ސަމާސާ އަދަބު: އަހަރަމެން ރަށުގަވެސް އެއާރޕޯޓެއް އަޅާދޭށެ

ނުރޯދަރިއަކަށް ކިރެއް ނުލިބޭނޭ މުސްކުޅިން ބުނެއުޅެނީ އެއީހަމަ ތެދުވާހަކައެކެ! މިއޮތީ ޅައިރު، ގަސްބިނދި ދޮންވާ ކެޔޮގަނޑެއްހެން ޑިމޮކްރަސީ ދޮންވެފައެ. ޑިމޮކްރަސީގަ ހުރިހާ ރިހުމަކަށް އޮތް ފަންޑިތައަކީ މުޒާހަރާއެ! ބަނޑު ހަރުވެފައިވާ މީހާއަށް ޖުއްލާބު މުޖައްރިބުވާހެނެ! މީގައި މުޙިންމީ އެންމެ ކަމެކެ! ޙަޖަމްވުމެ!….

ފަށަމާ ހިނގާށެ. މީހުން އެއްވެއްޖެހެއްޔެ! ހާދަ ބައިމަދެ. މިވީ ކިހިނެއް ހެއްޔެ! ގޮވިމީހާ ގޮވީ ކީކޭހެއްޔެ. މަ ބުނިހެން ނުގޮވަނީދޯއެ! އިސްލާމްދީނަށް ކިރިޔާވެސް ލޯތްބެއް ހުރި އާދަމުގެ ދަރިއެއްވިއްޔާ ގޭގަ ނޯވެ ކައުންސިލު ދޮރުމައްޗަށް އަންނާށެ!…. މިހެން ގޮވިން ހެއްޔެ. އެހެން ހެއްޔެ! ހަމަ އެގޮތަށް ގޮވިންހެއްޔެ؟! އެހެންވިއްޔާ އަދި އަޞުރުކޮށް ނުނިމެނީއެ! އަޞުރުންފައިބައިގެން މިހާރު މީހުންތައް އަންނަން އުޅޭނެއެ!…. ކަލޭ ނަމާދުކޮށްފިން ހެއްޔެ؟!……

ކޮބާ އެއޮއް މީހުންގަނޑު އަންނަނީ ނޫންހެއްޔެ. ބޯޑުތައް އަވަހަށް ބަހާލާށެ. ހުދުފޮތިގަނޑުގަ ހަދާފައިން ބެނާ ކުރިޔަށް ގެންނާށެ. ފެހި ފޮތިގަނޑުގަ ޖަހާފައޮތް ބެނާ ނަގާނެ ކަމެއްނެތެ. މިއީ ސިޔާސީ ކަމެއްނޫނެ!… ބަލަ ތީދެން ކޮންކަމެއްހެއްޔެ. އެހެން ގޮވާހާއެއްޗަކަށް އަޅާނުލާށެ. އެމީހުންނެއް ނާންނާނެއެ!… އެމީހުންގެ މީހުންވިއްޔާއެ! އަޅާނުލާ ބަހައްޓާށެ! ތެޅިތެޅި ޖެހޭނީ ތިބޭށެ! މިއީ އަހަރެމެންގެވެސް ރަށެ!……..

 ކޮބާ އެންމެން ތައްޔާރުހެއްޔެ! ތިބެނާ މެދަށް ގެނެސްބަލާށެ! ޕޮޓޯނަގާމީހުންނަށް ރީތިކޮށް އަރާނީ އޭރުންނެ! އޭ މިކަންތައް ޖަހާލައްޗެ!…. ކުރިންފަހަރުވެސް ޖަހާނަމޭ ކިޔާފަ ނުޖަހައެ!….. ބެނާގެ ކުރިމައްޗަށް ނާރާށެ! ބެނާ ހިފަހައްޓައިގެން ތިހުރީ އެކޮޅުކޮޅުންނެ!… ހެޔޮކޮށްބަލާށެ… އާނ މިހާރު ރަނގަޅެ!ކަމަކުދާކަށްނެތެ!  އެއާޕޯރޓު ކިޔާއިރު ޕަވިޔަނީގެ ތިކި ތިއޮތޯ ކޮންތާކުހެއްޔެ؟!… މި ލިޔުނީ ކާކުހެއްޔެ؟… ތިކި ތިޔޮތީ މަތީގައެ!.. ދެންބަހައްޓާށެ! އެކަމަކު ފޮންޓު ތަންކޮޅެއް ބޮޑުކޮށްލިނަމަ ވަރަށް ސަޅިވީހެ!…

