އިސްލާމީ އުއްމަތާއި އިޒްރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (1)

 

މިއީ 1 އޮގަސްޓް 2012 ގައި ދިއިސްލާމްގައި ޝާއިއު ކުރެވިފައިވާ ލިޔުމެކެވެ.

 

ފަލަސްޠީނުގެ ބިމުގެ މައްޗަށް ޔަހޫދީން ކުރާ ދަޢުވާ އެބައިމީހުން ބިނާކުރަނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ އަސާސަކީ އެބައިމީހުން ޤަބޫލުކުރާ ދީނީ ފޮތް ނުވަތަ ހިބްރޫ ބައިބްލްގައި މާތް ރަސްކަލާނގެ އިބްރާހީމް ޢަލައިހިއް ސަލާމާއި، އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު ޢަލައިހިއް ސަލާމާއި، ކާފަދަރިކަލުން ޔަޢުޤޫބު ޢަލައިހިއްސަލާމަށް ކުރެއްވި ކަމަށް ބަޔާން ކުރެވިފައިވާ ވަޢުދުފުޅެވެ.

ދެވަނަ އަސާސަކީ ފަލަސްޠީނަކީ ތާރީޚީ ގޮތުން ބަލާ އިރު ޔަހޫދީންގެ އަމިއްލަ ވަޒަނެއް ކަމުގައި ބަލަން ޖެހޭ ބިމެއް ކަމަށް އެބައިމީހުން ބުނާ ބުނުމެވެ. ކުރު ގޮތަކަށް މި ދެ ނުކުތާއަށް ބަލާލައި، މި ދެ އަސާސުގެ ހުރި ބުރަދަނަކީ ކޮބައިތޯ ވަޒަން ކޮށްލަމާ ހިންގަވާށެވެ!

ހިބްރޫ ބައިބަލްގައި ވާ ގޮތުން މާތްރަސްކަލާނގެ އިބްރާހީމް ޢަލައިހިއް ސަލާމް ގެ ދެ ދަރިކަލުންގެ ތެރެއިން އިސްޙާޤު ޢަލައިހިއް ސަލާމް ޚާއްސަ ކުރައްވައި، އެ ކަލޭގެފާނަށް ޚާއްސަ ޢިނާޔަތްތަކެއް ދެއްވިއެވެ. އަދި އެ ޚާއްސިއްޔަތާއި ޢިނާޔަތުގައި އެ ކަލޭގެފާނުގެ ދަރިފަސްކޮޅު ކަމުގައިވާ ބަނޫ އިސްރާއީލް ޝާމިލް ކުރެއްވިއެވެ. އެގޮތުން އިސްޙާޤު ޢަލައިހިއް ސަލާމްގެ ދަރިފަސްކޮޅަށް، އާދެ، ބަނޫ އިސްރާއީލަށް ދެއްވުނު އެންމެ މުހިއްމު އެއް ޢިނާޔަތަކީ ޝާމްކަރައާއި އެހެނިހެން ބައެއް ބިންތައް އެބައިމީހުންނަށް ވަޒަނެއްގެ ގޮތުގައި ޤިޔާމަތާ ހަމަޔަށް ދެއްވުމެވެ. އެހެންކަމުން ޔަހޫދީން ދަޢުވާކުރާ ގޮތުގައި އިބްރާހީމް ޢަލައިހިއް ސަލާމާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޒަމާނުގައި ކަންޢާނުގެ ބިމުގެ ގޮތުގައި މަޝްހޫރުވެފައިވާ، މިހާރު އަޅުގަނޑުމެން ފަލަސްޠީނޭ މި ކިޔާ ބިމަކީ މާތްރަސްކަލާނގެ އިބްރާހީމް ޢަލައިހިއްސަލާމަށް ކުރެއްވި ވަޢުދުފުޅުތަކުގެ ޒަރީޢާއިން އެބައިމީހުންނަށް ދެއްވާފައިވާ ބިމެކެވެ.

ފަލަސްޠީނުގެ ބިމުގެ މައްޗަށް ޔަހޫދީން ކުރާ ދަޢުވާގެ ދެވަނަ އަސާސަކީ އެ ބިމަކީ މީގެ 3000 އަހަރު ކުރީއްސުރެ އެބައިމީހުންގެ ވަޒަނެއްގެ ގޮތުގައި އޮންނަ، އެބައިމީހުންގެ ބިމެއް ކަމުގައި ބުނާ ބުނުމެވެ. އެބައިމީހުން ދެކޭ ގޮތުގައި ޔޫޝަޢު ޢަލައިހިއް ސަލާމްގެ ދުވަސްވަރު އެބައިމީހުން ފަލަސްޠީނުގެ ބައެއް ސަރަޙައްދުތައް ފަތަޙަކުރި ހިސާބުން ފަލަސްޠީނު ވަނީ އެބައިމީހުންގެ އަމިއްލަ ބިމަކަށް ވެފައެވެ.

