އަހަރެން އިސްލާމްވީ 80 އަހަރުގެ މުސްކުޅި ބަލިމީހެއްގެ ނަމާދުގެ ސަބަބުންނެވެ.

 އަހަރެންގެ ޙަޔާތުގެ އެންމެ ޒުވާންދުވަސްވަރެވެ. ސުކޫލުދައުރު ނިންމާލުމަށްފަހު މަސައްކަތުގެ ދާއިރާއަށް ނުކުތުމުގެ ކުރިން ނަރުސްކަން ކިޔަވައި މިނިމުނީއެވެ. އަހަރެންގެ ނަމަކީ ކާސީ އެވެ. އަހަރެންގެ އުމުރުން 23 އަހަރެވެ. ނަރުސްކަން ކިޔެވީ ބަލިމީހުންނަށް އަޅާލާ، އެބައިމީހުންގެ ކަންތައްތައް ކުރުމަކީ އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމަކަށްވާތީއެވެ.

މިގޮތުން ކިޔެވުން ހަމަ ނިމުމާއެކު އަހަރެންގެ ފުރަތަމަ ވަޒީފާ އަކަށްވީ ‘ހޯމް ނާރސް’ އެއްގެ ގޮތުން މަސައްކަތް ކުރަންޖެހުމެވެ. މިގޮތުން އަހަރެން ޚިދުމަތް ކުރަންޖެހުނީ، މުސްކުޅިވުމުގެ ސަބަބުން ޖެހޭ ބައްޔެއްކަމުގައިވާ ހަނދާންނެތުމުގެ ބަލި ޖެހިފައިވާ، އުމުރުން 80ގެ އަހަރުތައް ގުނަމުންދާ އިނގިރޭސިވިލާތުގެ މީހެކެވެ. މީނާއާއި އަހަރެން ޙަވާލުވި ފުރަތަމަދުވަހު ބަލިމީހާގެ ރެކޯޑުފައިލް އަހަރެންނާ ޙަވާލުކުރެވުނެވެ. ރެކޯޑުތައް ބެލިބެލުމުން މީނާއަކީ، މީނާ ކުރިން އުޅުނުދީން ދޫކޮށް މިހާރު އިސްލާމްދީނަށް އުޅެމުންދާ މީހެއްކަން އަހަރެންނަށް އެނގުނެވެ. މިހެންވުމުން މީނާއާއި މެދު ޚާއްޞަ ގޮތްތަކެއް ބަހައްޓަން ޖެހޭނެކަން އަހަންނަށް އެނގުނެވެ. އެއީ އޭނާގެ ދީނާ ފުށުއަރާގޮތަކަށް ކަންތައް ކުރެވިދާނެތީއެވެ. ެ. މިގޮތުން ހަލާލު މަސް އަހަރެން ގަތީމެވެ. އަދި އަހަރެން ކުރި ދިރާސާއަކުން އެނގުނުގޮތުގައި، އޫރުމަހާއި ރަލަކީ މުސްލިމުންނަށް ހުއްދަ އެއްޗެއްސަށް ނުވާތީ، މި ޢިމާރާތުގައި އެފަދަ އެއްވެސް އެއްޗެއް ނުވާނެކަން އަހަރެން ޔަޤީން ކުރީމެވެ.

އަހަރެންގެ މިބަލިމީހާއަށް އަޅާލާ، ސަމާލުކަންދޭވަރުން އަހަރެންގެ ރަޙްމަތްތެރިން ތިބެނީ ޙައިރާންވެފައެވެ. އެހެންނަމަވެސް އަހަރެން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. އަހަރެން ޤަބޫލުކުރާގޮތުގައި، ކޮންމެމީހެއްކަމުގައިވިޔަސް އެމީހާގެ ދީނަށް ސަމާލުކަންދީ ހަދާ މީހަކަށް މިވަރުގެ އަޅާލުމާއި އިޙްތިރާމާއި ސަމާލުކަން ދޭންޖެހޭނެއެވެ. އެއީ އަދި އެ ބަލި މީހާއަށް ބަލިކަމުންގޮސް އެކަން ނޭންގުނުކަމުގައިވިޔަސް މެއެވެ.

