އެމްޑީޕީ އަކީ ﷲ ގެ ޝަރީޢަތުގެ މިތުރެއްބާ؟ ނޫނީ ހަތުރެއްބާ؟

 • ރައީސް ނަޝީދުއާއި ޝެއިޚް ޙުސެއިން ރަޝީދުއާއި ޙާފިޒު ޒަކީ، ޝެއިޚް ފަރީދުގެ ދަރުސް އަޑުއައްސަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ނަޝީދުއާއި ޝެއިޚް ޙުސެއިން ރަޝީދުއާއި ޙާފިޒު ޒަކީ، ޝެއިޚް ފަރީދުގެ ދަރުސް އަޑުއައްސަވަނީ. ފޮޓޯ: ރައީސް އޮފީސް

ފަހަކަށް އައިސް، ޙައްޤަކާ ނުލައި މީހުން މެރުން ގިނަވެ، މިކަމުގެ ހަމައެކަނި ޙައްލަކީ، ﷲ ގެ ދީނުގައި އަންގަވާފައިވާ ގޮތަށް މަރަށް މަރު ހިފުންކަން، ގިނަބަޔަކަށް ޤަބޫލުކުރެވި އެވާހަކަ ދައްކަމުން ދަނިކޮށް، ދާދިފަހުން އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ އަމީން އާމް އަދި އިންޓަރނޭޝަނަލް ސްޕޯކްޕާސަންގެ މަޤާމުގައި ހުންނެވި ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ، މަރަށް މަރުހިފުމާއި އެމްޑީޕީ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތައްވެސް މަރަށް މަރުހިފުމާއި ދެކޮޅު ކަމަށާއި، މަރަށް މަރު ހިފުމަކުން ކުށް މަދުނުވާ ކަމަށެވެ. އެމްޑީޕީ އިން މިކަމާއި ދެކޮޅު ހެދުން ވެގެން ދިޔައީ، ގިނަބަޔަކަށް ލިބުނު ކުއްލި ޙައިރާން ކަމަކަށެވެ. އަދި ނޫސް މީޑިއާތަކުގެ ސުރުޚީތަކަށް މިމައްސަލަ އެރިއެވެ. އެހިސާބުން ރައްޔިތުންގެ ސަމާލުކަމަށްވެސް މައްސަލަ އައެވެ. އަދި ހަމަވަގުތުން، އެމްޑީޕީ އިންވެސް ނޫސްބަޔާނެއް ނެރެ، އިސްލާމީ ޝަރީއަތާއި ދެކޮޅުނޫންކަން ހާމަކުރިއެވެ. އެހެން އެވާހަކަ ދައްކަން ޖެހުނީ، ޝަރުޢީ ނިޒާމުގެ ނާއިންސާފު ކަމުގެ ސަބަބުން ކަމުގައި ބަޔާންކޮށް މައްސަލަ ފިނިކުރިއެވެ. ނަމަވެސް ސުވާލަކީ، މިއީ ކިހާވަރެއްގެ ތެދެއްތޯއެވެ؟ އެމްޑީޕީ އަކީ، ﷲ ގެ ޝަރީއަތާއި އެއްކޮޅު ބައެއްތޯ ނޫނީ ދެކޮޅު ބައެއްތޯ އެވެ؟

އެމްޑީޕީ ސަރުކާރުގެ އެޓާނީ ޖެނެރަލް އަކަށް އަލް އުސްތާޒު ހުސްނު ސޫދު ހުންނެވި ދުވަސްވަރު، ޖިނާއީ އިޖުރާތުގެ ބިލު މަޖިލީހަށް ފޮނުއްވިއެވެ. އަދި، 14 އޮކްޓޯބަރ 2009 ވަނަދުވަހު ބިލު މަޖިލީހުގެ ތަޅުމަށް އައިސް ބަޙުސްކުރެވުނެވެ. އަދި ވަރަށް ފޯރިޔާއެކު މެންބަރުން ބަޙުސް ކުރެއްވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނަށް މަރުގެ އަދަބު ދިނުމަށާއި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ހަރުއަޑުން އެތައް މެންބަރަކު ގޮވާލެއްވިއެވެ. ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންނެވެ. ފަސް ވަޢުދުގެ ތެރެއިން، މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރަން ކަމުގައިވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ގިނަ މެންބަރުން ވާހަކަދެއްކެވީ އެއް ރޫޙެއްގައެވެ. މިހާރުމިއޮތް ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބުދީ ޤައުމަށް ހަމަޖެހުމައި އަމާންކަން ގެނައުމަށެވެ.

އުއްމީދު އާވިއެވެ. މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްވުމުގެ އުއްމީދުން ހިތް ފުރުނެވެ. މީހުން މެރުމާއި މާރާމާރީތަށް މަދުވެ ޤައުމު އަމާން ވެގެންދާނެކަމުގެ ފެހި ސިގްނަލް ލިބުނެވެ.

