މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނަން ބޭނުންވާނަމަ ކޮންމެ ރައްޔިތަކުވެސް ޕީޕީއެމްއާ ގުޅުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ފައްޓަވައިދެއްވުމަށް ފުވައްމުލަކަށް ވަޑައިގެން ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައެއް ޕާޓީތަކުން ކޯލިޝަން ހަދާ ވާހަކަތަކާއި އެގޮތުން ސިޔާސީޕާޓީތައް އެކި ފަރާތްފަރާތާ ގުޅެމުންދާ ވާހަކަ އަޑު އައްސަވާ ކަމަށާއި، ރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީއެއް އޮންނަން ބޭނުންވާ ފަރާތް ތަކުންނާއި، އަދި ރާއްޖޭގެ ސިޔާދަތު ދެމި އޮންނަން ބޭނުންންވާ ކޮންމެ ފަރާތަކުންވެސް ޕީޕީއެމްއާ ގުޅުމަށް އެދިލައްވާ މައުމޫން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
"ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު އެބަ ވިދާޅުވޭ ބައެއް ޕާޓީ ތަކުން ކޯލިޝަން ހަދާ ވާހަކަ އާ، އެކި ފަރާތް ފަރާތާއި ގުޅެމުންދާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ފުރިހަމަ ޑިމޮކްރެސީއެއް ކަމަށް ވާނަމަ، އެއްވެސް ބޭފުޅަކު ބޭނުން ވަނީ ރާއްޖޭގައި، އިސްލާމް ދީން ދެމި އޮތުން ކަމަށް ވާނަމަ، އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ދިވެހި ރާއްޖޭގެ ސިޔާދަތު ފުރިހަމައަށް ރައްކާތެރިވެފައި އޮންނަން ކަމަށް ވާނަމަ، އަޅުގަނޑު ދަންނަ ވާނީ އެ ބޭފުޅަކު އަވަހަށް ޕީޕީއެމްއާ ގުޅިވަޑައިގަންވާށޭ،" މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އެހެން ކަމުން އެފަދަ ސަރުކާރެއް ރާއްޖޭގައި ގާއިމް ވެފައި އޮންނަން ބޭނުންވާ ފަރާތް ތަކަށް ޕީޕީއެމްގެ ދޮރުތައް ހުރީ ހުޅުވާލާފައި ކަމަށް ވިދާޅުވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަމުގެ އިތުރުން ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ވެފައި އޮންނަން ބޭނުންވާ ކޮންމެ ރައްޔިތަކުވެސް ޕީޕީއެމްއާ ގުޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ޕީޕީއެމްގެ މި ދަތުރުގައި ގިނަ އަދަދެއްގެ މަޖިލީސް މެންބަރުންނާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބައެއް އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީޕީއެމް އިންހާމަކުރައްވައެވެ.

















advertisment
ޚިޔާލު