ނަމަވެސް ޔަހޫދީންގެ ދަޢުވާގެ މި ދެންނެވި ދެ އަސާސުގައިވެސް ޙަޤީޤަތެއް ނެތްކަން ޢިލްމީ ދިރާސާތަކުން ސާބިތު ކުރެވެއެވެ. އެ ދިރާސާތަކުން ނެރެވޭ ނަތީޖާތައް މި ދަންނަވަނީއެވެ.
އެންމެ ފުރަތަމަ ޔަހޫދީންގެ ދަޢުވާގެ ދީނީ އަސާސަށް ބަލާލަމާތޯއެވެ! ކުރީންވެސް ދެންނެވި ފަދައިން އިބްރާހީމް ޢަލައިހިއްސަލާމާއި، އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު ޢަލައިހިއްސަލާމާއި، ކާފަދަރިކަލުން ޔަޢުޤޫބު ޢަލައިހިއް ސަލާމަށް ކުރެއްވި ވަޢުދުފުޅުގެ ޒަރީޢާއިން މާތް ރަސްކަލާނގެ ބަނޫ އިސްރާއީލުންނަށް ކަންޢާނުގެ ބިން ދެއްވި ކަމަށް ހިބްރޫ ބައިބަލްގައި ބަޔާން ކޮށްފައި ވެއެވެ. ކީރިތި ޤުރުއާނުންވެސް ސާބިތުވާ ގޮތުގައި ﷲ ތަޢާލާ ބަނޫ އިސްރާއީލުންނަށް ޚާއްސަ ނިޢުމަތްތަކެއް ދެއްވިއެވެ. މި ނިޢުމަތްތަކަކީ ކޮބައިތޯ، އެ ނިޢުމަތްތަކުގެ ތެރޭގައި ކަންޢާނުގެ ބިން ހިމެނޭތޯ މިއީ މި ދަނޑިވަޅުގައި މުހިއްމު ސުވާލެއް ނޫނެވެ. މުހިއްމު ސުވާލަކީ ﷲ ތަޢާލާ ބަނޫ އިސްރާއީލުންނަށް ދެއްވި ނިޢުމަތްތައް ދެއްވި ސަބަބަކީ ކޮބައިތޯއެވެ. ޝައްކެއް ނެތް ގޮތުގައި އެ ނިޢުމަތްތައް ދެއްވީ އެބައިމީހުން މުސްލިމުން ކަމުގައި ވާތީއެވެ. ދުނިޔޭގެ މީސްތަކުންނަށް ﷲ ތަޢާލާގެ ޙައްޤު ދީން އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު އެބައިމީހުންނާ ޙަވާލު ކުރައްވައި އެކަމުގެ ބަދަލެއްގެ ގޮތުންނެވެ. ނަމަވެސް އެބައިމީހުން ވަނީ ތަކުރާރުކޮށް ﷲ ތަޢާލާގެ ރަސޫލުންނާއި ނަބީންނަށް ދުއްތުރާކޮށް، އެބޭކަލުންގެ ޙުރުމަތް ކަނޑައިފައެވެ. ﷲ ތަޢާލާގެ ދީނަށް ނަޞުރު ދިނުމުގެ ބަދަލުގައި އެ ދީން ބަދަލުކޮށް ފާސިދުކޮށްފައެވެ. ޢީސާ ޢަލައިހިއް ސަލާމާ ހަމައިން ފެށިގެން ފޮނުއްވުނު ﷲ ތަޢާލާގެ ދެ ރަސޫލުން ދޮގުކޮށް، އެ ބޭކަލުންގެ ފުރާނަފުޅާއި ރިސާލަތަށް ގެއްލުން ދިނުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު މަސައްކަތް ކޮށްފައެވެ. ކަން މިހެން އޮތުމާއެކު، ﷲ ތަޢާލާ އެބައިމީހުންނަށް ކަންޢާނުގެ ބިން ދެއްވި ނަމަ ދެއްވި ސަބަބު އެބައިމީހުން އަމިއްލަޔަށް ވަނީ ނެއްތާލާފައެވެ. މީގެ ނަތީޖާއަކީ އެ ބިމަށް އެބައިމީހުންނަށް ލިބިގެންވާ ނަމަ ވާ ޙައްޤެއްވެސް ނެތިގެން ދިޔުމެވެ.

ޙަޤީޤަތަކީ ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއް ސަލާމާއި އެ ކަލޭގެފާނުގެ ދަރިކޮޅަށް ދެއްވި ދެއްވުމަކީ މުސްލިމުންނަށް ދެއްވި ދެއްވުމެއް ކަމެވެ. ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ގޮތުގައި އިބްރާހީމް ޢަލައިހިއް ސަލާމަކީ ޔަހޫދީއެއް ނޫނެވެ. ﷲ ތަޢާލާގެ ރަސްކަންފުޅަށް ތަސްލީމު ކުރައްވައިގެން ހުންނެވި މުސްލިމެކެވެ. އެހެންކަމުން ޔަހޫދީންގެ ބިލާހީ ހުވަފެންތަކާ މުޅިން ޚިލާފަށް، އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވި ހުރިހާ ނިޢުމަތްތަކަކީ މުސްލިމުންނަށް ދެއްވި ދެއްވުމެކެވެ. ބަނޫ އިސްރާއީލަށް، ނުވަތަ ޔަހޫދީންނަށް އެ ނިޢުމަތްތަކުގެ ޙިއްސާއެއް ޙައްޤު ވެގެން ވަނީ އެބައިމީހުން ﷲ އަށް އީމާންވެ ތަސްލީމު ކުރާހާ ހިނދަކުއެވެ. ޢީސާ ޢަލައިހިއް ސަލާމާއި، އަދި އޭގެ ފަހުން މުޙައްމަދު ނަބީ ކަލޭގެފާނުގެ ރިސާލަތަށް އީމާން ވާ ނަމައެވެ. އެ ދެ ބޭކަލުން ދޮގުކޮށް ކާފިރު ކުރާ ބައެއް ކަމުގައި އެބައިމީހުން ވެގަތް ހިސާބުން ﷲ ތަޢާލާގެ ޚާއްސަ ނިޢުމަތްތައް އެބައިމީހުންނަށް ޙައްޤުވެގެނެއް ނުވެއެވެ. އެއީ ކަންޢާނުގެ ބިން ކަމުގައި ވިޔަސް، އަދި އެހެން ނިޢުމަތެއް ކަމުގައި ވިޔަސް ވެހެވެ. މި ގޮތުން ބަލާއިރު ފަލަސްޠީނުގެ ބިން މިއަދު ޙައްޤު ވެގެން ވަނީ އިބްރާހީމް ޢަލައިހިއް ސަލާމާއި، އިސްޙާޤު ޢަލައިހިއް ސަލާމާއި، ޔަޢުޤޫބު ޢަލައިހިއް ސަލާމަށް ޙަޤީޤީ މާނައިގައި ތަބާވާ ބަޔަކަށެވެ. އެބޭކަލުންގެ ފިޔަވަޅުފުޅުގެ މަތީން ހިނގައި ﷲ އަށް ތަސްލީމު ކުރާ ބަޔަކަށެވެ.

