ޚާލިދު މިޝާލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (2ވަނަ ބައި)

mishaal hospitalized

 

މިޝާލްގެ ދެވަނަ ބޮޑީގާޑަށް ހާދިސާ ހިނގި ވަގުތު އާދެވުން

ﷲގެ ރަޙްމަތުން، މިޝާލްގެ ދެވަނަ ބޮޑީގާޑު މުޙައްމަދު އަބޫ-ސައިފްއަށް އެތަނަށް އެވަގުތު އާދެވެން މެދުވެރިވިއެވެ. އޭނާ އެކަންތައް ކިޔައިދެމުން ބުއްޏެވެ. “އަހަރެން އޮފީހަށް އައިސް ކާރު ޕާކުކުރަން އުޅެނިކޮށް ފެނުނީ މިޝާލްއަށް ދެ މީހަކު ހަމަލާދީފައި ދުއްވައިގަތްތަން. އަހަރެން އަވަހަށް އެމީހުންގެ ފަހަތުން ދުއްވައިގަތިން.” ދެވަނަ ބޮޑީގާޑު މުސާދުގެ އެޖެންޓުން ފަހަތުން ދުއްވައިގަތުމުން މިޝާލްގެ އަނެއް ބޮޑީގާޑު މިޝާލްއަށް އެހީތެރިވުމަށްޓަކައި އޭނާ އަރިހަށްދިއައެވެ.

ޙަމާޝްގެ ކުއްލި ބައްދަލުވުން

މިޝާލް  އޭނާގެ ގެކޮޅަށް ވަޑައިގެން އަވަސްވެވަޑައިގަތީ ޙަމާސްގެ އިސްވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވާށެވެ. މިގޮތުން ކޮންމެވެސް އިސް އޮފިޝަލެއްގެ ގެކޮޅުގައި އެބައްދަލުވުން ބޭއްވުނެވެ. މި ބައްދަލުވުމުގެ ބޭނުމަކީ، އެދުވަހު މިޝާލް އަށް ބަޔަކު ހަމަލާދިން ހާދިސާގެ ވާހަކަ އެންގުމެވެ. އަދި އެއީ އޭނާ އަވަހާރަކޮށްލުމަށް މުސާދުން ދިން ހަމަލާއެއްކަމަށް މިޝާލް ތުހުމަތުކުރެއްވިއެވެ. ސަބަބަކީ، މީގެކުރިންވެސް އެތަކެއް ފަހަރަކު ޙަމާސްގެ އިސްވެރިން އަވަހާރަކޮށްލުމަށް  އިސްރާޢީލުގެ ޒަޔަނިސްޓު ސަރުކާރުން މަސައްކަތްކޮށްފައިވުމެވެ.

ނަމަވެސް މި ހަމަލައިގެ ސަބަބުން ޖިސްމާނީގޮތުން މިޝާލްއަށް  އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނެތުމާއެކު، އެއްވެސް ކަހަލަ ހަތިޔާރެއް އެމީހުން ބޭނުންކޮށްފައި ނުވުމުގެ ސަބަބުން، މި ހިނގައިގެން އުޅޭ ހާދިސާ ޙަމާސްގެ ވެރިންނަށްވެސް  މާ ސާފުކޮށް އޮޅުންފިލާގޮތެއް ނުވިއެވެ. އެހެންކަމުން، މި ބައްދަލުވުމުގައި މަޝްވަރާކޮށް ނިމުނީ މިޝާލް އަވަހާރަކޮށްލަން މުސާދުން ހަމަލާއެއްދީފިކަން މީޑިޔާގެ ސަމާލުކަމަށް ގެނައުމަށެވެ. އެގޮތުން، މީޑިޔާއަށް މި ޚަބަރު ރިޕޯޓުކުރުމުން، އެކަމާބެހޭ އިތުރު ތަފްޞީލު ލިބޭނެކަމަށް ޙަމާސްގެ އިސްވެރިންނަށް ފެނިވަޑައިގަތެވެ.

 

މިޝާލް އަވަހާރަކޮށްލަން ދެވުނު ހަމަލާގެ ވާހަކަ މީޑިޔާއަށް ރިޕޯޓުކުރުން

ހަމާޝްގެ ސީނިޔާ އޮފިޝަލެއްކަމަށްވާ މުޙައްމަދު ނަޒާލް، އޭ.އެފް.ޕީ ޢައްމާން ބިއުރޯގެ ޗީފުކަމުގައިވާ ރަންދާ-ޙަބީބު އަށް ފޯނުން ގުޅުއްވާ މިޝާލް އަވަހާރަކޮށްލުމަށް މުސާދުން ދިން ޙަމަލާގެ ވާހަކަ ރިޕޯޓުކުރެއްވިއެވެ. އެ ޚަބަރު އޭއެފްޕީ ޢައްމާނު ބިއުރޯއިންނާއި އަދި ރަންދާ-ޙަބީބު މަސައްކަތްކުރައްވާ ރޭޑިއޯ ޗެނަލެއްކަމަށްވާ ރޭޑިއޯ މޮންޓިކާލޯ އިން ގެނެސްދިނުމާއެކު މުޅި ޢުރުދުންގެ ސަމާލުކަމަށާއި، ދުނިޔޭގެ ސަމާލުކަމަށް އެ ޚަބަރު އައެވެ. ނަމަވެސް އެ ނޫސް އެޖެންސީއަށް އުރުދުންގެ އިންޕޮމޭޝަން މިނިސްޓުރީން ގުޅުއްވާ، އެޚަބަރު ޔަޤީން ނުވަނީސް ނުޖެހުމަށް އެންގެވިއެވެ. އަދި ޚަބަރު އަނބުރާ ނެގުމަށް އިންޕޯމޭޝަން މިނިސްޓަރު ރަންދާ-ޙަބީބަށް ފޯނުން ގުޅުއްވާ ވިދާޅުވިކަމަށް އޭނާ ބުނެއެވެ.

