ތަޔައްމުމް ކުރުމަކީ ކޮބާ؟

 

التَيَمّم ގެ ލުޣަވީ އަދި ޝަރުޢީ މާނައަކީ ކޮބާ؟
ޖ. ބަހުގެ މާނައަކީ ޤަޞްދުކުރުމެވެ. ޝަރީޢަތުގައި ނަމާދާއި އެފަދަކަންކަން ހުއްދަކޮށްގަތުމުގެ ނިޔަތުގައި، މޫނާއި ދެއަތުގައި ފުހެލުމެވެ.

2) ތަޔައްމަމް ޝަރުޢުވުމުގެ ދަލީލަކީ ކޮބާ؟

ޖ. ސޫރަތުއް ނިސާގެ 43 ވަނަ އާޔަތުގައި ﷲ ވަހީކުރެއްވިއެވެ. وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا މާނައީ [އަދި ތިޔަބައިމީހުން ބަލިވެއުޅޭމީހުން ކަމުގައިވާނަމަ، ނުވަތަ ދަތުރެއްގެ މަތީގައި، ނުވަތަ ކުޑަގިފިލިން ނުވަތަ މާގިފިލިން އަވަދިވެގެން ތިޔަބައިމީހުންކުރެ މީހަކު އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ފަހެ ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެނަމަ، ފަހެ ސާފު ޠާހިރުވެލި ތިޔަބައިމީހުން ޤަޞްދުކޮށް އެވެލިން ތަޔައްމަމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ އަތްތަކާއި މޫނުތަކުގައި ފުހޭށެވެ! ހަމަކަށަވަރުން ﷲއީ ޢަފޫކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެއެވެ.]
އަދި ސުންނަތުން، އަބޫ އުމާމާ رضي الله عنه ގެ ޙަދީޘްއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [މުޅިބިން ތިމަންކަލޭގެފާނަށްޓަކައި އަދި ތިމަންކަލޭގެފާނުގެ އުއްމަތަށްޓަކައި ޠާހިރުވެވޭ ތަނެއްކަމުގައްޔާއި މިސްކިތްކަމުގައި ލެއްވިއެވެ.] (އަޙްމަދު)
އަދި ތަޔައްމަމް މަޝްރޫޢުވެގެންވުމުގެ މައްޗަށް އުއްމަތުގެ އެންމެހާ ދަންނަބޭކަލުން އިޖުމާޢުވެގެންވެއެވެ.

3) ތަޔައްމަމުކުރުން ޝަރުޢުވެގެންވުމުގެ ސަބަބަކީ ކޮބާ؟

ޖ. ރަސޫލާ صلى الله عليه وسلم އާއިއެކު ޢާއިޝަތުފާނު رضي الله عنها އާއި އަދި އެހެނިހެން ބޭކަލުން ދަތުރެއްގައި ނިކުމެވަޑައިގަތެވެ. އަދި ވަކި ހިސާބަކަށް ދެވުނުތަނާހެން އެކަމަނާގެ ހާރެއް ކަނޑައިގެންދިޔައެވެ. ދެން އެހާރު ހޯއްދެވުމަށް މަޑުކުރެއްވުމަށް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. މީސްތަކުން ހޯދަން ފެށިއެވެ. އެތަނުގައިވެސް އަދި އެބައިމީހުންގެ އަތުގައިވެސް ފެނެއް ނެތެވެ. މީސްތަކުން އަބޫބަކުރުގެފާނު رضي الله عنه އަށް ޢާއިޝަތުގެފާނު ކުރެއްވި ކަންތަކުގެ ޝަކުވާހުށަހެޅުމުން، އެކަލޭގެފާނު ވަޑައިގެން އެކަމަނާއަށް އެއްޗެހިވިދާޅުވިއެވެ. އެވަގުތު ރަސޫލާ صلى الله عليه وسلم އެކަމަނާގެ މާކަޅުވާ މަތީގައި ބޯއަޅުއްވައިގެން އަވަހާރަފުޅުލައްޕަވަން އޮންނެވިއެވެ. އެގޮތުގައި ފަތިސްވެއްޖައުމަށް ދާންދެނެވެ. ދެން ފަހެ، ތަޔައްމަމުގެ އާޔަތް ﷲ ބާވާލެއްވިއެވެ. މިކަން ވެގެންދިޔައީ އަބޫބަކުރުގެފާނުގެ އާއިލާގެ ސަބަބުން ލިބުނު ބަރަކާތަކަށެވެ. ފަހުން، އެކަމަނާ އިންނެވި ޖަމަލު ތެދުވުމުން، އޭގެ ދަށުން އެ ހާރު ފެނުނެވެ.