ދެން ޔަހޫދީން ފަލަސްޠީނުގެ ބިމުގެ މިލްކުވެރިކަމަށްޓަކައި ކުރާ ދަޢުވާގެ ދެވަނަ ބިންގަލަށް ބަލާލަމާތޯއެވެ! އެބައިމީހުން ބުނާ ގޮތުގައި ފަލަސްޠީނަކީ މީގެ 3000 ވަރަކަށް އަހަރު ކުރީއްސުރެ އެބައިމީހުންގެ އަމިއްލަ ވަޒަނެވެ. އެބައިމީހުންގެ ބިމެކެވެ. ނަމަވެސް މި ދަޢުވާއަކީ އެކަށީގެންވާ ވަރާ ގާތްކުރާހައި ބުރަދަނެއްވެސް ނެތް ދަޢުވާއެއްކަން ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. މި ހިސާބުން އަޅުގަނޑު މި ބަލާލަނީ މި ނުކުތާއަށެވެ.

ފަލަސްޠީނުގެ ބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވެ އުޅެން ފެށީ ޔަހޫދީންނެއް ނޫނެވެ. ޔަހޫދީންގެ ކާބަފައިން ކަމުގައި ބެލެވޭނެ ބައެއްވެސް ނޫނެވެ. އަދި ނަސްލީ ގޮތުން ޔަހޫދީންނާ އެއްވެސް ތިމާގެ ކަމެއް ހުރި ބައެއްވެސް ނޫނެވެ. ތާރީޚީ ފަތްފުށްތަކާއި އާރކިއޮލޮޖިކަލް ހެކިތަކުން ސާބިތުވާ ގޮތުގައި ފަލަސްޠީނުގައި ފުރަތަމަ އުޅެން ފެށި ބަޔަކީ ކަންޢާނީންނެވެ. ކަންޢާނީންނަކީ ކޮންތަނަކުން އުފެދުނު ކޮން ދަރިކޮޅެއްގެ ބައެއް ކަމާ މެދުގައި މުއައްރިޚުންގެ މެދުގައި ޚިލާފުތައް އުފެދިފައި ވެއެވެ. ނަމަވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވިފައިވާގޮތުން އެބައިމީހުންނަކީ ފަލަސްޠީނުގެ އެންމެ ފުރަތަމަ ވަޒަންވެރީންނެވެ. އެބައިމީހުން ފަލަސްޠީނުގައި ބިނާކުރި ޝަހަރުތަކުގެ ތެރެއިން އަރީޙާ އަކީ އާރކިއޮލޮޖިކަލް ހެކިތަކާއި ޤަދީމީ ތާރީޚީ ފަތްފުށްތަކުން ހާމަވާ ގޮތުގައި ދުނިޔޭގެ އެންމެ ޤަދީމީ އެއް ޝަހަރެވެ.

ކަންޢާނީން ފަލަސްޠީނުގައި އުޅުނު ދުވަސްވަރު ޢިރާޤާއި ޝާމްކަރައިގެ އެކި އެކި ސަރަޙައްދުތަކުގައި ވެރިކަން ކުރި ވަރުގަދަ އެތައް ޙަޟާރަތެއްގެ މީހުން ކަންޢާނީންގެ ސަރަޙައްދުތައް ފަތަޙަކޮށް އެމީހުންގެ މައްޗަށް ބާރުފޯރުވާފައި ވެއެވެ. އޭގެ ތެރޭގައި ޢާމޫރީންނާއި، ޙިއްޠީން ހިމެނެއެވެ. މެސޮޕޮޓޭމިއާ، ނުވަތަ މިހާރުގެ ޢިރާޤު ދޫކޮށް ފަލަސްޠީނަށް އައި ޢިބްރީ ބަދަވީންގެ ޖަމާޢަތްތަކާއި، މެޑިޓަރޭނިއަންގެ ކްރީޓް ޖަޒީރާއިން ފަލަސްޠީނަށް ހިޖުރަކޮށް އެ ބިމުގައި ވަޒަންވެރިވި ބައެއް ޤަބީލާގެ މީހުންވެސް އެ ސަރަޙައްދަށް އައީ ކަންޢާނީން އެތާގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ފަހުންނެވެ. މުއައްރިޚުން ލަފާކުރާ ގޮތުގައި އިބްރާހީމް ޢަލައިހިއް ސަލާމް މެސޮޕޮޓޭމިއާގެ އޫރް ޝަހަރުން ނިކުމެވަޑައިގެން ކުރެއްވި ދަތުރުފުޅުގައި ފަލަސްޠީނަށް އަރާވަޑައިގަތީ ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 1550 އަހަރާ 2000 އަހަރާ ދެމެދުގެ މުއްދަތެއް ކުރީންނެވެ. އެއީ ކަންޢާނީން ފަލަސްޠީނުގެ ބިމުގައި އުޅޭތާ މަދުވެގެން 1000 ނުވަތަ 1450 އަހަރު ވީ ފަހުންނެވެ.

