ޢީދުގެ އަދަބުތައް

 

ޢީދު ދުވަހުގައި ކުރުން ސުންނަތް ވެގެންވާ ކަންތައް ތިރީގައި މިވަނީއެވެ.

1. ޢީދު ނަމާދަށް ނިކުތުމުގެ ކުރިން ހިނައިގަތުން. فقد صح في الموطأ وغيره أَنَّ عَبْدَ اللَّهِ بْنَ عُمَرَ كَانَ يَغْتَسِلُ يَوْمَ الْفِطْرِ قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى .މާނައަކީ: “މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބިން ޢުމަރު ޢީދު ނަމާދަށް ނިކުމެ ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަވާ ކަމަށް މުވައްޠައު އިމާމް މާލިކް ގައި ޞައްޙަ މަގުން ރިވާވެގެން ވެއެވެ. ޢީދު ނަމާދަށް ނިކުތުމުގެ ކުރިން ހިނައިގަތުމަކީ އެދެވިގެންވާ ކަމެއް ކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާގް ވެފައިވާ ކަމަށް އިމާމް ނަވަވީ- ރަޙިމަހުﷲ- ވިދާޅުވެފައި ވެއެވެ.

2. ފިޠުރު ޢީދަށް ނިކުތުމުގެ ކުރިން އެއްޗެއް ކެއުން، އަދި އަޟްޙާ ޢީދުގައި ނަމާދު ފަހުން ކެއުން. عَنْ أَنَسِ بْنِ مَالِكٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ .. وَيَأْكُلُهُنَّ وِتْرًا) رواه البخاري، މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. “ފިޠުރު ޢީދު ދުވަހުގައި ކަދުރު އޮށްކޮޅެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެ ވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު އޮނަހިރި ޢަދަދަކަށް ކަދުރު ފަރިއްކުޅުއްވައެވެ.” ކަދުރު އޮށް ނުލިބިއްޖެ މީހާ ކޮންމެ އެއްޗެއް ކެއި ނަމަވެސް ރަގަޅެވެ.
ނަމަވެސް، އަޟްޙާ ޢީދުގައި ސުންނަތް ވެގެންވަނީ ޢީދު ނަމާދުން ނިމިގެން ކެއުމެވެ. އުޟްޙިޔާ ކަތިލާ މީހެއްނަމަ އެމީހެއްގެ އުޟްޙިޔާ އިން ކެއުމެވެ. އުޟްޙިޔާ ކަތިނުލާ ނަމަ ޢީދު ނަމާދުގެ ކުރިން ކެއިނަމަވެސް ރަގަޅެވެ.

3. ޢީދު ދުވަހުގައި ތަކްބީރު ކިޔުން. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُ‌وا اللَّـهَ عَلَىٰ مَا هَدَاكُمْ) މާނައަކީ: “މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ.” ފިޠުރު ޢީދުގައި ތަކްބީރު ކިޔުމުގެ ވަގުތަކީ ޢީދު ވިލޭރެ އިން ފެށިގެން ޢީދު ނަމާދު ނިމުމާ ހަމައަށެވެ. އަޟްޙާ ޢީދުގައިނަމަ ޛުލްޙިއްޖާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީގް ގެ ފަހު ދުވަހުގެ ނިޔަލަށެވެ.

4. ޢީދުގެ ތަހްނިޔާ ކިޔުން. ޢީދުގެ އަދަބު ތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޢީދުގެ ތަހްނިޔާ ބަދަލު ކުރުން ހިމެނިގެންވެއެވެ. ކޮންމެ ލަފްޡަކުން، ކޮންމެ ޢިބާރާތަކުން ވިޔަސް މައްސަލަ އެއް ނެތެވެ.

5. ޢީދު ދުވަހު ރީތި ހެދުންލާ ޒީނަތްތެރިވުން. وروى (أَنَّ ابْنَ عُمَرَ كَانَ يَلْبِسُ لِلْعِيْدِ أَجْمَلَ ثِيَابِهِ). رواه البيهقي، މާނައަކީ: “ޢީދު ދުވަހުގައި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު- އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް އެންމެ ރިވެތި ހެދުން ތުރު ކުރައްވާ ކަމަށްވެއެވެ.”

6. ޢީދު ނަމާދަށް ދާމަގު ނޫން އެހެން މަގަކުން އެނބުރި ގެއަށް ދިޔުން. عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ . رواه البخاري 986 މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ޢީދު ދުވަހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދަތުރު ކުރައްވާ މަގު ބަދަލު ކުރައްވައެވެ.”

މިގޮތަށް މަގު ތަފާތު ކުރުމުގެ ޙިކްމަތެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ދެމަގުގައި ވެސް ﷲ ގެ ޝިޢާރު ފާޅު ކުރުމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިކަމުގެ ޙިކްމަތަކީ މީސްތަކުންގެ ޙާޖަތްތައް ފުއްދައިދީ، ގާތް ތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ރަޙިމްގެ ގުޅުން ދެމެހެއްޓުން ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!