ޚާލިދު މިޝާލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (1ވަނަ ބައި)

khalid-mashaal

 

މިއީ 1997 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓު ސަރުކާރުން ޙަމާސްގެ  މިހާރުގެ ލީޑަރު ޚާލިދު މިޝާލް  އަވަހާރަކޮށްލުމަށް ހިންގި ސިއްރު އޮޕަރޭޝަން ހިނގާދިޔަ ގޮތުގެ ވާހަކައެވެ. އޭރު ޚާލިދު މިޝާލް އަކީ ޙަމާސްގެ ޕޮލިޓިކަން ބިއުރޯގެ އިސްވެރިޔާއެވެ. އިސްރާޢީލުގެ ސިއްރު ފުލުހުން ކަމުގައިވާ މުސާދުގެ އެޖެންޓުން ހިންގި މި އޮޕަރޭޝަނަކީ މިހާތަނަށް ދުނިޔެދުއް މިފަދަ އެންމެ ނާކާމިޔާބު އޮޕަރޭޝަނެވެ.

އިސްރާޢީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާޢީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

 ޔަހޫދީންގެ މި ނުބައި ރޭވުމުން ޚާލިދު މިޝާލް  ސަލާމަތްވެވަޑައިގަތީ މަރުގެ ތުންފަތްމަތީގައި އޮންނެވުމަށް ފަހުގައެވެ. ކޯމާއެއްގައި 2 ދުވަހު އޮންނެވުމަށް ފަހު ޚާލިދު މިޝާލް ހޭފުޅުއެރީ 27 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު މެންދުރެއްހާ އިރުއެވެ. އޭނާއަށް މި ހަމަލާއިން އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވައެވެ. ޔަހޫދީންގެ ރޭވުމަށް ވުރެ މާތްﷲ ގެ ރޭއްވެވުން މާ މަތިވެރިވެވޮޑިގެންވާކަން ހާމަވެގެންދިޔައީ، މި އޮފަރޭޝަނުގެ ސަބަބުން ޔަހޫދީންނަށް ލިބިގެންދިޔަ ގެއްލުމާއި ޙަމާސްއަށް ލިބިގެންދިޔަ މަތިވެރި ނަޞްރުގެ ސަބަބުންނެވެ. މި ނާކާމިޔާބު އޮޕްރޭޝަންގެ ނަތީޖާއަކަށްވެގެންދިޔައީ، ޔަހޫދީން ދުނިޔެއަށް ބޭޒާރުވެގެންދިޔުމުގެ އިތުރަށް، ޙަމާސްގެ އެންމެ އިސް ލީޑަރު ޝައިޚް ޔާސީން (ރަޙިމަހުﷲ)އިސްރާޢީލުގެ ޖަލުން މިނިވަންކޮށް ދޫކޮށްލުމަށްމަޖުބޫރުވެގެން ދިޔުމެވެ.

25ސެޕްޓެމްބަރު 1997ވަނަ އަހަރު އިސްރާޢީލުގެ ސިއްރު އެޖެންޓުން ޙަމާސްގެ ޕޮލިޓިކަލް ބިއުރޯ (ސިޔާސީ ގޮފީ)ގެ ވެރިޔާ ޚާލިދު މިޝާލް އަވަހާރަކޮށްލުމަށް މަސައްކަތްކުރިއެވެ. ޚާލިދު މިޝަލް އަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާޝް ޖަމާޢަތުގެ އިސްވެރިއެކެވެ. 1999ގައި ޢުރުދުންގެ ޙުސައިން ރަސްގެފާނު އަވަހާރަވުމާ ހަމަޔަށް މިޝަޢަލް ދިރިއުޅުއްވީ އުރުދުންގެ ވެރިރަށް ޢައްމާނުގައެވެ.