ކޮންމެއަކަސް އަހަރެންގެ މިބަލި މީހާއާއި އެކު ހަފްތާއެއް ހޭދަކުރެވުނު އިރު، ކޮންމެސް ކަހަލަ ޙަރަކާތްތަކެއް މީނާ ކުރާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ފުރަތަމަ އަހަރެން ހީކުރީ އެއީ އޭނާ ކޮންމެސް މީހަކު ކުރަނިކޮށް ފެނިގެން ކުރާކަމެއް ކަމުގައެވެ. އެކަމަކު ފަހުން ވިސްނާލުމުން އެނގުނީ މީނާ މިޙަރަކާތްތައް ކުރަނީ ކޮންމެދުވަހަކުވެސް ވަކި ގަޑިތަކެއްގައި ކަމެވެ. އޭނާ ކުރާ ޙަރަކާތްތަކުގެ ތެރޭގައި އަތް އުފުލުމާއި، ގުދުވުމާއި އަދި އޭނާގެ ބޯ ބިންމަތީގައި ޖެއްސުން ހިމެނެއެވެ. އަހަންނަށް މިކަންވީ ޤަބޫލުކުރަން ވަރަށް ދަތިކަމަކަށެވެ. އެއީ، އޭނަ މިހުރިހާ ހަރަކާތަކާއެކު ކޮންމެސް އެއްޗެސް ތަކެއް ކިޔާކަން އެނގުމުންނެވެ. އެހެންނަމަވެސް އޭނާ އެކިޔާ އެއްޗެއްކިޔަނީ އިނގިރޭސިބަހުން ނޫންކަމުން، އެއީ ކޮންބަހަކުން ކިޔާއެއްޗެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އެކަމަކު ކޮންމެދުވަހަކު ތަކުރާރުކޮށް އެކައްޗެއް ކިޔާކަން އަހަރެންނަށް އެނގުނެވެ.

އަހަރެންނަކީ ވާއަތް ތެރިއަކަށްވުމުން އަހަރެން ހުރިހާކަމެއް ކުރަނީ ވައަތުންނެވެ. އެހެންނަމަވެސް މީނާއަށް ކާންދޭއިރުގައި އަހަރެންގެ ވައަތުން ކާންދިނުން އޮންނަނީ މަނާކޮށްފައެވެ. މިކަންވެސް ވީ އަހަރެން އަޖައިބުކުރުވި ކަމަކަށެވެ. އެކަމަކު މިއީވެސް މީނާގެ ދީނާ ގުޅިފައިވާނޭ ކަމަކަށްވެދާނެ ކަމުގައި އަހަންނަށް ވިސްނުނެވެ.

ކަންތައްތައް މިހާހިސާބަށް ދިއުމުން އަހަރެންގެ ހިތުގައި ސުވާލުތައް ގިނަވެ، މިކަންތައްތައް އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ. މިގޮތުން އަހަރެންގެ ރަޙްމަތްތެރިއަކާއި މިވާހަކަ ހިއްސާކޮށްލުމުން، އިންޓަރނެޓް މެދުވެރިކޮށް އޯޑިއޯ އަދި ވީޑިއޯ ޗެޓް ކުރެވޭ ‘ޕެލްޓޯކް’ ކިޔާސައިޓެއް އަހަރެންނަށް ތަޢާރަފް ކޮށްދިނެވެ. އަދި މިއީ ޑިބޭޓް ކުރުމާއި، މަޝްވަރާ ކުރުމަށް ރަނގަޅުތަނެއްކަމަށާއި، އިސްލާމްދީނާބެހޭ ބައެއް ޗެޓް ރޫމްތައްވެސް ހުންނަކަމުގައި، އަހަރެންގެ ރަހްމަތްތެރިޔާ އަހަންނަށް މަޢުލޫމާތުދިނެވެ. އަހަރެންގެ ބަލިމީހާ ފިޔަވައި އެއްވެސް މުސްލިމެއް އަހަރެން ނުދަންނާތީ، އަހަރެންވެސް ނިންމީ އިންޓަރނެޓް މެދުވެރިކޮށް މީހަކާ ވާހަކަދައްކާލާ ސުވާލު ކޮށްލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ. މިގޮތުން ‘ޕެލްޓޯކް’ ގެ އިސްލާމް ސެކްޝަނަށް ގޮސް ‘ޓްރޫ މެސެޖް’ ކިޔާ ރޫމަކަށް ވަދެލީމެވެ. މިތަނުގައި އަހަރެންގެ ބަލިމީހާގެ ފަރާތުން ކޮންމެ ދުވަހަކު ތަކުރާރުކުރާ ޙަރަކާތްތަކާ މެދު ސުވާލުކުރުމުން ބުނީ އެއީ ‘ނަމާދު’ ކަމުގައެވެ. މިކަން އަހަރެން ޤަބޫލެއް ނުކުރަމެވެ. އެކަމަކު މުސްލިމުން ނަމާދު ކުރަނިކޮށް ދައްކުވައިދޭ ޔޫޓިއުބް ވީޑިއޯއެއް އެހެން މެމްބަރަކު ޕޯސްޓުކުރުމުން އަހަންނަށް މިކަން ޤަބޫލުކުރަން މަޖުބޫރުވިއެވެ. އަދި އަހަންނަށް ލިބުނު ޙައިރާންކަން ބޮޑުވެގެންދިޔައެވެ.

