ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ.

 

ހައްގު ގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށް ވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ. އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާ އަކީ އޭނާ އާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ކޮޕީ ކުރާ މީހެކެވެ. ވީމާ، މީހެއްގެ ގޮތް ބަލަންވެއްޖެނަމަ ފުރަތަމަވެސް ޖެހެނީ އޭނާގެ އެންމެ އެކުވެރިންނަކީ ކޮންކަހަލަ ބަޔެއްތޯ ބަލާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ) މާނައަކީ: “މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.” ރަވާހުލް އިމާމުއް ތިރްމިޛީ-ރަޙިމަހުﷲ.

އިސްލާމްދީން އެދީނުގެ އަހްލުވެރިންނަށް އޯގާތެރިވުމުގެ ގޮތުން، އަދި އެބައިމީހުންގެ ޙާލަތު ރަގަޅު ކުރުމަށް ޓަކައި އެބައިމީހުންގެ ދެދުނިޔޭގެ ބާއްޖެވެރިކަން ލިބޭނޭ ގޮތް ވަނީ ދަސްކޮށް ދެއްވާފައެވެ. އެގޮތުން ދެއްވާފައިވާ އެންމެ މަތިވެރި އެއް އިރްޝާދަކީ އީމާންކަމުގެ އަހްލުވެރިން ދެކެ ލޯބިވެ، އަދި އީމާންކަމުގެ އަހްލުވެރިންނާއި އެކު އުޅެ، ރަގަޅު ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރުމުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެންމެ ތަގްވާވެރި އެންމެ ޞާލިޙް އިންސާނާ އެވެ. އެކަލޭގެފާނާއި މުޚާޠަބު ކުރައްވާ ސޫރަތުލް ކަހްފުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاصْبِرْ‌ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَ‌بَّهُم بِالْغَدَاةِ وَالْعَشِيِّ يُرِ‌يدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِ‌يدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِ‌نَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُ‌هُ فُرُ‌طًا ﴿٢٨﴾) މާނައަކީ: ” އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”

މި އާޔަތުގައި މިވަނީ ހުރިހާ ވަގުތެއްގައިވެސް ޞާލިޙް މީހުންނާއި އެކު އުޅުމަށް އަމުރު ކުރައްވާފައެވެ. އަދިކިއެއްތަ، މިއަމުރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ގޮތުން އަންގަވާފައިވެއެވެ. (وَلَا تَعْدُ عَيْنَاكَ عَنْهُمْ) މާނައަކީ: ” ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ!” މިއިން ދޭހަވަނީ ޞާލިޙް މީހުންނާއި އެކު ނުއުޅެވޭނެ އެއްވެސް ވަގުތުކޮޅެއް އައިސްގެން ނުވާނެ ކަމެވެ.

މި އާޔަތް ބާވާލެއްވުމުން އެކަލޭގެފާނަށް އެބަޔަކާ އެކީ އުޅުމަށް އަމުރުވެވިފައިވާ މީހުން ހޯއްދެވުމަށް ރޭގަނޑުގެ ވަގުތެއްގައި ނިކުމެވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ފަގީރު ކަމުން ގޮސް ލާނެ ހެދުމަކަށް އެންމެ ހެދުމެއް އޮންނަ، ހަންގަނޑު ހިކިފައިވާ، އިސްތަށިގަނޑު ހާވާލެވިފައިވާ، ބަޔަކު ﷲ އަށް ޛިކްރު ކުރުމުގައި މަޝްޣޫލުވެ ތިބި ތަނެވެ. މިބައިމީހުން ފެނިވަޑައިގަތް އެމީހުންނާއި އެކު އިށީނދެ ވަޑައިގަތް ޙަދީޘް ކުރެއްވިއެވެ. (الْحَمْدُ للَّهِ الَّذِي جَعَلَ فِي أُمَّتِي مَنْ أُمِرْتُ أَنْ أَصْبِرَ نَفْسِي مَعَهُمْ ) މާނައަކީ: “ތިމަންކަލޭގެފާނުގެ ނަފްސު އެބަޔަކާ އެކު ކެތްތެރިވެ ހުރުމަށް އަމުރުވެވިގެންވާ ފަދަ ބަޔަކު މިއުއްމަތުގައި ލެއްވި ކަމަށް ޓަކައި ﷲ އަށް ޙަމްދު ކުރަމެވެ.”

قال النبي صلى الله عليه وسلم : ( مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ وَإِمَّا أَنْ تَبْتَاعَ مِنْهُ وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً ) أخرجه البخاري (5534) ومسلم ( 2628 ) عن أبي موسى الأشعري رضي الله عنه .