ބަނޫ އިސްރާއީލްގެ ފެށުން ކަމުގައިވާ އިބްރާހީމް ޢަލައިހިއް ސަލާމްގެ ކާފަ ދަރިކަލުން ޔަޢުޤޫބު ޢަލައިހިއް ސަލާމް އުޅުއްވީ ފަލަސްޠީނުގެ ބިމުގައެވެ. ނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޔަހޫދީން ނުވަތަ ބަނޫ އިސްރާއީލް ވަކި ޤައުމެއް ނުވަތަ ޤަބީލާއެއްގެ ގޮތުގައި ފެތުރިގެނެއް ނުދެއެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން އެ ކަލޭގެފާނުގެ ތިއްބެވީ 12 ބޭފުޅުންނެވެ. އެ ބޭފުޅުންގެ ޒުވާން ޢުމުރުފުޅުގައި އެކަލޭގެފާނު އެ ބޭފުޅުންނާއިގެން މިޞުރަށް ހިޖުރަކުރެއްވީއެވެ. އެއީ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް އަލައިހިއް ސަލާމަށް މިޞުރުގެ ރަސްކަމުގެ ދަރުބާރުން ލިބިވަޑައިގެންނެވި ޚާއްސަ މަޤާމާއި ޢިނާޔަތްތަކަށް ފަހުގައެވެ.
އެކަލޭގެފާނުގެ އަރިއަހުގައި ބާރަ ބޭފުޅުންގެ އިތުރަށް ދެން ތިބީ އަޅުންނާއި އަހުލުންގެ ހަތްދިހަ ވަރަކަށް މީހުންނެވެ. އެހެންކަމުން ޔަޢުޤޫބު ޢަލައިހިއް ސަލާމްގެ ދުވަސްވަރުވެސް ބަނޫ އިސްރާއީލުން ފަލަސްޠީނުގައި ވަކި ޤައުމެއްގެ ގޮތުގައި އުޅެފައެއް ނެތެވެ. އެބައިމީހުންގެ ޢަދަދު ގިނަވެ، ވަކި ޤައުމެއް ކަމުގައި ބެލެވޭފަދަ ބަޔަކަށް ވެގެން ދިޔައީ މިޞުރުގައެވެ. ޔަޢުޤޫބު ޢަލައިހިއްސަލާމްގެ އަރިއަހުގައި އެބައިމީހުން މިޞުރަށް ހިޖުރަ ކުރުމަށް ފަހުގައެވެ.

މުއައްރިޚުން ވިދާޅުވާ ގޮތުގައި ޔަޢުޤޫބު ޢަލައިހިއް ސަލާމް މިޞުރަށް ވަޑައިގެން ވަޒަންވެރިވެވަޑައިގަތީ ގުޝިން އެވެ ކިޔުނު ޝަހަރުގައެވެ. އެއިރު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއް ސަލާމަކީ މިޞުރުގެ ޢަޒީޒް ކަމުގައި ވާތީ، އެކަލޭގެފާނާއި، އަރިހުގައި މިޞުރަށް އައި އެކަލޭގެފާނުގެ އަހުލުވެރީން އުޅުއްވީ ތަނަވަސް ދިރިއުޅުއްވުމެކެވެ. މިޞުރުުގައި ޔަޢުޤޫބު ޢަލައިހިއް ސަލާމްގެ ދަރިދަރިކަލުންގެ ޢާއިލާ ދެމިގެން ދިޔައެވެ. ބަނޫ އިސްރާއީލްގެ ދަރިކޮޅު މަޑުމަޑުން ފުރިހަމަވާން ފެށިއެވެ. ނަމަވެސް އެބައިމީހުންގެ ނަޞީބު ދެރަކަމުން ޔަޢުޤޫބު ޢަލައިހިއް ސަލާމާއި ޔޫސުފް ޢަލައިހިއް ސަލާމް އަވަހާރަވުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ މިޞުރުގެ ވެރިކަން ޙުކްސޫސުންގެ އަތްމައްޗަށް ދިޔައެވެ. ބަނޫ އިސްރާއީލުންނަކީ ކުރީގެ ރަސްކަމުގެ ދަރުބާރުގައި މަޤާމުތަކެއް ލިބިފައި އޮތް ބަޔަކަށް ވުމާއެކު ޙުކްސޫސުން މިޞުރުގެ ތަޚުތު އަތުލައިގަތުމަށްފަހު ބަނޫ އިސްރާއީލްގެ މައްޗަށް އެންމެ ފުރަތަމަވެސް ބެލީ ދުޝްމަންކަމުގެ ލޮލަކުންނެވެ. މި ދުޝްމަންކަން ފުރާފުރިހަމަވެގެން އައީ ބަނޫ އިސްރާއީލުން ޙުކްސޫސުންގެ އަޅުންތަކެއްގެ ދަރަޖައަށް ވެއްޓިގެން ދިޔަ ހިސާބުންނެވެ. އިސްލާމީ ތާރީޚުންވެސް އެނގޭ ގޮތުގައި މި އަޅުވެތިކަމުގައި އެބައިމީހުން އެތައް ޖީލެއް ހޭދަކުރިއެވެ. ވަރަށް ނިކަމެތި ޙާލުގައި ޙުކްސޫސުންގެ އަނިޔާވެރިކަމުގެ އުޑީގައި ފިސްވޭވެ ތިއްބެވެ. މި އަނިޔާވެރިކަމުން އެބައިމީހުން ސަލާމަތް ކުރެއްވީ ﷲ ތަޢާލާގެ ރަސޫލާ މޫސާ ޢަލައިހިއް ސަލާމް މެދުވެރި ކުރައްވައެވެ. އެއީ ގާތްގަނޑަކަށް ޢީސާ ޢަލައިހިއް ސަލާމްގެ 1300 ވަރަކަށް އަހަރު ކުރީންނެވެ.

