ދަޢުލަތާއި ސަރުކާރު

 

މި މަޒުމޫނުގައި ކުޑަގޮތަކަށް ނަމަވެސް އަޅުގަނޑު އަލިއަޅުވާލެވޭތޯ ބަލާނީ ދަޢުލަތަކީ ކޮބާތޯއެވެ. އަދި ސަރުކާރާއި ދަޢުލަތުގެ ތަފާތަކީ ކޮބާތޯއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރާގޮތުގައި ދަޢުލަތާއި ސަރުކާރަކީ ދެ ނަމެއްކީކަމަކު ހަމަ އެކެއްޗެކެވެ. އަދި ބައެއް މީހުން ބުނާގޮތުގައި ދަޢުލަތަކީ ޤައުމާއި، އެޤައުމެއްގެ ރައްޔިތުންނާއި، ގަސްގަހާގެއްސާއި، ވައިގެ ސަރަހައްދާއި، ކަނޑާ އަދި ބިމެވެ.

އިނގިރޭސި ބަހުން “ސުޓޭޓް” ނުވަތަ ދިވެހި ބަހުން މިކިޔާ ދަޢުލަތް އުފެދިގެން އައި ގޮތާމެދު ފާދަ އޮފް ޕޮލިޓިކަލް ސައެންސު ނުވަތަ ސިޔާސީ ޢިލްމުގެ ބާނީ އެރިސްޓޮޓަލް ބެނެފައިވަނީ ” Man is a social animal and therefore he can not live in isolation. Man is also a political animal therefore he organizes himself for a settled life, binds himself to come to common rules and thus the State emerges.”

ވީމާ ސުޓޭޓް ނުވަތަ ދަޢުލަތް އުފެދިގެން އައިގޮތާމެދު ޢިޝާރާތްކޮށް އެރިސްޓޮޓަލް ބުނެފައިވަނީ ދަޢުލަތް އުފެދިގެން އައި ސަބަބަކީ އިންސާނާއަކީ އިޖްތިމާޢީ މަޙްލޫޤަގަށް ވީހިނދު އިންސާނާ އެކަހެރިކޮށް ދިރިއުޅުމަކީ ތަބީޢަތުގައި ވާކަމެއްނޫނެވެ. އަދި ހަމަ އެހެންމެ އެނާ ފާހަގަކުރާގޮތުގައި އިންސާނާއަކީ ސިޔާސީ މަޚްލުގެއްވެސްމެވެ. ވީއިރު އިންސާނާ ޤާއިމްވެގެންވާ ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށްޓަކައި ދިރިއުޅުމުގެ ކަންކަން ވަކި ނިޒާމެއްގެ ދަށުން ބައްޓަންކޮށް ޢާންމު ޤަވާއިދުތަކެއް ގެންގުޅެންފެށިއެވެ. ވީމާ އިންސާނުން މުޖްތަމައެއްގައި ޖަމާޢީގޮތެއްގައި ދިރިއުޅެން ފެށިހިސާބުން ސުޓޭޓް ނުވަތަ ދަޢުލަތް އުފެދިގެން އައީއެވެ.

ދަޢުލަތަކީ އެސޯސިއޭޝަނެއް ނުވަތަ ޖަމާޢަތެއްކަމަށް ބަލައިފިނަމަ ސަރުކާރު ހިމެނިގެން ދާނީ އެޖަމާއަތުގެ ދަށުގައި ނުވަތަ އެ ޖަމާޢަތުގެ ތެރޭގައި މަސައްކަތްކުރާ ކުޑަ ޖަމާޢަތަކަށެވެ. ނަމަވެސް ފާހަގަކޮށްލުން މުހިންމު ނުކުތާއަކީ ދަޢުލަތަށް ވުރެ ބާރުވެރި އެހެން އެއްވެސް ޖަމާޢަތެއް ނުވާނެކަމެވެ. ސަރުކާރަކީ ދަޢުލަތުގެ ކަންކަން ތަންފީޒުކުރާ އޭޖެންސީއެކެވެ. އަދި ހަމަ އެހެންމެ ސަރުކާރަކީ އެގެ ޒާތުގައި އެއްވެސް އާރެއް ބާރެއް ލިބިގެންވާ ޖަމާޢަތެއް ނޫނެވެ. އެހެނަސް ދަޢުލަތަކީ އޭގެ ޒާތުގައިވެސް ފުރިހަމަ އާރާއި ބާރު ލިބިގެންވާ އޭގެ މައްޗަށް އެހެން އެއްވެސް ޖަމާޢަތަކުން ބާރުނުފޯރުވޭ ޖަމާޢަތެކެވެ.