ނަމަވެސް ޖެހިގެންއައި ރޭޑިއޯ ޚިތާބުގެ ސަބަބުން، ކީހައި ޅެން ފަރިއްސައްވެ، ހުރިހައި އުއްމީދުތަކެއް ވިއްސި ވިހާލިވެގެން ދިޔައެވެ. އެއީ 16 އޮކްޓޯބަރ 2009 ވީ ހުކުރު ދުވަހު ދެއްވި، ރައީސް ނަޝީދުގެ 19 ވަނަ ރޭޑިއޯ ޚިތާބެވެ. މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ޢިޝާރާތް ކުރައްވަމުން، މަރަށް މަރު ހިފުމާއި ވައްކަން ކުރާ މީހާގެ އަތް ކެނޑުން ޤާނޫނު ޢުޤޫބާތުގައި އޮންނަން ތިމަން މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ރަސޫލު ޒަމާނުގައި ޙުކުމް ކުރެއްވިހައި އިންސާފުން، މިޒަމާނުގައު ޙުކުމް ކުރެވޭނެ ކަމަށް ނުދެކޭ ކަމައްވެސް ވިދާޅުވިއެވެ. ﷲ ގެ ޙުކުމް ފުޅުތަށް ޤާއިމު ކުރެވޭނީ ރަސޫލާ ހުރެގެން ކަމަށް، ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކަވައި، ޙުކުމް ތަންފީޒު ނުކުރުމުގެ ބަހަނާއަކަށް ޝަރުޢީ ނިޒާމުގެ ވާހަކަ އުފަން ކުރުވިއެވެ.

އެހިސާބުން އޮއެވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އެމްޑީޕީ މެންބަރުންގެ ތެރެއިން، މަރަށް މަރުހިފަން ޖެހޭނެ ކަމަށް ވާހަކަ ދެއްކެވި ބޭފުޅުންނަށްވެސް މަޖުބޫރުވީ އޮޑި ފައްސާ ކުރައްވާށެވެ. ނުވަތަ އެމްޑީޕީގެ އަސްލު ފިކުރާއި އެއްގޮތަށް އެބޭފުޅުންގެ ވާހަކަތައް ވެސް ބައްޓަން ކުރައްވާށެވެ. އެހިސާބުން ފެށިގެން މިއަދާ ހަމަޔަށް ވެސް، މަރަށް މަރު ހިފުމުގެ ވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި،  އެމްޑީޕީ ބޭފުޅުންގެ ވާހަކައަކީ އެއް ވާހަކައެކެވެ. ނާއިންސާފު ޝަރުއީ ނިޒާމަކުން ތިކަން ކުރަން ހެޔޮ ނުވާނެ ވާހަކައެވެ.

އެއީ މަރުގެ އަދަބެވެ. ނަމަވެސް ޒިނޭގެ ޙައްދުގެ މައްސަލާގައި މިދައްކަނީ، މުޅިން އެހެން ވާހަކަތަކެކެވެ. ރައީސް ނަޝީދަށް ފަހު، ދިވެހިރާއްޖޭގެ ވެރިކަމަށް އެބޭފުޅާގެ އާއިލާއިން ފައްކާކުރާ ކެންޑިޑޭޓްގެ ގޮތުގައި، ބައެއްމީހުން ސިފަކުރަމުން އަންނަ އީވާ ޢަބްދުﷲ، ޒިނޭގެ ޙައްދާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތައް ފާހަނގަ ކުރެވެއެވެ. 2009 ވަނައަހަރު ޖުލައިމަހުގެ 7 ވަނަދުވަހު، މާލޭގައި ޙައްދުޖެހި އަންހެން ކުއްޖަކު ހޭނެތުނު މައްސަލައަކާއި ގުޅިގެން، އީވާ ޢަބްދުﷲ ވިދާޅުވެފައިވަނީ، ރާއްޖޭގައި ވައްކަންކުރާމީހާގެ އަތްވެސް ނުކަނޑާކަމަށާއި މަރަށް މަރުވެސް ނުހިފާ ކަމަށާއި އެހެންވީމާ ޒިނޭގެ ޙައްދުވެސް ހުއްޓާލަން ޖެހޭކަމަށެވެ. އަދިވެސް ވިދާޅުވެފައިވަނީ، އެއީ ވަރަށް ލާއިންސާނީ ޢަމަލެއް ކަމަށާއި ގިނައިން ޙައްދު ޖެހެނީ އަންހެނުންގެ ގައިގައި ކަމަށެވެ. ނާއިންސާފު ޝަރުޢީ ނިޒާމެއްގެ ވާހަކައެއް ނުދައްކަވައެވެ. ދެއްކެވީ ޤުރުއާނުގެ ނައްސުން އަންގަވާފައިވާ ޙުކުމް ބާޠިލުކުރުމުގެ ވާހަކައެވެ.

