ސަޢޫދީ ޢަރަބިއްޔާ (މަދީނާ)ގައި ދީންކިޔަވާކުދިން ކިޔަވާ ފިޤުހު(މުޤައްރަރު) ފޮތް

މި މައުޟޫޢު ފެނުމުން ކިއުންތެރިންނަށް ޙައިރާންކަން ލިބުމަކީ ދުރުކަމެއް ނޫނެވެ. އަދި މިއީ ދެން ކޮން މައުޟޫއެއް ހެއްޔޭ ވެސް ބުނެވިދާނެ މެއެވެ. ތިއީ މައުޟޫޢެއް ނޫނޭ ބުނުމުގެ ޖާގަވެސް ވަކި ކުޑައެކޭ ނުދަންނަވާނަމެވެ. ސަބަބަކީ ލިއުންތެރިއެއްގެ ލިޔުމަކީ ކިއުންތެރިންގެ ޒަމާނާއި، ވެއްޓާއި، ވަޤުތާއި، މަޤާމާއި، އަދި ޙާލަތާވެސް ގުޅޭ ޢިލްމީ ނުވަތަ ފަންނީ ނުވަތަ ޚިޔާލީ ވިޔަސް ކިއުންތެރީންނަށް އޭރަކަށް އެންމެ ބޭނުންޖެހޭނެ ފައިދާ ހުރި، އަދި ކިޔާލަން ހޭދަކޮށްލާ ވަޤުތުގެ އަގު ވަޒަންކުރެވިގެންދާފަދަ ލިޔުމަކަށް ވާންޖެހޭތީއެވެ.
ނަމަވެސް ކޮންމެ ކަމެއްގެވެސް ސަބަބު ހާމަވެގެން ދިއުމުން އެކަމުގައި ހުރި ބީރައްޓެހިކަމާއި ޙައިރާންކަންވެސް ލުއިވެ، ނޫނިއްޔާ ފިލައިގެން ދެއެވެ. އެހެންކަމުން މި މައުޟޫޢު ލިޔަން މި ޖެހުނު ސަބަބު ހާމަކޮށްލާނަމަވެ.

 