މޫސާ ޢަލައިހިއް ސަލާމްގެ ނަބީކަމުގެ ދުވަސްވަރު ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ދެއްވައި، އެބައިމީހުން ކަންޢާނީންނާ ހަނގުރާމަކުރަން އަމުރުފުޅު ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އެ އަމުރުފުޅަށް ރައްދު ދިނީ “މޫސާގެފާނާއި މޫސާގެފާނުގެ ވެރި ﷲ ވަޑައިގެން އެމީހުންނާ ހަނގުރާމަ ކުރައްވާށޭ، އަޅުގަނޑުމެން މިތާގައި އިށީނދެލައިގެން ކުޅިބަލަން ތިބޭނަމޭ” މި އިބާރާތުންނެވެ. މި ބޯހަރުކަމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންނަށް މާތްވެގެންވާ ބިން 40 އަހަރު ދުވަހުގެ މުއްދަތަށް މަނާކުރެވުނެވެ. އެބައިމީހުން ކަންޢާނީންނާ ދެކޮޅަށް ހަނގުރާމަކޮށް، މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ފަލަސްޠީނުގައި ވެރިކަމެއް ފެށީ އޭގެ ފަހުން، ޔޫޝަޢު ޢަލައިހިއް ސަލާމްގެ ނަބީކަމުގެ ދުވަސްވަރުއެވެ.

މިހާ ހިސާބުން ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ދެތިން ނުކުތާއެއް އެބައޮތެވެ. ފުރަތަމަ ނުކުތާއަކީ ޔޫޝަޢު ޢަލައިހިއް ސަލާމްގެ ވެރިކަމުގެ ދަށުގައި ފަލަސްޠީނުގެ ބިމުގައި ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނު ބަނޫ އިސްރާއީލްގެ ވެރިކަމުގައި ރައްޔިތުންގެ ގޮތުގައި ތިބީ ހަމައެކަނި ބަނޫ އިސްރާއީލުން ނޫން ކަމެވެ. އެބައިމީހުންގެ އިތުރުން ކުރިއްސުރެ ގެލިލީގެ ސަރަޙައްދުގައި އުޅެމުން ގެންދިޔަ ބައެއް ޤަބީލާތަކާއި، އިނގިރޭސި ބަހުން ކެނިޒައިޓްސްގެ ނަމުން ނަން ދެވިފައިވާ ޤަބީލާތަކާއި ކެނައިޓްސްގެ ނަން ދެވިފައިވާ ޤަބީލާތަކާއި، އަދި އޭގެ އިތުރުން ޔަހޫދީންނަށްވުރެ ކުރީން ފުރާތު ކޯރު ހުރަސްކޮށް ފަލަސްޠީނުގެ ބިމަށް އައިސް ނިގިވް ސަޙަރާއާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކުގައި ބަދަވީންގެ ގޮތުގައި އުޅެމުން ގެންދިޔަ ޢިބްރީންގެ ޤަބީލާތައްވެސް ޔޫޝަޢު ޢަލައިހިއް ސަލާމް ބިންގާ އެޅުއްވި ވެރިކަމުގެ ދަށުގައި އުޅުނެވެ. އެއިރު ބަނޫ އިސްރާއީލްގެ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް ދިހަ ވަރަކަށް ހާހެވެ. އެބައިމީހުންނާ ބައިވެރިވި އެހެން ޤަބީލާތަކުގެ މީހުންގެ ޢަދަދުވެސް އެބައިމީހުންނާ ދާދި އެއްވަރެއް ކަމުގައި ވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެހެންކަމުން ޔޫޝަޢު ޢަލައިހިއް ސަލާމް ބިންގާ އެޅުއްވި ވެރިކަމަކީ ހަމައެކަނި ބަނޫ އިސްރާއީލްގެ، ނުވަތަ ޔަހޫދީންގެ ވެރިކަމެއް ކަމުގައި ބުނުމަކީވެސް މުޅިއަކުން ޙަޤީޤަތެއް ނޫނެވެ.