ހަމަ މިމައްސަލައާއި ގުޅިގެން، ރައީސް ނަޝީދުގެ ކުރީގެ ތަރުޖަމާނު ނުވަތަ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ވިދާޅުވެފައިވަނީ، ޒިނޭގެ ޙައްދު ޖެހުމުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މި ޙުކުމް ބަދަލު ކޮށްދެއްވުމަށް ދީނީ ޢިލްމުވެރިން އަރިހުން އެދޭ ކަމަށެވެ. ﷲ ގެ ޙުކުމްފުޅު ބަދަލުކުރުމަށް ގޮވައިލެއްވީއެވެ. ގާޒީން ބަދަލުކުރާކަށް ގޮވައެއް ނުލައްވައެވެ.

އަލިފް ދާލުގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ނަވި ޕިއްލޭ، 2011 ވަނައަހަރުގެ ނޮވެމަބަރ މަހު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ޒިނޭގެ ހައްދު އުވާލަން ވާހަކަ ދެއްކުމާއި ވިދިގެން، ދިވެހިރާއްޖޭގެ އެކި އެކި ސިޔާސީ ފަރާތް ތަކާއި ޖައްމިއްޔާ ޖަމާޢައްތަކުން އެކަން ކުއްވެރިކުރަމުން ދަނިކޮށް، މީޑިއާގެ ކުރިމަތީގައި ޕިއްލޭގެ ވާހަކަތަކަށް ތާއީދު ކުރި ހަމައެކަނި ދިވެއްސަކީވެސް ރައީސް ނަޝީދެވެ. ޤުރުއާނުގެ އެތައް އާޔަތަކުން ސާބިތުވާ ޙައްދު އުވާލަން ކާފަރަކު ދެއްކި ވާހަކަޔަށް ތާޢީދު ކުރެއްވީއެވެ.

މައްސަލަ ވަރައް ސާފެވެ. މަރަށް މަރު ހިފުމުގެ މައްސަލާގައި، ގާޒީންގެ ނާއިންސާފުގެ ވާހަކަ ދައްކާއިރު، ޒިނޭގެ ޙައްދުގެ މައްސަލާގައި މިބުނަނީ، ޒިނޭގެ ޙުކުމް ކަމުނުދާ ވާހަކައެވެ. ޒިނޭގެ ޙައްދު އުވާލަން ޖެހޭކަމަށެވެ. ﷲ ގެ ޙުކުމް ބަދަލުކުރަން ޖެހޭކަމަށެވެ. ﷲ ގެ ނިޔާ ކަމުނުދާ ވާހަކައެވެ. އަންހެނުންނަށް އަނިޔާވެރި ވަނީ ކަމަށާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައެވެ. ވީމާ މިފަދަ ވާހަކަތަކުން މިބައި މީހުންނަކީ، ﷲ ގެ ޝަރީއަތާއި ކަނޑައެޅިގެން ދެކޮޅު ބައެއްކަން ސާބިތެވެ. މިބައި މީހުންގެ އަސްލު މައްސަލައަކީ ﷲ ގެ ޝަރީޢަތްކަމާއި ގާޒީން ނޫންކަންވެސް ސާބިތެވެ. ގާޒީންނަމަ، ޒިނޭގެ ޙައްދުގެ މައްސަލާގައިވެސް ގާޒީންގެ ނާއިންސާފުގެ ވާހަކަ ދެއްކީހެވެ. ﷲ ގެ ޝަރީއަތާއި މިބައިމީހުން ދެކޮޅުވެރި ނޫންނަމަ، ޒިނޭގެ ޙައްދުގެ މައްސަލާގައި ޙުކުމްފުޅު އުވާލަން ނުވަތަ ބަދަލުކުރަން ވާހަކަ ނުދެއްކީހެވެ.

އިސްވެ ބަޔާން ކުރެވިފައިވާ ކޮންމެ ޙުކުމަކީވެސް، ކީރިތި ޤުރުއާނުގެ ނައްސުން އަންގަވައި ވާޖިބު ކުރައްވާފައިވާ ޙުކުމްފުޅެކެވެ. އެއްވެސް މުސްލިމަކަށް، މިޙުކުމްފުޅުތަކާއި ދެކޮޅުހެދުން ހުއްދަވެގެންނެއް ނުވެއެވެ. މިފަދަ ޙުކުމްފުޅަކާއި ދެކޮޅު ހެދުމަކީ ޤުރާނާއި ދެކޮޅުހެދުމެވެ. ﷲ އާއި ރަސޫލާއާއި ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެވެ. މިއިން އެންމެ ޙުކުމްފުޅަކާއިވެސް ދެކޮޅު ހަދައިފި މީހަކު، ކާފަރުވެ މުރުތައްދު ވާނެކަމަށް ހުރިހާ ޒަމާނެއްގެ ޢިލްމުވެރިން އިއްތިފާގު ވެވަޑައިގަންނަވައެވެ. ކަންމިހެންހުރުމާއެކު، މިފަދަ ވާހަކަ ދައްކާ މީހުންނާއި މެދު، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އެއްމެހާ މުޢައްސަސާތަކަށް ހަރުއަޑުން ގޮވާލަމެވެ.

