ގޮތްނޭނގުނު ކޮފީތަށި

ރައްޓެއްސަކާއެކު އަހަރެން، ޗައިނާގެ ރަށެއްކަމުގައިވާ ވީނަސްގެ މަޝްހޫރު ހޮޓަލެއްގައި ހަމަޖެހިލައިގެން ކޮފީއެއް ބޯލަން އިނީމެވެ. މިހެން ތިއްބާ އެ ކޮފީޝޮޕަށް އައި މީހަކު އަހަރެމެންތިބި މޭޒާއި ޖެހިގެން ހުރި މޭޒު ހުސްކޮށްހުރުމުން އެތާނގައި އިށީނެވެ. އޭނަ ހަމައިށީނުމާއެކު ވޭޓަރަށް ގޮވާލާފައި އޯޑަރ ދިނެވެ. “ދެތަށި ކޮފީ ގެންނާށެވެ. އެތަނުން އެއްކޮފީ ފާރަށެވެ.”

އެމީހާގެ އެ ޢަޖައިބުކުރަނިވި އޯޑަރ އަހަރެމެން ޝައުޤުވެރިކަމާއެކު އަޑުހަންތިބީމެވެ. ދިން އޯޑަރ އާއެއްގޮތަށް ވޭޓަރ އެއްތަށިކޮފީ އޭނަ އިން މޭޒުމަތީގައި ބަހެއްޓިއެވެ. އެމީހާ ކޮފީ ބޮއެގެން ދަމުން ދިޔައީ ދެތަށި ކޮފީއަށްވެސް އަގުދައްކާފައެވެ. ކޮފީ ބޯން އައިމީހާ ހަމަދިއުމާއެކު އެއްކަލަ ވޭޓަރ ،ކަރުދާސްގަނޑެއް ހިފައިގެންއައިސް ފާރުގައި ތަތްކޮށްލިއެވެ. އޭގައި ލިޔެފައިވަނީ ” އެއްތަށި ކޮފީ ” މިހެންނެވެ.

އަހަރެމެންނަށް އެތަނުން އަދިނުދެވިގެން އުޅެނިކޮށް އެހެން ދެމިހަކުވެސް ކޮފީބޯންއައިސް އިށީދެއްޖެއެވެ. އެދެމީހުން އޯޑަރ ދިނީ ތިން ތަށިކޮފީއަށެވެ. ދެކޮފީ، މޭޒަށް އަނެއްކޮފީ ފާރަށް އެދެމީހުންވެސް މިހެން ބުނެލިއެވެ. އެމީހުން ބުއީ ދެތަށިކޮފީއެވެ. ނަމަވެސް ދަމުން ދިޔައީ ތިންތަށި ކޮފީއަށް ފައިސާދައްކާފައެވެ. އެދެމީހުން ދިއުމާއެކު ވޭޓަރު ގޮސް އެހެން ގަނޑެއް ފާރުގައި ތަތްކޮށްލިއެވެ. އޭގައިވެސް ލިޔެފައިވަނީ “އެއްތަށި ކޮފީ ”

ހީވަނީ މިކަމަކީ މިތަނުގައި ޢާންމުކޮށް ހިނގާ ކަމެއްހެންނެވެ. އެހެންނަމެވެސް މިކަމަކީ އަހަރެމެންނަށް ވަރަށް އައު އަދި މިވަނީ ކިހިނެއްކަން ވިސްނައިވެސް ނުގަނެވުނުކަމެކެވެ. ދެން އެންމެރަނގަޅެވެ. ކޮންމެގޮތަކަށް ކަންކުރިނަމަވެސް އަހަރެމެންނަކާވާ ބެހޭވެސް ކަމެއްނޫންތާއެވެ. ކޮފީއަށް ފައިސާ ދެއްކުމަށްފަހު އަހަރެމެން ހިނގައިގަތީމެވެ.

