ވާހަކަ: ޔަހޫދީކަލޭގެއާއި އިބްނު ހަޖަރު (ރަޙިމަހުﷲ)ގެ ކުރު ބައްދަލުވުން

އަލްޙާފިޟް އިބުނު ހަޖަރު (ރަޙިމަހުﷲ)ގެ ޙަޔާތްޕުޅުން ވަރަށް ބުއްދިވެރި ވާހަކައެއް މުއައްރިޚުން ބަޔާންކުރައްވާފައިވެއެވެ. އިބްނު ހަޖަރަކީ އެކަލޭގެފާނުގެ ދުވަސްވަރު މިޞްރުގެ ޤާޟީއެކެވެ. އެކަލޭގެފާނުގެ މަސައްކަތަށް އެކަލޭގެފާނު ވަޑައިގަންނަވާއިރު ވަޑައިގަންނަވަނީ އަސްގާޑިޔަލަކަށް އަރާވަޑައިގެން އަސް ނުވަތަ ޙިމާރު ބައިގަނޑެއްގެ ބާރުގައި ވަރަށް ރަސްމީ ޢިއްޒަތުގައެވެ. އެއްދުވަހަކު އެކަލޭގެފާނު ވަޑައިގެންނެވި އިރު ތެޔޮ ވިއްކަން އުޅުނު ޔަހޫދީއެއް ގާތުން ވަޑައިގަތެވެ. ތެޔޮ ވިއްކަން އުޅޭ މީހުންނަކީ ކުރާ މަސައްކަތުގެ ގޮތުން ވަރަށް ހަޑި ހެދުން ލައިގެން އުޅޭ ބައެކެވެ. އިބްނު ހަޖަރު (ރަޙިމަހުﷲ) ވަޑައިގެންނެވި ވަފުދު ހުއްޓުވާފައި ޔަހޫދީކަލޭގެ ބުންޏެވެ.

“ކަލޭމެންގެ ނަބިއްޔާ ބުނާ ގޮތުން ‘މިދުނިޔެއަކީ މުއުމިނުންނަށްވާ ހުރަގެއެކެވެ، އަދި ކާފިރުންނަށްވާ ސުވަރުގެއެކެވެ.’ އެހެނަސް ކަލޭގެފާނަކީ މިޞްރުގެ ޤާޟީންގެ އިސް ޤާޟީއެވެ. އަދި ކަލޭގެފާނު ތިވަޑައިގަންނަވަނީވެސް ނުހަނު ޢިއްޒަތުގައި މި ވަފުދާއެއްކޮށް އަރާމާއި ފަސޭހާގައެވެ. އަދި މިތާނގައި އަހަރެން މިހުރީ މިއަނިޔާއާއި ނިކަމެތިކަމުގައެވެ.”

އިބްނު ހަޖަރު (ރަޙިމަހުﷲ) ބުއްދިވެރި ޙާޟިރު ޖަވާބެއް ދެއްވެވިއެވެ. “ތިމަންކަލޭގެފާނު މިހުންނެވި ހާލަތަކީ ހަމަ އަޞްލުވެސް އަރާމާއި ފަސޭހައިގެ ހާލަތަކަށް ވެއްޖެނަމަވެސް، ސުވަރުގޭގެ އަރާމާއި ފަސޭހައާ އަޅާބަލާއިރު މިއީ ހުރަގެއެކެވެ. އަދި ކަލޯ ތިޔަހުރި ނިކަމެތިކަމަކީ، ނަރަކާގެ ޢަޛާބާ އަޅާކިޔާއިރު ސުވަރުގެއެކެވެ.”

އިބްނު ހަޖަރު (ރަޙިމަހުﷲ)ގެ ޙާޟިރު ޖަވާބުގެ ބުއްދިވެރިކަމާހުރެ އަންތަރީސްވެފައި ހުރުމަށްފަހު ޔަހޫދީކަލޭގެ ދުލުން ނުކުތް ހަމައެކަނި ބަހަކީ، “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް އަޅުހެކިވަމެވެ.” މިހެން ބުނެ އޭނާ އިސްލާމްވެއްޖެއެވެ.

މަޞްދަރު: މިފްތާޙުއް ސަޢާދާ،
އައްސަޙްވަތުލް އިސްލާމިއްޔާ (ޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން)

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކޮއްމެ ދުވަހަކު ވާހަކައެއް ފޮނުވާނަމަ ހާދަ އުފާވާނޭ އަހަރެން ؟؟؟؟؟؟؟

  2. ވަރަށް ހިތްގައިމު

  3. ހަމަ ވިސްނުމާ ހަމަ ބުއްދި އެނގޭނީ ހަމައެކަނި އިސްލާމްދީނުގެ ތެރެއިންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!