4) ތަޔައްމަމު ހުއްދަވެގެންވާ ޙާލަތްތަކަކީ ކޮބާ؟

ޖ. ބޮޑުޙަދަޘް ނުވަތަ ކުޑަޙަދަޘްވެރިވެފައިވާ މީހާއަށް، ރަށުގައި ނުވަތަ ދަތުރުގައި، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވާ ހިނދު ހުއްދައެވެ. އެއީ:
(ހ) ފެން ނުލިބުން: ފެން ލިބޭތޯ ކުޅަދާނަވީވަރަކުން މަސައްކަތްކުރަންވާނެއެވެ.
(ށ) ބައްޔެއް ނުވަތަ ޒަޚަމެއްވުން: ފެން ބޭނުންކޮށްފިނަމަ، ބަލި ބޮޑުވެދާނެކަަމަށް ނުވަތަ ފަސޭހަވުން ލަސްވެދާނެކަމުގެ ބިރުހީވާ ހިނދެވެ. އެކަން އަންދާޒާކުރާނީ ތަޖުރިބާއިން ނުވަތަ އިތުބާރުހުރި ޑަކްޓަރުންގެ ލަފާއިންނެވެ.
(ނ) ފެންވަރަން ކުޅަދާނަ ނުވާވަރަށް ފެން ފިހިވުން: އެފެން ބޭނުންކޮށްފިނަމަ، އެފެން ބޭނުންކުރުމުން ގެއްލުމެއް ލިބިދާނެކަމަށް ޔަޤީންވާހިނދުގައެވެ. އަދި އުޖޫރައެއް ދީގެންވެސް ފެން ހޫނުކުރުމަށް ކުޅަދާނަވެގެން ނުވާނަމައެވެ.
(ރ) ފެން ގާތުގައިހުރެ ބިރެއްގެ ސަބަބަުން ފެން ބޭނުންކުރުމަށް ނޭދުން: އެބަހީ އޭނާގެ ނަފްސަށް، މާލަށް، އަބުރަށް ނުވަތަ އޭނާގެ އެކުވެރީންނާއި ވަކިވެދާނެކަމުގެ ބިރުހީވާނަމައެވެ. ނުވަތަ އެމީހަކުދެކެ ބިރުގަންނަ ދުޝްމަނަކު، އެއީ އާދަމުގެ ދަރިއަކަށްވިޔަސް އަދި އެނޫންވިޔަސް އޭނާއާއި ފެނާއި ދެމެދުގައިވާނަމައެވެ.
(ބ) ފަހުން ބޭނުންކުރުމަށްޓަކައި ފެން ރައްކާކުރަން އެދުން: އެއީ އޭނާ ނުވަތަ އެނޫން މީހަކު ބުއިމަށްޓަކައެވެ. ދަތްއަޅާ ކުއްތާއަކަށް އަދި އެނޫންވެސް ޖަނަވާރަކަށް، ނުވަތަ ފުށްމޮޑުމަށް ނުވަތަ ކެއްކުމަށްޓަކައި، ނުވަތަ ޢަފޫނުވަނިވި ނަޖިހެއް ފިލުވާލުމަށްޓަކައެވެ.
(ޅ) ފެން ލިބޭނެކަން އެނގި، އެކަމަކު ފެން ލިބޭއިރު ނަމާދު ވަގުތު ހިނގައިދާނެކަމުގެ ބިރު ހީވުން: އެފަދަ މީހާ ތަޔައްމަމު ކުރާނީއެވެ. އަދި ނަމާދު އިޢާދަކުރުމެއް ނުވެއެވެ.