އުމުރުންދުވަސްވެ، އޭނާގެ ދަރިންނާއި، ވަޒީފާޔާ މިހުރިހާކަމެއް މުޅިން ހަނދާންނެތިފައިވާ އަދި ހަމަ ކިރިޔަ ކިރިޔާ ކައި ބޮއެ ހެދޭ، ހަނދާންނެތުމުގެ ބަލި ޖެހިފައިވާ މީހަކަށް މި ހަރަކާތްތައް ކޮންމެ ދުވަހަކު ތަކުރާރުކޮށް އަދި އަމިއްލަ ބަސްނޫން ބީރައްޓެހި ބަހަކުން އެކިޔާ އާޔަތްތައް ތަކުރާރުކޮށް ކޮންމެދުވަހަކު ކިޔޭނީ ކިހިނަކުން ހެއްޔެވެ. މިއީ އެއްގޮތަކަށްވެސް އިންސާނާގެ ކުޅަދާނަކަމަކުން ކުރެވޭނެ ކަމެއްކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވުނެވެ. އަދި މިކަމުގައި ކޮންމެސް އެހެންކަހަލަ ބާރުތަކެއްވާނެކަމުގައި އަހަރެންނަށް ވިސްނެންފެށިއެވެ. ކޮންމެއަކަސް މިހުރިހާކަމެއް މިހެން ހުރުމުން އަހަރެންނަށް ޔަޤީންވެގެން  ދިޔައީ، މި ބަލި މުސްކުޅި މީހާއަކީ އޭނާގެ ދީނަށް ވަރަށް ފަރުވާތެރިކަން ބަހައްޓާ މާތްމީހެއްކަމެވެ. މިހެންވުމުން އޭނާގެ ދީން އިތުރަށް ދިރާސާކޮށް ދަސްކުރުމުގެ ޝައުޤު އަހަރެންގެ ހިތުގައި ބޮޑުވެގެންދިޔައެވެ. އެއީ އޭރުން އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް މީނާޔާމެދު ފަރުވާތެރިވެ ކަންކަންކުރުމަށްޓަކައެވެ.

އަހަރެންނަށް ވަޤުތުވީވަރަކުން، ޕެލްޓޯކްގެ ކުރިން ބުނެވުނު ރޫމަށް ޒިޔާރަތް ކުރަމުން އަހަރެން ގެންދިޔައީމެވެ. މިގޮތުން ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި ޤުރުއާން ކިޔަވާ އަޑުއެހޭގޮތަށް އިން ވެބްސައިޓެއްގެ ލިންކެއް އަހަރެންނަށް ދެވުނެވެ. އަހަރެން އެ ޤުރުއާނުގެ ތަރުޖަމާ ކިޔަމުންގޮސް “މާމުއި ކުޅަނދުރު” ގެ ނަމުން ނަންދެވިފައިވާ ސޫރަތް ކިޔައި އަހަރެން ހުއްޓުން އެރިއެވެ. އެހާވެސް އަހަރެން އަޖައިބު ކުރުވިއެވެ. ދުވާލަކު އެތައްފަހަރަކު އަހަރެން އެސޫރަތުގެ ތަރުޖަމާ ތަކުރާރުކޮށް ކީމެވެ. އަހަރެންގެ ބަލިމީހާއަށް ދިނުމަށްޓަކައި، އެ ޤުރުއާނުގެ ރެކޯޑިންގ އަހަރެންގެ އައިޕޮޑުގައި ރައްކާކޮށްގެން ގެންގޮސް އޭނާ އަށް ދިނުމުން އޭނާ، އެކަމާ އުފަލުން ރުޔެވެ.

ޕެލްޓޯކް ރޫމުން އަހަރެންނަށް އެނގުނު އެއްޗެއްސަށް އަހަރެން ޢަމަލުކުރީމެވެ. އެއީ އަހަރެންގެ ބަލިމީހާއަށް އަޅާލާ، އޭނާގެ ހިތްހަމަ ޖައްސައިދިނުމަށްޓަކައެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި، ވަރަށްގިނައިން ޕެލްޓޯކަށް ޒިޔާރަތް ކުރެވެން ފެށިއެވެ.

ޙަޤީޤަތަށް ދަންނަވާނަމަ، ދެންނެވޭނީ އަހަރެންގެ އަމިއްލަ ޙަޔާތާމެދުގައި ވިސްނާލުމަށް މީގެ ކުރިން ދުވަހަކުވެސް އަހަރެން ވަޤުތު ހޭދަކޮށްފައެއް ނުވާނެއެވެ. އަހަރެންނަށް އަހަރެންގެ ބައްޕައަކީ ކާކުކަމެއް ނޭންގެއެވެ. އަހަރެންގެ އުމުރުން އެންމެ 3 އަހަރުގައި އަހަރެންގެ މަންމަ ވަނީ މަރުވެފައެވެ. އަހަރެންނާ އަދި އަހަރެންގެ ބޭބެ، ބަލާބޮޑުކުރީ އަހަރެންގެ މާމަޔާއި ކާފައެވެ. އެމީހުންވެސް ވަނީ މީގެ 4 އަހަރުކުރިން މިދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން އަހަރެންގެ ޢާއިލާއަކީ އަހަރެންނާ އަހަރެންގެ ބޭބައާއި ދެމީހުންނެވެ. އަހަރެންގެ ޙަޔާތުގެ އެންމެ މުހިއްމުވި މަންމައާއި، މާމައާއި ކާފަޔާ، މިދުނިޔެއާއި އަލްވަދާޢުކިޔުމަކުން އަހަރެން ދެރައެއް ނުވެއެވެ. ކީއްވެކަމެއް ނޭންގެއެވެ. އަބަދުވެސް އަހަރެންނަށް ހީކުރެވެނީ އަހަރެން ހުރީ އުފަލުގައި ހިތްހަމަ ޖެހިގެން ކަމަށެވެ.