ދަޢުލަތެއް ދަޢުލަތަކަށް ވުމަށްޓަކައި ކޮންމެހެން ހުރުން ލާޒިމް ސިފަތަކެއްވެއެވެ. މިއިން އެއްވެސް ސިފައެއް އުނިވެއްޖެނަމަ އެހިސާބުން އެދަޢުލަތެއްގެ ކިބައިން ދަޢުލަތްވަންތަކަން ހަޤީޤަތުގައިވެސް ނެގިގެންދާނެއެވެ. ދަޢުލަތެއް ގައި ކޮންމެހެން ހުރުން ލާޒިމް ސިފަތަކަކީ؛

1- ރައްޔިތެއް

ރައްޔިތުންނޭ ބުނެވޭ ބަހުގެ މާނައަކީ ދަޢުލަތެއް އުފެދުމަށްޓަކައި މީހުންގެ ޖަމާޢަތަކަށް ކޮންމެހެން ބެނުންވުމެވެ. މީހުން އާބާދުވެނެތްތަނެއްގައި ދަޢުލަތެއް ނޯންނާނެއެވެ. މިސާލަކަށް އެންޓާޓިކް އަކީ ބޮޑު ބައްރެކެވެ. ނަމަވެސް އެތަނަށް ދަޢުލަތެކޭ ނުކިޔެނީ އެތަނަކީ މީހުން އާބާދުވެ އުޅޭތަކަކަށް ނުވާތީއެވެ.

ސިޔާސީ ޢިލްމުވެރިން ވަނީ ދަޢުލަތެއް އުފެދުމަށްޓަކައި ބޭނުންވާ ރައްޔިތެއްގެ ޢަދަދާ މެދު ވާހަކަދައްކާފައެވެ. ސިޔާސީ ޢިލްމުގެ ގޮތުން ވަރަށް މަޝްހޫރު މީހެއްކަމަށްވާ ފުލޭޓޯ ވާހަކަދައްކާގޮތުންނަމަ ދަޢުލަތެއް އުފެއްދުމަށްޓަކައި މަދުވެގެން 5040 މީހުންގެ އާބާދީއެއް ކޮންމެހެން ބޭނުންވާނެއެވެ. ނަމަވެސް އެރިސްޓޮޓަލް ބުރަވާ ގޮތުގައި މަދުވެގެން 10000 މީހުންގެ އާބާދިއެއް ދަޢުލަތެއް އުފެއްދުމަށްޓަކައި ފުދޭނެއެވެ.

މިތަނުގައި މުޙިންމު ނުކުތާއަކީ ރައްޔިތެއްގެ ޖުމްލަ ޢަދަދެއްނޫނެވެ. މުހިންމީ އެ ދަޢުލަތެއް ދިފާއުކޮށް ރައްކާތެރިކަމާއިއެކު ނެގެހެއްޓޭ ވަރުގެ ބޮޑު އެހެނަސް ހަމަ އެ ދަޢުލަތުގެ ދަށުގައިވާ ރައްޔިތުން ފަސޭހަކަމާއެކު ބެލެހެއްޓޭނެ ވަރުގެ ކުޑަ ޢާބާދީއަކަށް ވުމެވެ. މިސާލަކަށް ދަޢުލަތަކީ އާބާދިގެ ގޮތުން މީސްކޮޅު މަދު ދަޢުލަތަކަށް ވެއްޖެ ނަމަ އެ ދަޢުލަތުގެ މައްޗަށް އެހެން ބޮޑެތި ދަޢުލަތްތައް އަރައިގަންނާނެއެވެ. އަދި ހަމަ އެހެންމެ އާބާދީގެ ގޮތުން މާބޮޑަށް ބޮޑުވެއްޖެ ނަމަ ރައްޔިތުން ފަސޭހަކަމާއެކު ބެލެހެއްޓުން ދަޢުލަތުގެ މައްޗަށް ދަތިވާނެއެވެ.