 

މުސާދުގެ އެޖެންޓުންގެ ފަހަތުން މިޝާލްގެ ދެވަނަ ބޮޑީގާޑު

މިޝާލް އަށް ވިހަ ލުމަށްފަހު، މުސާދުގެ ދެ އެޖެންޓުން ފިލަން ދުއްވައިގަތުމުން، އެމީހުންގެ ފަހަތުން މިޝާލްގެ ދެވަނަ ބޮޑީގާޑު މުޙައްމަދު އަބޫ-ސައިފް ދުއްވައިގަތެވެ. ގާތްގަނޑަކަށް 100 އެއްހާ މީޓަރު ދުރުގައި، މުސާދުގެ 2 އެޖެންޓުންގެ އިންތިޒާރުގައި ކާރެއް ތައްޔާރަށް އޮތެވެ. އެ ދެ އެޖެންޓުން ދުވެފައިގޮސް އެކާރުގެ ތެރެއަށް ފުންމާލުމާއެކު، އެކާރު ބާރު އިސްޕީޑުގައި ނައްޓާލިއެވެ. މުސާދުގެ އެޖެންޓުން އަރައިގެން ދިޔަ ކާރުގެ ނަމްބަރު އަބޫ-ސައިފްގެ ހިތަށް ނެގިއެވެ. އަދި އަތުގައި އެ ނަމްބަރު ނޯޓުކޮށްލިއެވެ. އޭނާ  މި ވާހަކަ ކިޔައިދެމުން ބުއްޏެވެ.  “ﷲގެ ރަޙްމަތްފުޅުން އަހަރެންނަށް ކުއްލިޔަކަށް އެ ކާރު ނަމްބަރު ހިތަށް ނަގައިގަނެވުނު. އެކާރުގެ ކުލަޔާ ހުރިހާ ސިފަތަކެއްވެސް ހިތަށް ނަގައިގަނެވުނު. އެއީ ފެހި ކުލައިގެ ހުއަންޑާއި ކާރެއް. ނަމްބަރު ޕުލޭޓުގައިވާ ނަމްބަރަކީ 5374.”

އެވަގުތު އެމަގުންދިޔަ ކާރެއް ހުއްޓުވާފައި އޭނާ އެކާރަށް އެރިއެވެ. އަދި ކުރިން އެދިޔަ ކާރުގެ ފަހަތުން ދިޔުމަށް އެދުނެވެ. ކާރުދުއްވަން އިން މީހާއަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އަދި އޭނާ އެ ކާރުގައި މުސާދުގެ އެޖެންޓުން ފޮލޯކުރަމުންދާކަމެއް މުސާދުގެ އެޖެންޓުންނަކަށްވެސް ނޭނގެއެވެ!

ކާމިޔާބުކަމާއެކު މިޝާލްއަށް ވިހަލެވިއްޖެކަން މުސާދުގެ ވެރިންނަށް ރިޕޯޓުކުރުން

ކާރުގައި ދަމުން މުސާދުގެ އެޖެންޓުންވަނީ، ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީގައި ފިލާތިބި މުސާދުގެ އެޖެންޓުންނަށާއި، އިސްރޭލުގައި ތިބި މުސާދުގެ ވެރިންނަށް، އެމީހުންގެ މަސައްކަތް ކާމިޔާބުކަމާއެކު ކޮށްނިންމާލައިފިކަމުގެ ޚަބަރު ދީފައެވެ. އެހެންކަމުން އެމީހުންތިބީ އެމީހުންނާ ޙަވާލުކުރެވުނު މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނީތީވެ  އެކަމާ އުފަލުންނެވެ. ނަމަވެސް، އޭރު އެމީހުންގެ ފަހަތުން މިޝާލްގެ ބޮޑީގާޑެއް ފޮލޯކުރަމުން އަންނަކަމެއް އެމީހުންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

މިޝާލްއަށް ވިހައިގެ އަސަރުކުރަން ފެށުން

މުސާދުގެ އެޖެންޓުން  މިޝާލްގެ ކަންފަތްޕުޅަށް ވިހަ ސުޕްރޭކުރިތާ އެއް ގަޑިއިރު ފަހުން މިޝާލްއަށް ވިހައިގެ އަސަރުކުރަން ފައްޓަވައިފިއެވެ. ޙަމާސްގެ ވެރިންނާއެކު ބައްދަލުވުމުގައި  އިންނަވަނިކޮށް ހަށިކޮޅުން ވަރުދެރަވެ އަވަހާރަފުޅު އަންނަކަމުގެ އިޙުސާސެއް އޭނާއަށް ކުރެވެންފެއްޓެވިއެވެ. އެންމެ ފަހުން، މިޝާލްގެ ހަށިކޮޅުން އެއްކޮށް ވަރުދޫވެ އޭނާގެ ހާލުކޮޅު ދަށަށް ދާންފެށުމުން ޢައްމާންގައި ހުންނަ  އިސްލާމިކް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. މި ހޮސްޕިޓަލަކީ ޢުރުދުންގެ އިސްލާމިކް ބުރަދާހުޑްގެ ޗެރިޓީ އޮގަނައިޒޭޝަނަކުން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. މިޝާލް އެޑްމިޓްކުރުމަށް  އެ ހޮސްޕިޓަލު އިޚްތިޔާރުކުރި ސަބަބަކީ، އެ ހޮސްޕިޓަލަކީ ސެކިއުރިޓީ ވަރުގަދަ އަދި މުސާދުންގެ ފަރާތުން އެއްވެސް ނުރައްކަލެއް މިޝާލްއަށް ކުރިމަތިނުވާނެ ތަނަކަށްވުމެވެ.

ފުރަތަމަ ބެލިބެލުމުން މިޝާލްގެ ހަށިކޮޅުން ވަރުދެރަވެ ހާލުދެރެވާންދިމާވާ ސަބަބެއް ޑޮކްޓަރުންނަކަށް ސާފެއްނުވިއެވެ. އެހެނަސް، މިޝާލްގެ ހާލުކޮޅު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ދަށްވަމުންނެވެ. ނަމަވެސް، އެކިފަހަރުމަތިން ކުރެވުނު ތަޙްލީލުތަކުން ދެއްކި ނަތީޖާއަކީ މިޝާލްގެ ހަށިކޮޅަށް ވިހައެއްގެ އަސަރުކޮށްފައިވާކަމެވެ. ނަމަވެސް އެއީ ސީދާ ކޮންކަހަލަ ވިހައެއްކަމެއް  ޑޮކްޓަރުންނަކަށް ސާފެއްނުވިއެވެ. މިޝާލްގެ ހަށިކޮޅުން ފެންނަމުންދިޔަ އަލާމާތްތަކަށް ބަލާއިރު އެންމެ ބޮޑަށް ލަފާކުރެވުނީ އޮފަރޭޝަންތައްކުރުމަށްޓަކައި ބަލިމީހުން ހޭނެއްތުމަށް ބޭނުންކުރާ ބާވަތުގެ ބޭހެއް ގިނަ ޢަދަދަކަށް އޭނާއަށް ދީފައިވާކަމަށެވެ. އެހެންކަމުން، ވަރަށް ތަޖުރިބާކާރު ހޭނައްތާ ޑޮކްޓަރެއް ގެނެސް ކުރެވުނު ތަޙްލީލުތަކުން އެނގުނުގޮތުގައި އެ ހީކުރުން ވެގެންދިޔައީ ކުށްހީއަކަށެވެ. ނަމަވެސް  އެނގޭހާވެސް އެއްޗަކީ، މިޝާލްއަށް ދީފައިވަނީ ބާރުގަދަ ވިހައެއްކަމެވެ. އޭގެ ސަބަބުން އޭނާގެ ނޭވާލާނިޒާމު ހުއްޓެން މެދުވެރިވަނީއެވެ. ޑޮކްޓަރުން މަސައްކަތްކުރީ، މިޝާލް އަށް އަވަހާރަފުޅު އަޔަނުދެއްވާ ވާހަކަދައްކައިގެން ހޭފުޅުލައްވާ ބައިންދާށެވެ. ސަބަބަކީ އޭނާއަށް އަވަހާރަފުޅުލެއްޕެވިއްޖެނަމަ ނޭވާލާނިޒާމް އެއްކޮށް ފެއިލްވެ ފުރާނަފުޅަށް ނުރައްކާވާނެތީއެވެ.