ނިންމާލަމުން އެމެރިކާގެ ވޮޝިންޓަން ޕޯސްޓަސް ރައީސް ނަޝީދު ދެއްވި ބަސްދީގަތުން ހަނދާން ކޮށްދެމެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އިސްލާމްދީނާއި ބީރައްޓެހި ކުރަން މަސައްކަތް ކުރެއްވި ކަމަށާއި، ޝަރުއީ ނިޒާމުން ޢިސްލާމީ ޙުކުމްތައް އުވާލަންވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އެއީ ވަރައްބޮޑު ތެދުފުޅެކެވެ. ޒިނޭގެ ޙައްދާއި މަރައް މަރުހިފުމާއި ދެކޮޅަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ މީހުން ދައްކަވާފައިވާ  ވާހަކަތަކަކީ، އެވިދާޅުވާ މަސައްކަތްފުޅުގެ ބައިކުޅަ ބައެކެވެ.

14 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. މުޙައްމަދު. އަދި އެއްލިޔުން ލިޔެދެއްވަބަލަ! މިހާ ފޭކު ޝަރުޢީ ނިޒާމެއްގެ ދަށުން މީހުން ވިޔަފާރި މުޢާމަލަ ކުރާއިރު އާއި ރައިސް މައުމޫނު ގެ މައްސަލަތައް ބެލުމަށް ކޮމިޝަން ހަދާއިރު އެއީ އިންސާފުތޯ.

 2. ޚަބަރު މުޅިއަކުން ގޯހެއް ނޫން. އެކަމަކު ޙާމިދު އަބްދުލް ޤަފޫރު ދެއްކެވި ވާހަކައާއި ގުޅިގެން އެމް ޑީ ޕީ ން ދެއްކެވި ވާހަކަ ތަކާއި މައްސަލާގައި ރީކޯ މޫސަ ފަދަ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަ ފުޅުތަކަށް އަލިއަޅުވައި ނުލެއްވީމާ، ޒިއްމާދާރު ކުޑަކަން ފާހަގަ ކޮއްލަން. އިންސާފްވެރި ނޫސްވެރިކަމަކަށް ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ނުކުރެއްވުމަށް ގޮވާލަން.

