މިނިވަން ދުވަހެއް ނިމިދިޔައީއެވެ. ނަމަވެސް…

ދިވެހިން އަޅުވެތިކަމުގެ ހިތިރަހަ ދެކެންޖެހިފައިވަނީ ވަރަށް މަދުފަހަރެއްގައެވެ. މަދު ދުވަސް ކޮޅެއްގައެވެ. އަޅުވެތިކަމުގައި ހޭދަކުރާން ޖެހެނު ކޮންމެ ފަހަރެއްގައިވެސް ﷲގެ ވާގިފުޅާއިއެކު ދިވެހީންވަނީ ދިވެހިންގެ ދީނާއި ޤަޢުމުދެކެ ލޯބިވާ ދަރީންތަކެއް މިފަސްގަނޑުގައި ތިބިކަން ދައްކައިދީފައެވެ. މިނިވަން ކަމުގެ ދިދަ އަލުން އަބުރާ ދިވެހި ޖައްވުގައި ވިހުރުވާދީފައެވެ. އެގޮތުން ޕޯޗްގީޒުނާއި، މަލާބާރުނާއި އަދި އިގިރޭސިންގެ އަޅުވެތިކަމުގެ ކިއްލާއިން ވެސް ދިވެހިން ސަލާމަތުގެ އައްސޭރިއަކަށްވަނީ ވާސިލް ވެފައެވެ.

ނަމަވެސް ސުވާލަކީ މި މިނިވަން ފަސްގަނޑުގައި އަމާންކަމާއި، އޮމާންކަމާއި އެކު އުޅެމުންދިޔަ ދިވެހީން މިއަދު އުޅެމުން މިދަނީ މިނިވަންކަން މަތީގައިބާވައެވެ؟ ޙަޤީޤީ މިނިވަންކަމުގެ ފޮނި ރަހަ ދިވެހީންނަށް އިޙްސާސް ކުރެވޭ ބާވައެވެ؟

މިއަދު ދިވެހީން ޤަބޫލު ކުރަންޖެހޭ ތެދު ޙަޤީޤަތެއް އެބައޮތެވެ. އެއީ ޕޯޗްގީޒުން ދިވެހިން އަޅުވެތިކުރި ފަދައިން، މަލާބާރުން ދިވެހި ޤަޢުމު އަޅުވެތި ކުރިފަދައިން، މިއަދު ހަނގުރާމަ ކޮށްގެން ދިވެހިން ބަލިކުރުމަށް ބަޔަކު ނާންނާނެ ކަމެވެ.

މިއަދު ޢައިރު މުސްލިމުން އިސްލާމުންނާއި ދެކޮޅަށް ފަށާފައިވާ ހަގުރާމައަކީ ކަނޑި ބަނޑިން ކުރާ ހަގުރާމައެއްނޫނެވެ. މިޒަމާނުގައި އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ޣައިރު މުސްލިމުން ފަށާފައިވާ ހަނގުރާމަ އަކީ އަޅުގަނޑުމެންގެ ޅަދަރިންގެ ސިކުޑި އާއި ކުޅުމުގެ ހަގުރާމައެވެ. އަޅުގަނޑުމެންގެ ވިސްނުމާއި ކުޅުމުގެ ހަގުރާމައެވެ.އަޅުގަނޑުމެންގެ ފިކުރާއި ކުޅުމުގެ ހަނގުރާމައެވެ. އެހެންގޮތަކަށް ދަންނަވާނަމަ ފިކުރީ ހަގުރާމައެވެ.

އަޅުގަނޑުމެންގެ ޒުވާންޖީލް އިސްލާމީ އުސޫލުތައް ދޫކޮށް ޢަލްމާނީ ފިކުރަށް ތަބާވަމުން ދިޔުމަކީ މިދެންނެވި ފިކުރީ ހަގުރާމައިގައި އަޅުގަނޑުމެން އަޅުވެތި ވުމެވެ. ޒުވާން ފިރިހެން ކުދިންގެ މަޤުބޫލު ޝަޚްސިއްޔަތަކަށް “ޑޭވިޑް ބެކަމް ނުވަތަ ބޮބް މާރލީ”ފަދަ ޣައިރު މުސްލިމުންވެ، ސަހާބީ ބޭކަލުންނަކީ ޒުވާނުންނާއި ބީރައްޓެހި ބަޔަކަށް ވުމަކީ މިދެންނެވި ހަގުރާމައިގައި އަޅުގަނޑުމެން އަޅުވެތިވުމެވެ. ހަލާލެއް ޙަރާމެއް ބެލުމެއްނެތި އަރާމެއް ލިބޭ ކޮންމެ ކަމެއް ތަޖްރިބާ ކުރަން ޒުވާނުން ދިމާކުރުމުން އަޅުގަނޑުމެން މިތިބީ ފިކުރީ ހަގުރާމައިގައި އަޅުވެތި ވެފައި ނޫއްތޯއެވެ؟

