ކަނީރު: ވިހަގަދަ އެކަމަކު ރީތި މަލެއް

ކަނީރުގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައި ވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާ ހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެ ގަހުން މާބޮނޑިތައް ބިނދެގެން ގޭތެރޭގައި ވެސް ބަހައްޓައި އުޅެމެވެ.

ނަމަވެސް އޭރު ކަނީރުގަހާ ބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެޔަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަ ގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވި އެވެ. ބައްޕައަށް މި މަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެ ނޫން ވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ.

މިކަން އެނގުމާއެކު ކަނީރު ގަހާބެހޭ މަޢުލޫމާހޯދުމަށްޓަކައި އަޅުގަނޑު މަސައްކަތްކުރީމެވެ. ތިރީގައި މި ހިއްސާކޮށްލަނީ އެމަޢުލޫމާތުގެ އަލީގައި އެކުލަވައިލައިފައިވާ ލިޔުމެކެވެ.

ކަނީރު، އިނގިރޭސިން ކިޔާގޮތުންނަމަ ‘އޮލިއެންޑަރ’ ނުވަތަ ސައިންޓިފިކް ނަމުންނަމަ ‘ނީރިއަމް އޮލިއެންޑަރ’ ގަހަކީ، އޮމާން ފިޔަތަކެއް ލާފައި ހުންނަ ރީތި މަލެއް އަޅާ ގަހެކެވެ. ފިޔާތޮށި، ރީނދޫ، ހުދު އަދި މިނޫން ވެސް އެކި ކުލައިގެ މައު އަޅާ މިގަހަކީ 4 އިންޗިއާއި 10 އިންޗިއާ ދެމެދުގެ ހިމަ ފަތްތަކެއް ލާފައި ހުންނަ ގަހެކެވެ. 12 ފޫޓަށް ދިގުކޮށް ހެދޭ މި ގަހުގެ މޫތަކަކީ ވަރަށް ވަރުގަދަ އެއްޗެކެވެ. ބަލައިލާން ކިތަންމެ ރީތި ކަމުގައި ވިޔަސް މިއީ އެންމެ ވިހަގަދަ ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މި ގަހުގެ މަލާއި، ފަތާއި ލަކުނޑީގައި ވިހަ މާއްދާ ތަކެއް ކަމުގައިވާ ޑިޖިޓޮކްސިޖެނިން، ނެރީން، އޮލިއޮންޑްރޮސައިޑް އަދި އޮލިއެންޑްރިން ހިމެނެއެވެ.

މި ގަހަކީ ހުޅަނގު ދެކުނު ޔޫރަޕުން ފެށިގެން އިރުމަތީ އޭޝިއާއާ ދެމެދުގެ ސަރަޙައްދުގައި ހެދޭ ގަހެކެވެ. މި ގަހަކީ ޕޯޗުގަލް، މޮރޮކޯ އަދި މޮރިޓޭނިއާގައި ވަރަށް ގިނައިން ހެދޭ ގަހެކެވެ. ހަރުފަސް ހުންނަ ތަންތާގައި ފަސޭހައިން ހެދޭ މި ގަހަކީ ގަދަ ފިނީގައި އަދި ގަދަ ހޫނުގައި ވެސް ހެދޭ ގަހެކެވެ.

މި ގަހުގައި އެކުލެވޭ ވިހަ މާއްދާތަކަކީ ފުރާނައަށް ނުރައްކާވާފަދަ ވިހަތަކެކެވެ. މި ވިހައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނަށެވެ. މިގަހުގެ އެންމެ ފަތެއް ކެއުމުގެ ސަބަބުން ވެސް ތުއްތު ކުއްޖަކު މަރުވެދާނެކަމަށް ޑޮކްޓަރުން ހާމަކުރެއެވެ. މި ގަސް ނުވަތަ މި ގަހުގެ ބައެއް އެންދުމުން ބޭރުވާ ދުން ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް އެތެރެވުމުން ވެސް ހަށިގަނޑަށް ގެއްލުންވެއެވެ. އަދި މިގަހުގެ މައު ބަހައްޓައިފައިވާ ތައްޓެއް ރަނގަޅަށް ނުދޮވެ ހުއްޓައި ފެންއަޅައިގެން ބުއިމުގެ ސަބަބުންވެސް ވިހަވެދާނެ އެވެ. ހަމައެހެންމެ މި ގަހުގެ މަލުން ފޮނި ބޮއިފައިވާ މާމުއި ކުޅަނދުރު އުފައްދައިފައިވާ މާމުއި ބުއިމުން ވެސް ވިހަވެދާނެ އެވެ. ގަހުގެ ކިރު ގައިގެ ހަމުގައި ޖެހުމުން ގައި ހިރުވުމާއި ފިތް ނެގުން ފަދަ ކަންތައް މެދުވެރިވެދާނެ އެވެ.