 3. މުޙައްމަދާއެވެ! އަނެއްކާވެސް، ދީނޭ އެމްޑީޕީއޭ ފައްޅިއޭ ބުދޭ ލާދީނީއޭ ގޮވާންފެށީ ތާއެވެ! ބަލަ! ތިމާމެންގެ ސިކުނޑީގައި ނެތް ތެއްކަމެއްގެ މައްޗަށް ވާހަކަ ދެއްކުމުން ތިމާމެން ބޭޒާރުވުން ނޫން އެހެންކަމެއް ނުވާނެއެވެ. ބަލަ ދޮންކަލޯއެވެ! މިރާއްޖޭގެ ގަދީމީ ތާރީހުގެ މައްޗަށް ނަޒަރު ހިންގާއިރު، އިންޑިޔާގެ ކުއްޑަކަޕާޓަ ޕާލީތާރިޙުން އެނގޭގޮތުގައި ރާއްޖޭގައި މީހުން އުޅެމުން އަންނަތާ 7500 އަހަރު ވެދާނެއެވެ. މީގެ އެހެން ތާރީޚީ ސޯސްއަކުން އެނގޭގޮތުގައި އެއީ ދާދިފަހުން ޖެރިކޯގެ ތަރީޚީ ސަރަހައްދަކުން އާކިއޮލޮޖިސްޓުން ބިންކޮނެ ހޯދާފައިވާ ކުދި ބޮލިތަކުން އެނގޭގޮތުގައި އެބޮއްޔަކީ، އީސާގެފާނުގެ ދުނިޔެއަށް ވަޑައިގަތުމުގެ 750 އަހަރުކުރިން ރާއްޖެއިން ސަރަންދީބު ކަރަ ހިންދުކަރަ އަދި ސީނުކަރައިގެ ރައްތަކާއި އަދި އަރަބުސްތާނުގެ ރަށްތަކުން އެފްރިކާގެ ރަށްތަކަށް ދަތުރުކުރި ޒަމާނުގައި ރާއްޖޭގެ މުސްކުޅި ކާބަފައިން އެކްސްޕޯޓް ކޮށްފައިވާ ބޮލިތަކެވެ. ދަންނަވަން މިއުޅެނީ އެންމެ ވާހަކައެކެވެ އެއީ ރާއްޖެއަކީ ބޯދާ ގައުމެއްކަމެވެ. ރާއްޖޭގެ ގަދިމީ ތާރީޙު ރަނގަޅު ކަމުގައި ވާނަމަ، ނުވަތަ އިސްދޫ ލޯމާފާނު ރަނގަޅު ކަމުގައިވާނަމަ، ހިޖުރީސަނަތުން 548 އަހަރު މީލާދީ ސަނަތުން 1153 އަހަރު މިރާއްޖޭގެ ލޮބުވެތި ރައްޔިތުން މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާ ގަބޫލުކޮށްފައި ވަނީ މަޢުރިބް ކަރައިގެ ސައްޔާހެއް ކަމުގައިވާ މައުލާނާ އަބްލް ބަރަކާތުލް ބަރުބަރީގެ އައްމަތްޗަށެވެ އެއީ މަޝްހޫރު ތީމުގޭ މަހަކަލި މިންޖާގެ ރަސްކަމުގެ ޒަމާނެވެ އިސްލާމް ވުމަށް ފަހު އެރަދުންގެ ނަންފުޅަކީ އައްސުލްޠާން މުހައްމަދު ބިން އަބްދުއްﷲ އެވެ ހަގީގަތުގައި ރާއްޖޭގެ މުސްކުޅި ކާބަފައިން އިސްލާމް ދީނުގެ މަތިވެރި ނޫރު އެއިރު ގަބޫލުކުރި ހަދިސާ ހިނގާދިޔަ ގޮތުގެ މައްޗަށް ތަފާތު ރިވާތައް އެބަހުއްޓެވެ އެއީ ފަހުގެ މަޢުޞޫއެކެވެ. ކޮންމެއަކަސް ރާއްޖޭގެ މުސްކުޅި ކާބަފައިން މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަގީދާ ގަބޫލުކޮށް ހިނގާދިޔަ 876 އަހަރު ތެރޭ އަދިވެސް ދިވެހިން ތިބީ އެދީން މަތީގައެވެ ޔަގީނުން ވެސް އިސްލާމް ދީނުގެ ނޫރު ރާއްޖޭގެ ބިމުން ފުލެވޭނެ ރަސްކަލެއްވެސް އަދި އަމީރެއްވެސް އަދި ޖުމުހޫރީ ވެރިއެއްވެސް ރާއްޖޭގެ ތާރިޙުން ފެންނަން ނެއްހިނދު، އެމްޑިޕީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް ދިވެހިންގެ ދީނީ މަތިވެރި އަގީދާ ފުނޑުފުނޑު ކޮށް ނުލެވޭނެއެވެ. ހަގީގަތުގައި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު، ރާއްޖޭގައި އިސްލާމީ ޝަރީއްޔާގެ މައްޗަށް ރާއްޖެގެ ޝަރުޢީ ނިޒާމް ބައްޓަންކޮށް އިސްލާމީ ޝަރީއްޔަތުގެ މައްޗަށް ޙުކުމްކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ގާއިމުކޮށް މުޖުތަމަޢުގެ ތެރޭގައި ސުލަހަ މަސަލަސްކަން ގާއިމުކުރަން ޖެހެއެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، މިރާއްޖޭގެ އިސްލާމީ ދުސްތޫރު އޮތް ޒަމާނާއި ނެތްޒަމާން ތަކުގެ ތާރީޙުގެ މައްޗަށް ނަޒަރު ހިންގަން އެބަޖެހެއެވެ. ހަގީގަތުގައި ރާއްޖޭގެ ތާރީޙު ބުނާގޮތުން ރާއްޖޭގެ އެންމެ ގަދީމީ ޢިލްމުވެރިންގެ ތެރޭގައި މަޝްހޫރު ކޮރަލިތަކުރުގެ އަބޫބަކުރު ކަލާފާނާއި މަޝްހޫރު ވާދޫ ދަންނަ ކަލޭފާނާއި މަޝްހޫރު އައްޑޫ އަލް އައްލާމާ އަލްޤާޟީ މުހައްމަދު ޝަމުސުއްދީން ބޮޑު ފަނޑިޔާރު ތައްޚާނާއި އައްޑުއަށް އުފަން ފޮނަދޫ އައްލާމާ މުހައްމަދު ސިރާޖުއްދީނާއި އައްލާމާ ހުސައިން ޤުޠުބުއްދީނާއި އައްލާމާ އަހުމަދު ޝިޙާބުއްދީން ފަދަ ނުވަތަ ފަހުގެ އިލްމުވެރިން ކަމަށްވާ ފަޞީލަތުއް ޝޭޙު އަލްމަރުޙޫމު ހުސައިން ސަލަހުއްދީން ފަދަ ފަޞީލަތުއްޝޭޙު އަލްމަރުހޫމް މުހައްމަދު ޖަމީލް ދީދީ ފަދަ ޚާއްސަކޮށް ރާއްޖެ އުފެއްދި ބޮޑެތި ދީނީ ބޯދާ އުއްތަމަ ފަނޑިޔާރުން ނަށް ވެސް އިސްލާމީ ޝަރީއްޔާ އެއިރުވެސް މިއަދުވެސް ހަރުދަނާ ގޮތެއްގައި ރާއްޖޭގެ ފުރަމާނީ ދުސްތޫރީ ނިޒާމުގެ ތެރޭގައި ރަސްކަމުގެ ދަރުބާރުގައި ވެސް އަދި ޖުމުހޫރީ ދުސްތޫރީ ބާރުގެ ތެރޭގައި ވެސް ގާއިމުވެ ނެތް ހިނދު، ރާއްޖޭގެ ތާޜީހުގައި މީހެއްގެ އަތް ކެނޑީ މުހައްމަދު އަމީނުގެ ދައުރުގައެވެ މިނޫން އެހެން އެއްވެސް ބޮޑެތި ޙުކުމެއް ތަންފީޒް ކޮށްފައި އެބައޮތް ހެއްޔެވެ؟ ސުއާލަކީ، ރާއްޖޭގައި އިސްލާމީ ޝަރީޢްޔާ ޤާއިމު ނުކުރެވިގެން މިއުޅެނީ 2004 ވަނަ އަހަރު ފަހުން ރާއްޖޭގައި ވުޖޫދުވީ އެމްޑީޕީގެ ސަބަބުން ހެއްޔެވެ؟ އެކަމުގެ ސަބަބު ހޯދާ ﷲގެ ޙުކުމް މިރާއްޖޭގައި އަދި މިބިންމަތީގައި ޤައިމުކުރުމަށް ޚޮދު އަހުރެންވެސް ތާއިދުކުރަމެވެ. ބަލަ މޮޔަޔާއެވެ! ތުނބުޅީގައި ހަމައެކަނި އިސްތަށި ހުއްޓަސް މިސްރުގެ ޝޭޙު ޒުބައިރު ކަމުގައި ނުވާނެއެވެ.