އެހެންނަމަވެސް އަހަރެންގެ މި ބަލި މީހާއާއި އެކު ވަޤުތު ހޭދަކުރެވެން ފެށި ހިސާބުން ކޮންމެސް އެއްޗެއް މަދުވާކަމުގެ އިޙުސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. އަހަރެން ނަށް މަދުވެގެން މިއުޅެނީ އަހަރެންގެ މިބަލިމީހާ އޭނަގެ އެހުރިހާ މުސީބާތަކާއެކުވެސް އެ އިޙްސާސްކުރަމުންދާ އުފައިވެރިކަމާއި، ހިތް ހަމަޖެހުމެވެ.

އަހަރެންގެ މިބަލި މީހާ އޭނާގެ ޢާއިލާގެ އެއްވެސް މީހަކުނެތި އެ އުޅެމުންދާ އުފައިވެރިކަމާއި، ހިތުގެ ހަމަޖެހުމާ، ކޮންމެސް ބާރުވެރި ފަރާތަކުން އޭނާއަށް އަޅައިލައި، އެހީވާކަމުގެ އެފޮނި މީރު އިޙުސާސް، އަދި ހިތްހަމަޖެހުން އަހަރެންވެސް ބޭނުންވާންފެށިއެވެ.

ޕެލްޓޯކަށް ޒިޔާރަތްކުރަމުންދާތާ ދުވަސްތަކެއްފަހުން، މި ރޫމުގައި އުޅޭ އަންހެން މެމްބަރަކު އަހަރެން ދިރިއުޅޭ ހިސާބުގައި ހުންނަ މިސްކިތްތަކުގެ ލިސްޓެއް ދިނުމުން އެއިން މިސްކިތަކަށް އަހަރެން ޒިޔަރަތްކުރީމެވެ. އެތަނުގައި ހުރެގެން އަހަރެން އެމީހުން ނަމާދު ކުރާތަން ބަލަންހުރިއިރު، އަހަރެންގެ ލޮލުގައިވި ކަރުނަތައް ހިފެހެއްޓޭގޮތެއް ނުވިއެވެ. އަހަރެންނަށް ރޮވުނެވެ. ކޮންމެ ދުވަހަކު އެމިސްކިތަށް ޒިޔާރަތްކުރާހިތްވިއެވެ. މިސްކިތުގެ އިމާމްއާއި އޭނާގެ އަނބިކަނބަލުނާއި އަހަރެން ބައްދަލުކުރީމެވެ. އަދި އަހަރެންގެ ހިތުގައި އުފެދިފައިވާ ވަރަށްގިނަ ސުވާލުކުރީމެވެ. ކޮންމެ ސުވާލަކަށްވެސް އެހާތަފްޞީލުކޮށް ހެޔޮހިތުން އެމީހުން ޖަވާބުދިނެވެ. އަދި އިސްލާމްދީނާއި ބެހޭ ބައެއް ފޮތްތަކާއި، ޓޭޕްވެސް އަހަރެންނަށް ދިނެވެ. އަހަރެން އެއެއްޗެހި ވަރަށް ރަނގަޅަށް ދިރާސާ ކުރީމެވެ. އިސްލާމްދީނާބެހޭ މަޢުލޫމާތު އޮޅުންފިލުވުމުގެ ގޮތުން މިސްކިތުގެ އިމާމްއާއި، އަދި ޕެލްޓޯކްގައި އަހަރެން ކޮށްފައިވާ ސުވާލުތަކަށް ވަރަށް ތަފްޞީލު ޖަވާބުތަކެއްވަނީ އަހަރެންނަށް ލިބިފައެވެ. ސުވާލުކުރުމުގެ އިތުރު ފުރުޞަތެއް ނުލިބޭހާ ސާފު، އަދި ތަފްޞީލު ޖަވާބުތަކެކެވެ.

އަހަރެންނަކީ، އެއްވެސް ދީނަކަށް ޢަމަލުނުކުރާ މީހަކަށްވިޔަސް، މިކާއިނާތާއި، އިންސާނުން ހެއްދެވި ފަރާތެއްވާކަން އަބަދުވެސް އަހަރެންގެ ހިތުން ޤަބޫލުކުރަމެވެ. އަހަރެންނަށް ނޭންގި އޮތް ކަމަކީ އެފަރާތަށް އަޅުކަން ކުރަންވީ ކިހިނެއްކަމެވެ.

