ހުކުރު ނަމާދުގެ ސުންނަތްތައް



الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.

މި ޙަދީޘް ގެ ޝަރަޙާގައި އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. “ގާޟީ ޢިޔާޟް ވިދާޅުވިއެވެ. އެބައިމީހުން ބޭނުންނަމަ ހުކުރު ދުވަސް މާތް ކުރުމުގެ ފުރުޞަތު ދެވުނެވެ. ނަމަވެސް އެބައިމީހުން އިޖްތިހާދުކޮށް ނިންމީ ހުކުރު ދުވަސް މާތް ނުކުރުމަށެވެ. މާތް ﷲ އެބައިމީހުންނަށް އެކަމުގެ ހިދާޔަތް ނުދެއްވިއެވެ. އަދި މިއުއްމަތުގެ މީހުންނަށް އިޖްތިހާދު ކުރުމުގެ ފުރުޞަތު ނުދެއްވާ ހުކުރުދުވަސް މާތް ކުރެއްވުމުގެ ސަބަބުން މިއުއްމަތަށް ހިދާޔަތް ދައްކަވައިފިއެވެ. ބުނެވޭ ގޮތުން މޫސާ ޢަލައިހިއްސަލާމް އެބައިމީހުންނަށް ހުކުރުދުވަހުގެ މާތް ކަން އަންގަވައިދެއްވިއެވެ. އަދި އެދުވަސް މާތް ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުން އިޚްތިޔާރު ކުރީ ހޮނިހިރު ދުވަސް މާތް ކުރުމަށެވެ. އެހިނދު މޫސާގެފަނަށް ދެންނެވުނެވެ. އެމީހުން އެގޮތުގައި ދޫކޮށްލައްވާށެވެ. އެބައިމހުންގެ ޝަރީޢަތުގައި ހުކުރު ދުވަސް މާތް ކުރެއްވިކަން ނައްޞު ކުރައްވާފައިވާނަމަ، އެބައިމީހުންނަށް އެކަމުގައި އިޖްތިހާދު ކުރުމުގެ ފުރުޞަތެއް ނުލިބުނީހެވެ”. އިމާމް ނަވަވީ ވިދާޅުވިއެވެ. ހުކުރު ދުވަހަކީ މާތް ދުވަހެއް ކަމުގައި އެބައިމީހުންގެ ޝަރީޢަތުގައި ނައްޞު ކުރެވިފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެބައިމީހުން އެކަމުގައި ޚިލާފުވެގަތީއެވެ. އަދި ހުކުރު ދުވަހުގެ ބަދަލުގައި ހޮނިހިރުދުވަސް އިޚްތިޔާރު ކުރުމުގެ ސަބަބުން އެބައިމީހުން މަގުފުރެދިގެން ދިޔައީއެވެ”.

وعن أوس بن أوس : عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام) رواه أبو داود މާނައަކީ: “މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވެއެވެ. ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ”.

وعَنْ أَبِي لُبَابَةَ بْنِ عَبْدِ الْمُنْذِرِ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ ، وَأَعْظَمُهَا عِنْدَ اللَّهِ ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الأَضْحَى وَيَوْمِ الْفِطْرِ ، فِيهِ خَمْسُ خِلالٍ : خَلَقَ اللَّهُ فِيهِ آدَمَ ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الأَرْضِ ، وَفِيهِ تَوَفَّى اللَّهُ آدَمَ ، وَفِيهِ سَاعَةٌ لا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلا أَعْطَاهُ ، مَا لَمْ يَسْأَلْ حَرَامًا ، وَفِيهِ تَقُومُ السَّاعَةُ ، مَا مِنْ مَلَكٍ مُقَرَّبٍ وَلا سَمَاءٍ وَلا أَرْضٍ وَلا رِيَاحٍ وَلا جِبَالٍ وَلا بَحْرٍ إِلا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ ) . رواه ابن ماجه މާނައަކީ: “މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ”. އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ.

ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި:

1. އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.

عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :( الصَّلاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِر) رواه مسلم. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ފަރްޟު ފަސްނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ”.

2. ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أفضل الصلوات عند الله صلاة الصبح يوم الجمعة في جماعة ) . رواه البيهقي في “شعب الإيمان” . މާނައަކީ: “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ”. ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي الصُّبْحِ يَوْمَ الْجُمُعَةِ بِـ ( الم تَنْزِيلُ ) فِي الرَّكْعَةِ الأُولَى وَفِي الثَّانِيَةِ ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) . رواه البخاري ومسلم . މާނައަކީ: “ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި ( الم تَنْزِيلُ ) އަދި ދެވަނަ ރަކްޢަތުގައި ( هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا ) ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔަވާ ވިދާޅުވިއެވެ”.

އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “މިދެސޫރަތް ކިޔެވުމުގެ ޙިކްމަތަކީ އާދަމްގެ ފާނު ހެއްދެވުނު ވާހަކަ އާއި ގިޔާމަތްވުމުގެ ވާހަކަތައް މިދެސޫރަތުގައި ބަޔާންވެފައި ވުމެވެ”.

3. ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރި- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ”. والله أعلم

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދިވެހިރާއްޖޭގައި ވެރިކަން ކޮށްފައި ތިބޭ މީހުން ހުކުރަށް ނުދަނީ ކީއްވެތޯ ސުވާލު އުފެދޭ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!