ހަމަ އެހެންމެ، މި ދަނޑިވަޅުގައި ފާހަގަކުރަން ޖެހޭ އަނެއް ނުކުތާއަކީ ޔޫޝަޢު ޢަލައިހިއް ސަލާމް ފަލަސްޠީނުގައި ވެރިކަމެއް ޤާއިމު ކުރެއްވީ ކޮންމެހެން ޔަހޫދީ ނަސްލުގެ މީހުންނަކަށް ނޫން ކަމެވެ. އެ ވެރިކަމަކީ އެކަލޭގެފާނަށް ތަބާވެ، ﷲ ތަޢާލާއަށް ތަސްލީމު ކުރި މުސްލިމުންނަށްޓަކައި އުފެއްދެވި ވެރިކަމެކެވެ. ވުމާއެކު މިހާރުގެ ޔަހޫދީންނަށް އެ ވެރިކަމަކީ ތިމާމެންގެ ވެރިކަމެއް ކަމުގައި ބުނެ ދަޢުވާ ކުރުމުގެ ފުރުސަތެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ފާހަގަ ކޮށްލަން ޖެހޭ ތިންވަނަ ނުކުތާއަކީ ޔޫޝަޢު ޢަލައިހިއް ސަލާމް ޤާއިމު ކުރެއްވި ވެރިކަން އޮތީ ފަލަސްޠީނުގެ ވަރަށް ކުޑަ ސަރަޙައްދެއްގައި ކަމާއި، އެ ވެރިކަން ޤާއިމު ކުރެވުމަށްފަހުގައި ވެސް ފަލަސްޠީނުގެ ބޮޑު ބައެއްގައި އެބިމުގެ އަޞްލު ވަޒަންވެރީން އުޅެމުން ގެންދިޔަ ކަމެވެ. އެއްވެސް ޒަމާނެއްގައި ފަލަސްޠީނުގެ އަސްލު ވަޒަންވެރީން އެބިމުން ބޭރުކުރެވި، މުޅި ފަލަސްޠީން ޔަހޫދީންގެ ބިމަކަށް ވެފައެއް ނެތެވެ.

“ފިލިސްޓިން” މި ނަމުން ނަން ދެވިފައިވާ މީހުން އެންމެ ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ ބިމަށް އައީ ބަނޫ އިސްރާއީލުގެ ވެރިކަމުގެ ބިންގާ އެޅުނުތާ ޖީލެއް ފާއިތުވެގެން ދިޔަ ފަހުންނެވެ. ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ފޮނުއްވުމުގެ ގާތްގަނޑަކަށް 1150 އަހަރު ކުރީންނެވެ. ފިލިސްޠީނުންނަކީ އެއިޖިން ކަނޑުގެ ޖަޒީރާތަކަށް ނިސްބަތްވާ ބައެކެވެ. އެބައިމީހުން ފަލަސްޠީނަށް އައިސް ވަޒަންވެރިވީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮތް ހުސް ބިންތަކުގައެވެ. އަޝްދުދާއި އަޝްޤަލާނަކީ އެބައިމީހުން އާބާދުކުރި ޝަހަރުތަކެވެ. ފިލިސްޠީނުންނަކީ ދަގަނޑު ތެޅުމުގެ ހުނަރުވެރިކަން ލިބިފައިވާ، ހަނގުރާމައިގައި ކުޅަދާނަ ބަޔެކެވެ. ބަނޫ އިސްރާއީލުގެ ވެރިކަމުގައި މުލޫކިއްޔާއެއްގެ ސިފަ ޖެހި، ރަސްކަލުންގެ ދައުރެއް ފެށުނީ ފިލިސްޠީނުންގެ ފަރާތުން ކުރިމަތިވެގެންދިޔަ އަސްކަރީ ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިގޮތުން އެންމެ ފުރަތަމަ ބަނޫ އިސްރާއީލްގެ ރަސްކަލެއްގެ މަޤާމަށް އިސްކުރެވުނީ ޔަހޫދީން ކިޔާ ގޮތުން ނަމަ ސާއުލް، މުސްލިމުން ކިޔާ ގޮތުން ނަމަ ޠާލޫތެވެ. ޠާލޫތަށްފަހު ވެރިކަމަށް ވަޑައިގަތީ ދާއޫދު ޢަލައިހިއް ސަލާމެވެ.

ޠާލޫތާއި، ދާއޫދު ޢަލައިހިއް ސަލާމާއި، އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާން ޢަލައިހިއް ސަލާމްގެ ޒަމާނަކީ ފަލަސްޠީނުގައި އޮތް ބަނޫ އިސްރާއީލުގެ ވެރިކަމުގެ ރަންޒަމާނެވެ. މި ޒަމާނުގައި އެ ވެރިކަން މުޅި ފަލަސްޠީނަށް ފެތުރިގެން ދިޔައެވެ. ތަކުރާރުކޮށް ދެންނެވިފައި ވާނޭ ފަދައިން މި ވެރިކަމަކީ ޔަހޫދީންގެ ދަޢުވާއާ ޚިލާފަށް، އިސްލާމް ދީނުގެ ބިންގަލުގެ މަތީގައި ﷲ ތަޢާލާގެ ނަބީބޭކަލުން ބިނާކުރެއްވި އިސްލާމީ ވެރިކަމެކެވެ. އެއީ ނަސްލީ އިމްތިޔާޒުގެ ދިދައިގެ ދަށުގައި، ބަނޫ އިސްރާއީލުންގެ ނަސްލީ މަޝްރޫޢެއްގެ ނަތީޖާއެއްގެ ގޮތުން ބިނާކުރެވުނު ނަސްލީ ދައުލަތެއް ނޫނެވެ. އެހެންކަމުން މިއަދުވެސް އެ ވެރިކަމުގެ ވާރިސުން ކަމުގައި ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެން ވަނީ ދާއޫދު ޢަލައިހިއް ސަލާމާއި ސުލައިމާން ޢަލައިހިއް ސަލާމަށް ޙަޤީޤީ މާނައިގައި ތަބާވާ ބަޔަކަށެވެ. އެބަޔަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންނެވެ. ޔަހޫދީން ނުވަތަ ޢަރަބީން ނުވަތަ އެހެން ބައެއްވެސް ނޫނެވެ.

ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 931 އަހަރު ކުރީން ސުލައިމާން ޢަލައިހިއް ސަލާމް އަވަހާރަ ވުމާއެކު ބަނޫ އިސްރާއީލުގެ މުލޫކިއްޔާ ދެ ބަޔަކަށް ބެހިގެން ދިޔައެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ފަލަސްޠީނުގެ އުތުރުގައި އޮތް އިސްރާއީލެވެ. ދެވަނަ ބަޔަކީ ދެކުނުގައި އޮތް ޖޫދާ އެވެ. މި ބައިބައިވުމުގެ މައިގަނޑު ސަބަބަކީ ބަނޫ އިސްރާއީލުގެ ބާރަ ދަރިކޮޅުގެ މެދުގައި އޮތް ޚިލާފުތަކެވެ. އޭގެ ތެރެއިން އެންމެ ބައިބޯ، އެންމެ ވަރުގަދަ ޤަބީލާ ކަމުގައި ވާ ޖޫދާ ޤަބީލާގެ މީހުންނާ އަނެއް އެގާރަ ޖަމާޢަތާ ދެމެދުގައި އުފެދުނު ކޯޅުންތަކެވެ. ދައުލަތް ދެ ބަޔަށް ބައިވެގެން ދިޔަ ދިޔުމުގައި ޖޫދާގެ ނަން ދެވުނު ބަޔަކީ ޖޫދާ ޤަބީލާގެ މީހުންގެ ބާރު އޮތް ސަރަޙައްދެވެ. އިސްރާއީލަކީ އަނެއް އެގާރަ ދަރިކޮޅުގެ ނުފޫޒާއި ބާރު ބޮޑަށް އޮތް ސަރަޙައްދެވެ.
ބަނޫ އިސްރާއީލުގެ ދައުލަތް ދެ ބަޔަށް ބެހިގެން ދިޔުމަށްފަހުވެސް އިރުމަތީންނާއި ހުޅަނގު ފަރާތުން އެބައިމީހުންނާ ދެކޮޅަށް މެދުނުކެނޑި ދުޝްމަނުންގެ ޙަމަލާތައް ކުރިމަތިވަމުން ގެންދިޔައެވެ. ހުޅަނގުން ޙަމަލާތައް ދެމުން ގެންދިޔައީ މިޞުރު މީހުންނެވެ. އިރުމަތީ ފަރާތުން ޙަމަލާ ދެމުން ގެންދިޔައީ އެކި ދުވަސްވަރު އެކި ޖަމާޢަތްތަކުގެ މީހުންނެވެ. ސުލައިމާން ޢަލައިހިއް ސަލާމް އަވަހާރަ ވީތާ މާކަ ގިނަ ދުވަހެއް ނުވަނީސް ޖޫދާއާއި އިސްރާއީލް ޢާޝޫރީންގެ ބާރުގެ ދަށަށް ދިޔައެވެ. ޢާޝޫރީންނަކީ މެސޮޕޮޓޭމިއާގައި އުފެދުނު ބާރުގަދަ އަދި ބިޔަ ވެރިކަމެކެވެ.

ޢާޝޫރީންގެ ބާރުގެ ދަށަށް ބަނޫ އިސްރާއީލުން ދިޔުމަށްފަހު ދެން އައި ދައުރުތަކުގައި އެބައިމީހުންގެ ދީނީ ޢަޤީދާވެސް ވަރަށް ބޮޑަށް ފާސިދުވެގެން ދިޔައެވެ. އެގޮތުން އެބައިމީހުންގެ ފައްޅިތަކުގައި މާތްރަސްކަލާނގެ ފިޔަވައި ޢާޝޫރީންގެ ކަލާނގެތަކަށް ވެސް އަޅުކަން ކުރެވެން ފެށުނެވެ. ﷲ ތަޢާލާ އެބައިމީހުންގެ ގާތަށް އެތައް ނަބީ ބޭކަލުންނެއް ފޮނުއްވި ނަމަވެސް އެމީހުންގެ ތެރެއިން މަދު ބަޔަކު ނޫނީ އެ ބޭކަލުންނަށް އީމާންވެ ތަބައެއް ނުވެއެވެ. މިއީ ޚުދު ބައިބަލްއިންވެސް އެނގެން އޮތް ޙަޤީޤަތެވެ. މި ކަހަލަ ގޮތެއްގައި އަހަރުތައް ފާއިތުވެގެން ދިޔުމަށްފަހު ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 721 އަހަރު ކުރީން ޢާޝޫރީންގެ ލަޝްކަރުތައް ބަނޫ އިސްރާއީލުންގެ ސަރަޙައްދުގެ އުތުރު، އާދެ އިސްރާއީލްގެ ނަމުން މަޝްހޫރުވެފައި އޮތް ސަރަޙައްދަށް އަރައި އެ ސަރަޙައްދު މުޅީން ސުންނާފަތި ކޮށްލިއެވެ. އެއަށްފަހު ބަނޫ އިސްރާއީލުންގެ ނުފޫޒާއި ބާރު އެއްވެސް ސިފައެއްގައި ދެމިއޮތީ ޖޫދާ ގައެވެ. ނަމަވެސް ޖޫދާ ބަނޫ އިސްރާއީލުންގެ އަތްމަތީގައި ދެމި އޮތީ އިތުރު ދެ ޤަރުނެއްހައި ދުވަސް ވަންދެންނެވެ.