2- ބިން

ދަޢުލަތެއްގައި ހުރުން ލާޒިމް ދެވަނަ ސިފަޔަކީ ބިން ނުވަތަ ޓެރިޓަރީ އެވެ. ރައްޔިތެއް ތިބިކަމުގައިވިޔަސް އެބަޔަކު ޤަރާރުވެ މިނިވަންކަމާއެކު ދިރި އުޅޭނެ ބިމެއް ނެތިއްޖެ ނަމަ އެއީ ދަޢުލަތެއް ކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް މިހާރު ޗައިނާގެ ބާރުގެދަށުގައިވާ، ނަމަވެސް ކުރީގެ މިނިވަން ދަޢުލަތެއްކަމަށްވާ ޓިބެޓްއަކީ މިހާރު ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެވޭނެ ޖާގައެއްނެތެވެ. އެކަމަކު ޓިބެޓްގައި އެތައް މިލިޔަން ރައްޔިތުނެއް ދިރިއުޅެމުންދެއެވެ. ޓިބެޓަކީ ދަޢުލަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބަކީ އެބައިމިހުންގެ އަމިއްލަ ބިމެއްލިބިފައިނެތުމެވެ. އެބިމަކީ މިހާރު ޗައިނާއިން ހިފާ އެ ދަޢުލަތުގެ ބިގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިމެކެވެ.

ބިމުގެ ބޮޑު މިނާ ބެހޭގޮތުން އެރިސްޓޮޓަލް ބުނެފައިވަނީ ބިމުގެ ގޮތުން ކުދި ދަޢުލަތްތައް ބިމުގެ ގޮތުން ބޮޑެތި ދަޢުލަތްތަކަށްވުރެ ބާރުގަދަވެގެންދާނެކަމުގައެވެ.

3- ސަރުކާރު

ދަޢުލަތުގެ ކަންކަން ރާވާ ހިންގާ ތަންފީޒުކުރުމަށްޓަކައި ކޮންމެހެން ސަރުކާރަކަށް ބޭނުންވެއެވެ. ވީމާ ދަޢުލަތެއްގެ އަނެއް މުހިންމު ސިފައަކީ ސަރުކާރެއް އުފައްދާފައި އޮތުމެވެ. ޤާނޫނާއި ޤަވާޢިދުތަށް ތަންފީޒުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅާ، ދަޢުލަތުގެ ދަށުގައިވާ އެންމެހާ ރައްޔިތުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދީ އަދިވެސް މިނޫންވެސް ދަޢުލަތުގެ އެންމެހާ ޕޮލިސީތައް ތަންފީޒުކުރާ ފަރާތަކީ ސަރުކާރެވެ.

ސަރުކާރަކީ އޭގެޒާތުގައި އެއްވެސް ބާރެއްލިބިގެންވާ ޖަމާޢަތެއްނޫނެވެ. ނަމަވެސް ސަރުކާރަށް ބޭނުންވާ ފުރިހަމަ ބާރު ޤާނުނު އަސާސީއެއްގެ ދަށުން ދަޢުލަތުން ސަރުކާރަށް ހޯދައިދެއެވެ. ނަމަވެސް ސަރުކާރަށް ވުރެ އެތައް ގުނައެއް ބާރުގަދަ ޖަމާޢަތަކީ ދަޢުލަތެވެ. ދަޢުލަތުގެ މައްޗަށް އެހެން އެއްވެސް ފަރާތަކަށް ބާރުގަދައެއް ނުވެވޭނެއެވެ.