ވިހަވުމުގެ ސަބަބުން ހިތުގެ ވިންދު ލަސްވުން ނުވަތަ އަވަސްވުން އަދި ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު އިތުރުވުން ހިމެނެއެވެ. މިކަންކަމުގެ އިތުރުންވެސް ދިމާވެދާނެ ވަރަށްގިނަ ކަންތަކެއް ވެއެވެ. އޭގެތެރޭގައި: ބޯއެނބުރުމާއި ބޮލުގައި ރިއްސުމާއި ބަނޑުގައި ރިއްސުމާއި ނޭވާ ހިއްލުމާއި ހޮޑުލުމާއި ލޯ ފުސްވުމާއި ބޮޑުކަމުދާއިރު ލޭ ފޭބުން ފަދަ ކަންކަން ހިމެނެއެވެ.

މި ގަހުގެ ވިހައިގެ ސަބަބުން ތަފާތު އެކި ޙާދިޘާތައް ހިނގާފައިވެއެވެ. އެގޮތުން މިގަހުގެ ފަތްކެއުމުގެ ސަބަބުން 2000ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. މިކުދިން މަރުވުމުގެ ދުވަސްކޮޅެއްކުރިން އެކުދިން ކަނީރު ގަހުގެ ފަތް ކަނިކޮށް އެކުދިންގެ މަންމައަށް ފެނިފައިވެއެވެ. އަދި ފަހުން އެނގިފައިވާ ގޮތުގައި އެކުދިން މަރުވި ދުވަހުގެ ރޭވެސް އެކުދިންވަނީ މިގަހުގެ ފަތްކައިފައެވެ. އެކުދިން މަރުވީ ނިދާފައި ތިއްބައެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުގެ މަޝްހޫރު އެމްޕަރަރ ނަޕޯލިއަން ބޮނަޕާޓްގެ ސިފައިންތަކެއް މި ގަހުގެ ގޮފިތަކެއް ބޭނުންކޮށްގެން މަސް ފިހެ ކެއުމުގެ ސަބަބުން އިސްޕޭެނުގައި މަރުވެފައިވާކަމަށް ޚަބަރު ފެތުރިފައިވެއެވެ. 2002ވަނަ އަހަރު، ޓޮކްސިކް އެކްސްޕޯޝަރ ސަރވައިލެންސް ސިސްޓަމް އިން ހާމަކުރި ގޮތުގައި އެމެރިކާގައި 847 މީހުން މިގަހުގެ ސަބަބުން ވިހަ ވެފައިވެއެވެ.

އެމެރިކާގެ ޓެކްސަސްގެ އަވަށެއް ކަމުގައިވާ އެލް ޕާސޯގެ ޖަނަވާރުންނާ ބެހޭ ޑޮކްޓަރެއްކަމުގައިވާ ޑރ. ނެންސީ ހަރވީ ހާމަކުރި ގޮތުގައި ކަނީރު ގަސްތަކެއްގައި ރޯވެގެން އެ އަލިފާންގަނޑު ނިއްވައިލަން ދިޔަ ސިފައިން ވަނީ މަރުވެފައެވެ. އެހެންނަމަވެސް މި ކަން ހިނގި ތަނެއް ނޭނގެއެވެ. އެހެންކަމުން މި ކަމަކީ ދިމާނުވެދާނެ ކަމަކަށް ބަލައިގެން ނުވާނެ އެވެ.

މާލޭގައި ކުޑަކުދިން ގޮސްއުޅޭ ބައެއް ޕާކުތަކުގައި ކަނީރުގަސް ހައްދައިފައި ހުއްޓައި ފެނެއެވެ. އެހެންކަމުން ފަހަރެއްގައި ކުޑަކުއްޖަކު އެއިން ގަހަކުން ފަތެއް ކައިގެން ވިހަވުމަކީ، އެކަށީގެންވާ ކަމެކެވެ. ވީމާ، މިކަމަށް ސަމާލުކަންދިނުން މުހިއްމެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ރަނގަޅު މައުލޫމާތު ކޮޅެއް…

  2. kaleymen dhuniyeygai noolhuneemaveenu. Maaiy allahge hurihaa makhuloogunge kinbain abadhuves konmeves aibeh hoadhaigen e aibuge vaahaka. Ahanah kaleyge viha maa nubai

  3. E ee Allah ge aibeh kamah inba gaboolu kurumakee inbage ageedhaage faasidhu kan.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!