އަހަރެމެންގެ ލޮލުން މިކުރަނީ ކީއްހެއްޔެވެ؟

ލޯއަނދިރި ފިރިހެންކުއްޖަކު ޢިމާރާތެއްގެ ސިޑިމަތީގައި ގަނޑެއް ހިފަހައްޓައިގެން އިނެވެ. އޭނާގެ ފައިކައިރީގައި އޭނާގެ ބޮލުގައި އަޅާ ތޮފި އުޑުތިލަމަތިން ބާއްވާފައި އޮތެވެ. އޭގައި ދެތިން ރުފިޔާ އޮތެވެ. އެ ފިރިހެން ކުއްޖާ ހިފަހައްޓައިގެން އިން ގަނޑުގައި ލިޔެފައި ވެއެވެ.
” އަހަރެންނަކީ ލޯ އަނދިރި ކުއްޖަކީމެވެ. އަހަރެންނަށް އެހީއެއްވެދޭށެވެ”
ކައިރިން ހިނގާފައި ދިޔަ މީހެއް މިކުއްޖާ ފެނުމުން ހިތުގައި ހަމްދަރުދީ އުތުރި އަރަންފަށައިފިއެވެ. އޭނާގެ ޖީބު އޭނާ ހާވާލިއެވެ. އެ ފަގީރު ނިކަމެތި ލޮލަށް ނުފެންނަ ކުއްޖާއަށް ދޭނެ އެއްޗެއް އޮތްތޯ ބެލުމަށެވެ. އޭނާގެ ޖީބުން ނެގި ވަކިލާރިތަކެއް މިކުއްޖާގެ ލާރިއަޅަން ބާއްވާފައި އޮތް ތޮފީގެ ތެރެއަށް ލައިދިނެވެ. އަދި އެކުއްޖާގެ އަތުން އެ ބޯޑު އަތުލުމަށްފަހު އާ މެސެޖެއް އެ ބޯޑުގެ އަނެއްފުށުގައި ލިޔެފައި އެކުއްޖާގެ އަތަށް ދިނެވެ.
އިރުކޮޅެއްގެ ފަހުން އެއްކަލަ ތޮފި ލާރިން ފުރެންފަށައިފިއެވެ. ދާ ކޮންމެ މީހަކުވެސް އެކުއްޖާގެ ގާތަށް ލެފިލާފައި އެދަނީއަކީ އެތޮފިން ލާރި ނަގައިގެނެއް ނޫނެވެ. ނަމަވެސް އަދި ކީއްހެއްޔެވެ؟ އެމީހުންގެ ޖީބުން ލާރި ނަގާފައި އެ ތޮއްޕަށް ލައިދެމުންނެވެ. ވަކިވެގެން އެދަނީ ލޯތްބާއި ހަމްދަރުދީއާއި ބަންޑުންވެފައިވާ އޭނާގެ ޖަޒުބާތުތައް އުތުރު އަރާ ހާލުގައެވެ.
މެންދުރުވެއްޖެއެވެ. އެކުއްޖާއަށް ހަމްދަރުދީވިމީހާ އަނެއްކާވެސް އެކުއްޖާގެ ހާލުބަލައިލަން އަތުވެއްޖެއެވެ. ކަންތައްތައް ބަދަލުވެފައިވާ ގޮތް ބަލާލަން އޭނާ ބޭނުންވެފައިވިއެވެ. މި މީހާ ކައިރިވުމުން އެކުއްޖާއަށް ފިޔަވަޅުގެ އަޑުން އެއީ ކާކުކަން ދެނެގެންފިއެވެ.
” ތިބާތަ އަހަރެންގެ ގަނޑުގައި ލިޔެފައިވާ މިވާ ޢިބާރާތް ބަދަލުކުރީ؟ އެހެންވިއްޔާ އަހަރެންނަށް ބުނެދީބަލާށެވެ. ތިބާ މި ގަނޑުގައި ލިޔުނީ ކީކޭ ހެއްޔެވެ؟ ”
އެމީހާ ޖަވާބު ދިނެވެ.
“އަހަރެން ލިޔުނީ ޙަޤީޤަތެކެވެ. ތިބާ ލިޔެފައިވާ ޢިބާރާތް އެހެން ޢިބާރާތަކަށް ބަދަލުކޮށްލީއެވެ. ނަމަވެސް އަހަރެން ލިޔުނީ ހަމަ ތިބާވެސް ލިޔެފައިވާ ވާހަކައެވެ. އެހެން ބަސްތަކަކުންނެވެ. ”
އޭނާ ލިޔުނީ މިފަދައިންނެވެ.
” މިއަދަކީ ހާދަ ހިތްގައިމު ދުވަހެކެވެ. ނަމަވެސް އަހަރެންނަކަށް މިދުވަހުގެ ހިތްގައިމުކަމެއް ނުފެނެއެވެ”
އޭ މިލިޔުން ވިދާޅުވަމުންދާ ކިޔުންތެރިޔާއެވެ. ފުރަތަމަ ލިޔެފައިވާ މެސެޖާއި އަދި ދެވަނަ ފަހަރަށް ލިޔެފައިވާ މެސެޖު ތަފާތުކަމަށް ތިބާއަށް ހީވޭ ހެއްޔެވެ؟
ހަމަ ޔަގީނުންވެސް ދެ އިބާރާތުން ބުނަނީ އެއްވާހަކައެކެވެ. އެއީ އެ ކުއްޖާއަކީ ލޯ އަނދިރިކުއްޖެއްކަމެވެ. ނަމަވެސް ފުރަތަމަ ޢިބާރާތުން ދޭހަވަނީ ހަމައެކަނި އެކުއްޖާގެ ލޮލަށް ނުފެންނަ ކަމެވެ. ނަމަވެސް ދެވަނަ އިބާރާތުން އެބުނަނީ ކީކޭ ހެއްޔެވެ؟
އެ އިބާރާތުގައި އެބުނަނީ އެ ޢިބާރާތް ކިޔަމުންދާ މީހުންނަކީ ހާދަ ނަސީބުގަދަ ބަޔެކޭ އެވެ. އެބައިމީހުންނަށް ﷲ ތަބާރަކަ ވަތަޢާލާ ދެއްވި ފެނުމުގެ ނިޢުމަތަކީ ކިހާ އަގުހުރި ކަމެއްކަން އެ އިބާރާތުން ދޭހަވެއެވެ.
އޭ އަޚާއެވެ. އަހަރެމެން އެބަ އަހަރެމެންނަށް ﷲ ދެއްވި މި ނިޢުމަތަށް އެބަ ޝުކުރު ކުރެވޭ ހެއްޔެވެ؟ އެ އިލާހު ނުރުއްސަވާ ތަކެތި ބެލުމުގައި ވަޤުތު ފާއިތު ނުކުރެވޭ ހެއްޔެވެ؟ އެއިލާހު މަނާކުރެއްވި ތަކެތި ބެލުމުގައި މި ލޮލުން އިޝްރާފު ނުކުރަމުހެއްޔެވެ؟
ﷲ ތަބާރަކަ ވަތަޢާލާ މުއުމިނޫން ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ.
” އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ނަމަވެސް ތިޔަބައިމީހުން ޝުކުރުކުރަނީ، ވަރަށްވެސް މަދުންނެވެ. “

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިލިޔުމަކާ ސުރުޚީ އަކާ ނުގުޅޭ ކަމަށް ފާހަގަ ކުރެވޭ!އެކަމަކު ވ.ރީތި

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!