އަނެއްކާވެސް ހެޔޮކަމުގެ މޫސުމެއް

މާތް ﷲ ގެ ރަޙްމަތްވަންތަކަމުން އަޅުގަނޑުމެންގެ މައްޗަށްވަނީ ހެޔޮކަމުގެ މޫސުމްތަކެއް ލައްވާފައެވެ. އެ ހެޔޮކަމުގެ މޫސުމްތަކުގައި އަޅުތަކުން ކުރާ ހެޔޮ އަމަލުތަކަށް ދެއްވާ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އެކަލާނގެ އިތުރުކުރައްވައެވެ. އަދި އެ އަޅުތަކުންގެ ދަރަޖަ މަތިވެރިކުރައްވާ އެ އަޅުތަކުންގެ ފާފަ ފުއްސަވާދެއްވައެވެ.

އަދި އެ ހެޔޮކަމުގެ މޫސުމްތަކަކީ ހެޔޮކަމަށް ދަހިވެތިވާ އަޅުން އެކަކު އަނެކާ ހެޔޮކަމުގައި ވާދަ ކުރާ މޫސުމްތަކެކެވެ. ހެޔޮކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަރާ ދިއުމަށެވެ. މާތް ﷲ ގެ މަޣްފިރަތާއި ރުއްސެވުން ލިބިގަތުމަށެވެ.

މިފަދަ މަތިވެރި މޫސުމްތަކުގެ ތެރެއިން މަތިވެރިވެގެންވާ އެއް މޫސުމަކީ އަޅުގަނޑުމެން ދުވަސްތައް ހޭދަކުރަމުން މިދާ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްވަރުގެ މާތްކަމާއި މަތިވެރިކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ މަތިވެރި އަދި ޠާހިރު ދޫފުޅުންވަނީ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. (ما من أيام العمل الصالح فيهن أحب إلى الله تعالى من عشر ذي الحجة) قالوا يا رسول الله: ولا الجهاد في سبيل الله؟! قال : (ولا الجهاد في سبيل الله إلا رجل خرج بنفسه وماله ثم لم يرجع بذلك من شيء (

މާނައީ: ” ހެޔޮ އަމަލުތަކުގެ ދުވަސްތަކުގެ ތެރެއިން ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެން  މާތް ﷲ ގެ ޙަޟްރަތުގައި ވަކީން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވެއެވެ.” އަޞްޙާބު ބޭކަލުން ސުވާލުކުރެއްވިއެވެ: މާތް ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ: ” މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް މެއެވެ. ހަމައެކަނި ﷲ ގެ މަގުގައި ޖިހާދު ކުރުމަށް އޭނަގެ ނަފްސާއި މުދައު ހިފައިގެން ގޮސް އަބުރާ ނާދެވުނު މީހާ ފިޔަވައެވެ.” އެބަހީ: މާތް ﷲ ގެ މަގުގައި ޝަޙީދުވިމީހާ ފިޔަވައެވެ.

އެހެންކަމުން، މަތިވެރި ތާބިޢީ ސަޢީދު ބުނު ޖުބައިރު ވިދާޅުވެފައިވެއެވެ. ” އޭ މީސްތަކުންނޭވެ! ޙައްޖުމަހުގެ ފުރަތަމަ ދިހައެއް އައިސް ބަދަލުކޮށްފިނަމަ، ރޭގަނޑަކަސް އަދި ދުވާލަކަސް ތިޔަބައިމީހުންގެ ގެތަކުގެ ފާނޫޒުތައް ނިއްވައިނުލާށެވެ.” އެބަހީ، ޤުރުއާނު ކިޔެވުމާއި، ރޭއަޅުކަން ކުރުމާއި، ޒިކުރުކުރުން ފަދަ މަތިވެރި ހެޔޮ އަމަލުތައް ކުރުމުގައި އެ ދުވަސްތައް ޣަނީމާކުރާށޭއެވެ.