އޭގެ ދުވަސްކޮޅެއްފަހުން އަނެއްކާވެސް އިއްތިފާޤުން އެއްކަލަ ކޮފީ ޝޮޕަށް އަހަރެމެންނަށް ދެވިއްޖެއެވެ. ވަރަށް ޝައުޤުވެރިކަމާއެކު އަހަރެމެން ކޮފީގައި ވާހަކަދައްކަންތިއްބާ މީހަކު އައިސް ކޮފީޝޮޕަށް ވަނެވެ. ފެންނަފެނުމަށް އޭނަޔަކީ މިފަދަ އަގުބޮޑު ކޮފީ ޝޮޕަކުން ކޮފީބޮވޭވަރުގެ ފެންވަރެއްހުރިމީހެންހެނެއް ހިޔެއްނުވެއެވެ. އެފަދަ ޙައިޞިއްޔަތެއް ބަލާބެލުމުކަށް ނެތެވެ. މިހެން މިބުނީ ލާފައިހުރި ހެދުމާއި އަރާފައިހުރި ބޫޓަށްވެސް ބަލާފައެވެ. އޭނާހުރީ ވަރަށް ނިކަމެތިހާލުގައެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މަޔޫސްކަމުގެ އަސަރުތަކެވެ. އެމީހާ ހަމައިށީދެފައި ބަލަލީ ފާރާދިމާލަށެވެ. ބަލާލުމަށްފަހު ވޭޓަރަށް ގޮވާލައިބުންޏެވެ. ފާރުން ކޮފީތައްޓެއް ގެނެސްދޭށެވެ. މިމީހާ ހަމަ އޯޑަރ ދިނުމާއެކު ވޭޓަރ ވަރަށް އަދަބު އިޙުތިރާމައެކު ކޮފީ ތައްޓެއް ގެނެސްދިނެވެ. އެއްކަލަ ނިކަމެތިމީހާ ހަމަޖެހެލުމާއެކު ކޮފީތަށި ބޯލައިގެން ފައިސާދެއްކުމަކާވެސްނުލައި ހިނގައްޖެއެވެ.

ވަރަށް ޙައިރާންކަމާއެކު މިމަންޒަރު އަހަރެމެން ބަލަންތިއްބާ އެއްކަލަ ވޭޓަރ ފާރުގައި ތަތްކޮށްފައިވާ ކަރުދާސްތަކުގެ ތެރެއިން އެއްކަރުދާސްގަނޑުނަގައި ކުނިވަށިގަނޑަށް ވައްޓާލިއެވެ.

މިހިސާބުން ކަންހިނގަމުންމިދިޔައީ ކިހިނެއްކަން އެއްވެސް އޮޅުމެއްނެތި އަހަރެމެންނަށް ވިސްނިއްޖެއެވެ. މިހިސާބުގައިއުޅޭ ތަނަވަސް އަދި އިންސާނިއްޔަތުކަމުންފުރިވާ މީހުންގެ އެޢަމަލުގެ ސަބަބުން އަހަރެމެންގެ ލޯ ކަރުނައިން ފުރުނެވެ. ޙަޤީޤަތުވެސް ވަރަށް އަސަރުކުރިއެވެ.

ޙަޤީގަތަށް ބުނަނީނަމަ ކޮފީއަކީ އަހަރެމެންގެ ދިރިއުޅުމުގައި ބުއިން ކޮންމެހެން ލާޒިމުއެއްޗެއްވެސްނޫނެވެ. އަދި އެއީ ދިރިއުޅުމުގައި ކޮންމެހެން ނުބޮއިނުވާވަރުގެ އެއްޗެއްވެސް ނޫނެވެ. ހަމައެކަނި ވިސްނަންވީ އެއްޗަކީ ތަނަވަސްކަމުގައި އެއަގުބޮޑު ކޮފީބޯމީހުން އެކޮފީ ބުއިމަށް ހިތްއެދޭފަދައިން އެނިކަމެތިންވެސް ހިތްއެދޭނެކަމެވެ. ނަމަވެސް އެނިކަމެތިންނަށް ނުބޮވެނީ ނުފޯރާތީއެވެ. އެފަދަތަނަވަސް މީހުން އެފުރިހަމަކޮށްދިނީ އެފަދަ ނިކަމެތިންގެ ހިތުގެ އެދުމެވެ.

ކޮފީޝޮޕްގެ ވޭޓާރުންނާ މެދުވިސްނާލާށެވެ. އެނިމަމެތިންނާވެސް ކުރިމަތިލީހަމަ އެމުއްސަދިންނާ ކުރިމަތިލާހާ އިޙުތިރާމާ ޤަދަރުވެރިކަމާއެކު ހިނިތުންވާހާލުގައެވެ. ހާދަހާވާ ރިވެތި އަޚުލާޤެކެވެ.

