އިސްލާމީ އުއްމަތާއި އިޒްރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (3)

 

ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދީ ހުޅަނގުގެ ބާރުތަކުންނެވެ. އެ ދައުލަތް އުފެއްދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރީ ޒައިނިޒަމްގެ ނަމުގައި މަޝްހޫރު ވެފައިވާ ސިޔާސީ ޙަރަކާތެއްގެ ދަށުން ޔޫރަޕްގެ ޔަހޫދީންގެ ބައެއް މީހުންނެވެ. ޒައިނިސްޓުންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދީ، ފަލަސްޠީނުގެ ބިމުގައި އިޒްރޭލް އުފެއްދުމަށްޓަކައި އެންމެ މުހިއްމު ދައުރެއް ކުޅުނު ޤައުމުތަކަކީ ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާއި އެމެރިކާއެވެ. މި ހިސާބުން ވަރަށް މުހިއްމު ދެ ސުވާލެއް އުފެދެއެވެ. އެއް ސުވާލަކީ ޒައިނިޒަމަކީ ކޮބައިތޯއެވެ.

ދެވަނަ ސުވާލަކީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގައި އިނގިރޭސީންނާއި އެމެރިކާނުންނާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ މަޤުޞަދުތަކަކީ ކޮބައިތޯއެވެ. ޒަމާނުއްސުރެ ޔަހޫދީންނާ މެދުގައި ދީނީ ތަޢައްޞުބާއި ނަސްލީ އިމްތިޔާޒުގެ ލޮލަކުން ބަލަމުން އަންނަ ކްރިސްޓިއަން ހުޅަނގުގެ ޤައުމުތަކުން އެބައިމީހުންނަށް އެވަރުގެ ބޮޑު ހެޔޮކަމެއް ކޮށްދިނުމުގެ ޙަޤީޤީ ސިއްރަކީ ނުވަތަ ސިއްރުތަކަކީ ކޮބައިތޯއެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ޔަހޫދީން ޔޫރަޕްގައި ހޭދަކުރި ދުވަސްވަރަށް ކުރުގޮތަކަށް ނަމަވެސް ބަލާލަން ޖެހެއެވެ.

ޔަހޫދީންގެ ޖަމާޢަތްތައް ޔޫރަޕުގައި ފެތުރިގެން ދިޔައީ ކުރީ ބާބުގައި ދެންނެވުނު ފަދައިން ފަލަސްޠީނުގެ މައްޗަށް ރޯމަނުން ވެރިކަން ކުރި ދުވަސްވަރުއެވެ. މީލާދީން 135 ވަނަ އަހަރުގެ މަޝްހޫރު ބާރް ޚޯޝްބާ ބަޣާވާތަށް ފަހުގައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ޔަހޫދީން ޔޫރަޕްގައި އުޅެމުން ގެންދިޔައީ އަޅުވެތިކަމުގެ ދިރިއުޅުމެއްގައެވެ. ޔޫރަޕުގައި ކްރިސްޓިއަން ދީން ފެތުރުމަށްފަހު އެބައިމީހުންގެ ޙާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. ސިޔާސީ އަދި ނަސްލީ ތަޢައްޞުބުގެ ތެރެއަށް ދީނީ ތަޢައްޞުބުވެސް އިތުރުވެގެން ދިޔައެވެ. އެހެނީ ރޯމަން ކެތަލިކް ފައްޅީން ކްރިސްޓިއަނުންނަށް އުނގަންނައިދެމުން އައީ ޔަހޫދީންނަކީ “މާތްރަސްކަލާނގެ ޤަތުލު ކުރުމުގެ” ނުދިންނަވާނޭ ފާފަ ކޮށްގެން ތިބި ނުބައި ބައެއް ކަމުގައެވެ. އެބައިމީހުންނަށް ނަފްރަތު ކުރުމަކީ ދީނީ ވާޖިބެއް ކަމުގައެވެ. މި ފިކުރު ކްރިސްޓިއަން ޔޫރަޕުގެ ހުރަހަށާ ދިގަށް ފެތުރިގެން ދިޔައެވެ. އެތައް ސަތޭކަ އަހަރެއް ވަންދެން ކްރިސްޓިއަނުންގެ ނަފްރަތާއި ތަޢައްޞުބާއި އިމްތިޔާޒުގެ އަލިފާނުގައި އަނދައަނދައި ޔަހޫދީން ތިއްބެވެ. މީލާދީން 1095 ވަނަ އަހަރު ކެތަލިކް ފައްޅީގެ ފަރާތުން ޝާމްގެ މުސްލިމުންނާ ދެކޮޅަށް ޞަލީބީ ހަނގުރާމަ ފެށުމަށްފަހު ޔަހޫދީންނަށް އިތުރު އަނިޔާތަކާ ކުރިމަތިލާން ޖެހުނެވެ. ޞަލީބީން އިސްލާމީ ބިންތަކަށް ދަތުރުކުރާ މަގުމަތީގައި ޔަހޫދީ އާބާދީތަކަށް އަރައި އަންހެނުން ރޭޕްކޮށް، ފިރިހެނުން ކަތިލައި، މުދާ ފޭރެމުން ގެންދިޔައީ ވަކި ޙައްދެއް ބަލައިގެނެއް ނޫނެވެ.