އެންމެން އެއްފަހަރާ ގޮވަންފަށާށެ…. މެގަފޯނުކޮބާހެއްޔެ؟… ގުޅާބަލާށެ! އެހެން ހެއްޔެ! އަވަސްކުރާށޭ ބުނާށެ! މުޒާހަރާ ނުފެށިގެންނޭ ބުނާށެ!… ސައިކަލު އިސްޓާޓުނުވެގެންދޯއެ! އެ އިސްޓާޓުނުވާނެކަން މަށަށް އޭރުވެސް އެނގެއެ! އޭގަ ވަސަރެއް ބޮލްޓެއް ހަމައެއްނުވާނެއެ! އެންމެ ފަހުން ޕޮލިހުން އައިދުވަހު ގުދަންތެރެއަށް ވެއްދިފަހުން އަދި އެ ނެރުނީ މިއަދުއެ! މިތަނުން ސައިކަލެއްނަގައިގެން ކަލޭ އޭނަ ބަލާދާށެ!……

” އަހަރަމެން ރަށުގަވެސް އެއާރޕޯޓެއް އަޅާދީ!….” ތިގޮވާލެއް މާ މަޑެ. ތަންކޮޅެއް ބާރަށް ގޮވާބަލާށެ! އޮފީސް އޭސީކޮށްފަ ހުންނާތި އެތެރެއަށް ވަޔެއް އަޑެއް ވަންނާނެ ދޮރެއް އަދި ކުޑަދޮރެއް މިހާރަކު ނުހުންނާނެއެ!… ފެންލައިޓުވެސް އެހުރީ ބިއްލޫރި ޖަހާގެން ބަންދުކޮށްފައެ! ކަރުގެ ހަން މަށާގެންދާވަރަށް ގޮވައިގެންނޫނީ ބޮޑު ގޮނޑީގައި އިންނެވި ކައުންސިލަރަކަށް އަޑެއްނީވޭނެއެ!…. “އަ.ހަ.ރަ.މެ.ން.ރަ.ށު.ގަ.ވެ.ސް.އެ.އާ.ރ.ޕޯ.ޓެ.އް.އަ.ޅާ.ދީ!……”  އާނ މިހާރު ތިގޮވަނީ ގޮވަންވާ ވަރަށެ. ފިސާރި އަޑު އެބަހުއްޓެ! އަޑުހުންނާނެތާއެ. މިހާރު އަގައިގަ ޖަހާފައި އެހުރީ ދެންމެ ބެޓެރި ލެއްވި ބޮޑު މެގަފޯނެއް ވިއްޔާއެ!..

 މުޒާހަރާފެށުނީއެ!  އޮފީސް ދޮށަށް މީހުން އެއްވެއްޖެއެ. ހޮޅުއަށީގަ ތިބި ހައެއްކަ މީހުން ގުދުވެގެން މިދިމާ އެބަލަނީ ކީކުރަންހެއްޔެ! ބުނީމަ “އާނ ދާނަމޭ” ކިޔާފަ އައިސް އެތިބީ ހޮޅުވަށީގައެ!… އަންހެން ވެރިންގަނޑު ޅަދަރިންތައް ގޮވައިގެން ދުރުދުރުގަ އެތިބީ ކީއްވެގެންހެއްޔެ!… ގޮވާގެންނާށެ. އެއާރޕޯޓު އެޅީމަ ފަސޭހަވާނީ އަހަރެމެންނަށް އެކައްޔެއްނޫނެ!…. ސުކޫލު ކުދިންގަނޑު ބައިސްކަލުތަކުގަ ކޮޅުކޮޅަށް އެދުއްވަނީ މިކަންތައް އާކަމަކަށްވެގެންނެ!… އެހެރަ ސޮރުމެން އަތުން ބޯޑުތައް އަތުލާށެ! އިސްކޫލު ވެރިޔަކު މިތާ އެބަހުރިބާއެ. އާނއެކެ! އެހެރީއެ…. އަދިވެސް ކަލެޔަކަށް ނުފެނޭހެއްޔެ؟!… ބޯޑު ހިފައިގެން ކުރީގައި އެހެރީނޫންހެއްޔެ. ފެނިއްޖެހެއްޔެ! ކަލޭދޭބަލާށެ! އެތަނަށް ދޭބަލާށެ. ގޮސް ބުނެބަލާށެ! އިސްކޫލުކުދިން ގަނޑު ގެޔަށް ފޮނުވާލާށެ! މުޒާހަރާގައި އިސްކޫލުކުދިން ބައިވެރިކުރުމަކީ ރަނގަޅުކަމެއްނޫނެ!….