އެނިކަމެތިންނާމެދު ވިސްނާލާށެވެ. ކޮފީޝޮޕަށް ވަދެގެންއައީ އެއްވެސް ޖެހިލުންވުމަކާނުލައި ވަރަށް ޤަދަރުވެރިކަމާއެކުގައެވެ. ވަނުމަށްފަހު ކޮފީ ތައްތެއް ހިލޭ ލިބިދާނެތޯ އަހާލަންވެސް ނުޖެހެއެވެ. ވަނުމަށްފަހު ފާރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑުން ކޮފީތައްޓެއް ލިޔެފައިވާތަން ހަމަފެނުމާއެކު އެޔަށް ފައިސާ ދެއްކީވެސް ކާކުތޯ އަހާލުމަކާއިނުލައި ފާރުން ކޮފީތައްޓެއްގެންނާށޭ ބުނެލައެވެ. މިނިކަމެތިން ކޮފީބޮއެގެން މިދަނީ ހާދަހާވާ ޝުކުރުވެރިދުލަކުން އެމީހުންނަށް ހެޔޮދުޢާކުރާހާލުގައެވެ.

ކޮންމެ ނިކަމެއްޗެއްގެވެސް އޮންނަނީ ހިތެއްކަން ދަނެގެން ނިކަމެތިންނަށް ޙައްޤުއަދާކުރާނަމަ އަހަރެމެންގެ ތެރޭގައި ޙައްޤުތަކުން މަޙުރޫމުވެފައިވާ އެކަކުވެސް ނުހުންނާނެއެވެ. ފަސްތަރީގެ ހޮޓަލުން އެނިކަމެތިންނަށް ކޮފީ ބުއިމުގެ އުއްމީދާއި ޙައްޤު ލިއްބައިދިނީ އެމީހުންގެ ތެރޭގައިވާ ރިވެތި އަޚުލާޤާއި އިންސާނިއްޔަތުކަމުގެ ބޮޑުކަމުންނެވެ. އަހަރެމެން ކޮންމެމިހަކީ އެފަދަ މީހަކަށްވަމަތޯއެވެ.
( ނިމުނީ )

10 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ވަރަށް ޢިބުރތް ތެރި އަސަރުގަދަ ލިޔުމެއް.

 2. ވަރަށް ރީތި ޢިބުރަތުން ފުރިގެންވާ ޙާދިސާއެއް…

 3. މުއްސަންދިންގެ ބޮޑެތިއެދުންތައް ފުއްދައިދިނުމުގެ ބަދަލުގައި ނިކަމެތިންގެ ކުދި އެދުންތައް ފުއްދައިދެމާތޯއެވެ.
  ތަނަވަސްމީހުންނަށް ބެލުމުގެ ބަދަލުގައި ނިކަމެންނަށްބަލާ ބަޔަކަށްވެއްޖެނަމަ އަޅުގަނޑުމެންނަކީ ﷲ ޝުކުރުއަދާކުރާބަޔަކަށްވާނެކަން ކަށަވަރެވެ.
  އަޅުގަނޑުގެ ވާހަކައަށް ކޮމެންޓް ކުރެއްވީތީ ވަރަށްބޮޑަށް ޝުކުރުއަދާކުރަމެވެ.

 4. ވަރަށް ވަރަށް އިބްރަތް ތެރި ލިއުއްވުމެއް.

 5. މީ ހާދަ އިބްރަތްތެރި ލިޔުމެއް

 6. މީ ޥަޜަާއް އިބްޜަތް ތެރި ވާޙަކާ އެއް

 7. ޗައިނާ އަކީ ވަރަށް އަޚްލާގް ރަނގަޅު މީހުން ދިރިއުޅޭ ގައުމެއް

 8. އެފަދަ ޤައުމަކަށް އަޅުގަނޑުމެންގެ ޤައުމުވެސް ހަދާމާތޯ! އެކަމަށްޓަކައި ބަޔަކަު މަސައްކަތްކޮށްފިނަމަ ހަމަޔަޤީނުންވެސް އެކަން ކާމިޔާބުވާނެއެވެ.

 9. ހާދަ ޢިބުރަތްތެރި

 10. ވ އަސަރުގަދަ ވާހަކައެއް.. އެހާމެ ޢިބްރަތްތެރި.. ކިޔަމުން ދިޔައިރު ހިތްތެޅޭ…

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!