“އިންޝާ ﷲ” ކަލިމާގެ ސަބަބުން އިސްލާމްވި ޚާދިމާ!

މިއީ ޙަޤީޤީ ހާދިޘާއެކެވެ. ޢަރަބި ޤައުމަކަށް ޚާދިމާއެއްގެ ގޮތުގައި މަސައްކަތް ކުރަން ދިޔަ އަންހެނެއްގެ ވާހަކައެވެ. ޚަދިމާއެއްގެ ގޮތުގައި މިބުނާ ޢަރަބި ޤައުމަށް ދިޔުމުގެ ކުރިން އޭނާ ވަނީ ތަފާތު ފަސް ދީނެއް ތަޖުރިބާކޮށްފައެވެ.

އޭނަ ބުނާގޮތުން ނަމަ، ކޮންމެ ދީނަކަށްވެސް ވަންނަނީ އެ ދީނުން އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެ ކަމަށެވެ. އެ ދީނަކީ ހިދާޔަތަކަށްވެ އޭނަގެ ހަޔާތް އިސްލާޙުކޮށްލާނެ ދީނެއް ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ފުރިހަމައެއް ނުވިއެވެ.

މި އަންހެންމީހާ ޚާދިމާއެއްގެ ގޮތުގައި ދިޔަ ގޭގެ އަންހެންމީހާގެ ފަރާތުންނާއި އޭނަގެ އަންހެން ދަރިންގެ ފަރާތުން އަޑު އިވެން ފެށީ އަޅައިގަންނަ ކަލިމައެކެވެ. އެއީ އިންޝާ ﷲ، މިކަލިމައެވެ. ކަމެއް ކުރުމުގެ ވާހަކަ ދެކެވިއްޖެނަމަ އެއާ ވިދިގެން އިންޝާ ﷲ އޭ ބުނެވޭ އަޑެވެ. މަންމަވެސް އަދި އޭނަގެ އަންހެން ދަރިންގެ ފަރާތުން މިފަދައިން އަޑު އިވެން ފެށީމާ، އެކަމާ ބެހޭގޮތުން އެ ގޭގެ އަންހެންމީހާ ކައިރިން އޭނާ ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބު  ގޭގެ ވެރިމީހާ ވަރަށް ފުރިހަމަ އަށް ދިނެވެ. ދީނީ ގޮތުން އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއާ ގުޅިފައިވާ ކަލިމައެއްކަން ވެސް ހާމަކޮށްދިނެވެ.

މިހިސާބުން ޚާދިމާގެ ހިތުގައި އިސްލާމްދީނާ ބެހޭގޮތުން އިތުރަށް ހޯދުމުގެ ޝައުޤުވެރިކަން އުފެދިއްޖެއެވެ. އެހެންކަމުން، އިސްލާމްދީނާ ބެހޭގޮތުން ލިޔެވިފައި ހުރި ކުދި ކުދި ލީފްލެޓްތަކާއި ފޮތްތައް ހޯދައިގެން ކިޔަން ފަށައިފިއެވެ. އިސްލާމްދީނާ މެދު އެނގުނު ވަރަކަށް މިދީނާ މެދު އޭނަގެ ހިތުގައި ޖެހެމުންދިޔަ ޝައުޤު ދިޔައީ އިތުރުވަމުންނެވެ.

އެހެން ހުރެފައި، އެއްދުވަހަކު ޚާދިމާ އަމިއްލަ ނަފްސާ މުޚާޠަބު ކުރަމުން ބުނެލިއެވެ. “އިންޝާ ﷲ މިއަންނަ އަހަރު އަހުރެން ޙައްޖު ވާނަމެވެ.”  ޚާދިމާ މިހެން ބުނި އަޑު އެ ގޭގެ އަންހެން ދަރިއަކަށް އިވުނެވެ. އޭނާ އުފަލުން ގޮސް މަންމަ ކައިރީގައި ބުންޏެވެ. ” މާންމާއެވެ! އަޅުގަނޑުމެންގެ ޚާދިމާ އިސްލާމްވާނެއެވެ.” އަދި އޭނާއަށް އަޑު އިވުނު ވާހަކަތައް މަންމައަށް ކިޔައިދިނެވެ.

ގޭގެ ވެރި އަންހެންމީހާ، ޚާދިމާ ކައިރިއަށް އަވަސް އަވަހަށް ދިޔައެވެ. އަދި އެއީ ތެދެއްހޭ އެހިއެވެ. ޚާދިމާ ޖަވާބު ދިނެވެ. އެއީ އޭނާ މާބޮޑު ގަސްތަކާ ލައިގެން ބުނި އެއްޗެއް ނޫން ކަމަށް ބުންޏެވެ. ހަމަ އެހެންހުރެފައި އަމިއްލަ ނަފްސަށް ބުނެލި އެއްޗެއް ކަމަށްވެސް ބުންޏެވެ. ނަމަވެސް، އޭނާ ޚާދިމާ ކައިރީގައި އިށީނެވެ. އަދި އިސްލާމްދީނާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވައިދޭން ފެށިއެވެ. އެއަށްފަހު، އިސްލާމީ ޖަމްއިއްޔާއަކަށް ޚާދިމާ ގޮވައިގެން ދިޔައެވެ. އަދި އިސްލާމްދީނާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު އޭނައަށް ހޯދައި ދިނެވެ. އެ ހިސާބުން، ހިދާޔަތުގެ އަލި ހޯދުމަށް ފަސް ދީނެއް ތަޖުރިބާކޮށްފައި ހުރި ޚާދިމާއަށް އޭނަ ހިތް އެދެމުން އައި، އަދި އޭނަގެ ހިތް ބޭގަރާރުވެ ހޯދަމުން އައި ހިދާޔަތަކީ އިސްލާމްދީން ކަން ވަހުމެއް ނެތް ފަދައިން ކަށަވަރުވެއްޖެއެވެ. އެއާއެކު އޭނާ އިސްލާމްދީން އިޚްތިޔާރުކޮށް އިސްލާމްވިއެވެ.