ޞަލީބީ ހަނގުރާމަޔަށް ފަހުގައިވެސް ޔޫރަޕްގެ ޔަހޫދީންގެ ޙާލަތު ވަކި ރަނގަޅެއް ނުވެއެވެ. ގިނަ ޤައުމުތަކެއްގައި އެބައިމީހުން އުޅެމުން ގެންދިޔައީ މުޖުމަތަޢުގެ ޢާއްމު ފަރުދުން ދިރިއުޅޭ ސަރަޙައްދާ ވަކިކުރެވި ބަންދުކުރެވިފައި އޮންނަ ތަންތަނުގައެވެ. ގެޓޯތަކުގެ ގޮތުގައި މަޝްހޫރު ވެފައިވާ ސަރަޙައްދު ތަކުގައެވެ. މިތަންތަނުގައި އުޅެމުން ގެންދިޔަ ޔަހޫދީންނާ ދެކޮޅަށް ސިޔާސީ ގޮތުންނާއި ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އެޅިފައި ވެއެވެ. އެ ފިޔަވަޅުތަކާއި، އެފަދަ ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުގައި އެތައް ޒަމާނެއް ވަންދެން ތިމާމެންގެ ޝަޚްސިއްޔަތާއި ވަހުދަތު ހިފަހައްޓައިގެން ޔަހޫދީން އުޅުނީ ކިހިނެއްކަމާ މެދުގައި މިފަދަ މަޒުމޫނެއްގައި ފުރިހަމަޔަށް އިންސާފު ނުކުރެވޭނެތީ އެބައި ދޫކޮށްލަމެވެ.

އެކި ބާވަތްބާވަތުގެ އަނިޔާތަކާއި ތަޢައްޞުބުގެ ޤަރުނުތަކަކަށް ފަހު މީލާދީން 1700 އިގެ ފަހުކޮޅަށް ދިޔަ އިރު ޔޫރަޕުގައި ގާތްގަނޑަކަށް 1.75 މިލިއަން ޔަހޫދީން ތިއްބެވެ. މީގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދިޔައީ އިރުމަތީ ޔޫރަޕްގެ ޤައުމެއް ކަމަށްވާ ޕޮލެންޑްގައެވެ. މެދުތެރޭ ޔޫރަޕްގެ ޕްރަޝިޔާއާއި އުތުރު އިޓަލީއާއި ސްވިޓްޒަރލޭންޑާއި، ހުޅަނގު ޔޫރަޕްގެ ހޮލެންޑާއި ފަރަންސޭސި ވިލާތް ފަދަ ޤައުމުތަކުގެ ޔަހޫދީންގެ ޖުމްލަ އާބާދީއަކީ ގާތްގަނޑަކަށް 5 ލައްކައެވެ. އިނގިރޭސި ވިލާތުގައި ގާތްގަނޑަކަށް 50 ހާސް ޔަހޫދީން އުޅެމުން ގެންދިޔައެވެ. އިރުމަތީ ޔޫރަޕްގެ ހަންގޭރީއާއި ބަލްގޭރިޔާފަދަ ޤައުމުތަކުގައިވެސް ޔަހޫދީ އާބާދީތައް އޮތެވެ. މި ޤައުމުތަކުގެ ތެރެއިން ޔަހޫދީންނަށް އެންމެ ހަމަޖެހިގެން އުޅެވުނު ތަންތަނަކީ އިނގިރޭސި ވިލާތާއި ހޮލެންޑާއި ޕޮލެންޑެވެ. ހޮލެންޑާއި އިނގިރޭސިވިލާތުގައި ޔަހޫދީންނަށް ލިބިފައިއޮތް ހަމަޖެހުމުގެ ސިއްރަކީ އެ ޤައުމުތަކުގައި ދީނީ ތަޢައްޞުބުގެ ޝުޢޫރުތައް ނިސްބަތުން ކުޑަވުމެވެ. ޕޮލެންޑުގައި އޮތް ޔަހޫދީ އާބާދީ ބޮޑުވެފައި އެ ޤައުމުގެ ސަރުކާރުގެ އިދާރީ ހިންގުންތެރިކަން ބަލިކަށިވެފައި ޤައުމު ފަޤީރުވުމަކީ އެޤައުމުގެ ޔަހޫދީންނާ ދެކޮޅަށް އިމްތިޔާޒުތަކެއް ގެންގުޅުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހެވެ. މި ދުވަސްވަރު ޔަހޫދީންނަށް ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެންމެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައި އޮތީ މެދުތެރޭ ޔޫރަޕްގައެވެ.

