ބަންގީގައި އެ ކިޔަނީ އަކްބަރު ރަސްގެފާނުގެ ނަންފުޅެއްނޫނެވެ!..

 

އެއްފަހަރެއްގައި އިންޑިޔާގެ މަޝްހޫރު ދާޢީ ޑރ. ޒާކިރު ނައިކް ކެރެލާ ސުޓޭޓްގައި އޮތް ފަންކްޝަނެއްގައި ބައިވެރިވުމަށްޓަކައި ވަޑައިގެންނެވިއެވެ. ޑރ. ޒާކިރުގެ ވާހަކަފުޅުގެ ކުރިން ޣައިރުމުސްލިމު މިނިސްޓަރެއް ވިދާޅުވި ތަޢާރަފުގެ ބަސްކޮޅެއްގައި އިންޑިޔާގެ މުސްލިމުންނަށް ތަޢުރީފުކުރައްވަމުން ވިދާޅުވިއެވެ. “އިންޑިޔާގެ މުސްލިމުންނަކީ ވަރަށް މަތިވެރި ކާމިޔާބިތަކެއް ހޯދަމުން އަންނަ ބައެކެވެ. އަދި އިންޑިޔާގެ ތަރައްޤީގައި މިޤައުމުގެ މުސްލިމުންގެ ޙިއްސާ ވަރަށް ބޮޑެވެ.” އަދި އިންޑިޔާގެ މުސްލިމުންގެ މަތިވެރިކަން ބަޔާންކުރެއްވުމުގެ ގޮތުން ވިދާޅުވިއެވެ. “މުސްލިމުން ކޮންމެ ދުވަހަކު 5 ފަހަރު ގޮވާ ބަންގީގައި އަކްބަރު ރަސްގެފާނުގެ ނަންފުޅު ތަކުރާރުކުރުމުންވެސް އިންޑިޔާގެ މުސްލިމުންގެ މަތިވެރިކަން ހާމަވެގެންއެބަދެއެވެ.”

ޑރ. ޒާކިރު ނައިކް އެނާގެ ވާހަކަފުޅުގައި މިދެންނެވި މިނިސްޓަރު އެ ހީފުޅުކުރެއްވި ކުށްހީ މީސްތަކުންނަށް އޮޅުންފިލުވައިދެއްވިއެވެ. މިގޮތުން މުސްލިމުން ބަންގީގައި އެ ކިޔަނީ “އަކްބަރު ރަސްގެފާނުގެ” ވާހަކަ ނޫންކަން ބަޔާންކޮށްދެއްވިއެވެ. އަކްބަރު ރަސްގެފާނު އުފަންވުމުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިންވެސް މުސްލިމުން ބަންގީގައި އެ ކަލިމަ ކިޔާކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވެދެއްވިއެވެ. ” އަކްބަރު މި ކަލިމާގެ މާނައަކީ މަތިވެރި ނުވަތަ އެންމެ މަތިވެރި ނުވަތަ ބައެއް ބޭކަލުން މާނަކުރައްވާގޮތުންނަމަ ބޮޑު ނުވަތަ އެންމެ ބޮޑު މިއެވެ. ވީމާ މުސްލިމުން ބަންގީގައި އެ ކިޔާ ކަލިމައިގެ މާނައަކީ ﷲއަކީ އެންމެ މަތިވެރި އިލާހެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!