ޚާލިދު މިޝާލް  އަވަހާރަކޮށްލުމަށް އިސްރޭލުގެ ޒަޔަނިސްޓު ސަރުކާރުން ނިންމުން

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޒަޔަނިސްޓު ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެންމެ ވަރުގަދައަށް ރައްދުދެމުންދާ އެއްބަޔަކީ ޙަމާސް ޖަމާޢަތެވެ. މިގޮތުން އިސްރާޢީލުގެ މައި ދެ އަވަށް ކަމަށްވާ  ޖޫރުސަލީމަށާއި، ތެލްއަވީވްއަށް ޙަމާސްއިން ދިން ބޮމުގެ ވަރުގަދަ 2 ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާޢީލުގެ ޒަޔަނިސްޓު ދަޢުލަތުން ނިންމީ ޙަމާސް ޖަމާޢަތުގެ އިސްވެރިޔަކު އަވަހާރަކޮށްލުމަށެވެ. މި ހަމަލާތަކަށްފަހު، އިސްރާޢީލުގެ އޭރުގެ ބޮޑުވަޒީރު ބިންޔަމިން ޔަތަންޔާހޫ، ސަލާމަތީ އިސްވެރިންނާއި އަދި މުސާދުގެ ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އޭރު މުސާދުގެ ވެރިޔަކަށް ހުރީ ޑެނީ ޔަހްތުމް އެވެ.

އިސްރާޢީލުގެ ކުއްލި ބައްދަލުވުމުގެ ބޭނުން

އަބޫމަރްޒޫކް: ހަމާސްގެ އިސް އޮފިޝަލެއް

އަބޫމަރްޒޫކް: ހަމާސްގެ އިސް އޮފިޝަލެއް

މި ކުއްލި ބައްދަލުވުމުގެ ބޭނުމަކީ ޙަމާސްގެ ކިބައިން ވަރުގަދަ ބަދަލެއް ހިފުމެވެ. މިގޮތުން ބޮޑުވަޒީރު ޔަތަންޔާހޫގެ ހިޔާލުހުރީ ޙަމާސްގެ އިސްވެރިއެއްކަމަށްވާ މޫސާ އަބޫ މަރްޒޫކް އަވަހާރަކޮށްލުމަށެވެ. ނަމަވެސް މުސާދުން އެގޮތަކަށް އެއްބަސް ނުވި ސަބަބަކީ އަބޫ މަރްޒޫކް އަކީ އެމެރިކާގެ ސިޓިޒަންޝިޕް އޮންނަ މީހަކަށްވުމެވެ. އެހެންކަމުން، މުސާދުން ބޮޑުވަޒީރަށް ލަފާއެރުވީ  އޭނާގެ ބަދަލުގައި ޙަމާޝްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ ޚާލިދު މިޝަލް އަވަހާރަކޮށްލުމަށެވެ.

މުސާދުންނަކީ ކޮންބައެއް؟

މިހާ ހިސާބުން މުސާދުންނަކީ ކޮންބައެއްތޯ ބަލާލުން ކޮންމެހެން މުޙިންމުކަމަށް ދެކެމެވެ. މުސާދު، މިއަކީ އިސްރާޢީލުގެ ޖާސޫސީ އަދި ސިއްރު ޢިދާރާއެވެ. މުސާދު މިއީ ހިބްރޫ ލަފްޒެކެވެ. މި ލަފްޒުގެ މާނައަކީ “ޢިދާރާ” ނުވަތަ “މުއައްސަސާ” އެވެ. މުސާދު އުފެއްދީ 13 ޑިސެމްބަރު 1949 ގައި އޭރުގެ ބޮޑުވަޒީރު ޑޭވިޑް ބެން-ގުޔޮން’ގެ އަމުރެއްގެ ދަށުންނެވެ. މި ޢިދާރާގެ މަސައްކަތަކީ ޖާސޫސީ މަޢުލޫމާތު ހޯދާއެއްކުރުމާއި، އިސްރާޢީލުގެ ބޭރުގައި އެކިއެކި ހާއްޞަ އޮޕަރޭޝަންތައް ހިންގުމެވެ. މި ޢިދާރާގައި މަސައްކަތްކުރަނީ ސިއްރު ފުލުހުންގެ ގޮތުގައި މަސައްކަތްކުރާ މުސާދުގެ އެޖެންޓުންނެވެ. އިސްރާޢީލުން އެ ޤައުމުގެ ސަލާމަތަށް ނުރައްކާވާކަމަށް ޤަބޫލުކުރާ މީހުން، ސިއްރު ރޭވުންތަކުގެ ތެރެއިން މެރުމަކީ މުސާދު އެޖެންޓުންގެ އެންމެ މުޙިންމު އެއް މަސައްކަތެކެވެ. ބައެއްފަރާތްތަކުން ސިފަކުރާގޮތުގައި މިއީ ދުނިޔޭގައި ޚަރަކާތްތެރިވާ އެންމެ ނުރައްކާތެރި ސިއްރު ފުލުހުންނެވެ. އެފަދަ ފަރާތްތަކުން ބުނާގޮތުންނަމަ މުސާދުއަކީ އެންމެ “އެފިސިއަންޓު ކިލިން މެޝިން” އެވެ.