 4. ބަލަ ހުސައިނާއެވެ! މަޢުމޫނު ނޫރުސޫރަތުގެ 33 ވަނަ އާޔަތާއި މެދު ހެއްދެވި އިދިކޮޅު ކޮބާހެއްޔެވެ؟

 5. މައުމޫން ތިކަމާ ބެހޭ ގޮތުން ވިދާޅުވި ބަހެއްވެސް ހަމަ ތިލިޔުމުގަ ލިޔެލެއްވި ނަމަ ވަރަށް އިންސާފްވެރި ވީސް، ދެމީހުންނަކީވެސް ހަމަ ކުރީގެ ރައީސުން ( ތިކަމުގަ އަޅުގަނޑަށް ހާމިދެކޭ މައުމޫނެކޭ އެތްގޮތް)..

 6. އެމްޑިޕީ އަކީ ދިގުލަިގެން ދިޔަ 30 އަހަރުގެ ވެރިކަމުގައި އަނިޔާލިބުނު ބަޔަކު ވެރިކަން ބަދަލުކުރަން ވެގެން ފެށުނު ހަރަކާތެއް، އެމްޑީޕީގެ ފަހަތުގައި އޮޓި ހުޅަގުގުގެ ޓެރެރިސްޓުން އިސްލާމް ދީނާއި ހަންގުރާމަ ކުރާމީހުން ޔަހޫދީން ނަސާރާއިން، މުޅި ދުނިޔޭގައިވެސް މިއުޅެނީ ޙައްޤައި ބާތިލުގެ ހަންގުރާމަ، މިރާއްޖޭގައިވެސް މިހާރު ހިގަމުން މިދަނީ ޔަހޫދީން ނާއި މުސްލިމުން ނާއި ދެމެދު ހިންގާ ދެކޮޅުވެރިކަމެއް! ހުރިހާ މުސްލިމުން އެކަތިގަންޑަކަށްވެ ޔަހޫދީން ބަލިކޮށް ދުނެއިސްލާހު ކުރުމަށް ގޮވާލަން!

 7. ހައްދުފަހަނައަޅައިފައިވާ ޓެރަރިސްޓް އެމްޑީޕީ ޖަމާޢަތް އުވާލާ.

 8. އެމްޑީޕީ ޕީޕީ އޭ ނުކިޔާ މިހާރު މިއޮތީ ދީން ހަތިޔާރަކަށް ހަދައިން ވެރިކަންވެސް އަތަމައްޗައް އަރާފަ ދެން ވެރިކަމަށް އަރާތިބި ބަޔަކު ތިހުކުމެއް ގާއިމުކޮށްބަލަ ތިހާ ރައްޔިތުންނާއި ދީންދެކެ ލޯބިވަންޏާ…..

 9. އިސްލާމްދީނަކީ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތްﷲ އެންގެވިގޮތަށް އުޅުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެބަޔަކަށް ފަލާހާއި ކާމިޔާބު ލިބޭނެކަމެކެވެ. އިންޝާﷲ.