މުސާދުގެ އެޖެންޓުން އަތުލައިގަތުން

 މޫސާދުގެ 2 އެެޖެންޓުންގެ ކާރު ފަހަަތުން މިޝާލްގެ ބޮޑީގާޑު އަބޫ-ސައިފް ޕޮލޯކުރަމުން ގެންދިޔައެވެ. މިސްކިތެއް ކައިރިއަށް ކާރު މަޑުކޮށް އެދެމީހުން ކާރުން ފައިބައިފިއެވެ. ބޮޑީގާޑު އަބޫ-ސައިފް ކިޔައިދިން ގޮތުގައި، އޭނާ އެމީހުންގެ ފަހަތުން އައިކަމެއް އެމީހުންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާ އިތުރަށްކިޔައިދިން ގޮތުގައި، އެކަން އެމީހުންނަށް އެނގުނު ނަމަ އެމީހުން ކާރު މަޑުކޮށްފައި އެތަނަކަށް ނުފޭބީސްކަން ކަށަވަރެވެ. އެތަނުން ބެންޑޭޖްކޮށްފައި ހުރި މީހާގެ އަތުގައި އޮތް ބެންޑޭޖު އޮތީ މިހާރު ނަގާފައެވެ. ބޮޑީގާޑު އަބޫ-ސައިފްވެސް އޭނާގެ ކާރުން ފޭބުމަށްފަހު، އެ މީހުންގެ ފަހަތުން ދުއްވައިގަތެވެ. މަގުތަށް މަތިން ދުވަމުންގޮސް އެމީހުންވަނީ މަގުގެ އެއްފަރާތުގައި އޮތް ހުސް ބިމަކަށެވެ. އެހިސާބުން، ބޮޑީގާޑު އަބޫ-ސައިފް އެތަނުން އެކަކުގެ ގައިގަ  އޮޅުލައިގަތެވެ. އެވަގުތު މުސާދުގެ ދެވަނަ އެޖެންޓު އެތަނުން ހިލައެއް ނަގާ  ބޮޑީގާޑު އަބޫ-ސައިފްގެ ބޮލުގައި ޖަހާ ބޯފަޅާލައިފިއެވެ. އަނެއްކާވެސް، އެ ދެމީހުން ބޮޑީގާޑު އަބޫ-ސައިފްގެ އަތްދަށުން ސަލާމަތްވެގެން ދުއްވައިގަތެވެ.

 

 ލިބިފައިވާ ޒަޙަމްތަކާއެކު ބޮޑީގާޑު އަބޫ-ސައިފް އަނެއްކާވެސް އެމީހުންގެ ފަހަތުން ދުވަންފެށިއެވެ. މިފަހަރު އަބޫ-ސައިފް ކަންތައްކުރިގޮތަކީ، މަގުގެ އެއްފަރާތުގައި ފެންދައުރުކުރުމަށް ހަދާފައިވާ އަޑި މަގަކަށް އެތަނުން އެކަކު ކޮށްޕާ ވައްޓާލީއެވެ. އެއަށްފަހު، އެ އެމީހާގެ ގައިގައި އޮޅުލައިގަތެވެ. މުސާދުގެ އަނެއް އެޖެންޓު އަނެއްކާވެސް އެތަނުން ހިލައެއްނަގައި ބޮޑީގާޑު އަބޫ-ސައިފްގެ ބޮލުގައި ޖަހަން މަސައްކަތްކުރިއެވެ. ނަމަވެސް ބޮޑީގާޑު އަބޫ-ސައިފް އެއްފަރާތަކަށް ރެކިލުމުން، ހިލައިން ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. ގައިން އޮހޮރެމުންދިޔަ ލެޔާއެކުވެސް، ބޮޑީގާޑު އަބޫ-ސައިފް މަސައްކަތްކުރީ މިޝާލްއަށް ހަމަލާދިން މުސާދުގެ ދެ އެޖެންޓުން އަތުލައިގަތުމަށެވެ.

 ބޮޑީގާޑު އަބޫ-ސައިފްއާއި މޫސާދުގެ 2 އެޖެންޓުން ތަޅާފޮޅާ މަންޒަރު ބަލަން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މަގުގެ އަރިމަށްޗަށް އެއްވެއްޖެއެވެ. ނަމަވެސް، ތަޅާފޮޅަމުން ދިޔައީ ފެން ދަޢުރުކުރުމަށް އެމަގުގެ އަރިމަތީ  ހަދާފައި އޮތް އަޑި މަގެއްގައިކަމުން، ދުރުގައި މަންޒަރުބަލަންތިބި މީހުންނަކަށް މިވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

މިޝާލްގެ ބޮޑީގާޑު އަބޫ-ސައިފް މުސާދުގެ ދެ އެޖެންޓުންނާ ތަޅާފޮޅާމަންޒަރު ބަލަން މަގުގެ އެއްފަރާތުގައި ގިނަ ބަޔަކު އެއްވެފައިތިއްބެވެ. ﷲގެ ރަޙްމަތްފުޅުން، އިރުކޮޅަކުން އެތަނަށް ޓެކްސީއެއްގައި އައިސް ފޭބީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތުގެ އޮފިސަރެކެވެ. އޭނާގެ ނަމަކީ ސާދު އަލް-ޚަތީބެވެ. އޭރު އޭނާ ދިރިއުޅެމުންދިޔައީ ޢައްމާނުގައެވެ.