މިހާރު ކައުންސިލަރުންތައް އެތިބީ ފެންޑާމަތީ ނިކުމެ، ކަންފަތުގަ ފޯނުތައް ޖަހާގެންނެ. ދެކޮޅަށް ކުރުކާލި ކަނޑާލަ ކަނޑާލައެ. ކޮޅުކޮޅުމައްޗަށް ޙަބަރު ދެނީދޯއެ!  ދަތްކޮޅުދިލުވައިގެން އޮފީހު މުވައްޒަފުން އެތިބީ ފެންޑާ ފާރުބުރީގަ އުޅަބޮށި އަޅުވައިގެންނެ. ޖޯލީގައި ފޯނާކުޅެން އެއޮތީ ވޮޗަރުކަލޭގެއެ! އަހަރެމެން ފޭސްބުކަށް ލަނީކަން ޔަޤީނެ!… ކޯޓުގަ އުޅޭ މުވައްޒަފުންވެސް ކުޅިބަލަން ބޭރަށް ނިކުމެއްޖެއެ!……..

“ކައުންސިލު އިސްތިޢުފާ!… ފައިބާ!”… އޭ! ތިޔަ ސަކަރާތްހަދަނީއެ!… މިތަނަށް އެއްވީ ކައުންސިލަރުންގެ އިސްތިޢުފާއަށް ގޮވާކަށް ނޫނެ. މުޒާހަރާ ފަނި ނުކުރާށެ!… މިއީ ސުލްހަވެރި މުޒާހަރާއެކެ!… އަހަރެމެން މުޒާހަރާ މިކުރަނީ ވަރަށް މާތް މަގުސަދެއްގައެ!… އެހެންވީމާ އެއްވެސް މީހަކު………….____”އަހަރަމެން ރަށުގަވެސް އެއާރޕޯ____”…އާނ ތިހެންގޮވާށެ!… ތިނޫން އެހެން އެއްޗެއް ގޮވާނެކަމެއްނެތެ!…. އެންމެން އެއްއަޑުން ގޮވާލާށެ!…”އަހަރެމެން ރަށުގަވެސް އެއާރޕޯޓެއް އަޅާދީ!…”…. “އަހަރެމެން ރަށުގަވެސް އެއާރޕޯޓެއް އަޅާދީ!…” ތިގޮވަނީ އެކިމީހުން ވަކިވަކިންނެ! އެންމެން އެކީ ގޮވާށެ!… “އަހަރެމެން ރަށުގަވެސް އެއާރޕޯޓެއް އަޅާދީ!…” ކަލޭ ތިމެގަފޯނު އޮންކޮށްގެން ގޮވާބަލާށެ. އަޑުއިވޭނީ އޭރުންނެ!…

ރަށުކައުންސިލު ބަންދުކުރަންވީތޯއެ؟! ކޯޓުގައި ބޮޑު ތަޅުއަޅުވަންވީތޯއެ؟! އިސްކޫލުވެސް ބަންދުކުރަންވީތޯއެ؟! މިވަރަކުން މިކަމެއްނުވާނެއެވެ… ހުރިހާގެއެއްގެ ފާހާނާވެސް ބަންދުކުރަންވީއެ! ގިފިއްޔާ ބަދިގެވެސް ބަންދުކުރަންވީއެ!… އެއާޕޯޓެއް އަޅައިދޭނެކަމުގެ ޔަޤީންކަން ދިނީމަނޫނީ މުޒާހަރާ ހުއްޓައެއްނުލާނަމެ! ކައުންސިލަރުންނަށް ޖެހޭނީ ރައްޔިތުންގެ ވާހަކަތައް އަޑުއަހާށެ! ކިތަންމެ ދުވަހެއްވިޔަސް އޮފީސްކުރިމަތިން ނުދާނަމެ!… ސައިކަލު ތަޅުދަނޑި ދީބަލާށެ!… މާލަސްނުވައްޗެ! ކުރިންފަހަރު ހެދިހެން ނުހަދައްޗެ!….