ވުމާއެކު، މި ދުވަސްވަރުގެ ހެޔޮކަމަށް އެދިގެން ކުރެވިދާނެ ބައެއް ހެޔޮ ކަންތަކަށް ބަލައިލާނަމެވެ.

މިފަދަ ކޮންމެ ހެޔޮ ކަމުގެ މޫސުމަކާ ބައްދަލުވާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ، ތެދުވެރި ތައުބާއަކުން މާތް ﷲ ގެ ޙަޟްރަތަށް ތައުބާވުމެވެ. އެއަށްފަހު މިދުވަސްވަރުގެ މަތިވެރިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޣަނީމާ ކުރުމަށް އަޒުމުކަނޑައެޅުމެވެ.

އެގޮތުން، ފަރުޟު ފަސް ނަމާދަށް ފުރިހަމައަށް ރައްކާތެރިވުމަށް އަޒުމުކަނޑައަޅަން ޖެހޭނެއެވެ. އަދި ފިރިހެން ބޭކަލުން އެ ނަމާދަކީ މުސްލިމުންގެ ޖަމާޢަތުގައި މިސްކިތުގައި ކުރެވޭ ނަމާދެއް ކަމުގައި ހަދަން ޖެހޭނެއެވެ. ހަކަށަވަރުން ނަމާދަކީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅުކަމެވެ. އަދި ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ އަޅުކަންވެސް މެއެވެ. އެހެންކަމުން، މިދުވަސްތައް އެންމެ ފުރިހަމަ ގޮތުގައި ޣަނީމާ ކުރަން ބޭނުންވާ އަޅަކުނަމަ ނަމާދަށް ފުރިހަމައަށް ރައްކާތެރިވާން ވާނެއެވެ. އޭގެ އިތުރުން، ރަވާތިބު ސުންނަތްތައް ވެސް އަދާކުރެވޭތޯ ބެލުން މުހިއްމެވެ.

ހަމައެހެންމެ، މިދުވަސްވަރު ރޯދަ ހިފުމަކީވެސް މުސްތަޙައްބުވެގެންވާ އަޅުކަމެވެ. ޙާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދެއަހަރުގެ ފާފަތަކުގެ ކައްފާރާއަކަށް ވާނެކަމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އުއްމީދުކުރައްވާ ކަމަށް ސުންނަތުން ވަނީ ސާބިތުވެފައެވެ. އެހެންކަމުން، ޢަރާފާތް ދުވަހު ރޯދަ ހިފުމަކީ، މުހިއްމު އަޅުކަމެކެވެ.

ދެން ކުރެވިދާނެ އަނެއް ކަމަކީ، މިމަހު ދިހަވަނަ ދުވަހު އުޟްޙިޔާ ކަތިލުމެވެ. އުޟްޙިޔާ ކަތިލުމާ ބެހޭގޮތުން އައިސްފައިވާ އަޙްކާމުތައް ބެލުމަށްފަހު އެކަމާ ކުރިޔަށް ދިއުމަކީ ވަރަށް މަތިވެރިވެގެންވާ ސުންނަތެކެވެ.

 މި ދިހަ ދުވަހުގެ މަތިވެރިކަން ޣަނީމާކޮށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާން ކިޔެވުމާއި ރޭއަޅުކަން ކުރުމާއި ޞަދާޤާތްދީ އުޅުމަކީ ކޮންމެހެންވެސް ކުރުން މުހިއްމު ބައެއް ހެޔޮ އަމަލުތަކެވެ. މާތް ﷲ މިއަޅާއަށާއި މިއަޅާގެ މުސްލިމުން އަޚުންނާއި އުޚުތުންނަށް މިދުވަސްވަރުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި މިންވަރުކޮށްދެއްވުމުގެ ތައުފީޤުދެއްވާދޭނއެވެ. އާމީން!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާ ﷲ ވަރަށް ޢިބުރަތްތެރި އެހާމެއަގުހުރި ބަސްތަކެއް. ޖަޒާކަﷲ ޚައިރި.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!