މި މަޥުޟޫޢަށް ލިޔަން ޖެހުނު ސަބަބު:
ރޭ ދަންވަރު އަޅުގަނޑުގެ ގާތް އެކުވެރިޔަކު ދިން ޚަބަރެކެވެ. އޭނާ ސުވާލުކުރިއެވެ. މުންތަހަލްއިރާދާތި “منتهى الإرادات” ކިޔާފޮތަކީ އެއީ ކޮން ފޮތެއް ހެއްޔެވެ؟ އެއީ ފިޤުހުފޮތެއް ކަމަށް ޖަވާބުދިނުމުން ދެން ސުވާލުކުރީ ފިޤުހު ފޮތަކަށް ސަޢޫދީޢަރަބިއްޔާ ގައި ކިޔަވައިދެނީ އެފޮތް ހެއްޔެވެ؟ ސަޢޫދީޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ ގެ ފަސް(5) ފެކަލްޓީކުރެ (كلية القرآن – كلية الشريعة – كلية الحديث والدراسات الإسلامية – كلية الدعوة وأصول الدين – كلية اللغة ) އެއްވެސް ފެކަލްޓީއެއްގައި އެފޮތް މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމެނިފައި ނުވާތީއާއި ކިޔަވައިވެސް ނުދޭތީ އެވާހަކަ އަޅުގަނޑު ބުނެފީމެވެ. ޙައިރާންކަމާއެކު އަނެއްކާވެސް އެކުވެރިޔާ އަހާލިއެވެ.” އެކަމަކު ރާއްޖޭގެ ކުއްލިއްޔާ އެއްގައި ކިޔަވައިދެއްވަމުން ދަރިވަރުންތަކަށް އެތާނގައި ކިޔަވައިދެއްވުމުގެތެރޭގައި ޑރ އަކު ކިޔައިދީފައިވަނީ ސަޢޫދީ ގައި ކިޔަވައިދެނީ މުންތަހަލްއިރާދާތު އެވެ ކިޔޭ ފޮތް ކަމާއި އެނޫން ފިޤުހު ފޮތެއް އެތަނުގައި ކިޔަވައި ނުދޭތީ އެތާ ކިޔަވާ މީހުންނަކަށް ނޭނގޭނެ ކަމަށެވެ. އަދި އެނގޭނީ….”! މުންތަހަލް އިރާދާތު އަކީ ޙަންބަލީ މަޛްހަބުގެ ފިޤްހުފޮތެއް ކަމާއި ސަޢޫދީ ގައި ކިޔަވައިދެނީވެސް ހަމައެކަނި ޙަންބަލީ މަޛްހަބުކަމަށްވާތީ އެތަނުން އަންނަބޭފުޅުންވެސް އެދައްކަވަނީ ޙަންބަލީ މަޛްހަބުގެ ވާހަކަ ކަމުގައި އިޝާރާތް ކުރައްވާފައިވާކަމަށް ވެސް ވާހަކައިން އިތުރަށް ސާފުވިއެވެ. ޢާއްމުކޮށް މީސްތަކުންނަށް މީހަކު އޮޅުވާލައި ދޮގުހަދައި އުޅެނީ ދިމާލަށް ހާމަވެ ފާޅުގައި އެނގޭން ނެތް ކަންކަން ކަމުގައި ކުރިން ފެނިފައިވިޔަސް މިހާރަކަށް އައިސް ސީދާ ދިމާލަށް ކަނޑައެޅިގެން ރޯމަރުދޮގު ބުހުތާނު ފާޅުގައި ހަދާން ކެރޭ މީހުންވެސް ފެންނާންތިބިކަން މިޙާދިޘާއިންރަނގަޅަށް ހާމަވެގެންދާނެއެވެ. އެހެންކަމުން ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީގެ މަންހަޖުތަކާއި މުޤައްރަރު ގެ ތެރެއިން އެތާކިޔަވާފައިވާ ދަރިވަރެއްގެ ޙައިޘިއްޔަތުން އަޅުގަނޑަށްވެސް މި ކަމުގައި ބަހެއް ބުނުމުގެ ޙައްޤު އޮންނާނެކަމުގައި ދެކޭތީ ކަމުގެ ޙަޤީޤަތަކީ ކޮބައިކަން ހާމަކޮށްލުމުގެ ގޮތުން ލިޔަމެވެ.

 