މިޤަޢުމަކީ %100 މުސްލިމުން އުޅޭކަމަށް ދަޢުވާކުރާ ޤަޢުމެއް ނަމަވެސް އިސްލާމް ދީނަށް ޢަމަލު ނުކުރާ ދަރިންތަކެއް އުފެދި ރާއްޖޭގެ ރަތްޔިތުންގެ ކުރިމަތީގައި ތިމަންނާއަކީ އިސްލާމެއް ނޫނޭ ބުނެ އަގަހުޅުވާލުމަށް މިއަދުގެ ބައެއް ދިވެހިން ޖެހިލުން ނުވުމުން ދީނީ ގޮތުން ޤަޢުމު އަޅުވެތިވީ ނޫންތޯއެވެ؟ ޤަޢުމުގެ ހިނގާ ދާޚިލީ ގިނަ މައްސަލަތަކެއް ގައި ފަހުބަސް ބުނާ ބަޔަކަށް ފަރަންޖީންވެ އެބައިމީހުންގެ އަތްމައްޗަށް ރާއްޖޭގެ ދާޚިލީ ކަންކަން ދިޔުމުން ދާޚިލީ ޤައުމު އަޅުވެތިވީ ނޫންތޯއެވެ؟ ޔޫރަޕްގެ ފެޝަން ޤަޢުމުގެ ފެޝަނަށްވެ، ބޭރުންފެންނަ ތަކެއްޗަށް ރޭރުވާ އުސޫލުން ފަރަންޖީންގެ އުސޫލު އިސްލާމުން ކޮޕީ ކުރަން ފެށުމުން ފިކުރީ ގޮތުން އަޅުގަނޑުމެން އަޅުވެތިވީ ނޫއްތޯއެވެ؟

އާއެކެވެ.މި ދެންނެވި އުސޫލުން ޤަޢުމު އަޅުވެތި ވުމުން ޤައުމަކުން ފެންނާނެ ހުރިހާ މަންޒަރެއް މިއަދު މިޤަޢުމުން މިދަނީ ފެންނަމުންނެވެ. ގަސްތުގާ މީހަކު މަރާލުމަކީ މަދިރި އެއް މަރާލުންފަދަ ކަމަކަށްވެއްޖެ އެވެ. މީހުންމެރުން އާންމުވެއްޖެ އެވެ.ދީނުގެ ޙުކުމްފުޅުތަކަށް މަލާމާތާއި ފުރައްސާރަ ކުރަން ފަށައިފި އެވެ.

ފިލްމު ތަކާއި ޑްރާމާތަކަށް މީހުން ގެއްލި އާވާރާވެއްޖެ އެވެ.ރަތްޔިތުންގެ ބަޔަކު ދަނީ އިސްލާމް ދީނަށް ޖޯކު ޖަހަމުންނެވެ. ސުކޫލު ތަކުގައި ދީނުގެ ކަންކަމަށްވުރެ ކުޅިވަރުގެ ކަންކަން މިވަނީ އިތުރުވެފައެވެ.ތަޢުލީމީ މަންހަޖް ޔޫރަޕުން ކޮޕީކޮށް ރާއްޖޭގައި ޕޭސްޓް ކޮށްފައިވާ ކަހަލައެވެ.އަންހެނުންގެ ޙައްޤޭ އިންސާނީ ޙައްޤޭ ބުނެ އިސްލާމްދީނުގެ ބައެއް ހުކުމްތަކާއި ދެކޮޅަށް ޢިއްޒަތްތެރިކަމަށް ދަޢުވާ ކުރާ މަޖްލީހުގެ ބައެއް މެންބަރުން އެދަނީ ފާޑުކިޔަމުންނެވެ. އިސްލާމް ދީނުގައި ކަން އޮތްގޮތް ބެލުމުގެ ބަދަލުގައި ދޮން ފަރަންޖީން ދުނިޔެއަށް ތަޢާރަފްކުރި ނަޖިސް “ޑިމޮކްރަސީ” ގައި ކަން ހުރި ގޮތް ބަލަން މިވަނީ ފެށިފައެވެ. ހުރިހާ ކަމެއްގައި ދިވެހިން ގެންގުޅެމުން ދިޔަ އުސޫލުތައް ގެއްލި ޔޫރަޕްގެ ފިކުރުގައި ޖެހި އަސްކަރީ ގޮތުން ޤަޢުމު އަޅުވެތިވުން ފިޔަވައި އެހެން ހުރިހާ ގޮތަކުން ޤަޢުމު މިވަނީ އަޅުވެތިވެފައެވެ.