އާދައިގެ މަތިން އެއްދުވަހެއްގެ ހަވީރު އަހަރެން ޕެލްޓޯކްގެ ރޫމަށް ވަދެލީމެވެ. އަދި އެވަޤުތު މައިކުން ވާހަކަދައްކަމުން ދިޔަ ބޭފުޅާ އަހަރެންނަށް މުޚާޠަބު ކުރިއެވެ. އެއްވެސް ސުވާލެއް އޮތްތޯ އާއި އަދި އަހަރެންނަށް ދެވިފައިވާ ޖަވާބުތަކާމެދު ހިތްހަމަ ޖެހޭތޯ ސުވާލުކުރިއެވެ. އަހަރެންގެ އެއްވެސް ސުވާލެތް ނެތްކަމާ އަދި ލިބިފައިވާ ޖަވާބުތަކާމެދު ވަރަށް ހިތްހަމަ ޖެހޭކަމުގައި ބުނީމެވެ. އެހެންވިއްޔާ ތިބާ އިސްލާމްދީން ޤަބޫލުކޮށް އިސްލާމްދީނަށް ވަނުން ހުއްޓުވަނީ ކޮންކަމެއްތޯ އޭނާ ސުވާލުކުރިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭންގުނެވެ. އަދި މިސުވާލުގެ ސަބަބުން އަހަރެންނަށް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ.

އަހަރެންގެ ބަލިމީހާގެ ކާގަޑި ޖެހުމުން އޭނާއަށް ކާންތައްޔާރުކޮށްގެން ކާންދޭން ފެށީމެވެ. މީގެ ކުޑަވަޤުތުކޮޅެއްކުރިން ޕެލްޓޯކުން އަހަރެންނާ މުޚާތަބުކުރި ބޭފުޅާގެ ސުވާލުން ސިހުންލިބިފައިވުމުން އެކަމާ ވިސްނެމުން ދިޔައެވެ. އަދި އަހަރެންގެ ބަލިމީހާއަށް ކާންދެމުން ދިޔަވަޤުތު އޭނާގެ ދެލޮލަށް ބަލާލާފައި އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މިބަލިމީހާއަށް ޚިދުމަތް ކުރަންޖެހުމަކީ، މީގައި ކޮންމެސް ސަަބަބުތަކެއް ވާނެކަމެކެވެ. އަހަރެން އިސްލާމްވުން ހުއްޓުވާކަމަކީ ބިރެވެ. އެއްވެސް ޙާލެއްގައި އެބިރަކީ ގޯސްބިރެއްނޫނެވެ. އެކަމަކު ރަނގަޅު އަގުބޮޑު އެއްޗެއް ލިބެންއުޅޭކަމުގެ ބިރެވެ. އުފަލާ، ހިތްހަމަޖެހުމަކީ، ކިހާއަގު ބޮޑު އެއްޗިއްސެއް ހެއްޔެވެ؟ މިބަލިމީހާމިވަނީ އެހުރިހާ އެއްޗެއް ހޯދާފައެވެ. އެކަމަކު މިބަލިމީހާއަށް ލިބިފައިވާފަދައިން އުފަލާ، ހިތްހަމަޖެހުމާ، ރައްކާތެރިކަމަކީ އަހަރެންނަށް ލިބުން ޙައްޤު ނޫން އެއްޗެއް ކަމުގައި އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.

ކޮންމެއަކަސް ހަމައެދުވަހުގެ މެންދުރު ފަހު އަހަރެން ޢާއްމުކޮށްދާ މިސްކިތަށް ޒިޔާރަތްކުރީމެވެ. އަދި އިމާމްކައިރީގައި އަހަރެން ޝަހާދަތްކިޔައި އިސްލާމްވާންބޭނުންވާ ވާހަކަބުނީމެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި ދިނުމުގައި އިމާމް އަހަރެންނަށް އެހީތެރިވިއެވެ. އަދި ދެން ކަންތައް ކުރަންވީކިހިނެތްކަންވެސް ވަރަށް ރަނގަޅަށް އަހަރެންނަށް ބަޔާންކޮށްދިނެވެ.

އަހަރެން ޝަހާދަތްކިޔަމުން ދިޔައިރު އެކުރެވުނު އިޙުސާސް ބުނެދޭކަށް އަހަރެންނަކަށް ނޭންގެއެވެ. އަހަރެން ނިދާފައިވާ ނިދިން މީހަކު އަހަރެން ހޭލައްވާލިކަމުގެ އިޙުސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. އަދި ކުރިން ފެންނަމުންދިޔަ ތަންތަނާ ކަންތައްތައް މިހާރު މާސާފުކޮށް ފެންނަކަމުގެ އިޙުސާސް ކުރެވުނެވެ. ބުނަންނޭންގޭފަދަ އުފާވެރިކަމެވެ. އަދި އެހުރިހާކަމަކަށްވުރެ ބޮޑަށް ހިތުގެ ހަމަޖެހުމާއި، ރައްކާތެރިކަން އިޙުސާސްކުރެވުނެވެ.

އަހަރެން އިސްލާމްވުމަށްފަހު މިޚަބަރު އަހަރެން އެންމެ ފުރަތަމަދިނީ އަހަރެންގެ ބޭބެއަކަށް ނޫނެވެ. އެކަމަކު އަހަރެން މިޚަބަރު އެންމެ ފުރަތަމަދިނީ، ސައްވީސް ގަޑިއިރު އެމީހަކަށް އަހަރެން ޚިދުމަތް ކުރަމުންމިދާ އަދި އިސްލާމްދީން އުގެނި އިސްލާމްވުމަށް އަހަރެންނަށް ސަބަބެއްކަމުގައި މެދުވެރިވި އަހަރެންގެ ބަލި މީހާއަށެވެ.