ޚާލިދު މިޝާލް  އަވަހާރަކޮށްލުމަށްޓަކައި މުސާދުން ޢައްމާނަށް އައުން

ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އޭރުގެ ލީޑަރު ޚާލިދު މިޝާލް އަވަހާރަކޮށްލުމަށް އިސްރާޢީލުގެ ސަރުކާރުން ނިންމުމާއެކު އެމަސައްކަތް ތަންފީޒުކުރުމަށް ހަވާލުކުރެވުނީ އިސްރާޢީލުގެ ސިއްރު ފުލުހުންކަމުގައިވާ މުސާދުންނާއެވެ. ބޮޑުވަޒީރު ޔަތަން ޔާހޫގެ ފެހިސިގްނަލާއެކު މުސާދުންގެ 6 އެޖެންޓުން ޢުރުދުންގެ ވެރިރަށް ޢައްމާން އަށް ދިޔައެވެ. އެމީހުން ޢައްމާނުގެ ވައިގެބަނދަރުން އެތެރެވީ ކެނެޑާގެ ވަގު ޕާސްޕޯޓުގައި ޓޫރިސްޓު ވިސާގައެވެ. އެއީ ޚާލިދު މިޝާލް އަވަހާރަކޮށްލުމަށް ރާވާފައިވާ ދުވަހުގެ 1 ހަފްތާކުރިއެވެ.

ޚާލިދު މިޝާލް ވިހަލުމުގެ ޕުލޭނު

ޚާލިދު މިޝާލް އަވަހާރަކޮށްލުމަށް ގޮވާޒާތުގެ އެއްވެސް އެއްޗެއް ނުވަތަ ބަޑިއެއްވެސް ބޭނުންކޮށްފައެއް ނުވެއެވެ. ޔަހޫދީން ބޭނުންވީ އޭނާއަށް ލީތަލް ޕޮއިޒަން (ވިހަ) ލައިގެން ‘ސައިލެންޓުކޮށް” އަވަހާރަކޮށްލާށެވެ.

ޑެނީ ޔަތޫމް: މުސާދުގެ ވެރިޔާ

ޑެނީ ޔަތޫމް: މުސާދުގެ ވެރިޔާ

ދުނިޔޭގެ ލޯތަކަށް އެއީ ޤަތުލުކުރުމެއްކަން ނޭނގޭގޮތަށް އޭނާ އަވަހާރަކޮށްލުމަށެވެ! އިސްރާޢީލުން ރާވާފައި އޮތީ މުސާދުގެ އެޖެންޓުން ބޭނުންކޮށްގެން ޚާލިދު މިޝާލްގެ ކަންފަތްޕުޅަށް އެ ވިހަ ސުޕްރޭކުރާށެވެ. އެގޮތުން، ބޭރު ފުށުން އެއްވެސް ޒަހަމެއް ނުފެނި އޭނާ އަވަހާރަކޮށްލުމަށެވެ. މި ވިހަ މާއްދާގެ ސަބަބުން ސިކުނޑީގެ މަސައްކަތް މަޑުމަޑުން ހުއްޓުވާލާ، ނޭވާލާނިޒާމް ފެއިލްކޮށްލައެވެ. ނަތީޖާއަކީ ގިނަވެގެން 48 ގަޑިއިރު ތެރޭގައި މީހާ މަރުވުމެވެ. މަޑުމަޑު އަރާމުނިންޖަކުން މީހާ މަރާލުމެވެ!