ސުބުޙާނަ ﷲ އެވެ. ހިދާޔަތުގެ އައްޔަކީ އެންމެ ބޮޑު ނިޢުމަތެވެ. މި ނިޢުމަތުގެ އަގު އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވެނީއެވެ. ހިދާޔަތުގެ އައްޔަކީ ކިހައި ބޮޑު ނިޢުމަތެއްތޯ ދަނެގަތުމަށްޓަކައި ދެންމެ ދެންމެ އިސްލާމްވި މީހެއް ކައިރިން އައްސަވާށެވެ.

މި ޙަޤީޤީ ޙާދިޘާއިން ލިބޭ އެންމެ ބޮޑު ޢިބްރަތަކީ، އަޅުގަނޑުމެންގެ އަޚްލާޤަކީ އެންމެ ބޮޑު ދަޢުވަތު ކަމެވެ. އެ ޚާދިމާ އިސްލާމްދީން ދެކެ އެންމެ ފުރަތަމަ ހިތް ޖެހުނީ، އިންޝާ ﷲ، މިކަލިމާގެ ސަބަބުންނެވެ. އޭނަ ވަޒީފާއަށް ދިޔަ ގޭގެ ވެރިއަންހެންމީހާ އާއި އޭނަގެ ދަރިންގެ ކިބައިން ފެނުނު އިސްލާމީ މިތަރުބިއްޔަތުގެ ސަބަބުންނެވެ. (( وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا إِلَّا أَن يَشَاءَ اللَّـهُ )) (الكهف : 23- 24 ) މާނައީ : ” އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! (23) اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ.”

މިއާ އިދިކޮޅަށް ކަންތައް ވެގެން ދަނީ ވެސް މަދު ފަހަރަކު ނޫނެވެ. ޚާދިމާއިންގެ ގޮތުގައި ނުވަތަ މުވައްޒިފުންގެ ގޮތުގައި އިސްލާމީ ޤައުމުތަކަށް އަދި އިސްލާމީ ގެތަކަށް ގެނެވޭ އެހެން ދީންތަކުގެ މުވައްޒިފުން، އިސްލާމްދީނާ މެދު ނަފްރަތު ކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ވެފައިވަނީ، އެބައިމީހުންގެ ވެރިންގެ ނުބައި އަޚްލާޤުގެ ސަބަބުންނެވެ. އެބައިމީހުންގެ ވެރިންގެ ނުބައި މުޢާމަލާތުގެ ސަބަބުންނެވެ. އެބައިމީހުންގެ މުސާރަ ނުދީ ހިފަހައްޓާ ހިފެހެއްޓުމުންނެވެ. އެބައިމީހުންނަށް ކުރާ އަނިޔާގެ ސަބަބުންނެވެ. މިހެން ގޮސް، އިސްލާމީ އަޚްލާޤާ މުޅިން އިދިކޮޅު އެތައް ކަމެއްގެ ސަބަބުންނެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީވެސް ވަޒީފާގެ މައިދާނުގައިވެސް އަދި އެހެން މައިދާންތަކުގައި ޣައިރު މުސްލިމުންނާ މުޢާމަލާތު ކުރަން ޖެހޭ ބައެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކީ އިސްލާމީ އަޚްލާޤުން އެބައިމީހުންނަށް ދައުވަތު ދިނުމެވެ. އަޅުގަނޑުމެންނަށް ނޭނގި ތިއްބާ އަޅުގަނޑުމެންގެ ރިވެތި އަޚްލާޤުގެ ސަބަބުން މިދީނަށް އެބައިމީހުންގެ ހިތުގައި ލޯބިޖެހިދާނެއެވެ. އަދި މިދީނާ މެދު ޝައުޤުވެރިވެ، މިދީނާ ބެހޭގޮތުން އިތުރަށް ހޯދަފާނެއެވެ. ހިދާޔަތުގެ އަލި އެފަދަ މީހަކަށް ލިބުން އޮންނާނީ ދާދި ގާތުގައެވެ. މިއީ އަޅުގަނޑުމެން ހިދާޔަަތުގެ އަހުލުވެރިން ނިކަން ވިސްނަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ މިހިދާޔަތުގެ އައްޔާ އެހެންމީހުނާ ދެމެދުގައިވާ ހުރަހަކަށް ވެގެން ނުވާނެއެވެ.

( ޚާދިމާގެ ވާހަކަ ނަގާފައިވަނީ، ކުވެއިތުގެ މަޝްހޫރު ޝެއިޚެއް ކަމަށްވާ ޝެއިޚް ނަބީލު އަލްޢިވަޟީގެ ޓީވީ ޕްރޮގްރާމަކުންނެވެ.)

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސުބުޙާނަ ﷲ

  2. ވަރަށްވެސް ރީތި އާޓިކަލް އެށް. ލިޔުންތެރިޔާއަށް މަރުހަބާކިޔަން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!