ޔޫރަޕްގައި ޔަހޫދީންގެ ޙާލަތު އޮތްގޮތާ މެދުގައި ވާހަކަ ދައްކާ އިރު ރަޝިޔާގެ ޔަހޫދީންނާ ބެހޭގޮތުން އެއްޗެއް ބުނެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ތާރީޚުން ސާބިތުވާ ގޮތުގައި މެދު ޒަމާނުގައިވެސް ރަޝިޔާގައި ޔަހޫދީން އުޅެމުން ގެންދިޔައެވެ. ނަމަވެސް ރަޝިޔާގެ ޔަހޫދީ އާބާދީ ޔޫރަޕްގެ އެހެން ޤައުމުތަކަށްވުރެ ބޮޑުވެގެން ދިޔައީ 1815 ވަނަ އަހަރުގެ ކޮންގްރެސް އޮފް ވިއެނާ އަށްފަހު ރަޝިޔާގެ ބާރުގެ ދަށަށް ޕޮލެންޑް ދިޔުމާ ގުޅިގެންނެވެ. އެއިރު ޕޮލެންޑްގެ ޔަހޫދީންގެ އާބާދީ 1.6 މިލިއަނަށް އަރައެވެ. އޭގެ 60 ހަކަށް އަހަރުފަހުން 1880 ވަނަ އަހަރު ރަޝިޔާގެ ވެރިކަމުގެ ދަށުގައި ޕޮލެންޑުގެ ސަރަޙައްދުގައި 4 މިލިއަން ޔަހޫދީން އުޅެމުން ގެންދިޔައެވެ. ރަޝިޔާގެ ވެރިކަމުގެ ސަރަހައްދުތަކުގައި ތިބި ޔަހޫދީންނާ މެދުގައި ރޫސީ އޮރތޮޑޮކްސް ކްރިސްޓިއަން ފައްޅިން ގެންގުޅުނީ ރޯމްގެ ކެތަލިކް ފައްޅިންވެސް ޔަހޫދީންނާ ދެކޮޅަށް ގެންގުޅުނު ފަދަ ތަޢައްޞުބެކެވެ. ވެރިކަމުގެ ފަރާތުން ގެންދިޔައީ އެ ތަޢައްޞުބު ހަރުކަށި އިމްތިޔާޒީ ފިޔަވަޅުތަކާއި ދަތިކުރުމުގެ ޙަރަކާތްތަކަށް ތަރުޖަމާ ކުރަމުންނެވެ.

ފަނަރަވަނަ ޤަރުނުގެ ތެރޭގައި ޔޫރަޕަށް އަންނަން ފެށި ޢިލްމީ ހޭލުންތެރިކަމާއެކުވެސް ޔަހޫދީންގެ ޙާލަތު އެންމެ ފުރަތަމަ އޮތީ ކުރިއެކޭ ދާދި އެއްގޮތަކަށެވެ. ނަމަވެސް 1700 އިގެ ފަހުކޮޅު ހުޅަނގު ޔޫރަޕްގެ ޤައުމުތަކުގެ ޔަހޫދީންގެ ޙާލަތު މަޑުމަޑުން ބަދަލުވާން ފެށިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ޔަހޫދީން ތެރެއިން ތަޢުލީމު ހާސިލުކޮށްގެން ނިކުންނަން ފެށި ޖީލެވެ. އަނެއް ސަބަބަކީ ޔަހޫދީންނާ ދެކޮޅު ޝުޢޫރުތައް ޔޫރަޕުގައި ފެތުރުމުގައި އިސްވެ އޮތް ރޯމަން ކެތަލިކް ފަައްޅީގެ ނުފޫޒު ޔޫރަޕްގެ މުޖުތަމަޢުން ނެތެމުން ދިޔުމެވެ. ނަތީޖާއެއްގެ ގޮތުން ޔަހޫދީންނާ ދެކޮޅު ނަސްލީ އަދި ދީނީ ތަޢައްޞުބު ކުށްވެރިކޮށް އެބައިމީހުންނަށް ޔޫރަޕްގެ މުޖުތަމަޢުގައި އިންސާނީ ކަރާމާތާ އެކަށީގެންވާފަދަ މަޤާމެއް ދިނުމަށް ގޮވާލެވޭ އަޑުތައް އިވެން ފެށިއެވެ. މީގެ އެންމެ މުހިއްމު އެއް މިސާލަކީ 1781 ވަނަ އަހަރު ބަރލިންގެ މަޝްހޫރު ޅެންވެރި އަދީބެއް ކަމުގައިވާ ގޮޓްހޮލްޑް ލެސެންގ ކުރެއްވި މަސައްކަތްޕުޅެވެ. އޭނާގެ މަސައްކަތްޕުޅުގެ ސީދާ ނަތީޖާއެއްގެ ގޮތުން އޮސްޓްރިއާ ހަންގޭރީގެ އެމްޕެރަރ ޖޯސެފް ދެވަނަ އޭނާގެ ވެރިކަމުގެ ދަށުގައި އުޅެމުން ގެންދިޔަ ޔަހޫދީންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. މި ކަހަލަ ގޮތެއްގައި ޔަހޫދީންގެ ޙާލަތަށް އަންނަމުން ގެންދިޔަ ހެޔޮ ބަދަލުތަކަށް އެންމެ ބޮޑު ދިރުމެއް ލިބިގެން ދިޔައީ 1789 ވަނަ އަހަރު ފަރަންސޭސި ވިލާތުގައި ގެނެވުނު މަޝްހޫރު އިންޤިލާބަށް ފަހުގައެވެ. މި އިންޤިލާބުގައި އުފުލިގެން ދިޔަ އިންސާނީ އުޚުއްވަތާއި އިންސާނީ ޙައްޤުތަކުގެ ދިދަތަކުގެ ދަށުން ޚާއްސަ ގޮތެއްގައި ހުޅަނގު އުތުރު ޔޫރަޕްގެ ޔަހޫދީންނަށް ޙިމާޔަތާއި މިނިވަންކަން ލިބިގެން ދިޔައެވެ. “ޖުވިޝް އިމެންސިޕޭޝަން” ގެ ނަމުން މަޝްހޫރުވެފައިވާ ބަދަލުތަކާއެކު ޔަހޫދީންގެ ޙާލަތު ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ. ރަޝިޔާއާއި އެޤައުމުގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޔޫރަޕްގެ ސަރަޙައްދުތަކުގައި ޔަހޫދީންނާ ދެކޮޅަށް އެޅިފައި އޮތް ފިޔަވަޅުތަކަށް ލުޔެއް ދެވެން ފެށީ 1856 ވަނަ އަހަރަށް ފަހުގައެވެ. ކްރައިމިއާގެ ހަނގުރާމައިގައި ރޫސީން ބަލިވުމަށްފަހު ޤައުމުގެ އިޖުތިމާޢީ ޙާލަތު ރަނގަޅުކޮށް ޔޫރަޕްގެ އެހެން ޤައުމުތަކާ އެއް ފެންވަރަކަށް އައުމަށްޓަކައި ރަސްގެފާނު ޒާރ އެލެގްޒެންޑަރ ދެވަނަ ފެއްޓެވި ޚާއްސަ މަސައްކަތްޕުޅުގެ ބައެއްގެ ގޮތުންނެވެ.

