ދީނީ ޢިލްމުވެރިން ސިޔާސީ ނުވާންޖެހޭ ސަބަބު

  • ޕޯޕް އާއި ބޮސްނިއާ ހޭލްސްގޮވީނިއާގެ މުފްތީ

ޕޯޕް އާއި ބޮސްނިއާ ހޭލްސްގޮވީނިއާގެ މުފްތީ

ޕޯޕް އާއި ބޮސްނިއާ ހޭލްސްގޮވީނިއާގެ މުފްތީ

ދީނީ ޢިލްމުވެރިން ސިޔާސީވެ ވެރިކަން ހިންގަން އުޅުމަކީ، މިއަދު ކުޑަކުއްޖަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އޭގެތެރެއިން އެއްމެ ފާހަނގަކޮށްލެވެނީ ތާރީޚީ ބައެއް ހެކިތަކެވެ. ކުރީގެ އެކި ޒަމާންތަކުގައި ކުރެވިފައި ހުރި ބައެއް ދީނީ ވެރިކަންތަކުން ކޮށްފައިހުރި ނޭއްގާނި ކަންތަކުގެ ސަބަބުންނެވެ. ސައިންޓިސްޓުންނަށް އަދަބުދީ ސައިންޓިފިކު ދިރާސާތައް ހުއްޓުވާފައިވާތީއެވެ. މުއްސަނދިން މުއްސަނދިވެ، ނިކަމެތިން ފަޤީރުވެ އެބައިމީހުންގެ ޙައްޤުތައް ނިގުޅައިގެންފައި ވާތީއެވެ. ތަރައްޤީއަށް ހުރަސްއަޅާތީއެވެ. މިފަދަ ކިތައްމެ ކަމެކެވެ.

މީގެ އެއްމިސާލަކީ، ދުނިޔެއަށް މަޝްހޫރު އިޓަލީގެ ސައިންޓިސްޓު ގެލީލިއޯއަށް، ރޯމަނުންގެ ދީނީ ސަރުކާރުން ކުރި އަނިޔާތަކެވެ. ގެލީލިއޯގެ ދިރާސާތަކުން ދުނިޔެއަކީ އެނބުރޭ އެއްޗެއްކަމަށާއި، ދުނިޔެ އެނބުރެނީ އިރުވަށައިގެން ކަމަށް ހޯދިއެވެ. އަދި މިކަމާއި ބެހޭގޮތުން ފޮތެއްވެސް ލިޔެ އާއްމުކުރިއެވެ. ނަމަވެސް، ކްރިސްޓިއަނުންގެ އެއްމެ މުޤައްދަސް ފޮތް ކަމަށްވާ ބައިބުލްގައި ދުނިޔެ ނޭނބުރޭނެ ކަމަށާއި، ދުނިޔޭގެ ވަށައިގެން އިރު އެނބުރެނީކަމަށް ލިޔެފައި އޮތެވެ. ކަންމިހެން ހުރުމާއިއެކު، ދީނީ ސަރުކާރުން، ގެލީލިއޯގެ ފޮތްތައް މަނާކުރިއެވެ. ރިސާޗްތައް ހުއްޓުވިއެވެ. އަދި މަރުވަންދެން ގޭބަންދުގައި ބެހެއްޓިއެވެ. މިއީ އެއްމެ މިސާލެކެވެ. މިފަދަ ކިތައްމެ ސައިންޓިސްޓަކަށް ރޯމަނުންގެ ސަލީބީ ސަރުކާރުން މަރުގެ އަދަބުވެސް ދީފައި އެބަހުއްޓެވެ.

މިފަދަ ވަރައްގިނަ ސަބަބުތަކަށްޓަކައި، ދީނީ ވެރިކަމާއި ދެކޮޅަށް ސައިންޓީސްޓުންނާއި ސައިންޓިފިކް ކޮމިއުނިޓި ތެދުވިއެވެ. ތަރައްޤީއާއި ތަހުޒީބަށް ލޯބިކުރާ ރައްޔިތުން ނިކުތެވެ. ސިނާޢީ އިންޤިލާބު ގެނައެވެ. ވެރިކަމާއި ދީން ވަކި ކުރިއެވެ. ނަތީޖާ އަކަށްވީ ކުރިއަށްވުރެ ރަނގަޅުވެރިކަމެއް ލިބުމެވެ. ސައިންޓިސްޓުން ޖަލަކަށް ނުލައެވެ. ރިސާޗްތަކެއް ނުހުއްޓުވައެވެ. ތަރައްޤީއަކަށް ހުރަހެއް ނާޅައެވެ.