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “ޞާލިޙް ރަގަޅު އެކުވެރިޔަކާއި ނުބައި އެކުވެރިޔެއްގެ މިޘާލަކީ ބޮމަކަސްތޫރި އުފުއްލާ މީހަކާ އަލިފާން އެންދުމަށް އެޔަށް ފުމޭ މީހެއްގެ މިޘާލެވެ. ބޮމަކަސްތޫރު އުފުއްލާ މީހާގެ ކިބައިން ތިބާ އަށް އެތިކޮޅެއް ލިބިދާނެއެވެ. ނުވަތަ އޭނާގެ އަތުން އެގަނެވިދަނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން އެންދުމަށް ފުމޭ މީހާގެ ފަރާތުން ތިބާގެ ހެދުން ރޯވެދާނެއެވެ. ނުވަތަ އޭނާގެ ކިބައިން ދުވާނީ ނުބައިވަހެވެ.” މިއީ އިމާމް ބުޚާރީ އާއި މުސްލިމް އަބޫމޫސަލް އަޝްޢަރީ- ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެކެވެ.

وقال النبي صلى الله عليه وسلم : ( لَا تُصَاحِبْ إِلَّا مُؤْمِنًا وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ ) أخرجه أبو داود ( 4832)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “މުއިމިނަކު މެނުވީ ތިބާގެ ޞާޙިބާ ކަމުގައި ނުހަދާށެވެ. އަދި ތަގްވާވެރިޔަކު މެނުވީ ތިބާގެ ކާނާއިން ނުކާ ހުށިކަމެވެ.” ރަވާހު އަލްއިމާމް އަބޫދާވޫދް- ރަޙިމަހުﷲ.

ޞާލިޙް ރަގަޅު ރަޙްމަތްތެރިން އިޚްތިޔާރު ކުރުމުން ލިބޭ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ.

1 – ގިޔާމަތް ދުވަހުގެ ބިރުވެރި ކަމުން ސަލާމަތްވުން. ސޫރަތުއް ޒުޚްރުފްގެ 67 އިން 68 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ ﴿٦٧﴾ يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ ﴿٦٨﴾ ) މާނައަކީ: ” އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.”

2 – ޞާލިޙް ރަޙްމަތްތެރިން ގެންގުޅޭނަމަ އެމީހުންގެ ހެޔޮ ދުޢާ ތިމާ އަށް ލިބޭނެކަން ކަށަވަރެވެ.

3 – އެކަކު އަނެކަކު ދެކެ ﷲ އަށް ޓަކައި ލޯބިވެއްޖެނަމަ، ﷲ އެބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” ﷲ ތަޢާލާ ގިޔާމަތްދުވަހުން ބަސްވަޙީ ކުރައްވާނެއެވެ. (أَيْنَ الْمُتَحَابُّوْنَ بِجَلَالِيْ، اَلْيَوْمَ أُظِلُّهُمْ فِيْ ظِلِّيْ يَوْمَ لَا ظِلَّ إِلَّا ظِلِّيْ) މާނައަކީ: “ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ ޖަލާލުވަންތަކަމަށްޓަކައި ލޯބިވީމީހުންކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެންހިޔާވަހި ކަމެއް ނުވާ މިއަދުގައި އެބައިމީހުންނަށް ހިޔާވަހިކަން ދެއްވާނަމެވެ”.
އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (سَبْعَةٌ يُظِلُّهُمُ اللهُ فِيْ ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ”. مِنْهُمْ “… وَرَجُلَانِ تَحَابَّا فِيْ اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ) މާނައަކީ: “ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްމީހަކަށް ހިޔާވަހިކަން ދެއްވާނަމެވެ. އޭގެ ތެރޭގައި ﷲ އަށް ޓަކައި ލޯބިވެ ގުޅުންބަދަހިކޮށް، އަދި ﷲ އަށް ޓަކައި ވަކިވާ މީހުންވެއެވެ”.

4 – ޞާލިޙް ރަޙްމަތްތެރިން އަބަދުވެސް ތިމާ އަށް މަގުދައްކާނީ ހެޔޮކަންތަކަށެވެ.

5 – ހިތާމަތަކާއި ވޭން އުފުލަން ޖެހޭ ވަގުތުގައި ތިމާ އަށް ހެޔޮ މަގު ދައްކައިދޭނެއެވެ.

 

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ބޮމަކަސްތޫރި ތަ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!