ޖުވިޝް އިމެންސިޕޭޝަނަށް ފަހުގައި ހުޅަނގު ޔޫރަޕުގައި ޔަހޫދީންނަށް ލިބިގެން ދިޔަ ފުރުސަތުތަކުގެ ބޭނުންކޮށް، ވިޔަފާރިއާއި މާލިއްޔަތުގެ މައިދާނުގައި އެބައިމީހުން ހޯދަން ފެށި ކުރިއެރުމަކީ ދުނިޔޭގެ ތާރީޚުގައިވެސް އެފަދަ އެހެން މިސާލެއް ނުފެންނަވަރުގެ ކުރިއެރުމެކެވެ. ހަމަ އެފަދައިން ޔޫރަޕްގެ ސިޔާސީ މަސްރަޙުގައި ޤަދަރުކުރެވޭ ޙަރަކާތެއްގެ ގޮތުގައި ޒައިނިޒަމް އުފެދި ތަރައްޤީވެގެންދާން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީވެސް ޔަހޫދީންގެ މި ދެންނެވި އިޤްތިޞާދީ ކުރިއެރުމުގެ ސަބަބުންނެވެ. މި ކުރިއެރުމުގެ އެންމެ ރީތި މިސާލަކީ މަޝްހޫރު ރޮތްޝިލްޑް ޢާއިލާ ވިޔަފާރީގެ މައިދާނުގައި ހޯދި ހައިރާން ކުރުވަނިވި ކާމިޔާބީއެވެ. ރޮތްޝިލްޑް ޢާއިލާގެ ބާނީއަކީ ޖަރުމަނުގެ ފްރޭންކްފަރޓްގެ ޔަހޫދީ ގެޓޯއެއްގައި އުފަންވި މޭޔަރ އެމްޝެލް ރޮތްޝިލްޑެވެ. އޭނާ އެންމެ ފުރަތަމަ ކުރަމުން ގެންދިޔައީ އެއް ފައިސާ އަނެއް ފައިސާއަށް ބަދަލުކޮށްދިނުމުގެ ވިޔަފާރިއެވެ. ޖުވިޝް އިމެންސިޕޭޝަނަށްފަހު ދާދި އަވަހަށް އޭނާގެ ވިޔަފާރި މުޅި ޔޫރަޕަށް ފެތުރިގެން ދިޔައެވެ. ޔޫރަޕްގެ މާލީ މަރުކަޒުތައް ކަމުގައި ހިމެނޭ ފްރޭންކްފަރޓް، ވިއެނާ، ނޭޕްލްސް، ލަންޑަން، އަދި ޕެރިހުގައި ރޮތްޝިލްޑްގެ ވިޔަފާރީގެ ގޮފިތައް އުފެދިގެން ދިޔައެވެ. ޔޫރަޕްގައި ރޮތްޝިލްޑްގެ މުއްސަނދިކަން އޮތް މިންވަރު ދައްކައިދޭ އެތައް މިސާލެއްގެ ތެރެއިން އެއް މިސާލަކީ މީލާދީން 1818 ވަނަ އަހަރު ރޮތްޝިލްޑް ކުންފުނިން ޕްރަޝިއާގެ ސަރުކާރަށް ދިން 5 މިލިއަން ޕައުންޑުގެ ލޯނެވެ. ދެވަނަ މިސާލަކީ މީލާދީން 1825 ގައި ބޭންކް އޮފް އިންގްލެންޑަށް ދިމާވި ފައިސާގެ މައްސަލަތަކެއް ހައްލުކުރުމަށްޓަކައި ރޮތްޝިލްޑުން ވެދިން އެހީއެވެ. ސިޔާސީ ގޮތުން އެބައިމީހުންގެ ނުފޫޒު އޮތް މިންވަރު ހާމަވެގެންދަނީ އެޢާއިލާގެ ވެރީންނަށް އިނގިރޭސި ވިލާތާއި އޮސްޓްރިއާ ފަދަ ޤައުމުތަކުގެ ސަރުކާރުން ދެމުން ގެންދިޔަ މަތީ ލަޤަބުތަކާއި، އެ ޤައުމުތަކުގެ ޝާހީ ޢާއިލާތަކުން އެމީހުންނާ ބަހައްޓަމުން ގެންދިޔަ ގާތް ގުޅުމުންނެވެ.
ރޮތްޝިލްޑްގެ އިތުރުން ޔަހޫދީންގެ އެހެން ކުންފުނިތަކުންވެސް އަލަށް ލިބުނު އިޤްތިޞާދީ ފުރުސަތުތަކުގެ ބޭނުން ފަރުވާތެރިކަމާއެކު ހިފަމުން ގެންދިޔައެވެ. ޔޫރަޕްގެ އެކި ހިސާބުތަކުގައި ރެއިލްވޭތައް ބިނާކުރުމަށް ހިންގުނު ބޮޑެތި މަޝްރޫޢުތަކަށް ރައުސުލްމާލު ފޯރުކޮށްދީ، އެ ވިޔަފާރިން ރިބާގެ ގޮތުގައި މިލިއަނުން ފައިދާ ހޯދަމުން ގެންދިޔައީ ޔަހޫދީންނެވެ. ފަރަންސޭސިވިލާތާއި، އިނގިރޭސި ވިލާތާއި، ޖަރުމަނާއި، އޮސްޓްރިޔާ-ހަންގޭރީ ފަދަ ޤައުމުތަކުގެ އިޤުތިޞާދު ބިނާވެފައި އޮތީ ގާތްގަނޑަކަށް މުޅިންހެން ޔަހޫދީ ރައުސުލްމާލުގެ މައްޗަށެވެ. މާލީ މައިދާނުގައި ޔަހޫދީންނަށް ލިބުނު މުއްސަނދިކަމާއި ނުފޫޒުގެ ނަތީޖާއަކީ އިޤްތިޞާދުގެ އެހެނިހެން ދާއިރާތަކުގައިވެސް އެމީހުންނަށް އާދަޔާ ޚިލާފު ކުރިއެރުންތަކެއް ލިބުމެވެ. އެގޮތުން ރީޓެއިލް ވިޔަފާރިއާއި، ބޭސްވެރިކަމުގެ ޚިދުމަތާއި، ނޫސްވެރިކަމުގެ ދާއިރާއާއި، ޤާނޫނީ ދާއިރާގައިވެސް ޔަހޫދީން އެބައިމީހުންގެ ތޫނުފިލިކަމާއި ހުނަރުވެރިކަން ދައްކަމުން ގެންދިޔައެވެ.