ކިޔުން ތެރިންނޭވެ. މިހާތަނަށް ތިޔަ ވިދާޅުވެލެއްވީ ކްރިސްޓިއަން ދީނުގެ ވާހަކައެވެ. އެދީނުގެ ޢިލްމުވެރިންނާއި އެދީނުގެ ފޮތްތަކާއި އެދީނުގެ ފައްޅިތަކުން ކުރަމުންއައި ވެރިކަންތަކުގެ ވާހަކައެވެ. މާކުރީ ޒަމާނަކަށް ބާވައިލައްވާފައިވާ ދީނަކުން، ފަހުޒަމާނުގެ ސިޔާސަތު ހިންގަން އުޅުމުން ވީގޮތުގެ ވާހަކައެވެ. އެއަށްފަހު، ހުރިހައި ޒަމާނަކަށް ފެތޭގޮތަށް، ﷲ ބާވައިލެއްވި އިސްލާމްދީނުގެ އަލީގައި ކުރެވުނު ވެރިކަންތަކުގެ ވާހަކަ ބަލާލަމާ ހިންގަވާށެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމާއިވިދިގެން ބިންގާ އެޅިގެންދިޔަ އިސްލާމީ ވެރިކަން 1300 އަށްވުރެ ގިނައަހަރު ވަންދެން ދުނިޔޭގައި ދެމިއޮތެވެ. އަރަބި ކަރައާއި ޝާމްކަރައާއި ޔޫރަޕާއި އިންޑިޔާއާއި ޗައިނާއާއި އެފްރިކާގައިވެސް މިވެރިކަން ކުރެވުނެވެ. ބަޔަކު މީހުންނަށް ނުފެނުނަސް، ތާރީޚީ ފަތްފުތް ތަކުގައި، މިވާހަކަތައް ރަންއަކުރުން ލިޔެވިފައި އެބަހުއްޓެވެ. މީގެތެރެއިން އެއްމެ މިސާލެއް ބާޔާންކޮށްލާނަމެވެ.

އެއީ، ޔޫރަޕުގައި މުސްލިމުން ކުރި ވެރިކަމުގެ ވާހަކައެވެ. ސްޕެއިނުގެ ރައްޔިތުންގެ އެދުމުގެ މަތިން، އެބައިމީހުންނަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތް ކޮށްދިނުމަށްޓަކައި، ޠާރިޤު ބިން ޒިޔާދުގެ ލަޝްކަރު ސްޕެއެއިނަށް އެރީ ހިޖުރައިން 711 ވަނަ އަހަރުއެވެ.  އޭރު އެއީ މުޅި ދުނިޔޭގައިވެސް އޮތް އެއްމެ ނާތަހުޒީބު ރައްޔިތެއް ދިރިއުޅެމުންއައި އެއްތަނެވެ. ފެނެއެއް ނުވަރައެވެ. ނަޖިހުން ޠާހިރެއް ނުވެއެވެ. ފެންވަރައި ސާފުވާނެ ތަންތަނެއްވެސް ނެތެވެ. މީރުވަސްދުވާ އެއްޗެއް ބޭނުމެއް ނުކުރެއެވެ. މަގުތައްހުރީ ހެދިފައެއް ނޫނެވެ. ދަނޑުވެރިކަމުގެ ސިނާއަތެއް ނެތެވެ. ތަޢުލީމުދޭ ތަންތަނެއް ނެތެވެ. ޖާހިލުކަމުގެ އަނދިރިކަން އޮތީ އިންތިހާޔަށް ވަކިހިއްޕާލާފައެވެ. އެމީހުންގެ އަމިއްލަބަހުންނަމަ، އެއީ އެމީހުންގެ “ޑާރކް އޭޖް” އެވެ. ނުވަތަ ޖާހިލިއްޔަ ޒަމާނެވެ.

