ރަމަޟާންމަސް ޣަނީމާކުރުން!

މާތް ﷲ ގެ ރަޙްމަތުން ތައުބާގެ މައްސަރު އަޅުގަނޑުމެނާ ބައްދަލުކޮށްފިއެވެ. މި މަހުގެ ދުވަސްތަކާއި ރޭތައް އެންމެ ފުރިހަމަ ގޮތުގައި ޣަނީމާ ނުކުރެވިއްޖެ މީހަކީ ހުރިހާ ހެޔޮ ކަމަކުން މަޙްރޫމުވެއްޖެ މީހެކެވެ.

ނަމަވެސް ހުރިހާ ރޯދަމަހެއްގައިވެސް ފެންނަ ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ރޯދަ ކުރުކުރަން އުޅޭ މަންޒަރު ފެނެއެވެ. ދުވާލު ހަތަރުދަމު ނިދައިގެންނެވެ. ހަވީރު ފިނި ބުރު ޖަހައިގެންނެވެ. ރޭގަނޑު ހަތަރުދަމު ކުޅި މަޖަލުގައެވެ. އެހަނދާނާއި، މިހަނދާނާއި، ޑްރާމާ ބެލުމުގައެވެ.

މިއީ ބައެއްމީހުންގެ ކަންތައް ހުރި ގޮތުގެ ވާހަކައެވެ. މިއާ ޚިލާފަށް، މިމަހުގެ އަގުމާތްވި ވަގުތުތައް ޣަނީމާ ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާ މީހުންވެސް ގިނައެވެ. ޤުރުއާން ކިޔަވައި، ނަމާދު ޤާއިމުކޮށް، ތަރާވީސްކޮށް ހަދާމީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. އެބައިމީހުންނަށް އުފާވެރިކަން ހުއްޓެވެ.

  • ޖަމާޢަތުގައި ނަމާދު ޤާއިމުކުރުން:

ރޯދަމަސް ޣަނީމާކުރުމުގެ ލިސްޓުގެ އެންމެ ކުރިއަށް ނަމާދު އައުމަކީ ލާޒިމުކަމެކެވެ. އެހެނީ، ޝަޙާދަތުގެ ދެކަލިމަ ކިޔުމަށްފަހު ދެން އަމުރުވެވެނީ ނަމާދު ޤާއިމުކުރުމަށް ކަމަށްވާތީއެވެ. ޤިޔާމަތުގައި އެންމެ ފުރަތަމަ ސުވާލަކީ ނަމާދު ކަމުގައިވާތީއެވެ.

އެހެންކަމުން، ރޯދަމަސް ޣަނީމާކުރުމުގެ އެންމެ މުހިއްމު ބާބެއްގެ ގޮތުގައި ހިމަނަން ޖެހޭނީ ނަމާދު ޖަމާޢަތުގައި ކުރުމެވެ.

  • ރަވާތިބު ސުންނަތް ކުރުން:

ރޯދަކުރުކުރަން ދެން އެންމެ މަތިވެރި ކަމަކީ ރަވާތިބު ސުންނަތްތައް އަދާކުރުމެވެ. ރަވާތިބު ސުންނަތަކީ ގަދަވެގެންވާ ސުންނަތެކެވެ. ބައެއް އިމާމްވެރި ޢިލްމުވެރިންގެ ކައިރީގައި ރަވާތިބު ސުންނަތް އެއްގޮތަކަށްވެސް ނުކުރާ މީހުންނަކީ އެބައިމީހުންގެ ޢަދާލަތު ގެއްލިފައިވާ ބައެކެވެ. އެއީ އެބައިމީހުންގެ ދީންވެރިކަމުގެ ކުޑަކަން ދޭހަކޮށްދޭ ކަމަކަށްވާތީއެވެ.

ރަވާތިބު ސުންނަތަކީ 10 ރަކުޢަތެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި 12 އެވެ. އެއީ ފަތިސް ނަމާދުގެ އިހު 2 ރަކުޢަތާއި، މެންދުރު ނަމާދުގެ އިހު 2 ރަކުޢަތާއި ފަހު 2 ރަކުޢަތާއި، މަޣްރިބް ނަމާދުގެ ފަހު 2 ރަކުޢަތާއި، ޢިޝާ ނަމާދުގެ ފަހު 2 ރަކުޢަތެވެ. 12 ރަކުޢަތް ކަމަށް ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި މެންދުރު ނަމާދުގައި އިހު 4 ރަކުޢަތެވެ.

ރަވާތިބު ސުންނަތަކީ ފަރުޟު ނަމާދާގައި ތިބާއަށް ކުރެވޭ އުނިކަންތައްތައް ފިލުވާލައި، ފަރުޟު ނަމާދު ފުރިހަމަކޮށްދޭނެ އެއްޗެކެވެ. މާތް ﷲ ގެ ރަޙްމަތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތެކެވެ. އެހެނީ އިންސާނުން ކުރާ ކަންތަކުގައި އުނިކަން ހުންނާނެއެވެ. އެއީ ނަމާދު ރޯދަވިޔަސް މެއެވެ. އެފަދަ އުނިކަން ފިލުވާލުމަށްޓަކައި މާތް ﷲގެ ރަޙްމަތްވަންތަކަމުން ވަނީ ކޮންމެ ފަރުޟު އަޅުމެއްގައިވެސް އެ ފަރުޟަކާއި ގުޅޭ ޖިންސުން އަޅުކަންތައް ލައްވާފައެވެ. ނަމާދުގައި ރަވާތިބު ސުންނަތެވެ. ޒަކާތުގައި ޞަދަޤާތެވެ. ރަމަޟާންމަހުގެ ރޯދާގައި ސުންނަތް ރޯދަތަކެވެ. ޙައްޖުގައި ޢުމްރާއެވެ.