ޚާލިދު މިޝާލްއަށް ވިހަލުން

އެއީ 25 ސެޕްޓެމްބަރު 1997 ވަނަ ދުވަހު މެންދުރުފަހެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެމަތިން، ޚާލިދު މިޝާލް އޭނާގެ ކާރުގައި ވަޑައިގެންނެވީ، ޢައްމާނުގައި ހުންނަ އޭނާގެ އޮފީހަށް ވަޑައިގަތުމަށެވެ. ޚާލިދު މިޝާލްގެ ބޮޑީގާޑަކީވެސް އޭނާގެ ޑުރައިވަރެވެ. ޚާލިދު މިޝާލްގެ ކާރުކޮޅުގެ ފަހަތުން އެހެން ކާރެއް ފާރަލަމުން (ފޮލޯކުރަމުން ) އަންނަކަން ޑުރައިވަރަށް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަން މާބޮޑުކަމަކަށް ނަހަދައެވެ. އެއީ ޢުރުދުންގެ ވެރިރަށް ޢައްމާނަކީ ޙަމާސްއަށް އަމާން ތަނަކަށްވުމެވެ.

 އާދައިގެ މަތިން އެދުވަހުވެސް ޚާލިދު މިޝާލް އޮފީހަށް ވަޑައިގެންނެވި މަގުމަތީގައި އޭނާގެ ކުޑަ ދެ ދަރިކަލުން އިސްކޫލުން ނެންގެވިއެވެ. އެހެންކަމުން މިހާރު ކާރުކޮޅުގައި ތިބީ އޭނާއާއި އޭނާގެ ކުޑަ ދެ ދަރިކަލުންގެ އިތުރުން ބޮޑީގާޑެވެ.

އޮފީހުގެ ދޮރުމަށްޗަށް ކާރުކޮޅު މަޑުކޮށްލުމާއެކު ޚާލިދު މިޝާލްގެ ލޯފުޅުގައި އަޅައިގަތީ އޮފީހު ދޮރުމަތީގައި މަޑުކޮށްލައިގެން ތިބި ދެ ޒުވާނުންނެވެ. އެމީހުންތިބީ ކަޅުކުލައިގެ އަވިއައިނު އަޅާފައި، އާދައިގެ ކުލަ ހެދުމުގައެވެ. އެ ދެމީހުންނަކީ ޚާލިދު މިޝާލް އަވަހާރަކޮށްލުމަށް އިސްރާޢީލު ސަރުކާރުން ފޮނުވާފައިވާ މުސާދުގެ އެޖެންޓުންނެވެ! އެކަކުގެ ކަނާތުގައިވަނީ ބެންޑޭޖްކޮށްފައެވެ. އެ ބެންޑޭޖުން ނިވާކޮށްފައިވަނީ ޚާލިދު މިޝާލްގެ ކަންފަތްޕުޅަށް ސުޕުރޭކުރުމަށް ތައްޔާރުކޮށްފައިވާ ވިހަ އެވެ. މުސާދުގެ 2  އެޖެންޓުން އެތިބީ ޚާލިދު މިޝާލް ކާރުކޮޅުން ފައިބާވަޑައިގަންނަވާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ!