ނަމަވެސް، 700 އަހަރުގެ އިސްލާމީވެރިކަން ނިމިގެންދިޔައިރު، ސްޕެއިން ވެފައިވަނީ މުޅިދުނިޔޭގައިއޮތް އެއްމެ ތަރައްޤީވެފައިއޮތް އެއްތަނަށެވެ. ޖާހިލިއްޔަކަން ކެނޑި، މުޅި ޔޫރަޕުގެ ތަޢުލީމީ ދައްމަރަކަށް ވެފައިއޮތީ ސްޕެއިނެވެ. އެތައް ބައިވަރު ޔުނިވާސީޓީތަކެއް ހުރީ ޤާއިމުކޮށްފައެވެ. މުޅި ދުނިޔޭގެ ޢެންމެން ތަޢުލީމު އުނގެނުމަށްޓަކައި ދިޔަ މައި މަރުކަޒަކީވެސް އެއީއެވެ. ޕަބްލިކް ލައިބަރަރީތައްހުރީ ހެދިފައެވެ. ފެންވަރައި ޠާހިރުވެއެވެ. އެތައްހާސް ޕަބްލިކް ސްވިމިން ޕޫލްތައް ހުރީ ހަދާފައެވެ. އާނުތަކެއް ޤާއިމުކޮށް، މުޅި ރަށުތެރެއަށްވަނީ ފެނުގެ ޚިދުމަތް ދީފައެވެ. ފެން ތިޔާގިވުމާއެކު، ދަނޑުވެރިކަމުގެ ސިނާއަތު އޮތީ އިންތިހާއަށް ކުރިއަރާފައެވެ. ވަރުގަދަ ސެންޓް އިންޑަސްޓްރީއެއް އޮތީ ތަރައްޤީ ކޮށްފައެވެ. މަގުތައްހުރީ ރަނގަޅު ފެންވަރަކަށް ހަދައި ބައްތި ދިއްލާފައެވެ. ސައިންސާއި ޓެކްނޮލޮޖީއޮތީ އަތްނުފޯރާހިސާބަތް ކުރިއަރާފައެވެ. ހޮސްޕިޓަލްތައް ހުރީ ޤާއިމުކޮށްފައެވެ. ޑޮކްޓަރުން ތިބީ ތަމްރީނުކޮށްފައެވެ. އޮޕަރޭޝަންތައް ދިޔައީ ކުރެވެމުންނެވެ. މިކަންތައްތަކަކީ، އޭރު ދުނިޔޭގެ އެއްވެސް ތަނަކުން ފެންނަށް ހުރި ކަންތައްތަކެއް ނޫނެވެ. އިސްލާމީ ވެރިކަމެއް ހިނަގަމުން ދިޔަތަކުން މެނުވީއެވެ.

އިސްލާމީ ދުނިޔޭގައި ޢިލްމާއި ސައިންސުވެސް ކުރިއަރައިގެން ދިޔައީ ރަކަރަކަ ލާފައެވެ. ގެލީލިއޯމެން ދުނިޔެ އެނބުރެނީ އިރުވަށައިގެން ކަމަށް ބުނުމުގެ އެތައް ސަތޭކަ އަހަރެއްކުރިން، މުސްލިމް ސައިންޓިސް އިބްނު އަލްހައިތަމް ވަނީ މިކަން ހޯދާފައެވެ. ދުނިޔެވަށައިގެން އިރު އެނބުރެނީ ނޫންކަމާއި، ދުނިޔެ އެނބުރެނީ އިރުވަށައިގެންކަމަށް އޮތީ ހޯދާފައެވެ. އިސްލާމީ ސަރުކާރުން އޭނާގެންގޮސް އަދަބުދީއެއް ނަހަދައެވެ. އަދިކިއެއް، އަދަބުދީފައިހުރީ ސައިންޓިފިކް ރިސާޗްތައް ނަހަދައިގެންނެވެ. ސައިންސް ކުރިނުއަރުވައިގެންނެވެ. ތަރައްޤީގެ ޕްރޮޖެކްޓްތައް ނުހިންގައިގެންނެވެ. އަދިހަމައެއާއެކު، އިސްލާމީ ސަރުކާރުން ސައިންސު ޕްރެޖެކްޓުތަކަށް ޚަރަދުކޮށް، ސައިންސުވެރިންނަށް މުސާރަދީ ހެދިއެވެ. ނަތީޖާއަކީ މިޒަމާނުގެ ސައިންސުގެ ފައުންޑޭޝަން އެޅިގެން ދިޔުމެވެ.