ޤަޢުމުދެކެ ލޯބިވާ ދަރީންނޭވެ! މިނިވަން ދުވަހުގެ ނަމުގައި މިނިވަން ދުވަހެއް އަޅުގަނޑުމެން ފާހަގަ ކުރިނަމަވެސް ދިވެހީންގެ މިނިވަންކަން މިވަނީ ޤާދޫކޮލުން އޮޔާ ގޮސްފައެވެ. ނެތި ގެއްލިފައެވެ. މިނިވަން ކަމުގެ ފޮނި ރަހަ މިވަނީ ބީވެފައެވެ. އާއެކެވެ. މިނިވަން ދުވަހެއް ނިމިދިޔައީ އެވެ. ނަމަވެސް…..

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް!!!

  2. މިއަދު މުސްލިމު ޤައުމުތަށް އަޅުވެތިކުރަނީ ޢައިރު މުސްލިމުން އެމީހުންގެ ކުންފުނިތަކުން މުސްލިމް ޤައުތަކުގައި އިންވެސްޓުކޮއްގެން، އެކުންފުނިތަކަ ތަބާވާ އެޤައުމުގެ ދަރިންވެސް ތަރުބިއްޔަތު ކޮއްގެން، މިރާއްޖޭގައިވެސް އެކަހަލަ ކުންފުނިތަށްވެސް އެބަހުރި، ޖީއެންއާރު، ދިރާގު އަދިވެސް މިކަހަލަ އެތަކެއް ކުންފުނިތަކުން މިއަދު ދިވެހި ޤައުމު އަޅުވެތިކަމުގެތރެޔަށް ގެންދާއިރު ޤައުމުގެ ބުއްދިވެރި ދަރިން ހޭލަން ވެއްޖެ ނޫންބާާަ؟

  3. ހުޅަގުގެ ޓެރެރިސްޓުން ޤައުމުތަށް އެމީހުންގެ ގޮންޑި ކޮއްކޮ ސަރުކާރަކށް ހެދުމަށްޓަކައި އެޤައުމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ޓުރޭންކުރުމަށް ފަހު އެތަނެއްގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރާނެ، މިބައިމީހުން ނެރެގެން، ދިވެހިރއްޖޭގައިވެސް ހުޅަގުގެ ޓެރެރިސްޓުން ތަމުރީނު ކޮށްފައިވާ ބަޔަކުވެސް އެބައޫޅޭ މިނިވަން ވަމުންގޮސް ރޯދަމަހުގެ ހުރުމަށް ކަންޑާފަ މިބައި މީހުން މިގެންނަން އުޅެނީ ކޮންކަހަލަ ޑިމޮކުރަސީއެއްކަމެއް މިބައިމީހުނަކަށްވެސް ނޭގޭހެންވެސް ހީވޭ، މިނިވަން ކަމަށްޓަކައި ޤައުމުތަކުގައި އެންމެ ބޮޑެތި ޖިހާާދު ތަކެއްކޮފައިވަނީ ދީނީ އިލްމުވެރިން، ބައްލަވާ އިބުނު ތެއިމިޔާ، މުހަންމަދު ބުނު އަބުދުލް ވައްހާބު ފަދަ ބޭފުޅުން މިނިވަން ކަމަށްޓަކައި ކުރިޖިހާދު ދިރާސާ ކުރަން ބުއްދީގެ އަހުލުވެރިން ކުރަންޖެހޭ ކަމެއް!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!