މަގުގެ އެއްފަރާތުގައި މީހުން އެއްވެގެން އުޅޭމަންޒަރު ފެނުމުން، ވެގެން އުޅޭގޮތެއް ބަލައިލުމުގެ ބޭނުމުގައި އޭނާ އެތަނާއި ކައިރިވެލިއެވެ. އޭނާއަށް ފެނުނު މަންޒަރަކީ ޢަރަތްބަކާއި ދެ ބިދޭސީން ތަޅާފޮޅަމުންދިޔަ ތަނެވެ. އޭނާ ހުރީ ހުސްއަތާކަމަށް ވިޔަސް، ބަލަން ނުހުރެ އެތާ ތިރިއަށް ފޭބުމަށް ފަހު އޭނާއަކީ ސެކިއުރިޓީ އޮފިސަރެއްކަމަށް ބުއްޏެވެ. ސާދު އަލް-ޚަތީބު އެހެން ބުނުމުން، އެ ދެމީހުންނަކީ މުސާދުގެ އެޖެންޓުންކަމަށާ އަދި އެމީހުން ޚާލިދު މިޝާލް ޤަތުލުކޮށްފިކަމަށް އޭނާ ބުއްޏެވެ. އަދި އެ ދެމީހުން ހިފާހައްޔަރުކުރުމަށް ބޮޑީގާޑު އަބޫ-ސައިފް ހަރު އަޑުން ގޮވަންފެށިއެވެ. އެހިނދު ސާދު އަލް-ޚަތީބު އާއި އެތާތިބި ބައެއް މީހުންގެ އެހީތެރިކަމާއެކު އެ ދެމީހުން ހިފާ ހައްޔަރުކުރިއެވެ.

 

އެއަށްފަހު، އެތަނުން އެއްވެފައިތިބި މީހެއްގެ ފޯނުން މިޝާލްގެ އޮފީހަށް ބޮޑީގާޑު އަބޫ-ސައިފް ގުޅާފައި، މިޝާލް އަށް ހަމަލާދިން ދެ މީހުން އަތުލައިގަނެވުނު ވާހަކަ ބުއްޏެވެ. އަދި އޭނާ ހުރީ ވަރަށް ބޮޑަށް ޒަޙަމްވެފައިކަންވެސް އެންގިއެވެ. އެއަށްފަހު، އެދެމީހުން ޓެކްސީއަކަށް އަރުވައިގެން ގެންދިޔައީ، އެސަރަޙައްދުގައި ހުރި ވާދީ-އަލްސީރު ޕޮލިސް ސުޓޭޝަނަށެވެ. އެ ހިސާބުން ޔަހޫދީންގެ ރޭވުން ފަޅާއަރަން ތައްޔާރުވީއެވެ!

މިޝާލް އަވަހާރަކޮށްލަން ދިން ހަމަލާގެ ޚަބަރުތައް ޢުރުދުންގެ ސަރުކާރުން ދޮގުކުރުން

ޢުރުދުންގެ ސަރުކާރުންވަނީ މިޝާލް އަވަހާރަކޮށްލަން ދިންކަމަށް ބުނާ ޚަބަރުތައް ވަގުތުން  ދޮގުކޮށްފައެވެ. މިޝާލް އަށް ދެވުނު ހަމަލާގެ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ރިޕޯޓެއްކަމަށް ޢުރުދުންގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕޮލިސް ސްޓޭޝަންއަށް ގެނެވުނީ ކެނެޑާގެ ދެ ޓޫރިސްޓުންކަމަށް ސަރުކާރުން ބުއްޏެވެ.  އަދި އެކަންތައްގަނޑަކީ މިޝާލްގެ ބޮޑީގާޑު އަބޫ-ސައިފް އާއި ކެނެޑާގެ ދެ ޓޫރިސްޓުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަމަށް ސަރުކާރުން ހާމަކުރިއެވެ.

 މުސާދުން ބޭޒާރުވުން

ޕޮލިސް ސުޓޭޝަނަށް ގެންދެވުނު ދެ މީހުންގެ ފާސްޕޯޓު ބަލާ ޗެކްކުރި އިރު އެމީހުންނަކީ ކެނެޑާގެ ޕާސްޕޯޓުގައި އައިސްގެން އުޅޭ ދެ ޓޫރިސްޓުންނެވެ. އެހެންކަމުން، ފުލުހުން އެދެމީހުންގެ ވާހަކަ ކެނެޑާގެ އެމްބަސީއަށް ރިޕޯޓުކުރުމުން، އެމީހުންނާ ބައްދަލުކުރުމަށް ކެނެޑާގެ އެމްބަސީގެ އޮފިޝަލުން ޕޮލިސް ސުޓޭޝަނަށް އަތުވެއްޖެއެވެ. ނަމަވެސް ކެނެޑާ އެމްބަސީގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އެ ދެ މީހުން ދެކޮޅުހަދަން ފެށުމުން މި ދެ މީހުންނާމެދު ފުލުހުންނަށް ޝައްކު އުފެދިއްޖެއެވެ. އެމީހުންނަކީ ކެނެޑާގެ ވަގު ޕާސްޕޯޓުގައި އެރެތެވެގެން އުޅޭ އިސްރާޢީލުގެ މޫސާދުގެ އެޖެންޓުންކަން އެންމެ ފަހުން ފަޅާއަރައިފިއެވެ!

މުސާދުގެ އެޖެންޓުން ހައްޔަރުކުރިކަން އިސްރާޢީލުގައި ހުންނަ މޫސާދުގެ ޢިދާރާއަށް ރިޕޯޓުކުރުން

މޫސާދުގެ 2 އެޖެންޓުން ޢުރުދުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ ރިޕޯޓު، ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީގެ ފަރާތުން އިސްރާޢީލުގައި ހުންނަ މުސާދުގެ ޢިދާރާގެ އިސްވެރިންނަށް ދީފިއެވެ. މިޝާލް އަވަހާރަކޮށްލުމަށް މުސާދުން ހިންގި މި ޖަރީމާ ފަޅާއެރިކަމުގެ ޚަބަރު ލިބުމާއެކު، އިސްރާޢީލުގެ ބޮޑުވަޒީރު ޔަތަންޔާހޫ މުސާދުގެ ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ.

މަތިއޮމާންކުރަން މުސާދުގެ އެންމެ އިސްވެރިޔާ ޢައްމާނަށް

މުސާދުގެ ވެރިޔާ އަދި މި އޮޕަރޭޝަނުގެ އެންމެ އިސްކޮށް ހުރި ޑެނީ-ޔަތޫމް ވަގުތުން އަސްކަރީ ހެލިކަޕްޓަރެއްގައި  ފުރައިގެން ޢުރުދުންގެ ވެރިރަށް ޢައްމާނަށް ދިޔައެވެ. އަދި ޙުސެއިން ރަސްގެފާނާ ބައްދަލުކުރަން ބޭނުންވާކަމަށް ރަސްގެފާނުގެ އޮފީހުގެ ވެރިޔާ ޢަލީ ޝުކުރީއަށް ދެންނެވިއެވެ. އަދި އޭނާގެ އެދަތުރުގެ ބޭނުންވެސް ޝުކުރީއަށް ބަޔާންކޮށްދިނެވެ.