އިޤްތިޞާދީ މައިދާނުގައި ޔަހޫދީން ހޯދަން ފެށި އާދަޔާ ޚިލާފު ކާމިޔާބީ ތަކާއެކު މުޅި ޔޫރަޕްގެ އިޤްތިޞާދުގެ ކޮންޓްރޯލް އެ މީހުންގެ އަތްދަށަށް ދާ ތަން ފެނުމުން އަނެއްކާވެސް ޔޫރަޕްގެ މުޖުތަމަޢުގައި ޔަހޫދީންނާ މެދުގައި ތަޢައްޞުބުގެ ޝުޢޫރުތައް އާލާވާން ފެށިއެވެ. އެންޓި-ސެމިޓިޒަމްގެ ނަމުން މަޝްހޫރުވެފައިވަނީ ޔަހޫދީންނަށް ނަފްރަތުކުރުމުގެ މި އާ އޮއިވަރެވެ. އެންޓި ސެމިޓިޒަމްގެ ނަތީޖާ ކަމުގައި ބެލެވޭ އެތައް ހާދިސާތަކެއް މެދުތެރެއާއި ހުޅަނގު ޔޫރަޕްގެ ޤައުމުތަކުގައި 1800 އިގެ ފަހުކޮޅުގެ އަހަރުތަކުގައި ހިނގާފައި ވެއެވެ. މިތާގައި މި ނަކަލު ކޮށްލަނީ އޭގެ ތެރެއިން އެއްމެ ޙާދިސާއެކެވެ. މި ޙާދިސާ ހިނގާފައިވަނީ ފަރަންސޭސި ވިލާތުގައި މީލާދީން 1894 ވަނަ އަހަރުއެވެ. ތާރީޚުގައި މި ހާދިސާ މަޝްހޫރު ވެފައިވަނީ ޑްރޭފަސް އެފެއަރގެ ނަމުންނެވެ. މައްސަލަ ފެންމަތިވީ ފަރަންސޭސި ލަޝްކަރުގެ ޔަހޫދީ އޮފިސަރެއްގެ ބޮލުގައި އެޅުވުނު ޤައުމަށް ޚިޔާނާތްތެރި ވުމުގެ ދަޢުވާއަކާ ގުޅިގެންނެވެ. ކުށްވެރިވާ ފަރާތަކީ ފަރަންސޭސިއެއް ކަން އެނގުމަށްފަހުވެސް ފަރަންސޭސި ސަރުކާރުން ދޮގު ހެކިތައް ހަދައިގެން ޔަހޫދީ އޮފިސަރ ކުށްވެރިކުރުމަށް މަސައްކަތް ކުރިއެވެ. މި ޙާދިސާއާ ގުޅިގެން ފްރާންސްގެ މުޖުތަމަޢުގެ ރައްދު އައި ގޮތުން އެ ޤައުމުގައި ޔަހޫދީންނަށް ނަފްރަތު ކުރުމުގެ ޘަޤާފަތް އޮތް މިންވަރުގެ ބޮޑުކަން ހާމަވެގެން ދިޔައެވެ.