ސަޢޫދީއަރަބިއްޔާގައި ހުންނަ މަދީނާ ޔުނިވަރސިޓީގައި އަޅުގަނޑު ކިޔެވި އިރު ހުރީ ފަސް ކުއްލިއްޔާ އެވެ. އެއީ –
كلية الشريعة
كلية الحديث والدراسات الإسلامية
كلية الدعوة وأصول الدين
كلية القرآن
كلية اللغة )
މިއިން އެއްވެސް ކުއްލިއްޔާ އެއްގެ ފިޤްހު މާއްދާގެ މުޤައްރަރުގައި ” منتهى الإرادات ” ހިމެނިފައިނެތް އިރު ފިޤްހުމާއްދާގައި ހަންބަލީ މަޛްހަބުގެ އެހެންފޮތެއްވެސް މުޤައްރަރެއްގެ ގޮތުގައި ކަނޑައެޅިފައި މިއަދާ ހަމަޔަށްވެސް ނެތެވެ. އަދިކިއެއްތަ! އެތާނގެ ފިޤުހު މާއްދާގެ މަންހަޖާއި މުޤައްރަރަށް ބަލާއިރު މާއްދާ ފޮތެއްގެ ގޮތުގައި އެ ފަސް ކުއްލިއްޔާ ގައިވެސް ކަނޑައަޅާފައިވަނީ ” بداية المجتهد ونهاية المقتصد ” އެވެ ކިޔުނު ފޮތެވެ. އެއީ މާލިކީ މަޛްހަބަށް ނިސްބަތްވާ ބޭފުޅެއްކަމުގައިވާ القاضي أبو الوليد محمد بن أحمد بن محمد بن أحمد بن رشد القرطبي الاندلسي (ނިޔާވީ 595ހ.) އާދެ! ޔޫރަޕްގައިވެސް އޭނާގެ ޢިލްމީ ނަޒަރިއްޔާތަށް މަޝްހޫރު ވެފައިވާ ސްޕޭންއަށް ނިސްބަތްވާ އިބްނު ރުޝްދު އެވެ. ފަލްސަފާ އާއި ސައިންސް އަދި ބޭސްވެރިކަމުގައި އާދަޔާ ޚިލާފު ފޮތްތަކެއް އެކުލަވާލައްވާފައިވާ މިބޭފުޅާއަކީ ޔޫރަޕުގައިވެސް މަޤްބޫލު ޢިލްމުގައި މަރުޖިޢުއެއްކަމުގައި ވެފައިވެއެވެ. ޔޫނާނީންގެ އެރިސްޓޯ ގެ ފަހުން ފަލްސަފާ އާއި މަންޠިޤުގައި އެބޭފުޅާގެ ވާރުތަވެރިޔާ ކަމުގައި ބައެއް ބޭފުޅުން ޞިފަކުރައްވާ ބޭފުޅެއް މެއެވެ.

 

ސަޢޫދީ ޢަރަބިއްޔާ (މަދީނާ)ގައި ދީންކިޔަވާކުދިން ކިޔަވާ ފިޤުހު(މުޤައްރަރު)ފޮތް

بداية المجتهد ونهاية المقتصد މިފޮތާއި މެދު:

މިފޮތަކީ ވަކި މަޛްހަބަކަށް ޚާއްޞަ ނުކޮށް ހުރިހާ މަޛްހަބެއްގެވެސް ފިޤުހުވެރީން ދައްކަވާފައިވާ ބޮޑެތި މަސްއަލަތައް ވަރަށް ރީތި ތަރުތީބަކުން ހުށައަޅާލައިފާވާ “ފިޤްހުލްމުޤާރަނު” ގެ މަންހަޖައް ލިޔުއްވާފައިވާ ފޮތެކެވެ. ހަމައެކަނި ބޮޑެތި ހަތަރު މަޛްހަބު އެކަންޏެއްނޫނެވެ. އަޞްޙާބު ބޭކަލުންގެވެސް ވަކިވަކި ޚާއްޞަ ފަތުވާތަކާއި އިސްލާމީ އުއްމަތުގައި އުފެދުނު ގިނަގުނަ ފިޤުހުވެރީންނެއްގެ ބަސްތަކާއި މަޛްހަބުތައް( އިޖްތިހާދުތައް) މިފޮތުގައި ހިމަނާފައިވެއެވެ.

