ރަމަޟާންމަހަށްފަހު ދެންއޮތީ ކޮންކަމެއް؟

އަޅުގަނޑުމެންނާ ބަރަކާތްތެރިވެގެންވީ ރަމަޟާން ބައްދަލު ކުރުމުގެ ކުރިޔެވެ. ރަމަޟާން މަހަށް ތައްޔާރު ވުމާއި އެމަހުގެ މާތް ކަމާއި މަތިވެރި ކަމާއި އެމަހުގައި އަޅުކަން ކުރުމާއި ބެހޭ ގޮތުން ތަފާތު މުނާސަބަތު ތަކުގައި މީސްތަކުން އެއްވެ ވާހަކަ ދައްކައި އުޅުނޫއެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އެއީ ޤުރުއާނުގެ މައްސަރެވެ. އެއީ ބަރަކާތްތެރި ރެއެއް އެމަހުގައިވާ މައްސަރެވެ. އެއީ ހެޔޮކަމާއި ޘަވާބުން ފުރިގެންވާ މައްސަރެވެ. އިސްތިޣްފާރު ކުރުމާއި ޛިކުރު ކުރުމުގެ މައްސަރެވެ. އެއީ ރޭއަޅުކަން ކުރުމުގެ މައްސަރެވެ. ޞަދަޤާތުގެ މައްސަރެވެ. ރަމަޞާން މަހަކީ ޝައިޠާނުންތައް ކަސްތޮޅު އެޅުވި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ މައްސަރެވެ. މިވާހަކަތައް އަޑު އިވިފައި ނުވައި މުސްލިމަކު މި ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލު ކޮށްފައި ނުވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ!

ދެންފަހެ އަޅުގަނޑުމެން ފާފަތަކުން ތައުބާވެގެންވާ ޙާލު ޢަމަލުތައް އިސްލާޙްކޮށް، ހެޔޮވެގެންވާ ރިވެތި ދިރިއުޅުމެއް ޙާޞިލް ކުރުމުގެ އުއްމީދުގައި ރަމަޟާންމަހާއި ބައްދަލު ކުރީމުއެވެ. ބޮޑުވެގެންވާ އަޙްދު ކަށަވަރު ހިފުމަކުން އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ އިލާހާ އެކު އަޙްދު ކަށަވަރު ހިފީމުއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އެމަތިވެރި އަޙްދުގެ މަތީގައި ޘާބިތުވެގެން ތިބުމެވެ. ތައުބާވެފައިވާ ފާފަތަކާ ދިމާއި ދިމާއަށް އެބުރި ނުދިއުމެވެ. ރަމަޟާން މަހުގައި ތިމާ ތަރުބިއްޔަތުކުރި ތިމާގެ ނަފްސު ކިލަނބުވިޔަ ނުދީ ހިފެހެއްޓުމެވެ. ހެޔޮކަންތައްތަކުން އެނަފްސު އެއްކިބާވެ ދިޔަ ނުދިނުމާއެކު ރަމަޟާންމަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް މަތީ ޘާބިތުވެ ތިބުމެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑުމެން ހިފައިފައިވާ އަޙްދު ކަށަވަރާ ޚިލާފުވުމީ އަޅުގަނޑުމެންނަށް ދީން ލިބިދީފައިވާ ޙައްޤެއް ނޫނެވެ. އެ އަޙްދުގެ މަތީގައި ދެމިތިބުމީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެކެވެ. ސޫރަތުއް ނަޙްލުގެ 91 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވާފައިވެއެވެ. ﴿وَأَوْفُواْ بِعَهْدِ اللّهِ إِذَا عَاهَدتُّمْ وَلاَ تَنقُضُواْ الأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللّهَ عَلَيْكُمْ كَفِيلاً إِنَّ اللّهَ يَعْلَمُ مَا تَفْعَلُونَ﴾ މާނައީ: “ތިޔަބައިމީހުން ﷲ އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ.”