 10. ސަލާހުއްދީން ތިކިޔާ އެއްޗެއް ދިމަލެއްނުވޭ….ރާއްޖޭ މަރައް މަރު ހިފީ އެންމެ މީހެކޯ އޭގެ ފަހަކުން ނުހިފަޔޯ އޭ މިހިރަ މޮޔަސޮރާއޭ އެންމެ މީހަކު ކުރިންވެސް ފަހުންވެސް ހިފިޔަސް ނިހިފިޔަސް އޭރުގަވެސް މިހާރުވެސް ﷲ ހުކުމްތައް ތަންފީޒް ކުރުމައް ގޮވަން ޖެހޭނެ އަދި ހަމަ އެ ހުކުމްތައް ތަންފީޒްވެސް ކުރަން ޖެހޭނެ މައުމޫނު ބުންޔަސް ނަޝީދު ބުންޔަސް ވަހީދު ބުންޔަސް ހައްގު ނުން އެއްޗެއް ވަނީ ހައްގު ނުން އެއްޗަކައް!!! އެމްޑީޕީ އެހެން މީހުންނަ ހުރި ތަފާތަކީ ފާޅުގަ ﷲގެ ހުކުމްތަކައް ޗެލެންޖް ކުރައްވާ އެކަން ނުކުރާނެ ކަމައް ބުނުން ނުވަތަ ތިމަންނާ މެން އެ ހުކުމް ބޭނުން ނޫންކަމައް ބުނުން. ތެދެެއް މައުނޫނުވެސް މަރުގެ މައްސަލާގަ ދައްކަން ނުޖެހޭ ގޮތައް ވާހަކަ ދެއްކި……..އެހެނަސް އެވާހަކާގަ މައުމޫނުވެސް ދެކޮޅެއް ނަހަދާ އެމްޑީޕީގަ މިއުޅޭ ލާދީނީ މީހުން ދެކޮޅު ހަދާގޮތައް މައުމޫނު ބޫނީ ހުކުމް އެބައޮތޭ ނަމަވެސް އެއީ އިއްތިޔަޜީ ކަމެކޭ އަސްލު ހަގީގަތަުގައި މިހެންވެސް ނުބުނެވޭނެ …..

 11. ސަލާހުއްދީނޭ ކިޔައިގެން ދޮގުހަދައި އޮޅުވައިލައިގެން އުޅޭ ޝައިތާނުން ހަދާނެތަ ތެދެއް. މޑޕ މީހުންނަކީ އެއްވެސް ދެކޮޅުޖެހޭ ވާހަކަ ދައްކާބައެއްނޫން. 30 އަހަރާ 3 އަހަރާ ވަރަށް ތަފާތު. 3 އަހަރުގެ ވެރިކަމުގައި ޙުދުމުޙުތާރު އަނިޔާވެރި ލާދީނީ ކަންކަންފެނިގެންދިޔައީ. 2008 ގައި މީނާއަށް ވޯޓްހޯދަން ޢަދާލަތާއި، ޤާސިމާއި ޙަސަން ސަޢީދާ ތެޅިބާލަމުންދިޔައިރު ތުންތުންމަތިން މީހުން ކިޔާއަޑު އިވޭ މީނާހޮވައިފިނަމަ މިރާއްޖޭގައި ފައްޅިހަދާނެއޭ މިރާއްޖެ ބޭރުމީހުންނަށް ވިއްކަލާނެއޭ ތެދެއްމެ ކަންވީވެސް ހަމައެހެން. އޭގެ މިސާލެއް ޖީއެމްއާރާއި، ފައްޅިތައްހެދުމަށް ހަދާފައިވާ ފްރޮޕޯސަލްތައް އެއީ. އެއީ އަހަރެމެން އެންމެންނަށް ލިބުނު ޢިބުރަތެއް ފިލާވަޅެއް އަދި ކުރިމަތިވި ވަރުގަދަ އިމްތިޙާނެއް. އަހަރެންނާއި އަހަރެންނަށް ހެޔޮއެދޭ އިސްލާމްދީނާއި ޤަޢުމުދެކެލޯބިވާ އެއްވެސް މީހަކު އިންޝާﷲ ދެނެއް މޑޕ ގެ އެއްވެސްމީހަކަށް އެއްވެސް އިންތިޙާބެއްގައި ވޯޓެއްނުދޭނެ.

 12. ދީނަށްވުރެ ވަރުގަދަ ހަތިޔާރެއް އޮތްކަމެއް މަށަކުވާ ނުދެނަހުރީމެވެ. އެހެންވީމާ ހުރިހާ ރަނގަޅުކަމެއްގައިވެސް ހަތިޔާރަކަށް ދީން ބޭނުންކުރުމަކީ މައްސަލައެއްނޫން. އެމް.ޑީ.ޕީ މިޙުންނަށް ގޮވާލަން.. ބަޣާވާތުގެ އިޞްޠިލާޙީ ތަޢާރުފު ބުނެލަ ދީބަލަ. ނޭނގޭނެ ބުނެދޭކަށް. ބަޣާވާތަކީ ކޮބައިކަމެއް ﷲގެ މިންވަރުފުޅަކީ ކޮބައިކަމެއް އެމީހުންނަކަށް ނޭނގޭނެ. ބަޣާވާތަކީ ކޮބައިކަމެއް ނޭނގޭ ބަޔަކަށް ކިހިނެއް އެނގޭނީ ބާޣާވާތްކޮށްގެން ކަމެއް ވެރިކަން ހޯދީ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް. އެ ގެންދަވާނީވެސް ﷲ.