ކުޑަ އިރުކޮޅެއް ފަހުން ޙުސައިން ރަސްގެފާނު ވަޑައިގަތެވެ. ކަންތައް ވެގެން އުޅޭގޮތެއް އޭރަކު ރަސްގެފާނަށް އެނގިވަޑައިނުގަންނަވައެވެ. އެހެންކަމުން، މުސާދުގެ ވެރިޔާ ދެންނެވި ވާހަކަތައް ޝުކުރީ ޙުސައިން ރަސްގެފާނަށް ދެންނެވިއެވެ.  މިވާހަކަތައް އައްސަވާފައި ޙުސައިން ރަސްގެފާނު ވަރަށް ބޮޑަށް ކޯފާވެވަޑައިގަތެވެ. އެހެންކަމުން ރަސްގެފާނުގެ ކޯފާމަޑުކުރެއްވުމަށް މުސާދުގެ ވެރިޔާ ވާހަކަ ދައްކަން ފެއްޓިއެވެ.  އެގޮތުން އެ ހަމަލާއަކީ ރަސްގެފާނާ ދެކޮޅަށް ދެވުނު ހަމަލާއެއްނޫންކަމަށާއި، އެއީ ޙަމާސްއާ ދެކޮޅަށް ދެވުނު ހަމަލާއެއްކަމަށް ރަސްގެފާނަށް ދެންނެވިއެވެ. އަދި އެފަދަ ކަމެއް ޢުރުދުންގެ ބިމުގައި ހިންގުނީތީ އެކަމަށް ހިތާމަކުރާކަމަށްވެސް ރަސްގެފާނަށް ދެންނެވިއެވެ. އަދި މިޝާލްގެ ފުރާނަފުޅު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ  އެންޓީޑޯޓު (ވިހައިގެ އަސަރުކަނޑުވާލުމަށް ދޭ ބޭހެއް) ވަގުތުން ގެނެސްދޭނެކަމަށްވެސް ރަސްގެފާނަށް އޭނާ ދެންނެވިއެވެ!

މުސާދުގެ ވެރިޔާގެ މި ވާހަކަތައް އަޑުއެއްސެވުމަށްފަހު ޙުޞައިން ރަސްގެފާނު ވިދާޅުވީ އެންމެ ބަސްފުޅެކެވެ. އިސްރާޢީލުގެ އެ ޖަރީމާގެ ސަބަބުން ޚާލިދު މިޝާލް އަވަހާރަވެއްޖެނަމަ، ޢުރުދުންއާއި އިސްރާޢީލާ ދެމެދު ވެފައިވާ ސުލްޙައިގެ އެއްބަސްވުންވެސް މިޝާލް އާއެކު މަރުވެގެން ދާނެކަމަށް ރަސްގެފާނު ވިދާޅުވިއެވެ. އޭގެ މާނައަކީ 1994 ވަނަ އަހަރު ޢުރުދުން އިން  އިސްރާޢީލާ އެކު ވެފައިވާ ޞުލްޙައިގެ އެއްބަސްވުން އުވިގެންދިއުމެވެ.

މިޝާލް ޙުސެއިން ރަސްގެފާނުގެ ޚާއްޞަ ސިއްޙީ ފަރުވާގެ ދަށަށް އަދި އިސްރާޢީލުގެ އެމްބަސީ އަސްކަރިއްޔާގެދަށަށް

ކަންތައްވެގެންއުޅޭގޮތް ރަސްގެފާނަށް އެނގިވަޑައިގެންނެވުމާއެކު، ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީ ހިޞާރުކުރުމަށް ޢުރުދުންގެ އަސްކަރިއްޔާއަށް ޙުސައިން ރަސްގެފާނު އަމުރުފުޅު ކުރެއްވިއެވެ. އަދި ޢައްމާނުގެ މެޑި-ސިޓީގައި ހުންނަ ރޯޔަލް ހޮސްޕިޓަލަށް މިޝާލް ވަގުތުން ބަދަލުކޮށް އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ހުޞައިން ރަސްގެފާނު ވިދާޅުވިއެވެ.

 ނަމަވެސް ޙަމާސްގެ އިސްވެރިންގެ މެދުގައި މިކަމާ ޚިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ޙަމާސްގެ އިސް އޮފިޝަލުންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގެންނެވިގޮތުގައި ރަސްގެފާނުގެ މަޤްޞަދަކީ މިޝާލްއަށް އިސްރާޢިލުން ދިން ހަމަލާ ދުނިޔެއަށް ފޮރުވުމެވެ. މިގޮތަށް ޙަމާސްގެ އޮފިޝަލުން ހީކުރި ސަބަބަކީ، މިޝާލްއަށް ދެވުނު ހަމަލާ ޢުރުދުންގެ ސަރުކާރުން ދޮގުކޮށްފައިވާތީއެވެ.

އެހެންކަމުން، ރޯޔަލް ހޮސްޕޮޓަލަށް މިޝާލް ބަދަލުކުރުމަށް ޙަމާސް އިން ފުރަތަމަ ދެކޮޅުހެދިއެވެ. ނަމަވެސް ސަރުކާރާ ޙަމާސްއާ ދެމެދު ދެކެވުނު ވާހަކަތަކަކަށް ފަހު ވަކި ޝަރުތުތަކަކާއެކު އެކަމަށް އެއްބަސްވެވިގެންދިއައެވެ. އެ ޝަރުތުތަކަކީ، ޙަމާސްގެ ދެ އޮފިޝަލުން ނުވަތަ މިޝާލްގެ ޢާއިލާގެ ދެ ބޭފުޅަކު އޭނާގެ އަރިހުގައި ހުރުމުގެ ހުއްދަދެއްވުމާއި، ޙަމާސްގެ އޮފިޝަލުންނަށް ބޭނުން ގަޑިއަކު މިޝާލްއަށް ޒިޔާރަތްކުރެެއްވުމުގެ ހުއްދަދެއްވުމާ އަދި މިޝާލްއަށް ދެވޭ ހުރިހާ ފަރުވާއެއްގެ ތަފްޞީލު ޙަމާސްއަށް ދިނުމަށް އެއްބަސްވުމެވެ. މި ޝަރުތުތަކާއެކު ރޯޔަލް ހޮސްޕިޓަލަށް މިޝާލް ބަދަލުކުރެވިގެންދިޔައެވެ.