ހަމަމިއާއެކު –ޙައިރާންކަމާއެކު- ފާހަގަކޮއްލަންޖެހޭ ކަމަކީ މަޛްހަބުތަކުގެ އިޖްތިހާދާތުތައް މިފޮތުގައި ގެންނަވާފައިވާ އިރު 4 މަޛްހަބުތެރެއިންވެސް މިފޮތުގައި އެންމެ މަދުން ޙަވާލާދެއްވާ ނަޤުލުކުރައްވާފައިވާ މަޛްހަބަކީ ޙަންބަލީ މަޛްހަބުގެ ބަސްތަކެވެ. އެގޮތުން :-
މާލިކީ މަޛްހަބުގެ ފިޤުހުގައި ގާތްގަނޑަކަށް 3094 ހާ ތަނުގައި ޛިކުރުކުރައްވާފައިވެއެވެ.
ޝާފިޢީ މަޛްހަބުގެ މަރުޖިޢުތަކަށް ގާތްގަނޑަކަށް 1499 ވަރަށް ޛިކުރުކުރައްވާފައިވާއިރު
ޙަނަފީ މަޛްހަބުގެ 1422 އެއްހާ މައްސަލައަށް އަލިއަޅުވާލާފައިވެއެވެ.
އަޙްމަދު ބުނު ޙަންބަލް ގެ ބަސްތަކާއެކު އެ މަޛްހަބައް ނިސްބަތްވާ އެންމެ ފިޤްހުވެރިއެއްގެ ނަޤްލުތަކާއެކުވެސް އިޝާރާތްކުރައްވާފައިވަނީ 253 ހާ މައްސަލަ އަށެވެ. ޙަންބަލީ މަޛްހަބުގެ ނަޤުލުތައް މިފޮތުގައި ނާދިރުވެފައިވާ ސަބަބުވެސް ޢިލްމުވެރީން ބަޔާންކުރައްވާފައި އެބަހުރި މެއެވެ. ކޮންމެއަކަސް ހަންބަލީ މަޛްހަބުގެ ބަހަށްވުރެ ގިނައިން ظاهري މަޛްހަބުގެ ބަސްވެސް މިފޮތުގައި ގެންނަވާފައި އެބަވެއެވެ. އެއީ ގާތްގަނޑަކަށް 362 މައްސަލައެއްގައެވެ.އަދި ކިއެއްތަ ޝިޢައީންނާއި ޚަވާރިޖުން ފަދަ އަހުލުއްސުންނަތު ވަލްޖަމާޢަތާއި ޚިލާފު މަޛްހަބުތަކުގެ ބައެއް މައްސަލަތަކަށްވެސް އިޝާރާތްކުރައްވާފައި އެބަހުއްޓެވެ. އާދެ މާލިކީ މަޛްހަބުގެ ރައުޔުތައް 32% – 41% އަށް ،އަދި ޝާފިޢީ މަޛްހަބުގެ ރައުޔުތައް 15% – 20% އަށް އަދި ޙަނަފީ މަޛްހަބުގެ އާރާއުތައް 14%- 19% އަދި ظاهري މަޛްހަބުގެ ބަސްތައް 4% 5% އަށް ހުރި އިރު ޙަންބަލީ މަޛްހަބުގެ އިޖްތިހާދުތައް ހުރީ 1- 3% އާދޭތެރޭގައެވެ! އެހެންކަމުން މަދީނާޔުނިވަރސިޓީގެ ފިޤްހީ މުޤައްރަރުގައި ހިމަނާފައިވާ އެންމެ މަދު މަޛްހަބަކީ ހަންބަލީ މަޛްހަބުކަމުގައި ބުނަންޖެހެއެވެ. އަދި ޙަޤީޤަތަކީ އެއީކަންވެސް އިސްވެދިޔަ ކަންކަމުން ހާމަވެގެން ހިނގައްޖެއެވެ.
މަދީނާގެ މުޤައްރަރުގައިވަނީ މިފޮތްކަން އެތަނުގެ ސައިޓަށް ވަދެ ބަލާލުމުންވެސް ރަނގަޅަށް ފެންނާން އޮންނާނެއެވެ. އެއާއި އެކު މަދީނާ ގެ ފިޤްހުމުޤައްރަރުގެ އަމާޒު ނުވަތަ ލަނޑުދަނޑިތަކުގެ ތެރޭގައި – ކޮންމެ ކުއްލިއްޔާ އެއްގައިވިޔަސް- ދަރިވަރަށް ފިޤްހު އުފެދިގެން އައިގޮތާއި، ތަފާތު ޒަމާންތަކުގައި އުފެއްދިފައިވާ ފިޤްވެރިންނާއި އެބޭކަލުންގެ އިޖްތިހާދާތު ތަކާއި މަޛްހަބުތަކާއި، އިޚްތިލާފު ވެލައްވާފައިވާ ކަންކަމުގައި އިޚްތިލާފު ވެފައިވަނީ ކޮންކޮން ސަބަބު ތަކެއްކަމާއި، އެކަންކަން ދެނެގަންނާނެ ގޮތްތަކާއި އުޞޫލުތަކެއްވެސް ދޭހަވާނޭވަރަށް ކިޔަވައިދިނުން ކަމުގައި ކަނޑައަޅާފައިވެއެވެ. ވީމާ މިޒަމާނަކު މިކަން މީހަކަށް އޮޅުވައިލެވޭނޭ ކަމެއްކަމުގައި ހީކުރުމަކީ މޮޔަކަމާ،ނުބައިކަން ނޫން ދެން އެހެން އެއްވެސްކަމެއްނޫނެވެ.

