު ތިބާއަށް ނޭނގުނުނަމަ އެ އަހާއި އަޅުކަލޭގެ ސަލާމަތްކޮށް ވިއްކައެއްނުލާނެއެވެ. އަދި ތިބާ މަރުގެ އަނގަމައްޗަށްދާކަށްވެސް ނުޖެހުނީހެވެ.

ވިސްނަންވީ މުހިންމު ނުޤުތާ
*****************
މިކަމުން އެނގެނީ އިންސާނާއަށް އޭނަޔަށް އެންމެ ރަނގަޅު ގޮތް ނޭނގޭ ކަމެކެވެ. ވަރަށް ގިނަ މީހުން އަބަދުވެސް ހިތަށް އަރާއެއްޗެކެވެ. މާދަމާ ވާން ހުރި ކަންތައްތައް އެނގޭނެ ނަމައެވެ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަޔަށް އިންތިޒާމުކޮށްލާނަމެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ނުރައްކަލެއްކަން ހަމަ ޔަޤީނެވެ. އިންސާނުންނާމެދު ކަންތައްތައް ރާއްވަވާފައި މިވަނީ އެންމެ ފުރިހަމަކޮށެވެ. އުފަލެއް ލިބިއްޖެނަމަ ޝުކުރުވެރިވާށެވެ. ހިތާމައެއް ކުރިމަތިވެއްޖެނަމަ އެކަމަށް ކެތްތެރިވެ ހަމްދާއި ޝުކުރު ކުރުންމަތީ ދެމިހުންނާށެވެ. މާތްﷲ ހުރިހާކަމެއްވެސް ރާއްވަވާފައިވަނީ އެންމެ މަސްލަހަތު ރަނގަޅު ގޮތުގައެވެ. އެކަމަކަށް ފާޑުކިޔޭނޭ އެއްވެސް މަޚުލޫޤެއް މިއުޑު ދަށުގަވެސް އަދި އުޑުގަވެސް ނުވެއެވެ. މިކަމުން އެންމެ ބޮޑަށް ވިސްނަންވީ އިލާހީ ޤާނޫނުގައި އެވަނީ އިންސާނުންނަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމެކެވެ.

( ނިމުނީ )

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah ya ALLAH
    Maasha ALLAH warah furihama

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!