އެމީހުން ފެނިވަޑައިގަތުމާއެކު، ޚާލިދު މިޝާލްގެ ހިތްޕުޅުގައި އެމީހުންނާމެދު ޝައްކު އުފެދި ކާރުކޮޅުން ފައިބާވަޑައިނުގަތް މަޑުކޮށްލެއްވިއެވެ. އަދި އެވާހަކަ އޭނާގެ ބޮޑީގާޑުގެ ސަމާލުކަމަށް ގެންނެވިއެވެ. އެވަގުތު ކަންހިގިގޮތުގެ ވާހަކަ ކިޔައިދެއްވަމުން ޚާލިދު މިޝާލް ވިދާޅުވިއެވެ. “ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހްސާސެއް އަހަރެންނަށް ކުރެވުނު. ކޮންމެވެސް ސަބަބަކާހުރެ މި ދެ މީހުންނާމެދު އަހަރެންގެ ހިތުގައި ޝައްކުކަމެއް އުފެދުނު. އަހަރެން އެ ދެމީހުންގެ ވާހަކަ އަހަރެންގެ ބޮޑީގާޑު އަބޫ-މާހިރު އަށް ދެންނެވިން. އަހަރެން ހިތަށް އެރި ކާރުން ފައިބާނީބާއޭ ނުވަތަ އަނބުރާލާފަ ދާނީބާއޭ. އެއީ ފިފްޓީ-ފިފްޓީގެ ރިޒްކެއް.”… އެންމެ ފަހުން މިޝާލް ނިންމެވީ ކާރުކޮޅުން ފައިބާވަޑައިގަންނަވާށެވެ! …..

ޚާލިދު މިޝާލް ކާރުން ފައިބައިވަޑައިގެން އޮފީހަށް ވެންނެވުމަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ފަހަތުން އޭނާގެ ބޮޑީގާޑު އަބޫ-މާޙިރު އެ ދެމީހުންނަށް ސަމާލުވެގެންހުރެ އަންނަމުންދިޔައެވެ. އެ ދެމީހުންނާ އަރާހަމަވިތަނާ، އެމީހުން ކުއްލިޔަކަށް ޚާލިދު މިޝާލްއާ ކައިރިއަށް އައުމަށްފަހު، ޚާލިދު މިޝާލްގެ ވާތު ކަންފަތްޕުޅަށް ވިހަ ސުޕްރޭއެއް ޕޮނުވާލިއެވެ. ބޮޑީގާޑު ވަގުތުން އެމީހާގެ އަތުގައި ޖަހާ ފޮޅުވާލުމުން އެދެމީހުން ފިލަން ދުއްވައިގަތެވެ. އެވަގުތު ކަންތައް ވެގެންދިޔަގޮތް ޚާލިދު މިޝާލްއަށްވެސް  މާރަނގަޅަކަށް އެނގިވަޑައިނުގަތެވެ. ނަމަވެސް އެއީ އޭނާ އަވަހާރަކޮށްލަންދޭން އުޅުނު ހަމަލާއެއްކަން އޭނާ ޤަބޫލުފުޅުކުރެއްވިއެވެ!

މި ހާދިސާ ސިފަކޮށްދެއްވަމުން ޚާލިދު މިޝާލް ވިދާޅުވިއެވެ. “އޭނާ އަހަރެންގެ ވާތުކަންފަތަށް ކޮންމެވެސް އެއްޗެއް ޖެހިކަން  އެނގޭ. އެއީ ކޯޗެއްކަމެއް ނޭގޭ. އެއެއްޗެއް ކަންފަތަށް ޖެހިވަގުތު އަހަރެންނަށް ވަރަށް ބާރުގަދަ ޝޮކެއްލިބުނު. ހީވީ ކަރަންޓު ޝޮކެއްދިންހެން. އެކަމަކު ފަހުން އެއްވެސް ކަމެއްނެތް ބޭރުފުށުން ފެންނާކަށް. ބަޑިއެއް ނުޖަހާ. އެކަމަކު އަހަރެންނަށް ޔަޤީންވި އެއީ އަހަރެން މަރާލަންދިން ހަމަލާއެއްކަން.” ޚާލިދު މިޝާލްގެ ބޮޑީގާޑު އަބޫ-މާހިރު މުސާދުގެ ދެ އެޖެންޓުންގެ ފަހަތުން ދުއްވައިގަތުމުން، ޚާލިދު މިޝާލް އޭނާގެ ކުޑަ ދެ ދަރިކަލުން ގޮވައިގެން އެ ހިސާބުން ދުރަށް ވަޑައިގެންނެވިއެވެ.