ފޮތުގެ ޚާއްޞަކަން:
އާދެ! ޚާއްޞަކޮށް بداية المجتهد ونهاية المقتصد މި ފޮތުގެ ނަމުންވެސް ދޭހަވާނެފަދައިން މިއީ މަޛްހަބަކަށް ތަޤްލީދުނުކޮށް އަމިއްލައަށް އިޖްތިހާދު ކުރުމުގެ ހުނަރުތަކާއި އުޞޫލުތަކަށް އަހުލުވެރި ކުރުވުމުގެ ތިޔަރީއަށް އެކުލަވާލައިފައިވާ ފޮތެކެވެ. މިވާހަކަޔަށް ފޮތުގެ މުއައްލިފު މުޤައްދިމާގައި އިޝާރާތްކުރައްވާފައި ވާނެމެއެވެ. އެހެންކަމުން މޮރޮކޯ ގެ ފާސް ގައި ހުންނަ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރަކު މިފޮތާއި މެދު ތީސީސް ލިޔެފައިވާ މަޥުޟޫޢަކީވެސް ” އިބްނު ރުޝްދުގެ ބިދާޔަތު ފޮތާއި އިޖްތިހާދު ކުރުމުގެ ހުނަރުތަށް ތަރައްޤީ ކުރުމުގައި މިފޮތުގެ ދަޥުރު” މިއެވެ. އެފޮތުގައި މިދެންނެވި ހަޤީޤަތް ” އިމާމް އަޙްމަދުގެ ބަަސްތައް ނާދިރު ފަހަރަކު ނޫނީ ބަޔާން ކުރައްވާފައި ނެތުން” ހާމަކުރައްވާ ލިއުއްވާފައި ވެއެވެ.

ކަންމިހެން ހުރި އިރު ކަންކަމުގެ ޙަޤީޤަތް ޤަޞްދުގައި އޮޅުވާލާ މީހުންގެ ވާހަކަތައް ބަރާބަރަށް މާތް ﷲ ލިއުއްވާނެ ކަމުގައި އެމީހުން ހަނދާންކުރާހުއްޓެވެ. މީގެކުރީންވެސް ބައެއް ބޭފުޅުން ވަނީ މިފަދަ އޮޅުވާލުންތަކެއް ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް އޮޅުވާލައި މީސްތަކުން ވާވައްދާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ލޯބިކޮށްގެން ރަނގަޅުމަގު ހޯދުމަށް މަސައްކަތް ކުރަމުންދާ ޒުވާނުންނަށް ހެޔޮމަގު ދެއްކުމުގެ ބަދަލުގައި އެމަގުން އެއްކިބާކޮށް، ދުރުކުރުމުގެ ޤަޞްދުގައި އޭރުވެސް ” ވައްހާބީން” ނޭ “ޙަންބަލީ މަޛްހަބޭ” ކިޔާ ފާޑުފާޑުގެ ލަޤަބުތަކުން ގޮވަމުންދިޔައީ ހަމަ ދީނީ ޢިލްމަށް ނިސްބަތްކުރަމުންދިޔަ ބައެއްގެ ދޫ މަތީންނެވެ. އެއީ އައްޑިހައިގެ އަހަރުތަކުން ފެށިގެން ވެސް އާ އުކުޅުތަކަކަށް ނުވާހިނދު މިހާރު މި ވާހަކަތައް އެނޫން މީހުންވެސް ދައްކަމުންދާތަން ފެންނަނީއެވެ.

” أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ (53) سورة الذاريات . މާނައީ ” އަޅެފަހެ އެމީހުން އެކަމަށް އެއްބަޔަކު އަނެއްބަޔަކަށް ޥަޞިއްޔަތް ކޮށްގެން އުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެމީހުންނީ ހަމަ ޙައްދުފަހަނައަޅާފައިވާ ބަޔަކީއެވެ.”

މާތް ﷲ މިބައިމީހުންނަށް ހިދާޔަތް ދައްކަވާށި! އަދި ދީންއޮޅުވައިލުމާއި، ދީނުގެ މައްޗަށް ދޮގު ހެދުމުގެ ސަބަބުން މީސްތަކުން މަގުންއެއްކިބާވުމުގެ ވަބާއިން ދިވެހިރާއްޖޭގެ އަހުލުވެރިން މިންޖު ކުރައްވާށި!

  1. سبحانك أللهم وبحمدك أشهد أن لاإله إلا أنت أنت أستغفرك وأتوب إليك

7 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސޫފީ ދަންނަ ބޭކަލުން ނާއި ޝިރުކުގެ އަހުލުވެރިން އަބަދުވެސް ތައުހީދުގެ އަހުލުވެރިންދެކެ ނަފުރަތުވާނެ، ތައުހީދުގެ އަހުލުވެރިންގެ އަގުވައްޓަން އެބައިމީހުން މަސައްކަތް ކުރާނެ، މުނާފިޤުން ޖެހިލުންވާނޭ ތައުހީދުގެ އަހުލުވެރިންދެކެ!

  2. މަދީނާ ޔުނިވާރްސިީގައި އޮންނަނީ ކީރިތި ﷲ އާއި އެކަލާގެ ރަސޫލާގެ މަޒުހަބާއި މަންހަޖު، އިތުރު އެއްޗެއް ނޯވޭ އެތާކު! އެތާއގައި އޮންނަނީ ފިޤުހުލް ތައުހީދު، ފިޤުހުލް ޢިބާދާތު، ފިޤުހުލް މުއާމަލާތު މިތިން ބައި ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުނަތުގެ އަލީގައި ސަލަފުއްސާާލިހުން ގެނެސްދީފައިވާ ގޮތަށް ދިރާސާކޮށް އަމަލުކުރުން!

  3. ކޮންމެ ޢިލްމުވެރިއެއްގެ ކިބާގައިވެސް އެބޭކަލަކު ކިޔަވާ ވިދާޅުވި ތަނެއްގެ އަސަރުތައް ހުންނާނެ!! އެގައި މައްސަލައެއް އޮތްކަމަކަށް ނުދެކެން… މައްސަލަޔަކީ ކަނޑައެޅިގެން އެނގެހުރިކަންކަމުގައި ދީން އޮޅުވަލަން ބައެއްފަރާތްތަކުން މަސައްކަތް ކުރާކުރުން!