އަހަރެން އޭނާގެ ގާތަށްގޮސް އެއްވެސް އެއްޗެއް ބުނުމުގެ ކުރިން އޭނާ އަހަރެންނަށް ހީލިއެވެ. އަދި ރޯންފެށިއެވެ. އެވަޤުތު އަހަރެންނަށްވެސް ހިފެހެއްޓުމެއްނެތި ރޯންފެށުނެވެ. އަހަރެން މި ބަލި މީހާއަށް އަޅާލާ، އެހީތެރިވާންޖެހިފައިވަނީ ކިހާވަރަކަށްހެއްޔެވެ؟ އަހަރެން މިބަލިމީހާއަށް އަދާކުރަން ޖެހޭ ދަރަނި ދުވަހަކުވެސް އަދާ ނުކުރެވޭނޭކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެނެް ފެށިއެވެ.

އަހަރެންގެ ބަލިމީހާގެ ކަންތައްތައް ކުރުމަށްފަހު، އަހަރެންގެ ގެއަށްއައިސް ޕެލްޓޯކަށް ވަދެ މިގުރޫޕުގެ މެމްބަރުންނަށް އަހަރެން އިސްލާމްވިކަން އެންގުމަށްޓަކައި، ޝަހާދަތުގެ ދެކަލިމަ އަހަރެން ތަކުރާރުކުރީމެވެ. ހުރިހާމެމްބަރުންވެސް އަހަރެންނަށް މަރުޙަބާކިޔައި ހެޔޮދުޢާކޮށްދިނެވެ. މިގުރޫޕުގެ އެއްވެސް މީހަކު އަހަރެންނަށް ފެނިފައިނުވިޔަސް، އަހަރެންގެ އަމިއްލަ ބޭބެއަށްވުރެ މި ގުރޫޕުގެ މެމްބަރުން އަހަރެންނާ ގުޅިފައިވާކަމުގެ އިޙުސާސް އަހަރެންނަށް ކުރެވުނެވެ. އެހާވެސް އެހީތަރިކަމާއި އަޅާލުން މިބައިމީހުންގެ ކިބައިން ލިބިގެންދިޔައެވެ.

އެއަށްފަހު އަހަރެންގެ ބޭބެއަށް ފޯނުކޮށް އަހަރެން އިސްލާމްވިކަމުގެ ޚަބަރު ދިނީމެވެ. އަހަރެންގެ ބޭބެ މިކަމާ އެހާ އުފާނުވިކަމުގައިވިޔަސް، ބޭބެ އަހަރެންނަށް އެހީވިއެވެ. އަދި އަހަރެންނަށް ބޭނުންވާ ހުރިހާކަމެއްގައިވެސް އެހީތެރިވާނޭކަމުގައި ބުންޏެވެ.

އަހަރެން އިސްލާމްވިތާ އެއްހަފްތާފަހުން އަހަރެންގެ ބަލިމީހާއަށް އެހީތެރިވަމުންދަނިކޮށް އޭނާގެ ނިދީގައި އޭނާ މިދުނިޔެ ދޫކުރިއެވެ. އިއްނާ ލިއްލާހި ވައިއްނާ އިލައިހި ރާޖިޢޫން.

އޭނާ މިދުނިޔެ ދޫކުރިއިރު އޭނާގެ ކައިރީގައި ހުރި ހަމައެކަނި މީހަކީ އަހަރެންނެވެ. އޭނާ މަރުވެގެން އެދިޔައީ އަރާމު، ހަމަޖެހޭ އުފާވެރި މަރަކުންނެވެ. މިއީ މާތް އިންސާނެކެވެ. މިއީ، އަހަރެންގެ ބައްޕަކަމުގައި އަހަރެން ބަލައިގަތް އިންސާނާއެވެ. އަހަރެން ﷲ އަށްޓަކައި، މިމާތް އިންސާނާ ދެކެ ލޯބިވަމެވެ. އަދި އިސްލާމްދީނުގެ ހިދާޔަތު ލިބުމަށްފަހު އަހަރެންގެ ލޯބި މި މާތް އިންސާނާއާއި މެދު އިތުރުވެގެންދިޔައެވެ. އެއީ ދަރިޔަކު ބައްޕަޔަކުދެކެ ވާނެ ތާހިރު ލޯތްބެވެ. އަހަރެން އިސްލާމްދީނަށް ވަނުމުގެ މައިދޮރަކީ މި ލޮބުވެތި މާތް އިންސާނާއެވެ. އަހަރެންގެ ބައްޕަ އެދިޔައީ، ބައްޕައެއްގެ ފަރާތުން ދަރިއަކަށްދެވޭނެ އެންމެ އަގުބޮޑު ހަދިޔާ އަހަރެންނަށް ދީފައެވެ.

