ބާއްޖަވެރި ޒަވާޖީ ޙަޔާތެއް ބޭނުން ނަމަ


މިޒަމާނުގައި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން ތިބާގެ ބައިވެރިޔާ ގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާމެދު ވިސްނާލީ ތިޔައިގެ ތެރެއިން ކިތަށް ބޭފުޅުން ތޯއެވެ؟ އަންހެންބޭކަނބަލަކު ކައިރި ތިބާގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކަކީ ކޮބައިތޯ އަހާލައިފިނަމަ އާންމުގޮތެއްގައި ލިބޭނީ ވަރަށް ވެސް އެއްކަހަލަ ޖަވާބު ތަކެކެވެ. ” އޭނަ ވަރަށް ހޭންޑްސަމް ވާންވާނެ، އިސްކޮޅުން ވަރަށް ދިގުވާން ޖެހޭނެ، ސަޅި ޖޮބެއްގަ އުޅެން ޖެހޭނެ” އެއް އުޚްތަކު މިހެން ބުނެލާއިރު ” އޭނަ އެހާ ދޮންވެގެން ނުވާނެ، ވަރަށް ކެއަރ ކުރަން ޖެހޭނެ” އަނެއް އުޚްތަކު ބުނެލާނެއެވެ. ހަމަ މިސުވާލު ފިރިހެން ބޭފުޅަކާ ކޮށްލައިފިނަމަ ” އޭނަ ވަރަށް ދޮންވާން ޖެހޭނެ، ވަރަށް ލޫޅާފަތި ވާން ޖެހޭނެ” އެއް އަޚަކު ބުނާއިރު “އޭނަ ލަދުރަކި ވާން ޖެހޭނެ، ފުރަތަމަ ނަޒަރުން ވެސް ހިތްކިޔާ ކަހަލަ ގޮތެއް ހުންނަން ޖެހޭނެ އަނެއް އަޚަކު ބުނެލާނެއެވެ. ތިބާގެ ބައިވެރިޔާ އަކީ ކިހާ ދީންވެރި އިސްލާމް ދީނުގެ ހަމަތަކަށް ލޯބިކުރާ ބައިވެރިއެއް ތޯ ބަލާލީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ތޯއެވެ؟

   ކައިވެންޏަކީ މުޅިއުމުރަށް ޖަހާލެވޭ ވަރުގަދަ ގޮށަކަށް ހެދުމަށް ޓަކައި ދީންވެރި ޚުލްޤު ހެޔޮ ބައިވެރިއަކު އިޚްތިޔާރު ކުރުމަކީ އެންމެ އެދެވިގެން ގޮތެވެ.ހަމަ ޔަޤީނުން ވެސް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ވޭތުކުރެވޭނީ ﷲ ތަޢާލާ ރުއްސަވާމަގުގައި ފައިތިލަ ސާބިތުކޮށްގެން ޔަޤީނެވެ. މިގޮތުން ބަލާއިރު ޚުލްޤު ހެޔޮ، ދީންވެރި ތިމާ އާ ހުރިހާ ގޮތަކުން ވެސް އަރާއަރަފޯދިގެންވާފަދަ ބައިވެރިއަކު އިޚްތިޔާރު ކުރެވިއްޖެނަމަ ތިމާގެ ދިރިއުޅުން ﷲގެ ރަޙްމަތާއެކު ބާއްޖަވެރި ވެގެން ދާނެކަން ކަށަވަރެވެ. މީހަކު ބައިވެރި އަކު އިޚްތިޔާރު ކުރުމުގައި ބަލާ ކަންކަމަށް އިޝާރާތް ކުރައްވަމުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلَّى الله عليه وسّلم ޙަދީޘް ކުރައްވާފައި ވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ” ކައިވެނި ކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް އާންމުކޮށް މީހުން ބަލާއުޅެއެވެ. އެއީ އޭނާގެ ފައިސާވެރި ކަމަށާއި ، އޭނާގެ ޙަސަބާ ނަސަބަށާއި،އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީންވެރިކަމަށެވެ.މީގެތެރެއިން ދީންވެރިކަމުގެ ސިފައަށް އެންމެ އިސްކަމެއް ދޭށެވެ. ހުރިހާ ކާމިޔާބީ އެއް އޮތީ މިގޮތަށް ޢަމަލުކުރުމުގައެވެ.” މިއުންމަތުގެ ރަސޫލާ މުޙައްމަދު صلَّى الله عليه وسّلم މިވަނީ އެކަލޭގެ ފާނުގެ އުންމަތުގެ އެންމެހާ ފިރިހެނުންނަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަންތަކާމެދު އިރުޝާދު ދެއްވާފައެވެ. ވީއިރު މިޒަމާނުގެ ގިނަ ފިރިހެންބޭފުޅުން ބައިވެރިއަކު އިޚްތިޔާރު ކުރާއިރު ދީންވެރި، ޚުލްޤުހެޔޮބައިވެރިއަކު ހޯދުމުގެ ބަދަލުގައި އެހެނިހެން ދުނިޔެވީ ކަންކަމާއި ދިމާއަށް ނަޒަރު ހުއްޓާލާކަމީ ހަމަ ހައިރާންވާން ޖެހޭ ކަމެކެވެ. ދީންވެރި ކަމާއި އެކު ދެން ހުރި ސިފަ ތައް ފުރިހަަމަވެެގެން ދިއުން ރަނގަޅެވެ. އެހެންނަމަވެސް ދީންވެރިކަމެއް ނެތި ދެން ހުރި ސިފަތައް ފުރިހަމަ ވެފައިވާ މީހަކު އިޚްތިޔާރު ކޮށްފިނަމަ ތިމާގެ ޒަވާޖީ ޙަޔާތް އެފުށް މިފުށަށް ޖެހުމަކީ ނުވެނުދާނެ ކަމެއްކަމުގައި ދަންނަވާލަން ޖެހެއެވެ.

       ނައުގައި ދަތުރަށް ފަށާއިރު އެނަވުގެ މާލިމީ އަކަށް ތިބާ ހުންނަ އިރު އެނަވުގެ ކައްޕި އަކީ ހުންގާނު ހިފަން އެންމެ ޤާބިލު މީހާ އަށް ނުވެއްޖެނަމަ ނޫނީ އެކަމަށް ޝަޢުޤުވެރިކަން ނެތް މީހަކަށް ވެއްޖެނަމަ މާލިމީ ކިތަންމެ ކުޅަދާނަޔަސް ނަވު ރަނގަޅު މިސްރާބަށް ދުއްވޭނެހެއްޔެވެ؟ ނުވަތަ ދޯނީގެ ކައްޕި ކިތަންމެ ހުށިޔާރުވިޔަސް މާލިމީ އަކީ ހުށިޔާރު މީހަކަށް ނުވެއްޖެނަމަ އެނަވުގެ ޙާލު ނިކަން ޚިޔާލުގެ ލޮލަކުން ތަޞައްވުރު ކޮށްލައްވާށެވެ. އެނަވުގެ ކައްޕި އަށް ފަޅުވެރި ކުދިންނަށް އެންމެ ރަނގަޅު އިރުޝާދު ނުދެވިއްޖެނަމަ މޫސުން ގޯސްވެ ނަވުގެ ތެރެ ހަލަބޮލި ވާހިނދު ދެން ނަވުގެ ތެރޭގައި ކަންތައް ތައް ހިނގާނެ ގޮތް ސިފަކޮށްލައްވާށެވެ. ފަޅުވެރިކުދިންނަށް ރިޔާ ތިރިކޮށް ނުލެވި