ދަރިވަރުންނަށް ހިޖްރީ ތާރީޚް ޖަހަންވެސް ބުނެދޭށެވެ.

ހިޖްރީ ތާރީޚް ޖަހަންފެށުނީ ރަސޫލުޞައްލަﷲ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި މުނާޞަބަތާ ގުޅުވައިގެން އެތާރީޚުން ފެށިގެންނެވެ. އެއީ އުމަރު ގެފާނުގެ ޚިލާފަތުގައެވެ. ހިޖްރީ ކަލަންޑަރަކީ ހަނދުގެ ދަޢުރުވުމަށް ބަލައިގެން ފަރުމާކޮށްފައިވާ ކަލަންޑަރަކެވެ.

ޙިޖްރީ ކަލަންޑަރުގައިވަނީ 12 މަހެވެ. އެއީ މުޙައްރަމް، ޞަފަރް، ރަބީޢުލް އައްވަލް، ރަބީޢުލް އާޚިރު، ޖުމާދަލް އޫލާ، ޖުމާދަލް އާޚިރު، ރަޖަބު، ޝަޢުބާން، ރަމަޟާން، ޝައްވާލް، ޒުލް ޤައިދާ އަދި ޒުލް ޙިއްޖާ އެވެ. މިދެންނެވި ހިޖްރީ މަސްތަކުގެ ތެރެއިން ރަބީޢުލް-އާޚިރު މަހަށް ރަބީޢުލް-ޘާނީ އަދި ޖުމާދަލް-އާޚިރާ މަހަށް ޖުމާދަލް-ޘާނީ އޭވެސްކިޔައެވެ.

ހިޖްރީ ކަލަންޑަރުގެ މަސްތައް ގުނަން ފެށެނީ މުޙައްރަމް މަހުންނެވެ. އަދި ޚިޖްރީ އަހަރު ނިމެނީ ޒުލް-ޙިއްޖާ މަހުންނެވެ. މިމަހަކީ ދީނުގެ 5 ވަނަ ރުކުންކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަން ވެވޭ މަހެވެ. މިހުރިހާ މަސްތަކުގެ ތެރެއިންވެސް މުސްލިމުން އެމަހަކަށްޓަކައި އިންތިޒާރުކުރާ މަހަކީ ބަރަކާތްތެރި ރަމްޟާން މަހެވެ. މާތްﷲ ވަނީ ރަމަޟާން މަހުގައި ކީރިތި ޤުރުއާން ބާވާލައްވާފައެވެ. އަދި އެމަހަކީ އެއްހާސް މަހުގެ އަޅުކަމުގެ ޘަވާބާއި ދަރުމަ އެކުލެވިގެންވާ ލައިލަތުލް-ޤަދްރި އެމަހެއްގައި ލައްވަވާފައިވާ މަހެވެ.

ނަމަވެސް ހިތާމަހުރިކަމަކީ ރާއްޖޭގެ މުސްލިމް ކިޔަވާކުދިންނަށް ހިޖްރީ ކަލަންޑަރުގެ މަސްތައް ލިޔެކިޔަން ނޭގޭކަމެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ސުކޫލު މާހައުލުގައި ހިޖްރީ ތާރީޚް ބޭނުން ކުރެވޭލެއްމަދުކަމެވެ. އަޅުގަނޑު ހަނދާންވާގޮތުގައި ދިވެހި މާއްދަގައި “ރަސްމީ ސިޓީލިޔުން” ކިޔަވައިދޭ ފިލާވަޅުތަކުގައި މެނުވީ ދަރިވަރުންނަށް ހިޖްރީ ތާރީޚް ޖަހާކަށްނުޖެހެއެވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަންވެއްޖެ ކަމެކެވެ.