އޭ ރަމަޟާން މަހަށް އަޅުކަންކުރި މީހާއެވެ! ތިބާއާ ރަމަޟާން މަސް އަލްވަދާޢު ކިޔައިފިއެވެ. އަދި އޭ ރަމަޟާން މަހުގައި ﷲ އަށް އަޅުކަން ކުރި މީހާއެވެ! ﷲ އީ ނިމުމެއްނުވާ އަބަދަށް ދާއިމަށް ދެމިވޮޑިގެންވާ، އަޅުކަންވެވުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތެވެ! ތިޔަަބައިމީހުން އެކަލާނގެއަށް އަޅުކަންކުރުންމަތީ ދެމިތިބޭށެވެ! އަޅުގަނޑުމެންނަށް އޮތީ ރަމަޟާންމަހުގައި އަޅުގަނޑުމެން ހީވާގިވެފައިވާ ޢަމަލުތަކުގެ މަތީގައި ދެމިތިބުމެވެ. ދޫކޮށްލާފައިވާ ފާފަތަކަށް އަރައިނުގަނެ އެގޮތުގައި ޘާބިތުވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް އިސްތިޣުފާރުކޮށް ދުޢާ ދެންނެވުމެވެ. ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލު ގިނަކުރުމެވެ.

ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައި ވަކިވެގެން ދިޔައެއްކަމަކު، އެމަހުގައި ކުރަމުންއައިފަދަ އަޅުކަންތައް އެހެން މައްސަރު ތަކުގައިވެސް ކުރުމަކީ އަޅުގަނޑުމެން ރޯދަމަހުގައި ﷲ ތަޢާލާ އެކުގައި ވެފައިވާ އަޙްދަށް ރައްކާތެރި ވުމެވެ. ރޯދަމަހުގައި އަޅުގަނޑުމެން އިސްތިޣްފާރުކޮށް ފާފަތައް ފުއްސަވައި ދެއްވުމަށް އެދި އުފުލި އަތްތަށް މަރުދުވަހަށް ދާންދެންވެސް އުފުލަ އުފުލާ ތިބުމީ އަޅުގަނޑުމެންގެ އަޙްދަށް ރައްކާތެރިވުމެވެ. އެމަހުގައި ރޭއަޅުކަން ކުރިފަދައިން އެހެން މައްސަރުތަކުގައިވެސް ރޭއަޅުކަމުގަައި ވަގުތުކޮޅެއް ހޭދަކުރުމީ އެ އަޙްދަށް ރައްކާތެރި ވުމެވެ. ގާތް ތިމާގެ ކަމުގެ ގުޅުންތައް ދެމެހެއްޓުމާއި މައިންބަފައިންނަށް ހެޔޮކޮން ހިތުމާއި އަވަށްޓެރިންނަށް ހެޔޮފޯރުވުމާއި ނިކަމެތިންނަށް އެހީތެރިވެ ޞަދަޤާތްދީ އުޅުމާ މިފަދަ އެހެންމެހާ ކަންކަން މަތީ ދެމިތިބުމީ އަޅުގަނޑުމެން ރަމަޟާންމަހު ﷲ ތަޢާލާއާ އެކު ވެފައިވާ އަޙްދަށް ރައްކާތެރި ވުމެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި ޒިނޭކުރުމާއި މިފަދަ ފާޙިޝްކަންތައްތަކުން ދުރުހެލިވުމަށް އަޅުގަނޑުމެންގެ ނަފްސު ކުރި ޤުރުބާނީތައް މަތީ ދެމިތިބުމީ މިދެންނެވި އަޙްދަށް ރައްކާތެރިވުމެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަސް ނިމުމަށްފަހުވެސް ތިމާ ރޯދަމަހު ކުރި އަޅުކަންތައް މަތީ ދެމި ހުންނަ ކަމުގައި ވާނަމަ އެއީ އޭނާ ރަމަޟާންމަހު ކުރި ޢަމަލުތައް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިއްޖެ ކަމުގެ ޢަލާމާތެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ވަގުތުތައް ރަމަޟާންމަހުގައި ހެޔޮކަންތައްތަކުގައި ހޭދަކުރުމަށްފަހު އެމަސް ނިމުމުން ޗުއްޓީގައި ތިބެނީ ކިތައް ކިތައް މީހުންތޯއެވެ؟ ރަމަޟާންމަސް ނިމުމާއެކު މިސްކިތްތައް ފަޅުވެއެވެ. ޤުރުއާން ކިޔަވަން ގެންގުޅުނު ޚަތިމުތައް ގޭގެ މަތާރަން ފިލާމައްޗަށް ލައި ހިރަފުސް އަރަން ބާއްވައެވެ. ސުންނަތް ރޯދައެއްހާ ހިސާބުވެސް ނުހިފައި ސުންނަތް ނަމާދެއްހާ ހިސާބުވެސް ނުކުރެއެވެ. ފަހެ މިއީ އަޅުގަނޑުމެން ރަމަޟާންމަހު ކުރި އަޅުކަންތައް ﷲ ގެ ޙަޟްރަތުގައި ޤަބޫލު ވެވިގެން ނުވާކަމުގެ ފާޅުގަދަ ޢަލާމާތެކެވެ. އިޚްލާޞްތެރިކަން ނެތީމައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މަޝްހޫރު ޙަދީޘްގައިވާ “ރަމަޟާންމަސް އެމީހަކާ ބައްދަލު ވުމަށްފަހު އެމީހެއްގެ ފާފަތައް ނުފުހެވޭ މީހަކަށް ލަޢްނަތް ލައްވާނދޭވެ!” މިފަދައިން އޮތް ޙަދީޘްގައިވާ، ބަދު ދުޢާ އަޅުގަނޑުމެންނަށް ލިބުނީއެވެ. ކިހާ ބޮޑު އަބާއްޖަވެރިކަމެއްތޯއެވެ؟