އުޅެނިކޮށް ނައު ކޮޅިގަނޑުގައި ޖެހި ޣަރަގުވެގެން ހނގައިދާނެއެވެ. އިސްވެދެންނެވުނު މިސާލު އަޅުގަނޑުމެންގެ ޙަޔާތާ ގުޅުވާލާއިރު ފިރިމީހާ އަކީ ނަވުގެ މާލިމީއެވެ. އަނބިމީހާ އަކީ އެއޮޑި ކުރިއަށް ދުއްވާ ކައްޕިއެވެ. ފަޅުވެރިކުދިންނަކީ އެކައިވެނީގެ ގަހުގައި އެޅި މޭވާ ކަމަށް ވާ ދެމަފިރިންގެ ދަރިންނެވެ. ކައިވެނީގެ އެންމެ މުހިއްމު ކަމަކީ އެކައިވެނިން ލިބޭ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ކަމުގައި ވީ ހިނދު އެދަރިންގެ މައިންބަފައިން ނަކީ ދީންވެރި ޚުލްޤުހެޔޮ ބަޔަކަށް ނުވެއްޖެނަމަ އެދެމަފިރިންގެ ދަރިން ޚުލްޤު ހެޔޮ ދީންވެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެވޭނެ ތޯއެވެ؟

    ދެން އަޅުގަނޑުމެންގެ ހިތުގައި އުފެދޭނެ ސުވާލަކީ ދީންވެރި ރަނގަޅު ކުއްޖަކު ފާހަގަ ކުރާނީ ކިހިނަކުން ތޯއެވެ؟ ދީންވެރި ރަނގަޅު ކުއްޖަކު ފާހަގަ ކުރުމަށް ޓަކައި އަޅުގަނޑުމެންނަށް އެކުއްޖެއްގެ ޢާއިލާ އަށް ބަލާލެވިދާނެއެވެ. ގިނަފަހަރަށް ދީންވެރި މަންމަ އަކާ ބައްޕަ އެއްގެ ދަރިން ކަމުގައި ވަނީ ނަމަ އެކުދިންނަކީ ދީންވެރި ރަނގަޅު އަޚްލާގެއްގެ ބަޔަކަށް ވެދެއެވެ. ނަމަވެސް މިއީ ކޮންމެ ފަހަރަކު ހަޤީޤަތަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޢާއިލާ އަށް ބެލުން ނޫން ގޮތްގޮތަށް ވެސް ތިމާ އިޚްތިޔާރު ކުރާ ބައިވެރިޔާ  އަކީ ކޮންކަހަލަ ބައިވވެރިއެއްތޯ ބެލިދާނެއެވެ. ދަންނަ މީހުން ކައިރި އަހައިގެންވެސް އެއީ ކޮންކަހަލަ މީހެއްތޯ ބެލުން ބުއްދިވެރިއެވެ.  ނުވަތަ  ޙަޔާތުގެ އެފަދަ ބޮޑު ނިންމުމެއް ނިންމާހިނދު ﷲ ގެ ޙަޟްރަތުގައި އިސްތިޚާރާ ކުރުން މުހިއްމެވެ.  ޙަޔާތުގައި ދިމާވާ މުހިއްމު ކަންކަމުގައި އިސްތިޚާރާ ކުރުމަށް އަހަރެމެންގެ މާތް  ނަބިއްޔާ މުޙައްމަދު صلَّى الله عليه وسّلم މިއުންމަތަށް އިރުޝާދު ދެއްވާފައިވެއެވެ. ޙަޔާތުގެ ދަތުރަށް ފަށާއިރު ކުލަގަދަ ޕާޓީ ތަކާއި އަދި މިނޫން ވެސް ދުނިޔެވީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި އެންމެ މުހިއްމު ކަމަކަށް ހެޔޮލަފާ ބައިވެރިއަކު  އިޙްތިޔާރުކުރުން  އިސްކުރަމާ ހިންގަވާށެވެ.