5) الصَّعِيْد އަކީ ކޮބާ؟

ޖ. ބިމުގެ ޖިންސުތަކުގެ ތެރެއިން ޠާހިރު ކޮންމެ ބާވަތެކެވެ. ﷲގެ ބަސްފުޅުގައިވާ ފަދައިންނެވެ. فَتَيَمَّمُوا صَعِيدًا طَيِّبًا މާނައީ [ފަހެ ތިޔަބައިމީހުން ޠާހިރު ޞަޢީދުން ތަޔައްމަމުކުރާށެވެ!] ބަހުގެ ޢިލްމުވެރިންގެ އިޖުމާޢުވެލައްވާގޮތުގައި، ޞަޢީދަކީ ބިންމަތީގައިވާ (ވެލިފަދައިން) ކޮންމެ އެއްޗެކެވެ. އެހެންކަމުން، ހިލަ، ހިލަވެލި، އުވަ ފަދަ އެއްޗެހިން ކުރެވޭނެއެވެ. ހިރަފުސްހުރި އަދި ނެތްކަމުގައިވިނަމަވެހެވެ.

6) ތަޔައްމަމް ކުރާނީ ކިހިނެއް؟

ޖ. (ހ) ނިޔަތްގަތުން.
(ށ) ﷲގެ އިސްމުފުޅުން ފެށުން.
(ނ) ޠާހިރުވެލީގައި ދެއަތުން ޖަހައިލުން.
(ރ) ދެއަތުން މޫނުގައި ފުހުމަށްފަހު (ހަމަ އެދެއަތުން، އިތުރަށް ޖެހުމެއްނެތި) ދެއަތްތިލަ ހުޅާއިއެކު ފުހެލުން.

7) ތަޔައްމަމްކުރުމުގެ ސަބަބުން ހުއްދަވަނީ ކޮންކަންކަމެއް؟

ޖ. ވުޟޫކުރުމުގެ ނުވަތަ ހިނައިގަތުމުގެ ސަބަބުން ހުއްދަވާ އެންމެހާކަމެއް ހުއްދަވެއެވެ. ނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި އަދި މިނޫންވެސް ކަންކަމެވެ. އޭނާ އެދޭވަރަކަށް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރިވެދާނެއެވެ. އަދި މިކަން ޞައްޙަވުމަށްޓަކައި ވަގުތުވަނުން ޝަރުޠުވެގެނެއްނުވެއެވެ. ތަޔައްމަމު ނަފީކުރުވާކަމެއް މެދުވެރިވުމަށް ދާންދެން އޭގެ ޙުކުމް ވުޟޫގެ ޙުކުމް ފަދައެވެ. އެހެނީ އެއީ ވުޟޫގެ ބަދަލެއްކަމުގައިވާތީއެވެ.

8) ތަޔައްމަމް ނަފީކުރުވާ ކަންތައްތަކަކީ ކޮބާ؟

ޖ. (1) ފެން ލިބި ބޭނުންކުރުމަށް ކުޅަދާނަވުން.
(2) ވުޟޫ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވުން.

9) ތަޔައްމަމް ކޮށްގެންހުރިމީހާ، ނަމާދުކުރުމުގެ ކުރިން، ނުވަތަ ފަހުން، ނުވަތަ ކުރަމުން ދަނިކޮށް ފެން ލިބިއްޖެނަމަ އެފަދަމީހާ އަލުން ނަމާދު އިޢާދަކުރަން ޖެހޭނެތަ؟

ޖ. ތަޔައްމަމްކޮށް ނަމާދުކުރުމަށްފަހު، ފެން ލިބިއްޖެނަމަ ނަމާދު އިޢާދަކުރުމެއް ނުވެއެވެ. ނަމަވެސް، ނަމާދުކުރުމުގެ ކުރިން ނުވަތަ ނަމާދުކޮށް ނުނިމެނީސް ފެން ލިބިއްޖެނަމަ، އެފަދަ މީހާގެ ނަމާދު ބާޠިލްވާނެއެވެ. އަދި އޭނާ ވުޟޫކޮށް ނަމާދު އިޢާދަކުރަން ޖެހޭނެއެވެ.