ބެނާ އަތުކޮޅަށް ދަމާލައި މައްޗަށްނަގާށެ! ކައުންސިލަރުންނަށް ފެންނާނީ އޭރުންނެ! މިބޯޑުގައި ހިފާބަލާށެ. މެގަފޯނު ގެންނާށެ! “އަ…ހަ…ރަ…މެ…ން ….ރަ…ށު…ގަ…ވެ…ސް… އެ…. އާ …ރ… ޕޯ… ޓެ… އް އަ…ޅާ…ދޭ…ށޭ!…………..” މިފަހަރު، ބީރުނޫނިއްޔާ ކައުންސިލަރުންނަށް އަޑުއިވޭނެއެ….! އެންމެން ތަންކޮޅެއް އަޑުމަޑުކޮށް ބަލާށެ! އިހަށް މެގަފޯނުގެ ސައިރިން ކަނޑާލާށެ! …ކައުންސިލަރު މިދިމާލަށް އެބަ އާދެއެ!… އެއްވެސް މީހަކު ޒުވާބުކޮށް ހުތުރުބަހުން ވާހަކަ ދައްކައިގެން ނުވާނެއެ!  މިހާރު އެއީ އެންމެންގެވެސް ކައުންސިލަރެ. އެންމެންވެސް އިޙްތިރާމްކުރަންވާނެއެ! އެސޮރު އެހެން ހުއްޓަސް އަނެއްހެން ވަރަށް ރަނގަޅުވާނެއެ!……

“ހަމަ މިވެގެން އުޅޭގޮތެއް ނޭނގޭހެއްޔޭ! ކަލޭ ދެލޯކަނުހެއްޔޭ! މިވެގެން އުޅޭގޮތެއް ނުފެނޭހެއްޔޭ! މިކިޔާ އެއްޗެއް ނީވޭހެއްޔޭ؟ ގޮނޑިލިބުނީމަ ލައްކައެކޭ ހީވީހެއްޔޭ!……………… އެންމެން މައިތިރިވާށެ! އެއީ އަހަރެމެން އެންމެންގެވެސް ކައުންސިލަރެ! ޒުވާބު ނުކުރާށެ! އެއްޗެތިނުކިޔާށެ!………….ކައުންސިލަރު އިސްތިއުފާ!…………. ތިހެން ނުގޮވާށެ! މިހެން ކިޔާއިރުވެސް ތިގޮވަނީއެ! މުޒާހަރާ ފަނިކުރާމީހުން ގެޔަށްދާށެ..އޯކޭހެއްޔެ!.. އެންމެން މައިތިރިވާށެ! ހަޅެއްލެވުން ހުއްޓާލާށެ!… ކަލޭމެން ކިތަންމެ ވަރަކަށް ހަޅެއްލެވިޔަސް އެސޮރު އެއްވެސް އެއްޗެއް ނުބުނާނެއެ!…….

މަށާއެކީ ހަތަރު މީހުން އަންނާށެ! އޯކޭއެ. ކަލޭވެސް އަންނާށެ!… އަހަރެމެން އޮފީހުން ނިކުންނަންދެން ހަޅެއްނުލަވަ ތިބޭށެ!… އެކަކުވެސް އަދި ގެޔަށްގޮސްގެންނުވާނެއެ! މުޒާހަރާ މެދުކަނޑާލާނެކަން އިޢުލާނުކުރާނީ ކައުންސިލަރުންނާ ބައްދަލުކުރީމަ ދޭ ޖަވާބަކުންނެ!…

އެއާރޕޯޓުއަޅާނެ ބިމަކާ މެދު ހާސްނުވާށެ! އަހަރެމެން ރައްޔިތުން، ކައިރީގަ މިއޮތް މުރައިދޫއަށް ފައިބާފަނަމަވެސް  އެއާޕޯރޓުއަޅަން ބިންދައްކަން ތައްޔާރެ! “އަހަރެމެން ރަށުގަވެސް އެއަރޕޯޓެއް އަޅާދޭށޭ ސަރުކާރަށް ދަންނަވާށެ!….. ކީކޭތޯއެ! މަދުވެގެން 300 އެނދު ހުންނަށް ޖެހޭނޭ ވިދާޅުވީތޯއެ! ގެސްޓުން ނިދަންހެއްޔެ! އެހެންތޯއެ! ތިކަމާ ކަންބޮޑު ނުވާށެ! މިރަށާ، އަދި ޖެހިގެން ތިއޮތް ރަށުން އެކަނިވެސް މަދުވެގެން ހާހެއްހާ އެނދު ނެރެދީފާނަމެ!…..