 13. ތިމާއަކީ ތާރީޚުގެ ޢިލްމުވެރިއެއްކަން ދައްކަން މަސައްކަތް ކުރިއަސް، ތުނބުޅީގައި އިސްތައްޓެއް ނެތް ފަދައިން އިސްލާމްދީނުގެ މަޢުލޫމާތެއް ލިބިފައި ނެތްކަން ދޭހަވެއެވެ. ރާއްޖޭގެ ތާރީޚު ތިޔަހާ މޮޅަށް ދެނެވަޑައިގަންނަވާއިރު އިސްލާމީ ދުނިޔޭގެ ތާރިޚުވެސް ކިޔަވާވިދާޅުވި ނަމައެވެ. އަންދުލަސްގައި އޮތް އިސްލާމީ ވަރުގަދަ އަގީދާއާއި ވެރިކަމާއި އާރާ ބާރު ނެތިގެން ދިޔައީ 800 އަހަރު އެތާނގައި މުސްލިމުން ވެރިކަން ކުރުމަށް ފަހުގައެވެ. ރާއްޖެ އިސްލާމްދީން ގަބޫލުކުރިތާވެސް މިވީ އަދި 800 އަހަރެވެ. ވީމާ އިސްލާމްދީން މިތާނގައި މިހާދުވަހު އޮތުމަކީ ދެން އިސްލާމީ އަޤީދާ މިތަނުން ނުފޮހެވޭނެކަމަށް ބުނުމަށް ދެއްކޭނެ އެންމެ ބަލިކަށި ހުއްޖަތެވެ. ނަމުގައި ސައްތައިން ސައްތަ މުސްލިމު ގައުމެކޭ ބުނިނަމަވެސް ކިރިޔާވެސް މިހާރުގެ ދިވެހިރާއްޖެއަށް ލޯދިލުވާލައިފި މީހަކަށް ދިވެހި ރާއްޖޭގެ އިސްލާމީ ވަންތަކަމުގެ އިންސައްތަ ރަނގަޅަށް ފެންނާނެއެވެ. މީގެ ކުރިން ދިވެހި ރާއްޖޭގައި އިސްލާމީ ޝަރިޢަތް ތަންފީޛުވެފައި ނެތުމަކީ ދެންވެސް އެކަން ނުކޮށް ތިބުމަށް އޮތް އުޒުރެއް ނޫނެވެ. 2004 ގެ ފަހުން އެމްޑީޕީ އުފެދުމަށްފަހު އަދި 2008 ން ފެށިގެން 3 އަހަރު އެމީހުން ރާއްޖޭގެ ވެރިކަން ކުރިއިރު އެކަމަށް އިހްމާލުވެފައިވާތީ އެކަމުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެއެވެ. އެމްޑީޕީ ނުއުފެއްދި ނަމަ އަދި ރާއްޖޭގެ ވެރިކަން ނުކުރިނަމަ އެމީހުން އޭގެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ވެރިކަމުގައި ހުއްޓައި ލިބޭ ހުރިހާ ރީތި ނަމެއް ލިބިގަންނަ ފަދައިން ލިބޭ ހުތުރުނަމުގެ ޒިންމާވެސް ނަގަން ޖެހޭނެއެވެ. ހަމައެކަނި މައްސަލައަކީ އެމްޑީޕީން ޝަރީޢަތް ގާއިމުނުކުރުމެއްވެސް ނޫނެވެ. އެހެން ބައެއް ސިޔާސީ މީހުންނެކޭ އެއްފަދައިން އިސްލާމީ ޝަރީޢަތާއި ޝަރްޢީ ޙައްދުތަކާ ދެކޮޅަށް އެމްޑީޕީގެ އިސްވެރިން ދައްކަމުންދާ ވާހަކަތަކަކީ އެންމެ ބޮޑު މައްސަލައެވެ. އޭގެތެރޭގައި ނަޝީދާއި އިވާއާއި ރީކޯ މޫސައާއި ހާމިދާއި އިބުރާއާއި މިމީސްމީހުން ދީފާ ހުރި ތަގްރިރުތަކާއި މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތައް އެހެރީ ޔައުމިއްޔާތަކުގައި ފެންނާށެވެ.

 14. ހޯރަ އިއްބެ ހެދި އާޔަތްތައް ކޮބާ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!