ޙުސައިން ރަސްގެފާނާއި އެމެރިކާގެ ރައީސް ކުލިންޓަންގެ ފޯނުކޯލު

އިސްރާޢީލުން ޢުރުދުންގެ ބިމުގައި ހިންގި މި ޖަރީމާއާމެދު ޙުސައިން ރަސްގެފާނު ވަރަށް ކޯފާއިސްކުރައްވާ  ހާލު، އެމެރިކާގެ ރައީސް ބިލްކުލިންޓަންއަށް ފޯނުން ގުޅުއްވާ އިސްރާޢީލުން ހިންގި ބޮޑު ޖަރީމާގެ ވާހަކަ ވިދާޅުވިއެވެ. އެމެރިކާއަކީ 1994ގައި ޢުރުދުންއާއި އިސްރާޢީލާ ދެމެދު ވެވުނު ސުލްޙައިގެ އެއްބަސް ވުމުގެ މޭސްތިރިއެވެ. އަދި އެމެރިކާއަކީ އިސްރާޢީލުގެ އެންމެ ގާތް އެކުވެރިޔާއަށްވުމުގެއިތުރުން، އެމެރިކާ ބުނެފިކޮންމެ ގޮތެއް އިސްރާޢީލުން ހަދާނެކަން ޙުސައިން ރަސްގެފާނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ.

އެހެންކަމުން، މިޝާލްއަށް ދީފައިވަނީ ކޮން ބާވަތެއްގެ ވިހައެއްކަން ބުނެދިނުމަށާއި އަދި އެވިހަ ދިނުމަށް ބޭނުންކުރި އާލަތް ޢުރުދުންއާއި ހަވާލުކުރުމަށާއި، އެވިހައިގެ އެންޓިޑޯޓް (ވިހައިގެ އަސަރުކަނޑުވާލުމަށް ދެވޭ ބޭސް) ވީ އެންމެ އަވަހަކަށް ޢުރުދުންއަށް ފޯރުކޮށްދިނުމަށް އިސްރާޢީލަށް ބާރުއެޅުމަށް ޙުސައިން ރަސްގެފާނު ބިލްކުލިންޓަންއަށް ވިދާޅުވިއެވެ. އަދި މިޝާލް އަވަހާރަވެއްޖެނަމަ އިސްރާޢީލާއެކު ވެފައިވާ ޞުލްހައިގެ އެއްބަސްވުންވެސް އުވިގެންދާނެކަމުގެ އިންޒާރު  އެމެރިކާއަށް ދެއްވިއެވެ. އެހެންކަމުން އެކަމުގައި އިސްރާޢީލަށް ފުރެޝަރުކުރުމަށް އެމެރިކާއަށް މަޖުބޫރުވެގެން ދިޔައެވެ.

މިޝާލްގެ ފުރާނަސަލާމަތްވުންއެދި މުސާދުގެ އިސްވެރިޔާ ދުޢާކުރުން

ޔަހޫދީންގެ މި ނުބައި ޖަރީމާ ފަޅާއެރުމާއެކު އެބައިމީހުން މާޔޫސްވެގެންދިއައެވެ. އަދި ދުނިޔެއަށް ބޭޒާރުވެގެންދިޔައެވެ. އަދި މިޝާލް އަވަހާރަވެއްޖެ ނަމަ ޢުރުދުންއާއެކު ވެފައިވާ ސުލްޙައިގެ އެއްބަސްވުން އުވިގެންދާނެކަމުގެ އިންޒާރު ޙުސައިން ރަސްގެފާނު ދެއްވުމުން އެކަމާއި ވަރަށް ކަންބޮޑުވިއެވެ. އަނެއްކޮޅުން، އެމެރިކާވެސް ދިޔައީ އިސްރާޢީލަށް ވަރަށް ބޮޑަށް މި މައްސަލާގައި ފުރެޝަރުކުރަމުންނެވެ.

 މުސާދުގެ އިސްވެރިޔާ އަދި މިޝާލް އަވަހާރަކޮށްލުމުގެ ކަންތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ޑެނީ ޔަތޫމް ވަނީ މިޝާލްގެ ފުރާނަ ސަލާމަތްވުންއެދި ދުޢާކޮށްފައެވެ. އޭނާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހެންނެވެ. “އަހަރެން އެދުވަހު ހެނދުނު ދުޢާކުރިން މިޝާލް މަރުވުން އެދިގެން. އެކަމަކު ހަވީރު ދުޢާކުރިން އޭނާގެ ފުރާނަ ސަލާމަތްކުރައްވާތޯ!..”

އެއްވެސް ހާލެއްގައި މިއީ، މިޝާލް އަވަހާރަވެދާނެތީ އޭނާ ކުރި ހެޔޮ ދުޢާއެއްނޫނެވެ. އެއީ މިޝާލް އަވަހާރަވެއްޖެ ނަމަ ޢުރުދުންއާއެކު ޤާއިމްކޮށްފައިއޮތް ސުލްޙައިގެ އެއްބަސްވުން އުވިގެންދާނެކަމުގެ އިންޒާރު ޙުޞައިން ރަސްގެފާނު ދެއްވާފައިވާތީ އެކަމާ ކަންބޮޑުވެގެން އޭނާ ކުރި ދުޢާއެކެވެ. ސަބަބަކީ އެ އެއްބަސްވުމަކީ އިސްރާޢީލުގެ ސަލާމަތަށް ވަރަށް މުޙިންމު އެއްބަސްވުމަކަށްވެފައި، ސުލްޙައިގެ އެ އެއްބަސްވުން އުވިއްޖެނަމަ އަނެއްކާވެސް މެދުއިރުމަތީގައި އިސްރާޢީލާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ބިރު އޮތުމެވެ. ޢުރުދުންއަކީ މެދުއިރުމަތީގައި ވަރަށް ނުފޫޒު ގަދަ އަދި ބަސްވިކޭ ޤައުމެކެވެ.

އިސްރާޢީލުގެ އެމްބަސީގައި ތިބި އެޤައުމުގެ އޮފިޝަލުންނާއެކު އެތަން ބިމާހަމަކޮށްލާނެކަމުގެ އިންޒާރު ރަސްގެފާނު ދެއްވުން

އިސްރާޢިލުން މިޝާލް އާދެކޮޅަށް ބޭނުންކުރި ވިހަ މާއްދާގެ މައުލޫމާތާއި، އެ ވިހަ މާއްދާ ދިނުމަށް ބޭނުންކުރި އާލާތާއި، މިޝާލްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެންޓިޑޯޓް ފޯރުކޮށްދިނުން ލަސްވަމުންދާތީ ރަސްގެފާނު ކޯފާވެވަޑައިގެން ވަރުގަދަ އިންޒާރެއް އިސްރާޢީލަށް ދެއްވިއެވެ. އެއީ  ރަސްގެފާނުގެ އަމުރަށް ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީ ހިޞާރުކޮށްގެން ތިބި ސިފައިން އެތަނަށް ވަރުގަދަ ހަމަލާތަކެއްދީ، އިސްރާޢީލުގެ އޮފިޝަލުންނާއެކު އެތަން ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރެވެ.