އަހަރެން އިސްލާމްވިދުވަހުން ފެށިގެން މިއަދާހަމައަށް، އަދި އަހަރެން ދުނިޔޭގައި ހުރިހައިދުވަހަކު، ﷲ އޭނާއަށް ރަޙުމަތް ލައްވާތޯ ދުޢާކުރާނަމެވެ. އަދި އަހަރެން ކުރާ ހެޔޮޢަމަލުގެ ދިހަގުނަ ޘަވާބުދެއްވާތޯވެސް ދުޢާކުރާނަމެވެ.

އަހަރެން ﷲ އަށްޓަކައި އަހަރެންގެ ބަލިމީހާދެކެ ލޯބިވަމެވެ. އަދި އަހަރެންގެ ބަލިމީހާވީފަދަ މުސްލިމަކަށްވެވޭތޯ، އަހަރެން ކޮންމެ ރެޔަކު ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ.

އިސްލާމްދީނަކީ ހުޅުވިފައިވާ ދޮރެކެވެ. އެކަމަކު އެ ހުޅުވިފައިވަނީ އެދޮރުން ވަންނަން އެދޭމީހުންނަށެވެ. ހަމަކަށަވަރުން ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ.

ނޯޓް: އުޚްތާ ކާސީ ވަނީ ނިމދިޔަ 2010 ވަނަ އަހަރުގެ އޮކްޓޯބަރ ގައި މިދުނިޔެ ދޫކޮށްފައެވެ. އަދި އުޚްތާ ކާސީ މަރުވުމުގެ ކުރިން އޭނާގެ ބޭބެވެސް ވަނީ އިސްލާމްވެފައެވެ. އެއްމެހާ ޙަމްދާއި ޝުކުރެއް ހުރީ ﷲ އަށެވެ. އުޚްތާ ކާސީގެ ފުރާނަޔަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން

21 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިލިޔުން ކިޔަމުން ދިޔައިރު ފެންކަޅިވެ ލަގޮނޑިއަށް އުނދަގޫވާ ހާލު. މީހުން އިސްލާމްވި ގޮތުގެ ވާހަކަތަކަކީ ވަރަށް ކިޔާހިތްވާ ވާހަކަތަކެއް. މިކަހަލަ ލިޔުން ގިނަކޮށްދެއްވާ

  2. ﷲ ސުބްޙާބަހޫ ވަތަޢާލާ މީހަކަށް ތެދުމަގު ދެއްކެވުމަށް އިރާދާ ކުރައްވައިފިނަމަ، އެމީހަކު އެމަގުން ދުރު ކުރެވޭނެ އެއްވެސް ފަރާތެއް ނެތް. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ މީހަކަށް ތެދުމަގު ނުދައްކަވައިފިނަމަ، އެމީހަކަށް ތެދުމަގު ދައްކަވާނެ ފަރާތެއްވެސް ނަތް، ވަރަށް ޢިބްރަތްތެރި ވާހަކައެއް، މި ވާހަކަ ކިޔައި ނިންމާލިއިރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެ، މިފަދަ އެހެން ޢިބްރަތްތެރި ވާހަކައަކަށް އިންތިޒާރު ކުރަން. ދިރާސާކުރި ފަރާތަށް މާތް ﷲ ހެޔޮ ދަރުމަ ދެއްވާށި. އާމީން..!!!

  3. މާޝާﷲ، މާޝާﷲ ރޮވިއްޖެ.

  4. ތެދެއް. ޤައިރުދީންތަކުގެ މީހުން އިސްލާމްވެ ކިޔައިދީފައި ހުންނަ ވާހަކަ ތަކަކީ ވަރަށް އަސަރުކުރާ ވާހަކަ ތަކެއް. އެއީ ބުނެދޭން ނޭގޭކަހަލަ އަސަރުތަކެއް. މީގެ ވާހަކަތައް ގިނައިން އަހަރެމެންނާ ހަމައަށް ދިވެހިބަހުން ގެނެސްދިނުން މުހިއްމު ކަމުގައި އަޅުގަޑުވެސް ދެކެން.

  5. މިއީ ކިޔާހިތުން ކިޔާލެވުނު ޢިބްރަތްތެރި ވާހަކައެއް، މިފަދަ ވާހަކަތަކުން އިސްލާމްދީނާމެދު ހިތުގައި އުފެދިފައިވާ ލޯބި އެތައްގުނައެއް އިތުރުވެ ހިތްހަމަޖެހުން ގެނުވައިދެއެވެ.

  6. މާތްﷲސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ.

  7. ހަމަ ހަޤީޤަތުގައިވެސް ރޮވިއްޖެ.

  8. އަހަރެން އިސްލާމްވިދުވަހުން ފެށިގެން މިއަދާހަމައަށް، އަދި އަހަރެން ދުނިޔޭގައި ހުރިހައިދުވަހަކު، ﷲ އޭނާއަށް ރަޙުމަތް ލައްވާތޯ ދުޢާކުރާނަމެވެ. އަދި އަހަރެން ކުރާ ހެޔޮޢަމަލުގެ ދިހަގުނަ ޘަވާބުދެއްވާތޯވެސް ދުޢާކުރާނަމެވެ. ” މާޝާﷲ ވަރަށް އަސަރު ގަދަ…….