10) ޖިމާޢުވުމަށްފަހު، ނުވަތަ އިޙްތިލާމްވުމަށްފަހު، ނުވަތަ ޙައިޟުވުމަށްފަހު، ތަޔައްމަމް ކުރުމަށްފަހު ނަމާދުކުރިފަހުން ފެން ލިބުމުން، އެފަދަ މީހާގެ ނަމާދު އިޢާދަކުރުންވޭތަ؟

ޖ. ނަމާދު އިޢާދަކުރުމެއް ނުވެއެވެ. އެހެނަސް، ފެނުން ހިނައިގަންނަން ޖެހޭނެއެވެ. އެއްފަހަރެއްގައި ރަސޫލާ صلى الله عليه وسلم ނަމާދުކުރެއްވުމަށްފަހު، ނަމާދު ނުކޮށް އިން މީހަކު ފެނިވަޑައިގެން، ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އޭނާ ޖަވާބުގައި ފެން ނުލިބިގެންކަމަށް ބުނުމުން، ވެލިން ފުދޭނެކަމަށް ޙަދީޘްކުރެއްވިއެވެ. ދެން ފަހުން ފެން ލިބިވަޑައިގަތުމުން، އެކަލޭގެފާނު صلى الله عليه وسلم އޭނާއަށް ފެން ގެނެސްދެއްވާ އެއިން ހިނައިގަތުމަށް ޙަދީޘްކުރެއްވިއެވެ. (ބުޚާރީ)

11) ޒަޚަމެއްގެ މަތީގައި އަޅާފައިވާ ބެންޑޭޖު ނުވަތަ އެފަދަ ކޮންމެ އެއްޗެއްގެ މަތީގައި ފޮހެލުން ހުއްދަވެގެންވޭތަ؟

ޖ. ވުޟޫކުރުމުގެ ތެރޭގައި ނުވަތަ ހިނައިގަތުމުގެ ތެރޭގައިވިޔަސް ހުއްދަވެގެންވެއެވެ. މިކަމުގައި ވާރިދުވެފައިވާ ޙަދީޘްތައް ޟަޢީފެއްކަމަކު، އޭގެ ގިނަ ސަނަދުތައް އެއްސަނަދު އެނެއް ސަނަދަށް ބާރުދެއެވެ. އަދި ޒަޚަމަށް ބޮޑަށް ގެއްލުންވެ، ނުވަތަ ތަދު ބޮޑުވާނެކަމަށް ޤަބޫލުކުރާނަމަ، ފެން ހޫނުކޮށްގެން ނަމަވެސް އޭގެ މަތީގައި ފެން ހާކާލުން ވެއެވެ. ފުހުމުގައި ވަކި ވަގުތެއް ނުވެއެވެ. އެކަމަކު އެ ބެންޑޭޖު ނައްޓައިލުމުން ފުހުން ނަފީވެ އަލުން ފުހެން ޖެހޭނެއެވެ.

12) ޠާހިރުވާނެގޮތެއް ނެތްމީހާގެ (ދެޠަހާރަތު ގެއްލިފައިވާމީހާގެ) ނަމާދު އިޢާދަކުރަން ޖެހޭނެތަ؟

ޖ. ފެން އަދި ވެލިވެސް ނުލިބުނުމީހާ، ކޮންމެ ޙާލަތެއްގައި ހުރެ ނަމާދުކުރިނަމަވެސް، އަލުން އިޢާދަކުރާކަށް ނުޖެހޭނެއެވެ. އެއްފަހަރެއްގައި، ޢާއިޝަތުގެފާނު رضي الله عنها އަސްމާ رضي الله عنها ގެ އަތުން ހާރެއް ގެންނެވިއެވެ. އަދި އެހާރު ކަނޑައިގެން ވެއްޓުމުން، އެ ހޯދުމަށް ރަސޫލާ صلى الله عليه وسلم ބަޔަކު ފޮނުއްވިއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، ފެން ނުލިބުމުން، ފެނާއި ނުލައި ނަމާދުކުރެއްވިއެވެ. އެބޭކަލުން ރަސޫލާ صلى الله عليه وسلم އަރިހަށް ވަޑައިގެން މިކަމުގެ ޝަކުވާ އުފުލުމުން، ތަޔައްމަމްގެ އާޔަތް ބާވާލެއްވުނެވެ. (މުސްލިމް) އެކަމަކު، ރަސޫލާ صلى الله عليه وسلم އެބޭކަލުންގެ ނަމާދު އިޢާދަކުރެއްވުމަކަށް ނާންގަވައެވެ. އިމާމް ނަވަވީ ދެކެލައްވާގޮތުގައި މިއީ (މިކަމުގައި) އޮތް އެންމެ ވަރުގަދަ ބުނުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!