ފަލަސްޠީނުގައި ޔަހޫދީންގެ އަމިއްލަ ދައުލަތެއް އުފެއްދުމުގެ ޚިޔާލު ވަރަށް ކުރީއްސުރެވެސް ޔަހޫދީންގެ ތެރޭގައި އެކި ގޮތްގޮތަށް އެކި މިންވަރަށް އޮތް ކަމީ ޙަޤީޤަތެކެވެ. ނަމަވެސް އެ ޚިޔާލުގައި ޒައިނިޒަމްގެ ނަން ލިބިގެންވާ ވަރުގަދަ ފިކުރެއްގެ ސިފަ ޖެހި، އެ ފިކުރު ވަރުގަދަ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ހިނގަން ފެށީ އެންޓި ސެމިޓިޒަމްގެ ޝުޢޫރުތައް ޔޫރަޕްގެ މުޖުތަމަޢުން ފެންނަން ފެށި ދުވަސްވަރުއެވެ. މީލާދީން 1800 އިގެ މެދުތެރޭގައެވެ. ޕޮލިޓިކަލް ޒައިނިޒަމްގެ ފިކުރު ފާހަގަކުރުން އެކަށީގެންވާ ގޮތެއްގައި އެންމެ ފުރަތަމަ ޔޫރަޕްގައި ފާޅުކުރި މީހެއް ކަމަށް ވަރަށް ގިނަ މުއައްރިޚުން ބައްލަވަނީ ޖަރުމަންގެ ޔަހޫދީއެއް ކަމުގައިވާ މޯސަސް ހެސް އެވެ. 1862 ވަނަ އަހަރު އޭނާ ޝާއިޢު ކުރި “ރޯމް އެންޑް ޖެރޫސަލަމް” މި ފޮތުގައި ޔަހޫދީ ޤައުމިއްޔަތުގެ މުހިއްމުކަމާއި ފައިދާތަކަށް އަލިއަޅުވާލައްވާފައި ވެއެވެ. އަދި ސޯޝަލިސްޓް ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޚިޔާލު ހުށަހަޅުއްވާފައި ވެއެވެ.

1800 އިގެ އަހަރުތަކުގެ ފަހުކޮޅަށް ދިޔައިރު ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުސޫލުތަކުގެ ދަށުން ޤާއިމު ކުރުމުގެ ފިކުރު ނުވަތަ “ޕޮލިޓިކަލް ޒައިނިޒަމް” އޮތީ މުޅި ޔޫރަޕްގައި މަޝްހޫރު ވެފައެވެ. ޚާއްސަ ގޮތެއްގައި ހުޅަނގު ޔޫރަޕްގެ ކިޔަވައިގެން ތިބި ޔަހޫދީންގެ ތެރޭގައި މި ވިސްނުން އޮތީ މޫލައި އަށަގެންފައެވެ. މިގޮތުން ޒައިނިޒަމްގެ ދިދަ ހިފައިގެން ތެދުވި އެންމެ މުހިއްމު މީހަކީ އޮސްޓްރިއާ-ހަންގޭރީގެ އަޝްކެނާޒިމް ޔަހޫދީއެއް ކަމުގައިވާ ތިއޮޑޯރ ހާރޒްލް އެވެ. މަޝްހޫރު ޑްރޭފަސް އެފެއަރގެ ހާދިސާ ހިނގި އިރު އޭނާ ހުރީ އޮސްޓްރިއާ ހަންގޭރީގެ ނޫހެއްގެ ޕެރިސް ކޮރެސްޕޮންޑެންޓްގެ ގޮތުގައެވެ. އެ ޙާދިސާގެ ޚަބަރުތައް ޔޫރަޕްގެ ޔަހޫދީންގެ ނޫސްތަކަށް ރިޕޯރޓްކުރަމުން ގެންދިޔައީ ހާރޒްލްއެވެ. ޒައިނިސްޓް ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި ހާރޒްލް މަސައްކަތް ފެށީ މި ހާދިސާއަށް ފަހުގައެވެ. ޔޫރަޕްގައި ދުވަހަކުވެސް ޔަހޫދީންނަށް ޙަޤީޤީ ހަމަޖެހުމެއް ނުލިބޭނެކަމަށް އޭނާއަށް ޤަބޫލު ކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމާ މެދުގައި ހާރޒްލްގެ ޒައިނިސްޓް ފިކުުރާއި ވިސްނުން ހާމަކުރެވިފައިވަނީ 1896 ވަނަ އަހަރު ޝާއިޢުކުރެވުނު އޭނާގެ “ދަ ޖުވިޝް ސްޓޭޓް” މި ފޮތުގައެވެ. އެއަށްފަހު ގިނަ ދުވަހެއް ނުވެ ހާރޒްލްގެ ވަރަށް ބޮޑު ޙިއްސާއާއެކު “ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަން” ވުޖޫދަށް ގެނެވުނެވެ. ޖަމްޢިއްޔާގެ އެންމެ ފުރަތަމަ ކޮންގްރެސް ބޭއްވުނީ 1897 ވަނަ އަހަރު ސްވިޓްޒަރލޭންޑްގެ ބޭލްގައެވެ. މި ކޮންގްރެސްގައި ޒައިނިސްޓް އޯރގަނައިޒޭޝަންގެ ޗެއަރމަނަކަށް ހާރޒްލް އިންތިޚާބު ކުރެވުނެވެ. އަދި ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ޚާއްސަ ޤަރާރެއް ފާސް ކުރެވުނެވެ.