  9. ރޮވިއްޖެ. ވ އިބުރަތްތެރި ވާހަކައެއް. އެކަލާނގެ ރަހުމަތް ލިބިގެންވާ ބައެއްކަމުގައި އަޅަމެން އެންމެން ލައްވާންދޭވެ! އެކަލާނގެ އޯގާވަންތަކަން ނިކަން ދެކިބަލަ… އުފާކުރުން ހައްގުއިލާހީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާވަންތަ އިލާހަށެއެވެ.

  10. ވަރަށް ރީތި ހަގީގީވާހަކަ އެއް އަސަރު ވެސް ކޮށްފި…. މާތްﷲ އަބަދުވެސް ދިއިސްލާމް ގެ ޓީމް އަށް ކުރިއެރުން ދެއްވާށި.. އާމިން

  11. ވަރަށް އަސަރު ގަދަ…. މާތްﷲ ކާސީ ގެ ފުރާނައަށް ހެޔޮރަޙުމަތް ލައްވާ ސުވަރުގެ ހެޔޮރަޙުމަތް މިންވަރުކޮށްދެއްވާށި. އާމީން

  12. މިދވެހިރާއްޖޭގަ އުޅޭ ބިދޭސީންނަށް ވެސް ދައުވަތުދޭންވީ އޭރުން އެމީހުންގެ ތެރއިން ވެސް ބަޔަކަށް ހިދާޔަށް ﷲގެ ރަހުމަތުން ލިބިދާނެ

  13. މިލިޔުން ކިޔަމުން ދިޔައިރު ފެންކަޅިވެ ލަގޮނޑިއަށް އުނދަގޫވާ ހާލު. މީހުން އިސްލާމްވި ގޮތުގެ ވާހަކަތަކަކީ ވަރަށް ކިޔާހިތްވާ ވާހަކަތަކެއް. މިކަހަލަ ލިޔުން ގިނަކޮށްދެއް

  14. މާތްﷲ އޭނާއަށް ހެޔޮ ރަޙްމަތްލައް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އާމީން. އަދި އޭނާއަށް އެހީތެރިވި އެންމެނަށް ރަޙުމަތްލައްވާށި އާމީން!

  15. ފެންކަޅިވެއްޖެ އަސަރުކޮށްފި ވަރަށްފުރިހަމަލިޔުމެއް

  16. ﷲއަށް ޙަމްދު ހުރި. ﷲ ކާސީ އަށާއި އޭނާ އިސްލާމްވުމަށް މެދުވެރިވި މުސްކުޅިބަލިމީހާއަށާއި އަދި އޭނާގެ ބޭބެއަށް ރަޙްމަތް ލައްވާށި! އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! މިއީ ވަރަށް އަސަރު ގަދަ ވާހަކައެއް. ދިއިސްލާމްގެ ޓީމަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާށި! އާމީން!

  17. މާތް ﷲ އެ ލޮބުވެތި އުހުތާ އާއި އޭނާ ދީނަށްވެއްދުމަށް މެދުވެރި ކުރެއްވި ބަލިމީހާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ ކައްވަޅުގެ އަޒާބުން ސަލާމަތް ކުރަށްވާ ހެޔޮރަހުމަތް ލައްވަވާ ފާފަ ފުއްސަވާ ފަނދޭވެ! އަދި އެ އުހުތާގެ ވާހަކައިން އިބުރަތް ލިބުނުކަމަށް ޓަކައި މިލިޔުން އާންމުންނާއި ހަމައަށް ފޯރުކޮށް ދިނުމުގައި މަސައްކަތް ކޮށްދިން އެންމެހާ މިހުންނަށް ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރަށްވާށި! އާމީން!

    މިލިޔުން ކިޔާނިމުމުން ހަޤީގަތުގަވެސް ގިސްލާ ރޮވިއްޖެ! ހިތަށް ވަރަށް ފުންއަސަރު ކޮށްފި!

  18. ﷲ އަކްބަރް ﷲ އަކްބަރް ވ.ވ.ވ.ވ އަސަރުގަދަ އުހްތާއަށާ ބޭބޭއަށްވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި

  19. މިވާހަކަ ކިޔާނިމުމުން ހަޤީގަތުގަވެސް ގިސްލާ ހަމަ ރޮވިއްޖެ! ހިތަށް ވަރަށް ފުންއަސަރު ކޮށްފި!

  20. މިވާހަކަ ކިޔުމަށްފަހު ވަރށް ހިތްހަމަޖެހިތްޖެ!

  21. ރޮވިއްޖެ. ވ އިބުރަތްތެރި ވާހަކައެއް. އެކަލާނގެ ރަހުމަތް ލިބިގެންވާ ބައެއްކަމުގައި އަޅަމެން އެންމެން ލައްވާންދޭވެ! އުޚްތާ ކާސީގެ ފުރާނަޔަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!