  • ޤުރުއާން ކިޔެވުން:

ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ. އެ ޤުރުއާނު ބާއްވައިލެއްވުނީ ރަމަޟާންމަހުގައެވެ. ޖިބްރީލު ޢަލަހިއްސަލާމް ވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ކޮންމެ ރަމަޟާން މަހެއްގައިވެސް މުޅި ޤުރުއާން މުރާޖަޢާ ކުރައްވާ، ތިލާވަތު ކުރައްވާ، މުދާރަސާ ކުރައްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އަހަރު ދެފަހަރު ޤުރުއާން މުރާޖަޢާ ކުރެއްވިއެވެ.

އެހެންކަމުން، މި މަހުގެ ދަރުމައާއި ޘަވާބަށް އެދިގެން ކުރަން އެންމެ މޮޅު އެއްކަމަކީ ޤުރުއާން ކިޔެވުމެވެ. މަދުވެގެން ޚަތިމެއް ކުރުމެވެ. ދުވާލަކަށް ފޮތެއްގެ މަގުން ކިޔަވައިފިނަމަ ޚަތިމެއް ކުރެވޭނެއެވެ.

  • ތަރާވީސް ނަމާދުކުރުން:

ރޭގަނޑު ކުޅިވަރާއި މަޖަލުގައި ދުއްވާލުމުގެ ބަދަލުގައި ތަރާވީސް ނަމާދަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިމާމު މީހާ ނިމެންދެން އޭނާއާއެކު ނަމާދުކޮށްފި މީހަކަށް މުޅި ރޭގެ ރޭއަޅުކަން ކުރިކަމަށް ލިޔެވޭނެ ކަމަށް ވާރިދުވެފައި އޮންނަ ޙަދީޘަކީ އެންމެން ދަންނަ މަޝްހޫރު ޙަދީޘެކެވެ.

ތަރާވީހުގެ އިތުރުން ފަހު ދިހައެއްގައި، ދަމު ނަމާދަށްވެސް ސަމާލުކަން ދީގެން ޖަމާޢަތުގައި ދަމު ނަމާދުކުރުމަކީވެސް ރަމަޟާންމަހުގެ ރޭގަނޑުގެ ވަޤުތު ޣަނީމާ ކުރެވޭނެ މޮޅު ގޮތެކެވެ. ރަމަޟާންމަހުގެ ރޭތައް މިގޮތުގައި ހޭދަކޮށްފި މީހަކީ ނަޞީބުވެރިއެކެވެ. ރަމަޟާންމަސް ހެޔޮ ގޮތުގައި ޣަނީމާކޮށްފި މީހެކެވެ. މިބަރަކާތްތެރި މަހުގެ ރޭތައް ހެޔޮ ގޮތުގައި އިޙްޔާކޮށްފި މީހެކެވެ.

މިދެންނެވީ ރަމަޟާންމަސް ހެޔޮ ގޮތުގައި ޣަނީމާ ކުރެވިދާނެ ކަންތައްތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ މުހިއްމު ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި،  ފަހު ދިހައެއްގައި އިޢްތިކާފަށް އިނުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވެ ހެއުކޮށްހިތުމާއި، އެބައިމީހުންނަށް ބޭނުންވާ ކަންތައް ކޮށްދިނުމާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދިނުމާއި، އަވަށްޓެރިންނަށް ކަމޭ ހިތުމާއި، އެބައިމީހުންގެ ޙާޖާތުތައް ފުއްދައިދިނުމާއި، ހޮސްޕިޓަލުގައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޖަނާޒާތަކުގައި ބައިވެރިވުމާއި، ދީނީ ކަންކަމުގައި އުޅޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިވެދިނުމާއި، މިހިރަ މިހިރަ ހެޔޮކަމުގެ އެތަކެއް ދޮރުތަކެއް ވަނީ ހުޅުވިފައެވެ.

ކޮންމެ އަޅަކުވެސް މިމަހާ ބައްދަލުކޮށް، މިމަހާ އަލްވަދާޢު ކިޔާނީ ދެޙާލަތެއްގައެވެ. ނަޞީބުވެރިއެއްގެ ގޮތުގައެވެ. ނުވަތަ ބަދު ނަޞީބުވެރިއެއްގެ ގޮތުގައެވެ. މިމަހުގެ ދުވާލާއި ރޭތައް ޣަނީމާކޮށްފި މީހަކީ ނަޞީބުވެރިއެކެވެ. މިމަހުގެ ދުވާލާއި ރޭތައް ބޭކާރުކޮށްފި މީހަކީ ބަދު ނަޞީބުވެރިއެކެވެ.

މި ރަމަޟާންމަހަކީ އަޅަމެން ނަރަކައިން މިންޖުވުމުގެ ސަބަބެއްކަމުގައި ލެއްވުމަށް ކަލާނގެ ޙަޟްރަތަށް ދުޢާކުރަމުން ނިންމާލަމެވެ. އާމީން!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!