    އަލަށް ޒަވާޖީ ޙަޔާތެއް ފަށާއިރު ކޮންމެ ޒުވާނަކު ވެސް އެޒުވާނެއްގެ ޢާއިލާގެ މެންބަރުންނާ މަޝްވަރާ ކޮށް ތިމާ އަށް ކައިވެނި ކުރެވެން މިއުޅޭ ބައިވެރިޔަކީ އެންމެ ރަނގަޅު ބައިވެރިޔާތޯ ބެލުމަށް އާއިލާގެ މެންބަރުންގެ މަޝްވަރާ ހޯދުން މުހިއްމެވެ. ރަސޫލާ صلَّى الله عليه وسّلم ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ” އެމީހެއްގެ ދީނާއި އަޚުލާޤާ މެދު ރުހޭ މީހަކު ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ އަންހެނަކާ ކައިވެންޏަށް އެދިގެން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ ކައިވެނި ކޮށްދޭށެވެ.އެހެން ނަހަދައިފިނަމަ ބިމުގައި ފިތުނަ ފަސާދަ ވެގެން ހިނގައިދާނެއެވެ.” މިޙަދީޘް ގައި އަލިއަޅުވާލާފައިވާ ފަދައިން ދީންވެރި ބައިވެރިއަކު ހޯދުމަށް އަޅުގަނޑުމެން ގެ ތެރެއިން އެއްވެސް ބޭފުޅަކު އިސްކަމެއް ދީފައިވޭތޯއެވެ؟ ކައިވެނި ކުރުމުގެ ކުރިން ތިމާ ކައިވެނި ކުރަނީ ކިހާވަރެއްގެ އަޚުލާޤެއް ހުރި މީހަކާތޯ ބަލާލެވުނީ ކިތައްބޭފުޅުންނަށް ތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލައްވާށެވެ. ގިނަބޭފުޅުން ގެ ޖަވާބަކަށް ވާނީ ގިނަފަހަރަށް ބަލާލެވިފައެއް ނޯވެއެވެ. ތިމާގެ ބައިވެރިޔާ އަކީ ކޮންކަހަލަ މީހެއްކަން ގިނަފަހަރަށް މިއިނގެނީ އެކުގައި އުޅެންފެށުމުންނެވެ.ކައިވެނި ކޮށް ތިންހަތަރު ދަރިން ލިބޭފަހުންނެވެ. ޒަވާޖީ ޙަޔާތުގައި އެތައް މައްސަލަ ތަކެއްކުރިމަތިވެ އެހިސާބުން ކައިވެނީގެ މާތްގުޅުމުގައި ސިއްކަ ޖެހޭތަން އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމަޢުއިންވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިކަމުގެ ނަތީޖާ އަކަށް ވަނީ ކޮންކަމެއްކަން އެނގިލައްވާތޯއެވެ؟ މައިންބަފައިން ވަކިވެ ޢާއިލާ ރޫޅުމުގެ ޝިކާރައަކަށް އެކައިވެނިން ލިބުނު މަޢުސޫމް ކުދިންކޮޅު ވެގެން ދިއުމެވެ. މުޖްތަމަޢު ގަ ހިނގާ ނޭދެވޭ ޢަމަލު ތައް ކުރާ ކުދިންގެ ލިސްޓަށް ނަންތަކެއް އިތުރު ވެގެން ދިއުމެވެ.

  މިކުޑަކުޑަ މުޖްތަމަޢުތެރޭގައި އެންމެ އާންމު ވަމުން އަންނަ އެއް ވަބާ ކަމުގައި ވާ ޢާއިލާ ތައް ރޫޅި ދަރިން މަގުމައްޗަށް ގިނަވުމުގެ ވަބާ ގިނަފަހަރަށް ގުޅިފައި އޮންނަނީ ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމުގައި އިސްވެދެންނެވުނު ބައިވެރިޔާގެ ދީންވެރިކަމާއި އަޚުލާޤަށް ބަލާނުލެވޭތީ ކަމުގައި ދަންނަވަން ޖެހެނީ ހިތާމައާއެކުގައެވެ. އަޅުގަނޑުމެން މިޒަމާނުގައި ބޭނުން ކުރާ އުސޫލް ކަމުގައިވާ ބައިވެރިއަކު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ބައިވެރިޔަކު ‘ހޮވުމުގެ’ އުސޫލް ގެންގުޅެވޭތީއެވެ. ގިނަފަހަރަށް ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް މަގުމަތިން ބައިވެރިއަކު ހޮވެނީއެވެ. އަޅުގަނޑުމެން މި ވިޔާނުދާ ބައިވެރިއަކު ‘ހޮވުމުގެ’ އުސޫލް ދޫކޮށްލާ ރަނގަޅު ދީންވެރި ބައިވެރިއަކު އިޚްތިޔާރު ކުރުމުގެ އުސޫލް ހަރުލައްވައިފިނަމަ އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތް ބާއްޖަވެރިވެގެން ދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!