ޚާލިދު މިޝާލްގެ ދެވަނަ ބޮޑީގާޑަށް ހާދިސާ ހިނގި ވަގުތު އާދެވުން

ﷲގެ ރަޙްމަތުން، ޚާލިދު މިޝާލްގެ ދެވަނަ ބޮޑީގާޑު މުޙައްމަދު އަބޫ-ސައިފްއަށް އެތަނަށް އެވަގުތު އާދެވެން މެދުވެރިވިއެވެ. އޭނާ އެކަންތައް ކިޔައިދެމުން ބުއްޏެވެ. “އަހަރެން އޮފީހަށް އައިސް ކާރު ޕާކުކުރަން އުޅެނިކޮށް ފެނުނީ ޚާލިދު މިޝާލްއަށް ދެ މީހަކު ހަމަލާދީފައި ދުއްވައިގަތްތަން. އަހަރެން އަވަހަށް އެމީހުންގެ ފަހަތުން ދުއްވައިގަތިން.” ދެވަނަ ބޮޑީޤާޑު މުސާދުގެ އެޖެންޓުން ފަހަތުން ދުއްވައިގަތުމުން ޚާލިދު މިޝާލްގެ އަނެއް ބޮޑީގާޑު ޚާލިދު މިޝާލްއަށް އެހީތެރިވުމަށްޓަކައި އޭނާ އަރިހަށްދިއައެވެ…. (ނުނިމޭ)

 

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ޔަހޫދީން ނަކީ ފެށުނީންސުރެން ނަބީބޭކަލުން އާއި ނަބީބޭކަލުންގެ ވާރިސުން ޤަތުލުކުރުމަށް މައްކަތް ކުރަމުން އަންނަބަޔެއް، މިމީހުންގެ ޖާސޫސުން ދުނިޔޭގެ އެތަންމިތާގައި އެބަތިބި، އަންހެނުން ނާއި ފިރިހެނުން ކުޑަކުދިން ނާއި މުސްކުޅިން ވެސް ޖާސޫސީ މޮސާޑުން ބޭނުންކުރޭ، އޭރަކު ދައްކަން ޖެހުނު ކޮންމެ އަގެއްދީގެން، މިއަދު ދިވެހިރާއްޖޭގައި ވެސް ޔަހޫދީ އެޖެންޓުން ނާއި މޮސާޑުގެ އެޖެންޓުން އެބަތިބިކަން ދިވެހިން ދަންނަންޖެހޭ،

  2. ކޮބާތަ 2 ވަނަ ބައި؟؟؟؟ އިންތިޒާރު މާ ދިގު ނުކުރައްޗޭ….. ވަރަށް ފރިހަމަ މި ލިޔުން… މިއީ މިއަދު ދިވެހިންނަށް އެނގެންޖެހޭ ޙަޤީގަތެއް… ޔަހޫދީންގެ ރޭވުމާއި… އެމީހުންގެ މަކަރުވެރިކަމާއި… ނުލަފާކަން…. އެ ބައިގަނޑުގެ ތެރެއިން ފާޅުވެގެން އުޅޭ ޝައިޠާނެއް މިހާރު މި ޤައުމު ހަލާކު ކުރަންވެސް އެބަ އުޅޭ…

  3. ވަރަށް ކިޔާލަން ބޭނުން ވާހަކައެއް!

  4. ކޮބާ 2 ވަނަ ބައި؟؟؟؟؟؟ އަވަސް ކުރޭ މި އާޓިކަލްގެ އަނެއްބައި ކިޔާ ހިތުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ދި އިސްލާމް އެބަ ބެލޭ…. އަވަސް ނުކޮށްފިއްޔާ ދެން މި ސައިޓު ހެކް ކޮއްލާނީ….. :ޕ އަމަ ޖޯކިންގް ލޯލް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!