މުސްލިމު ކިޔަވާކުދިންގެ މަދަރުސީ ޙަޔާތް ނިމްމާފައި މޮޅެތި ފާސްތައްހިފައިގެން ނިކުންނަ ދަރިވަރުންނަސްވެސް ހިޖްރީ މަސްތައް ކިޔާލާ ލިޔެހަދާލަން ނޭގުމަކީ ލަދުގަންނަންޖެހޭވަރުގެ ކަމެކެވެ. މިކަމުގައި އިޚްމާލުވެފައިވަނީ ތަޢުލީމީ ބިނާތަކަކުން އެކަންޔެއްނޫނެވެ. މިކަމުގައި އެންމެ ބޮޑު އިޚްމާލެއްވެފައިވަނީ ހުދު ކުދިންގެ މައިންބަފައިންނެވެ. ކުއްޖާ އެންމެ ކުޑައިރު “އޭ.ބީ.ސި” އާއި “ހ.ށ” އަދި “އަލިފް.ބާ” ދަސްކޮށްދިން ފަދައިން ހިޖްރީ މަސްތައް ދަސްނުކޮށްދެވުމަކީ ކުދިންގެ މައިންބަފައިންގެ ވަރަށް ބޮޑު އިޚްމާލެކެވެ.

ކަންމިހެން އޮތްއިރު، މީލާދި ކަންޑަރު ނުވަތަ ނަޞްރާނިންގެ ކަލަންޑަރާ ބެހޭގޮތުން ކިޔަވާކުދިންނާއި ސުވާލެއްކުރާނެކަމެއްނެތެވެ. އަގައިގާ ސުވާލުގެ އެއްބުރި އޮއްވާ ޖަވާބުދޭނެއެވެ. މީލާދީ މަސްތައް ލިޔެކިޔެ އުޅުމަކީ އެކުދިންނަށް އެކުދިންގެ އަމިއްލަ ނަން ލިޔެކިޔެ އުޅުމަށްވުރެ މާ ފަސޭހަކަމެކެވެ.

ވިމާ ސުކޫލުތަކުން ކިޔަވާދޭ ކިޔަވާދިނުންތަކުގައި ހިޖްރީކަލަންޑަރު ކުދިންނަށް ކިޔަވައިދީ އޭގައިވާ މަސްތައް ލިޔެކިޔަން ދަސްކޮށްދޭންވެއްޖެއެވެ. ހުރިހާ މާއްދާއެއްގެ ފިލާވަޅުތަކުގައި މީލާދީ ތާރީޚް ޖަހަން މުދައްރިސުން އިރުޝާދުދެއްވާއިރު އިސްލާމީ ތާރީޚް ޖަހަންވެސް ބާރު އަޅާދިނުން މުޙިންމެވެ. ކިޔަވާކުދިންނަށް މިހިނގާ އަހަރަކީ 2017 ކަން އިނގޭއިރު 1438 ކަން އެނގޭނީ ކިތައްކުދިންނަށްބާވައެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތާއީދު!

  2. މިއަދު މުސްލިމުން ވަނީ އިސްލާމް ދީން ދޫކޮށް ޢައިރު މުސްލިމުންގެ އާދަކާދަ މުސްލިމު މުޖުތަމައުގައި އަށަގެނުވާފައި!

  3. އަޙްމަދު ނިޔާޒު ވިދާޅުވެފައި ވަނީ ވަރަށް ރަގަޅު ވާހަކައެކެވެ. ދަރިވަރުންނަށް ހިޖްރީ ތާރީޚް ޖަހަންވެސް ދަސްކޮށްދޭންވީއެވެ. ހަމަ އެގޮތަށް އިސްލާމީ ތާރީޚަށް ވެސް އެކުދިން އަހުލުވެރި ކުރުވަންވީއެވެ. އޭރުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބޮޑެތިވަމުން އަންނަ ދިވެހިދަރިންގެ ކިބައިގައި އިސްލާމް ދީނުގެ ލޯބި އަށަގަތުން އެކަށީގެންވެއެވެ. ދިވެހިރާއްޖޭގައި ނެރޭ ނޫސްތަކުގެތެރެއިން ކިތައް ނޫހުގައި ހިޖްރީ ތާރީޚް ޖަހާތޯއެވެ. ހަމަގައިމުވެސް އޮންލައިން ނޫހަކުން ހިޖްރީ ތާރީޚް ފެނޭތޯ އެއްދުވަހު ގިނަ އިރުތަކެއް ވަންދެން އުޅެގެން ވެސް އަޅުގަޑަކަށް އެކަން ކާމިޔާބެއް ނުވިއެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ މުޖްތަމައެއްގެ ހާލު ހުރި ގޮތެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!