އެހެންކަމުން އަޅުގަނޑުމެންނާ ބައްދަލުކުރި ރަމަޟާން މަހުގެ މަދުރަސާއިން ލިބުނު ފިލާވަޅުތަކުން ޢިބްރަތް ލިބިގަނެ، ހޮޔޮކަންތައްތަކުގެ މަތީގައި ދެމިތިބުމަށް ޢަޒުމް ކަނޑައަޅަން ޖެހެއެވެ. މާތްވެގެންވީ ޞަޙާބީން ރަމަޟާން މަސް ނިމުމަށްފަހު 6 މަސްދުވަސް ވަންދެން އެ ރަމަޟާން މަހުގެ އަޅުކަން ޤަބޫލު ކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވާ ހައްދަވާ ކަމުގައި ވެއެވެ. އަދި އަނެއް 6 މަސްދުވަހު، ކުރިއަށް އަހަރުގެ ރަމަޟާންމަސް ބައްދަލު ކުރެއްވުން އެދި ދުޢާ ކުރައްވާ ކަމުގައި ވެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް އިޚްލާޞްތެރިކަން ތެރިކަންދެއްވާ ﷲ ތަޢާލާއާއެކު ހިފައިފައިިވާ އަޙްދު ކަށަވަރުގައި ދެމިތިބުމުގެ ތައުފީޤް ދެއްވާށިއެވެ. ރަމަޞާން މަހަށްފަހުވެސް ހެޔޮޢަމަލުތައް މަތީ ދެމި ތިބުމުގެ ތައުފީޤް އަޅުގަނޑުމެން އެންމެނަށް މިންވަރު ކުރައްވާށިއެވެ. އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް އަދި އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާ، ރޯދަވެރިނަށް ޚާއްޞަ ކުރެފިފައިވާ “އައްރައްޔާން” އޭ ކިއުނު ދޮރުކޮޅުން ސުވަރުގެ ވަނުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދެންއޮތީ އުރިހާ ރައްޔިތުން ހައްޖުގެ އަޅުކަމަށް ތައްޔާރުވުން، މީޑިޔާތަކުން ވެސް ހުރިހާ ރައްޔިތުން ހައްޖަށް ދާން ތައްޔާރު ކުރުވަންވީ، ހައްޖުގެ ބޮޑު އަޅުކަމުގެ ވާހަކަ މީޑިޔާތަކުގައި ގެނެސްދޭންވީ، ހައްޖުގެ މުހިންމު ކަމާއި ކޮންމެ ހައްޖުވެރިޔަކީ ﷲ ގެ ދީނަށް ދައުވަތުދީ އެދީނަ ނަސްރުދޭ ދާޢީއަކަށް އޭނާހައްޖުން އެބުރި އަންނައިރު ހުންނަންޖެހޭނީ އެގޮތުގައިކަން، މުސްލިމުންގެ އަޅުކަން އެއީ ވަކިމަހަކަތް އޮންނަކަމެއް ނޫން، އެކަލާގެއީ ރޯދަމަހުގެ ވެރިރަސްކަލާގެ އަދި ހުރިހާ މައްސަރުގެގެސް ވެރި ކަލާގެ، އެކަލާގެ ޔަށް އަބަދުމެ އަޅުތަކުން އިބުތިހާލުވެ ދުވާދަންނަވަން ޖެހޭ،

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!