  4. މިއަދު ދިވެހިންގެ ތެރޭގައި ސެކަންޑްރީ ސޯސް ބޭނުން ކޮއްގެން ދީން ދަސްކޮށް އުގެނޭ މީހުން ނާއި، ދީނުގެ އަސްލު މަސްދަރުން ސީދާކޮށް ދީން އުގެނި ދަސްކުރާ މީހުން އެބަތިބި، މިބުނަން މިއުޅެނީ އިންގިރޭސިބަހުން ދީން އުގެނި ދަސްކުރާ މީހުން ނާއި ސީދާ އަރަބިބަހުން ދީން އުގެނި ދަސްކުރާ މީހުންގެ ތަފާތެއް ހުރެދާނެބާ، އިންގިރޭސިބަހަށް ތަރުޖަމާ ކުރެވިފަ ހުރި ދީނީ ފޮތްތަކަކީ އެތަރުޖަމާ ކުރެވުނު މީހާ ފަހުމްވީގޮތަށް އޭނާ ލިޔެފައި ހުރިއެއްޗެހި، އަސްސު އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި އުގެނި ދަސްކުރެވޭނީ އިސްލާމް ދީނުގެ އަސްލު މަސްދަރު ގައިވާ ޢަރަބި ބަސްއުގެނި އެބަހުގެ ތެރެއިން އިސްލާމް ދީން އުގެނި ދަސްކޮށްގެން، މިނުން ގޮތަކަށް އިސްލާމް ދީން އުގެނޭނަމަ ތިމާޔަށް އޮޅުން ތަކެއް އަރާނެ، ﷲ އާއި އެކަލާގެ ރަސޫލާގެ މުރާދު ތިމާޔަށް އެންމެ ރަގަޅަށް ފަހުމް ވެގެން ދާނީ އަރަބިބަހުން ދީންއުގެނިގެން!

  5. منتهى الإرادات ކިޔަވައިދިނަސް އެއީކީ މައްސަލައެއް ނޫނެއްނު. އެއީ ސުންނަތް ޖަމާޢަތުގެ މީސްތަކުން ބަލައިގެންފައިވާ ހަތަރު މަޛްހަބުންކުރެ މަޛްހަބަކަށް ނިސްބަތްވާ ފޮތެއް. ދިވެހިން މިއޮއްހާ ދުވަހު ތަޢުލީމުއްދިޔާނާ ކިޔަވައިގެން އުޅުނީ. މެލޭޝިއާއިން ކިޔަވައިގެން އައިސްވެސް ބައެއްޑޮކްޓަރުންނަށް ހަމަ އެންމެ ކަމުދަނީވެސް އެފޮތް. ޤުރްއާނަކުން ރަސޫލާގެ ސުންނަތަކުން ސާބިތު ނުވިޔަސް ޝާފިޢީ މަޛްހަބޭ ބުނެފިތަ އެއީ މޮޅު ގޮތަށްވަނީ. އެކަމަކު ޝާފިޢީގެފާނު ވިދާޅުވަނީ ޞައްޙަ ޙަދީޘެއް ފެނިއްޖެއްޔާ އޭގައި ހިފާށޭ. ތިމަންކަލޭގެފާނުންގެ ބަސްފުޅު ފާރާލާ ޖަހާށޭ.

  6. އިމާމު އަބޫ ހަނީފާ ވިދާޅު ވަނީ ” ފިޤުހުލް އަކުބަރު އާއި ފިޤުހުލް އަސްޢަރު ނޭގި ފަތުވާ ނުދެވޭނެ ކަމަށް ” އިމާމުގެ މިބަްސްފުޅުގައިވާ ފިޤުހުލް އަކުބަރަކީ ކޮބައިތޯ؟ އާދެ އެއީ ފިޤުހުއް ތައުހީދު، ތައުހީދުލް ޢުލޫހިއްޔާ އާއި ރުބޫބިއްޔާ އާޢި އަލްއަސްމާއުއް ވަސިފާތު، ފިޤުހުލް ޢަސްޢަރަކީ ފިޤުހުލް ޢިބާދާތު އާއި މުއާމަލާތު! ކޮންމެ މަޒުހަބެއްގެ ފޮތްތަކުގައިވެސް އެހެނިހެން މަޒުހަބުގެ ވާހަކަވެސް އެބަހުރި، منتهى الإرادات ގައިވެސް ޝާފީ މަޒުހަބާއި މަލިކީ ހަނަފީ މަޒުހަބުގެ ވާހަކަތައްވެސް ގެނެސްފައި އެބަހުރި! މިއިންވެސް އެގެނީ އުއްމަތުގެ ސަލަފުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި ޤަދަރުގެ ބޮޑުކަން! 

  7. ހަމަ ތައައްސުބު. ކެއް ނުވީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!