ޙުޞައިން ރަސްގެފާނުގެ މިއިންޒާރާއެކު، އިސްރާޢީލުން ވަގުތުން މިޝާލްގެ ފަރުވާއަށް ބޭނުންވާ އެންޓިޑޯޓު ރޯޔަލް ހޮސްޕިޓަލަށް ފޯރުކޮށްދީފިއެވެ. އަސްކަރީ ހެލިކޮޕްޓަރެއްގައި އެންޓީޑޯޓު ހިފައިގެން  އައީ މުސާދުންގެ ތެރޭގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ އެންޓިޑޯޓު ހަވާލުކުރުމުން، ލެބޯޓްރީއަށް ގެސްގޮސް ޓެސްޓުކުރެވުނެވެ. އެޓެސްޓުން އެނގުނުގޮތުގައި އެޔަކީ  އޭގައި ލޭބަލުކޮށްފައިއޮތްގޮތަށް “އެޑްރަނަލިން” (adrenaline) އެއްނޫނެވެ. ޔަހޫދީން ކުރާކޮންމެ ކަމެއްގައިވެސް މަކަރާއޮޅުވާލުން އޮންނަ ފަދައިން، އެމީހުން ގެނެސްދިން އެންޓީޑޯޓުގެ ނަންވެސް މިވަނީ އޮޅުވާލަން މަސައްކަތްކޮށްފައެވެ. އޭގެ ބޭނުމަކީ، މިޝާލް އަށް ދީފައިވާ ވިހައިގެ އަސްލު ފޮރުވުމެވެ.

ލެބޯޓުރީން ކުރެވުނު ޓެސްޓުގެ ނަތީޖާއިން އެނގުނު ގޮތުން އިސްރާޢީލުން މިޝާލްއަށް ދީފައިވާ ވިހައިގެ ބާރުކަނޑުވާލުމަށް ފޯރުކޮށްދިން އެންޓިޑޯޓަކީ “ނާރކީން” (Narcan) އެވެ. ﷲގެ ރަޙްމަތްފުޅުން، އޭރު ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މިޝާލްއަށް ފަރުވާދެމުންއައީ  ހަމަ އެ އެންޓީޑޯޓް ބޭނުންކޮށްގެންނެވެ.

މިޝާލްއަށް  ޝިފާލިބިވަޑައިގަތުން

 ކޯމާއެއްގައި ދެ ދުވަހު އޮންނެވުމަށް ފަހު މިޝާލް ހޭފުޅުއެރީ ޖެހިގެންއައި ހޮނިހިރުދުވަހުއެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މިޝާލް މިވާހަކަތައް ކިޔައިދެއްވަމުން ވިދާޅުވިއެވެ. “އަހަރެންނަށް ހީވީ ރޭގަނޑު ނިދާފަ ތެދުވެވުނުހެން. އެއްގޮތަކަށްވެސް ނޭނގޭ އަހަރެން 2 ދުވަސް ވަންދެން ކޯމާއެއްގައި އޮތްކަމެއް. އަހަރެން ލޯހުޅުވާލިއިރު އަހަރެންގެ ވަށައިގެން ބައިވަރު މީހުންތިބި. އަހަރެން ފުރަތަމަވެސް ބުނި އެއްޗަކީ އަހަރެން ބޭނުމޭ ހުކުރު ނަމާދަށް ދިއުމަށްޓަކައި ވުޟޫކުރަން. އަދި ނިދުމުގެ ސަބަބުން ދޫވެގޮސްފައިވާ ނަމާދުތައް އަދާކުރަން ބޭނުމޭ. އެމީހުން ބުނި މިއަދަކީ ހުކުރު ދުވަހެއްނޫނޭ، މިއަދަކީ ހޮނިހިރު ދުވަހޭ! އެހިސާބުން އަހަރެންނަށް އެނގުނީ ބުރާސްފަތި ދުވަހު ހޭނެތުނުގޮތަށް އަހަރެން ހޭއެރީ ޖެހިގެންއައި ހޮނިހިރު ދުވަހުކަން.”

އެހެންކަމުން، ﷲގެ ރަޙްމަތުން އޭނާއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަނެ ޔަހޫދީންގެ ނުބައި ރޭވުމުން އޭނާ ސަލާމަތްވެވަޑައިގަތެވެ.

ޙުސައިން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެއް

މިއީ އިސްރާޢީލު ކުޑަކަކޫމައްޗަށް ތިރިކުރުމަށް ޙުސައިން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެކެވެ. އެހެނީ އިސްރާޢީލާއި ޢުރުދުންއާދެމެދު ވެނުނު ޞުލްޙައިގެ އެއްބަސްވުމާ ޚިލާފަށް، އެ އަހަރުގެ ކުރީކޮޅު ޢުރުދުންގެ ސަރަޙައްދީރޮނގު ބަލަހައްޓާ ސިފައިންގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އިސްރާޢީލުގެ ސުކޫލުކުދިންތަކެއް މަރުވުމުގެ ޒިންމާވަނީ ޙުސައިން ރަސްގެފާނަށް އުފުއްލަވަން ޖެހިވަޑައިގެންފައެވެ. އެފަހަރު އިސްރާޢީލުގެ ޝިކާރައަކަށްވީ ޙުސައިން ރަސްގެފާނެވެ.

ނަތީޖާއެއްގެ ގޮތުން އިސްރާޢީލާއި އެމެރިކާއިން ދިޔައީ ހަމާޝްއަށް ޢުރުދުންއިން ދެމުންގެންދާ ޙިމާޔަތް ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑަށް ޕުރެޝަރުކުރަމުންނެވެ. މިހެން ކަންތައް ވަމުންދަނިކޮށް، ޙަމާސްއާ  ދެކޮޅަށްނަމަވެސް  ޞުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ޢުރުދުންގެ ބިމުގައި އިސްރާޢީލުން މި ހިންގި ބޮޑު ޖަރީމާގެ ސަބަބުން ޙުސައިން ރަސްގެފާނަށް އިސްރާޢީލުގެ ކޮޅަށް ބޯޅަޖެއްސެވުމަށް ރަނުގެ ފުރުޞަތެއްލިބިވަޑައިގަތެވެ. އަދި ޚިކުމަތުގެ ބޭނުންކުރައްވާ،  އިސްރާޢީލުގެ ދެ އެޖެންޓުން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުގައި ފަލަސްތީނުގެ އެތަކެއް ސަތޭކަ ރައްޔިތުންނެއް އިސްރާޢީލުގެ ޖަލުތަކުން މިނިވަންކުރުމަށް ޝަރުތުކުރިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޙަމާސްގެ ބާނީ ޝައިޚް އަޙްމަދު ޔާސީން (ރަޙިމަހުﷲ) މިނިވަންކުރުމަށް ހުށަހެޅުއްވި ޝަރުތެވެ. މީގެ ސަބަބުން މެދުއިރުމަތީގަޔާއި ފަލަސްތީނުގައި އަދި ވަކިން ޚާއްޞަކޮށް ޙަމާސްގެ މެމްބަރުންގެ މެދުގައި ޙުސައިން ރަސްގެފާނުގެ މަޤުބޫލުކަން އިތުރުވެގެންދިޔައެވެ.

ޙަމާސްއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ

 މިކަމުން ޙަމާސްއަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބަކީ،  ޙަމާސްގެ ލީޑަރަކު އަވަހާރަކޮށްލުމަށް އިސްރާޢީލުން ހިންގި މި ޖަރީމާގެ ސަބަބުން އެ ޖަމާޢަތުގެ ބާނީ އަދި އެންމެ އިސްވެރިޔާ ޝައިޚް އަޙްމަދު ޔާސީން އަލުން އުފަންވެވަޑައިގެންނެވުމެވެ. މިހެން މިދެންނެވީ، އޭރު ޝައިޚް ޔާސީން ހުންނެވީ އުމުރުދުވަހަށް އިސްރާޢީލުގެ ޖަލަށްލާ ހައްޔަރުކޮށްފައެވެ. ނަމަވެސް، މި ޖަރީމާގެ ސަބަބުން އިސްރާޢީލަށް މަޖުބޫރުވީ މުސާދުންގެ 2 އެޖެންޓުންގެ ބަދަލުގައި ޝައިޚް ޔާސީންވެސް މިނިވަންުކުރާށެވެ!.. މާތްﷲގެ ރޭއްވެވުން ޔަހޫދީންގެ ރޭވުންތަކަށްވުރެ މާ މަތިވެރިވެވޮޑިގެންވާކަން ވިސްނާ ފިކުރުކުރާ ބަޔަކަށް މި ހާދިސާއިންވެސް ހާމަވެގެންދެއެވެ.

 ޙުސައިން ރަސްގެފާނު ހުށަހެޅުއްވިގޮތަށް ޙަމާސްގެ އެންމެ އިސްލީޑަރު ޝެއިޚް އަޙްމަދު ޔާސީން (ރަޙިމަހުﷲ) އިސްރާޢީލުގެ ޖަލުން މިނިވަންކޮށް  އަސްކަރީ ހެލިކަޕްޓަރެއްގައި ޢުރުދުންގެ ވެރިރަށް ޢައްމާނަށް ގެނެވުނެވެ.  ޝައިޚް ޔާސީނަށް އިސްތިޤުބާލު ދެންނެވީ ހުދު ޙުސައިން ރަސްގެފާނެވެ. އެއަށް ފަހު ރަސްގެފާނު ވެވަޑައިގެންފައިވާ އެއްބަސްވުމާ އެއްގޮތަށް، މުސާދުންގެ ދެ އެޖެންޓުންވެސް މިނިވަންކޮށް އިސްރާޢީލުގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ފޮނުވާލެވުނެވެ.

2004 ވަނަ އަހަރުގެ މާރިޗް މަހުގެ 22 ވަނަ ދުވަހު އިސްރާޢީލުގެ އަސްކަރިއްޔާއިންވަނީ ޝައިޚް ޔާސީން(ރަޙިމަހުﷲ) އަށް އަމާޒުކޮށްގެން ދެވުނު  މިސައިލް ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައެވެ. މާﷲ ޝެއިޚް ޔާސީނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. މިއަދު ޙަމާސްގެ އިސްވެރިޔަކީ ޚާލިދު މިޝާލް އެވެ. މިހާރުވެސް އިސްރާޢީލުންދަނީ މިޝާލް އަވަހާރަކޮށްލުމަށް އެކިއެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. މާތްﷲ ޔަހޫދީންގެ  ނުބައި ރޭވުންތަކުން މިފަދަ މުޖާހިދުން ރައްކާތެރިކޮށްދެއްވުންއެދި ދުޢާކުރަމެވެ. (ނިމުނީ)

މިލިޔުމަށް މަޢުލޫމާތު ހޯދީ އަލްޖަޒީރާ އިން.

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ފުރިހަމަ މިކަހަލަ ހާދިސާތައް އަބަދުވެސް ގެނެސްދީ

  2. މި ލިޔުމާގުޅޭ ވީ ޑިއޯވެސް ފޯސްޓުކޮށްލިނަމަ އިތުރަށް ފުރިހަމަވާނެކަމަށްދެކެން… މީގެ ޑޮކިއުމެންތަރީ އަލްޖަޒީރާ އިން ބަލާލިން: [http://www.aljazeera.com/programmes/aljazeeraworld/2013/01/201312210472621589.html]

  3. ވަރަށް ފެންވަރުގެ ލިޔުމެއް! މިފަދަ ލިޔުންތައް ގިނަ ގިނައިން ފެންނާނެ ކަމަށް އުއްމީދު ކުރަން.. މިފަދަ މުޖާހިދުންނަށް މާތް ﷲ މިންވަރު ކުރައްވާފައިވާ މަތިވެރި ކާމީޔާބީ ތަކުގެ ވާހަކަ ގިނަ ގިނައިން ހަނދާން ކޮށްދީ މިފަދަ ޙާދިސާ ތަކުން ޢިބުރަތް ޙާޞިލު ކުރުމަށް ކިޔުންތެރިންނަށް ގޮވާލަން.

  4. މިއީ މިހާދިސާ އާއި ގުޅޭ ގޮތުން ކުޅެފައިވާ ފިލްމެއް.
    http://www.aljazeera.com/programmes/aljazeeraworld/2013/01/201312210472621589.html#parttwo

  5. ަަަަަަަަﷲ އަކްބަރް ﷲ އަކްބަރް ﷲ އަކޮބަރް

  6. ۞ الله أكْبَرُ ۞
    ވަރަށް ފުރިހަމަ ލިޔުމެއް… ވަރަށް ދިގު އިންތިޒާރަކަށް ފަހު ދެވަނަ ބައި ކިޔާލަން ލިބުނީތީ ﷲ އަށް ޙަމްދު ކުރަން، އަދި ލިޔުން ތެރިއާއަށް ޝުކުރު އަދާކުރަން…

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!