 އެންމެން ގެޔަށް ދާންވީއެ! އަންނަ ހަފްތާގައި ސޮއިކުރަނީއެ! ފެށެންއަންނަނީ އިރުމަތީކޮޅު އޮޅުތައް ހިއްކައިގެންނެ! މައްސަލައަކީ އެއަރޕޯޓު ތަންކޮޅެއް ދިގުވީމައެ! އަވަށަށް އަރަނީއެ! ނިމެނީ ހުޅަނގު ފަރާތު ދަނޑުބިންތައްވެސް ނަގައިގެންނެ! ރައްޔިތުން އެއްކޮށްގެން ޗާޓުކުރަހަން އަންގައިފިއެ! ގިނަ މީހުންނަށް ފެނިއްޖެއްޔާ އަވަށާދިމާލުން މައްޗަށް ބެންޑުކޮށްލާނީއެ!…….

އޭރުވެސް މަ ބުނީމެއްނޫންހެއްޔެ! މީ މާބޮޑުކަމެއްނޫނެ. މިހާރު މުޒާހަރާކުރީމަ ނުވާނެކަމެއް ނޯންނާނެ! ރައީސްމީހާވެސް ވެރިކަންދޫކޮށް ފިލާނެއެ!  އެއްކަލަ ރަށުގަވެސް އެއާރޕޯޓެއް އަޅަންކިޔާތާ ކިތައް އަހަރުވީހެއްޔެ. އެޅުނުހެއްޔެ؟!.. މުޒާހަރާކޮށްގެން އެއޮތީ މިހާރު އަޅާފައެ.  އެކަމަކު ކަލޭ އެހެންބުނީ ކީއްވެހެއްޔެ؟!…ކައުންސިލަރު ހުރީ ވަރަށް ކަޑަވެފަދޯއެ! މަނަމަވެސް ކަޑަވާނެއެ!… ކަލޭ ފަހުން ގުޅާލައްޗެ! ޒާތީވެގެން ބުނި އެއްޗެއްނޫނޭ ބުނާށެ. އެއީ ސިޔާސީކަންތަކޭ ބުނާށެ!….. މިހާރު އެކަންތައް އެ ނިމުނީއެ… ކޮންމެހެންވެސް ގުޅަށްޗެ! މިރޭ ކޮފީއަށް އަންނަ އިރު ކުރިންރޭގެ މަސްދަތުރުގެ ރުފިޔާގެންނާށޭ ބުނައްޗެ! މިހާރު ސޭޓު މަގޭ ބޮލަށް އަރަނީއެ!……

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާ ﷲ ވަރަހަ ސަޅި!

  2. އަޅުގަނޑުމެންގެ ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 600 ރަށުގައި މިވަގުތު އުޅެނީ 150 އެއްހާ މީހުން. ރަށްކުޑައެއްކަމަކު ރަށުގެ ވަށައިގެން އޮތް ކަނޑުގެ ސަރަހައްދު ހިއްކާލީމާ އެއަރޕޯރޓެއް އެޅޭނެ. އަހަރުމެންވެސް ބޭނުން އެއަރޕޯރޓެއް. ހުރިހާ ރަށެއްގައި އެއަރޕޯރޓް އަޅާއިރު އަހަރުމެން ރަށުގައިވެސް އަޅާދޭންޖެހޭނެ. އެހެންނޫނީ މުޒާހަރާ ކުރަންޖެހިދާނެ.

  3. ތިކިޔާ އެއްޗެއް ފަހުމުވާވަރަށް މަށަށް ނުވިސްނެނީ އެއްކަމެއް ނޭނގެއެވެ. ކިޔާކިޔާ ވަރުބަލި ވީއިރުވެސް ނޭންގުނެވެ. ގައިމުވެސް އެއަރޕޯޓޭ ކިޔައެވެ. ލިއުމުގައި ކުއްވެސް އެބަ ހުއްޓެވެ. ޚާއަސަކޮށް ދިއިސްލާމް ގެ ލިއުން ތަކުގައި ޏ (ޏަވިޔަނި) ބޭނުން ކުރަންވާތަނުގައި ޔ (ޔާ) ބޭނުންކކުރާކަން ފާހަގަ ކުރެވެއެވެ. ރަނގަޅުކޮއްލާނެ ކަމަށް އުންމީދު ކުރަމެވެ.

  4. hehe

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!