4- ސޯވްރިނިޓީ

ސޯވްރިނިޓީ އަކީ ހަމައެކަނި ދަޢުލަތަށް ޙާއްޞަވެގެންވާ އެއްޗެކެވެ. އެއީ ޤައުމެއްގައި ޖަމާޢަތަކަށް ލިބިގެންވާ އެންމެ މަތީ ހުރިހާ ބާރުތަކެވެ. ސޯވްރިނިޓީ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އެތެރޭގެ ސޯވްރިނިޓީ އާއި ބޭރުގެ ސޯވްރިނިޓީއެވެ. އެތެރޭގެ ނުވަތަ އިންޓާނަލް ސޯވްރިނިޓީއަކީ ޤައުމެއްގެ ތެރޭގައި އެންމެ ބާރުވެރިވެ ހުރިހާބާރެއްލިބިގެންވުމެވެ. ރައްޔިތުންނާއި އަދި ސަރުކާރުވެސް ޝާމިލްވާގޮތަށް ހުރިހާ ޖަމާއަތްތަކެއް ކޮންޓުރޯލްކޮށް ދަޢުލަތުގެ ބާރުގެ ދަށުގައިވުމެވެ.

ބޭރުގެ ނުވަތަ އެކްޓާނަލް ސޯވްރިނިޓީއަކީ ޤައުމުގެ ބޭރުގައި ކަންކަން ނިންމާ، ކަނޑައަޅާ އަދި ބަސްކިއުމުގެ ފުރިހަމަ މިނިވަންކަމާ ބާރުވެރިކަން ލިބިފައިއޮތުމެވެ. މިސާލަކަށް ދިވެހިރާއްޖެ ޚާރިޖީގޮތުން ގުޅުން ޤާއިމްކުރާނެ ޤައުމުތަކާއި، ސޮއިކުރާނެ މުޢާހަދާތަކާއި ނުވަތަ އެ މުޢާހަދާއެއް ސޮއިނުކޮށް ދޫކޮށްލުމުގެ ފުރިހަމަ ބާރާއި މިނިވަންކަން ދިވެހި ދަޢުލަތަށް ލިބިގެންވެއެވެ. އެހެން އެއްވެސް ޤައުމަކުންް އެކަންކަމަކުން ދިވެހި ރާއްޖެއަށް ހުރަސްއަޅާ ނުހުއްޓުވޭނެއެވެ.

ވީމާ މަތީގައި ބަޔާންކުރެވުނު ސިފަތަކުގެތެރެއިން އެއްވެސް ސިފައެއް ނެތިގެން ހިނގައްޖެނަމަ އެ ދަޢުލަތެއްގެ ކިބައިން ދައުލަތްވަންތަކަން ނެގިގެންދާނެއެވެ.

ވީމާ ދަޢުލަތާއި ސަރުކާރަކީ ދޭއްޗެއްކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. ދަޢުލަތަކީ އެންމެ ބާރުވެރި ހުރިހާ ބާރެއް ލިބިގެންވާ ޖަމާއަތެވެ. ނަމަވެސް ސަރުކާރަށް ފުރިހަމަ ބާރު ލިބިދެނީ ދަޢުލަތުގެ ކިބައިންނެވެ. ދަޢުލަތަކީ ދާއިމީ ޖަމާއަތަކަށްވާއިރު ސަރުކާރަކީ ވަގުތީ ޖަމާޢަތެކެވެ. ދައުލަތުގެ ކަންކަން ތަންފީޒުކުރާ އޭޖެންސީއެކެވެ. ސަރުކާރު އެކުލެވިގެންވަނީ ސަރުކާރުގެ އިސްވެރިޔާ (ރައީސް ނުވަތަ ބޮޑުވަޒީރު) އާއި ކެބިނެޓް މިނިސްޓަރުންގެ މައްޗަށެވެ. ދަޢުލަތަށް ސަރުކާރު އުވާލުމުގެ ބާރުލިބިގެންވެއެވެ. ސަރުކާރަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކުން، މިސާލަކަށް ރާއްޖޭގައި ނަމަ 5 އަހަރުން، ބަދަލުވެ ބަދަލުވެ އޮންނަ އެއްޗެކެވެ. ނަމަވެސް ދަޢުލަތަކީ ޕާމަނަންޓު ނުވަތަ ދާއިމީއެއްޗެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!