ޔޫރަޕްގެ ޔަހޫދީންގެ އާބާދީގެ ގިނަ ބަޔަކު ދިޔައީ ޕޮލިޓިކަލް ޒައިނިޒަމާއި، ވޯރލްޑް ޒައިނިސްޓް އޯރގަނައިޒޭޝަންގެ އޭޖެންޑާއާ ދެކޮޅު ހަދަމުންނެވެ. އެއާއެކުވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޔޫރަޕްގެ މުހިއްމު ޝަހަރުތަކާއި އެމެރިކާގައި އެ ޖަމްޢިއްޔާގެ މަރުކަޒުތައް ޤާއިމު ކުރެވިގެން ދިޔައެވެ. ޖެހިގެން އައި އަހަރުތަކުގައި ހާރޒްލް ގެންދިޔައީ ޔަހޫދީ ދައުލަތް އުފެއްދުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އޭނާ ޖަރުމަނާއި، ޢުޘްމާނީ ދައުލަތާއި، ރަޝިޔާ ފަދަ ޤައުމުތަކުގެ އެންމެ އިސް ބޭފުޅުންނާ އެތައް ފަހަރަކު ބައްދަލު ކުރިއެވެ. 1903 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ކޮލޯނިއަލް ސެކްރެޓަރީ ޖޯސެފް ޗޭމްބަރލެއިންއާވެސް ބައްދަލުކުރިއެވެ. ޗޭމްބަރލެއިން އޭނާއަށް ހުށަހެޅުއްވީ އިރުމަތީ އެފްރިކާގައި އޮތް އިނގިރޭސި ކޮލޮނީއެއް ކަމުގައިވާ ޔޫގެންޑާގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޚިޔާލެވެ. މި ޚިޔާލު ވެގެން ދިޔައީ ހާރޒްލްއަށް ވަރަށް ކަމުދާ ޚިޔާލަކަށެވެ.

އެހެންކަމުން އޭނާ ޖެހިގެން އައި ހަވަނަ ޒައިނިސްޓް ކޮންގްރެސްގެ ހާޒިރީންނަށް މި ޚިޔާލު ހުށަހެޅިއެވެ. ނަމަވެސް ވަރަށް ވަރުގަދަ ބަޙުޡްތަކަކަށްފަހު ކޮންގްރެސްގެ ހާޒިރީން ނިންމީ އެ ޚިޔާލު ޤަބޫލުނުކޮށް ރައްދުކުރުމަށެވެ. ފަލަސްޠީނު ފިޔަވައި އެހެން ތަނެއްގައި ޔަހޫދީ ދައުލަތެއް ޤާއިމު ކުރުމުގެ ފިކުރަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ފިކުރެއް ނޫން ކަމުގައެވެ. އެހެންކަމުން “އެރެޓްޒް ޔިޒްރާއީލް” ނުވަތަ އިސްރާއީލުގެ ބިމުގައި ގައި ޔަހޫދީންގެ ދައުލަތް ޤާއިމުކުރުމަށްޓަކައި ވަރަށް ތަފްސީލީ ޕްލޭންތަކެއް އެކަށައެޅިގެން ދިޔައެވެ. ފަލަސްޠީނަށް ހިޖުރަކޮށް އާބާދުވުމަށް ޔޫރަޕްގެ ޔަހޫދީންނަށް ހިތްވަރުދީ، އެގޮތުން ހިޖުރަކުރާ މީހުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި ޢަމަލީ މަސައްކަތްތައް ކުރެވެން ފެށިއެވެ.