މިފަދަ ތާރީޚި ހެކިތަކުން ފެންނަންހުރީ، އިސްލާމްދީނާއި ސިޔާސަތު އެއްކޮށް، ޤުރުއާނާއި ސުންނަތުގެ އަލީގައި މުޅި ޤައުމުގެ ހުރިހައިކަމެއް ހިންގުމުން، އެތަނެއް ތަރައްޤީވެ ތަހުޒީބުވަމުން އައިތަނެވެ. ވީމާ އިސްލާމްދީނުގެ ޢލްމުވެރިން ސިޔާސީ ވާންޖެހެއެވެ. ތަރައްޤީއާއި ތަހުޒީބު ވުމަށްޓަކައެވެ. ހަމަހަމަކަމާއި ޢަދުލުއިންސާފު ޤާއިމުކުރުމަށްޓަކައެވެ. އިޤްތިސާދު ކުރިއެރުވުމަށްޓަކައެވެ. ﷲގެ ދީން މަތިވެރިކުރުމަށްޓަކައެވެ. ތަފާތު އެކިއެކި ޢލްމުތައް ކުރިއަރުވައި ދިރާސާތައް ކުރުމަށްޓަކައެވެ. ދުނިޔޭގެ އުފަލާއި އަރާމު ހޯދުމަށްފަހު، ސުވަރުގޭގެ ދާއިމީ އަރާމު ހޯދުމަށްޓަކައެވެ.

ކަންމިހެން ހުރުމާއިއެކު، މިއަދު އިސްލާމީ ޢިލްމުވެރިން ސިޔާސީ ނުވާންޖެހޭ އޮތީ އެއްމެ ސަބަބެކެވެ. އެއީ އިސްލާމީ ވެރިކަމެއް ޤާއިމުވެދާނެތީއެވެ. އޭގެސަބަބުން އިންޤިލާބު އަންނާނެތީއެވެ. ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، މުޅިދުނިޔޭގެ ވެރިކަން މުސްލިމުން ހޯދާނެތީއެވެ. ﷲ ގަންދީ ހުވައިކޮށްފައި ބުނަމެވެ. މުސްލިމުން މިކަން ކުރާނެއެވެ. ޤުރުއާނާއި ސުންނަތުގެ އަލީގައި މުޅިދުނިޔޭގެ ވެރިކަން ކުރާނެއެވެ. ޢީސާގެ ފާނު ފައިބައި ވަޑައިގަންނަވާނެއެވެ. ރުހޭބަޔަކު ރުހުނަސް ނުރުހޭބަޔަކު ނުރުހުނަސް މިކަންވާނެކަމުގެ ޔަޤީންކަން ކިރިތިރަސޫލާ  صلى الله عليه وسلم ވަނީ ދެއްވާފައެވެ.

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲ އަކްބަރު.

  2. ތިދުއާގަ އަހަރެންގެ މުޅިއާއިލާ ސާމިލްވަނީ ވަރަށް އުފަލާއެކު.!!!!!!!! އިސްލާމުނަށް ވަރަށް އުފާވެރި ހަބަރެއް ކާފަރުންނަށް ހިތި ބޭހެއް ތީ ؟

  3. ﷲ އަކުބަރު. ލިޔުންތެރިޔާއަށް ހެޔޮދަރުމަ ދެއްވާށި

  4. ތާރީޚި ހެކިތަކުން ފެންނަންހުރީ، އިސްލާމްދީނާއި ސިޔާސަތު އެއްކޮށް، ޤުރުއާނާއި ސުންނަތުގެ އަލީގައި މުޅި ޤައުމުގެ ހުރިހައިކަމެއް ހިންގުމުން، އެތަނެއް ތަރައްޤީވެ ތަހުޒީބުވަމުން އައިތަނެވެ.

  5. ައާމީން. ވަރަށްވެސް އިބްރަތްތެރި ލިޔުމެއް.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!