މަޝްހޫރު ބާބިލީން ޢާޝޫރީންގެ ވެރިކަން ސުންނާފަތި ކޮށްލުމަށްފަހު ދެން ދިމާ ކުރީ ބަނޫ އިސްރާއީލާ އެވެ. ޢީސާ ޢަލައިހިއް ސަލާމްގެ 586 އަހަރު ކުރީން ބާބިލްގެ މަޝްހޫރު ރަސްގެފާނު ބުޚްތަނައްސިރު، ނުވަތަ ނިބުޗަޑްނެއްޒަރު ޖޫދާއަށް އަރައި ޖެެރޫސަލަމް ވަށާލިއެވެ. މި ޙަމަލާގެ ނިމުން އައީ ވަރަށް އަނިޔާވެރި ގޮތެއްގައި ބަނޫ އިސްރާއީލްގެ ވެރިކަމުގައި ސިއްކަޖެހި، މުޅި ފަލަސްޠީން ބާބިލީންގެ ބާރުގެ ދަށަށް ދިޔަ ހިސާބުންނެވެ. އެއަށްފަހު ބާބިލީން ބަނޫ އިސްރާއީލްގެ އިސްކޮށް ތިބި ޢާއިލާތަކާއި ނުފޫޒުގަދަ މީސްމީހުންގެ އެތައް ހާސް ބަޔަކު އަޅުންގެ ގޮތުގައި ބާބިލަށް ގެންދިޔައެވެ. މަދު ޢަދަދެއްގެ ބަޔަކު މިޞުރަށް ފިލައިގެން ދިޔަ އިރު، ބަޔަކު މީހުން ފަލަސްޠީނުގައި ދެމިތިބި ކަމަށްވެސް ތާރީޚުން ދައްކައެވެ.

ބަނޫ އިސްރާއީލުގެ މީހުން ބާބިލްގައި އަޅުންގެ ގޮތުގައި ތިބި ދުވަސްވަރަކީ އެބައިމީހުންގެ ތާރީޚުގައި މުހިއްމު ދައުރެކެވެ. ކުރީން އެބައިމީހުން ވާހަކަދައްކައި އުޅުނު ބަހަކީ ކަންޢާނީންގެ ބަހުރުވައާއި މެސޮޕޮޓޭމިއާއިން ފަލަސްޠީނަށް އައި ޢިބްރީންގެ ބަހާ އެކުވެގެން އުފެދިފައި އޮތް ޢިބްރީ ބަހެވެ. ނަމަވެސް ބާބިލަށް އައުމަށްފަހު ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި އެބައިމީހުންގެ އާރާމީ ބަހުން ވާހަކަ ދައްކަން ފެށިއެވެ. އެއިރުއްސުރެ ޒަމާންތަކެއް ވަންދެން ޔަހޫދީން ވާހަކަދައްކައި އުޅުނު ބަހަކީ އާރާމީ ބަހެވެ. ޢީސާ ޢަލައިހިއް ސަލާމް ދުނިޔެއަށް ވަޑައިގެންނެވި އިރުވެސް ޔަހޫދީންގެ ބަހަކީ އާރާމީ ބަހެވެ. ފަހުގެ ދައުރުތަކުގައި އެބައިމީހުން އަނެއްކާވެސް މުސްކުޅި ޢިބްރީ ބަހުން ވާހަކަ ދައްކަން ފެށި ކަމުގައި ވިޔަސް، އަދި އަދާ ހަމަޔަށްވެސް ޔަހޫދީންގެ ތެރޭގައި އާރާމީ ބަހުގެ ނުފޫޒު އޮވެއެވެ. އެގޮތުން މަރުވާ މީހުންގެ ޖަނާޒާގައި ކިޔާ ދުޢާ މިހާރުވެސް ކިޔަނީ އާރާމީ ބަހުންނެވެ.

(ނުނިމޭ)

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސަޅި ލިއުމެއް ގިނަލިއުން ލިއަން ފެނޭ، ދި އިސްލާމްގެ މަސަތްކަތް ރަގަޅު!

  2. މާޖިދުގެ ލިޔުއްވުންތައް ވަރަށް އިންފޮމޭޓިވު. އެކަމު އަޅުގަނޑުގެ ނަޒަރުގައު އިޒްރޭލުގެ ބަދަލުގައި ޒައިނިސްޓް ޔަހޫދީން ޖެހުން މާރަނގަޅު. އިޒްރޭލް އެއީ ދަޢުލަތެއްނޫން.

  3. މާޖިދުގެ ލިއުންތައް ދިއިސްލާމުން ފެނުނީތީ ވަރަށް އުފާކުރަން. އުއްމީދުކުރަން ގިނަ ލިއުންތައް ފެންނާނެ ކަމަށް

  4. israaeelugai ves muslimun ulhey. 1947 gai UN nuvatha A/DH ge partition plan gai bunaa gothun nama israel aai falastheen akee vakin oiy dhe gaumeh. 1967 gai arabin israeel ah hamalaa dhinumun feshumee 6 dhuvahuge hanguraaama. mi hanguraamaigai israel molhuvee. ekamaku othee falastheen ge bimah erifai. eyge fahun mi hurihaa massala eh ufedhunee. vaahakaige eh bai nukiyaa mulhi haqeeqath kiyai dhee

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!