ޔޫރަޕްގައި ޒައިނިސްޓުންގެ ޕްލޭންތައް އެކަށައެޅެމުން ޙަރަކާތްތައް ހިނގަމުން ދިޔަ އިރު ފަލަސްޠީނު އޮތީ ޢުޡްމާނީ ތުރުކީންގެ ބިޔަ ދައުލަތުގެ ބާރުގެ ދަށުގައެވެ. އިސްލާމީ ތާރީޚުގެ އަހުލުވެރީންނަށް އޮޅިވަޑައިގެންފައި ނޯންނާނެ ފަދައިން ޢުޘްމާނީންގެ ބާރުގެ ދަށުގައި ފަލަސްޠީނު އޮތީ މީލާދީން 1516 އިން ފެށިގެން 1918 ވަނަ އަހަރާ ހަމަޔަށެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްޠީނު އޮތީ ވަރަށް ބޮޑަށް އިހުމާލު ކޮށްލެވިފައެވެ. މަރުކަޒީ ސަރުކާރުން ފަލަސްޠީނުގެ ކަންތައްތަކަށް އެކަށީގެންވާފަދަ ސަމާލުކަމެއް ދީފައެއް ނުވެއެވެ. ތުރުކީ ވެރިން ފަލަސްޠީނާ މެދުގައި ބަލަމުން ގެންދިޔައީ އިޤްތިޞާދީ ފައިދާއެއް އެތަނަކުން ނުލިބޭ އަސްކަރީ އަހައްމިއްޔަތެއް ނެތް ބިމެއްގެ ގޮތުގައެވެ. މީލާދީން 1800 އިގެ އަހަރުތަކާ ހަމަޔަށް އައިއިރު ފަލަސްޠީނުގެ ސަރަޙައްދުތައް ހިންގަން ތިބި ވެރިން މަރުކަޒީ ސަރުކާރުގެ އަމުރުތައް ހިންގަނީ ހަމައެކަނި ނަމެއްގައެވެ. މުޖުތަމަޢުގައި ބަސްކިޔަމުން އައީ ބަދަވީ އަމީރުންނާއި މުއްސަނދި ބިންވެރީންނެވެ. އިދާރީ ނިޒާމު އޮތީ ފަސާދައިގެ ތެރެއަށް ގެނބިފައެވެ. ރައްޔިތުން ތިބީ ފަޤީރުކަން މަތީގައެވެ. ޤާނޫނާއި ޤަވާޢިދު އެކަށީގެންވާ ގޮތެއްގައި ނުހިންގުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް އުފެދެމުން ދިޔައެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި ދުނިޔެއަށް އަންނަމުންދިޔަ ކުރިއެރުންތަކާއި ތަރައްޤީގެ އަސަރެއްވެސް އެ ބިމުން ފެންނަން ނެތޭ ދެންނެވުމަކީ މުޅިއަކުން ދޮގެއް ނޫނެވެ.

ޢުޘްމާނީ ދައުރުގައި ފަލަސްޠީނަކީ މީހުން ނުއުޅޭ، ދަނޑުވެރި ބިންތައް އާލާނުކޮށް ދޫކޮށްލެވިފައި އޮތް ބިމެއް ކަމުގައި ޒައިނިސްޓުން މިހާރުވެސް ދަޢުވާ ކުރެއެވެ. މި ދަޢުވާގެ މަޤުޞަދަކީ ޔަހޫދީން ފަލަސްޠީނަށް އައިސް އެތާގައި ދައުލަތެއް އުފެއްދި އިރު އެ ބިމަކީ އުޅޭނޭ ބަޔަކު ނެތި ފަޅުކޮށް ދޫކޮށްލެވިފައި އޮތް ބިމެއް ކަމުގައި ދުނިޔޭގެ ލޮލަށް ދެއްކުމެވެ. ފަލަސްޠީނުގެ އަސްލު ވަޒަންވެރީންނަކީ ނުހައްދަވާ އަޅުންތަކަކަށް ހެދުމެވެ. ނަމަވެސް ތާރީޚުން ފެންނަން އޮތް ހަޤީޤަތަކީ މި ޕްރޮޕެގެންޑާއާ މުޅީން ތަފާތު މަންޒަރެކެވެ. އެތައް ހެކިތަކުން ސާބިތުވާ ގޮތުގައި ޒައިނިސްޓް ޔަހޫދީން ފަލަސްޠީނަށް އެންމެ ފުރަތަމަ ހިޖުރަކުރަން ފެށި އިރުވެސް ފަލަސްޠީނުގައި 8 ލައްކަ އަށް ވުރެ ބޮޑު އާބާދީއެއް އޮތެވެ. އޭގެ ތެރެއިން ވަރަށް ބޮޑު ބަޔަކީ ފަލަސްޠީނީ ޢަރަބި މުސްލިމުންނެވެ. ދެން އުޅެމުން ގެންދިޔައީ ފަލަސްޠީނީ ޢަރަބި ކްރިސްޓިއަނުންނާއި ވަރަށް މަދު ޢަދަދެއްގެ ޔަހޫދީންނެވެ. ތެދެކެވެ! އެއިރު ފަލަސްޠީނު  އޮތީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ސިނާއީ ގޮތުން ޔޫރަޕާ އަޅާ ބަލާ އިރު ވަރަށް ނިކަމެތި ޙާލަތެއްގައެވެ. ނަމަވެސް މިއީ ފަލަސްޠީނުގައި މީހުން ނުއުޅޭކަމަށާއި، އެ ޤައުމުގެ ބިންތައް އޮތީ ފަޅުވެފައި ކަމަށް ދަޢުވާކުރަން ލިބޭ ޤަރީނާއެއް ނޫންކަމީ ކުޑަކުދީންވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ތަކުރާރުކޮށް ދަންނަވަން ޖެހެނީ ފަލަސްޠީނަކީ ޒައިނިސްޓް ޔަހޫދީން އެ ތަނަށް އަންނަން ފެށި އިރުވެސް ބޮޑު އާބާދީއެއް އޮތް ބިމެއް ކަމުގައެވެ.

(ނުނިމޭ)

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ރަނގަޅު މަޢުލޫމާތުހުރި ލިޔުމެއް. ސިލްސިލާކޮށް ކިޔާލަން ލިބޭނެކަމުގައި ދެކެން. މިފަދަ ލިޔުންތައް ގެނެސްދެއްވާތީ ޝުކުރު ދަންނަވަން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!