މިސަރުކާރުގެ ވެރިންނަށް މަރުގެ އިންޒާރު

ޙައިރާންވެ ވަޑައިނުގަންނަވާށެވެ. މިއީ ހަމަ މަރުގެ އިންޒާރެކެވެ. މިސަރުކާރާއި، ސަރުކާރާއި ގުޅިފައިވާ އިއްތިހާދުގެ ސިޔާސީ ފަރާތްތަކަށް ދެވޭ މަރުގެ އިންޒާރެކެވެ. މިއިންޒާރުގެ ސަބަބުން، އެއްވެސް ފަރާތަކަށް ލިބިދާނެ ނަފްސާނީ ގެއްލުމަކަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ.

ފެބްރުއަރީ 7 ވަނަދުވަހަކީ، ޑިމޮކްރަސީގެ ދަށުން ހުއްދަ ލިބިގެން، ކުރީގެ އިދިކޮޅުފަރާތްތަކުން ހިންގަމުންއައި ޑިމޮކްރަސީގެ ޙަރަކާތްތަކަށް ކެތްނުކުރެވިގެން، ކުރީގެ ރައީސް އަލްފާޟިލު މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހެވެ. އެއަށްފަހު، ޤާނޫނީ ހަމަތަކުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ރަނިން މޭޓު ނުވަތަ އޭރުގެ ނާއިބު ރައީސް ޑރ.މުޙާއްމަދު ވަޙީދު ޙަސަން މަނިކު ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވިއެވެ. އަދިހަމަ އެދުވަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ވަޑައިގެންނެވިއެވެ. އެއާއިއެކު، ސިޔާސީ ގިނަޕާޓީތަކަކާއި މަދަނީ ޖައްމިއްޔާތައް ހިމެނޭ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެދިގެން ދިޔައެވެ.

އިސްތިއުފާ ދެއްވާފައި ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވީ ގެއަށެވެ. ގޭގައި ބަރާބަރު އެއް ދުވަސް ވަންދެން މަޑުކުރެއްވިއެވެ. އެއަށްފަހު، ފެބުރުއަރީ 8 ވަނަދުވަހު ބަޣާވާތެކޭ ވިދާޅުވަން ފެއްޓެވިއެވެ. އިސްތިއުފާ ދެއްވީ ބިރުދައްކައިގެން ކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު، އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ނިކުމެ، މިލޮބުވެތި ޤައުމުގެ އެތަންމިތަނުގައި ހުޅުޖަހާ ތަޅާ ސުންނާފަތިކޮށް ހެދިއެވެ. އެތައް ޕޮލިސްޓޭޝަނަކާއި އެތައް ކޯޓެއް އަންދާލިއެވެ. އެތަންތަނުގައި ހުރި، ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކާއި ލިޔެކިޔުންތައް އަންދާ އަޅިއަށް ހަދާލިއެވެ. ދައުލަތަށް ލިބުނުގެއްނުން އެތައް މިލިއަނަކުން ގުނާލެވޭއިރު، ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ހިސާބެއް ހައްދެއްވެސް ނޭނގެއެވެ.

މިހާސާބުން، އިދިކޮޅު ސިޔާސީ ޙަރަކާތް ހިނގަންފެށީއަކީ، ސިޔާސީ އުސޫލަކުން ނޫނެވެ. ޓެރަރިސްޓު ޖަމާޢަތްތަކާއި ގޭންގުތައް ހިނގާ ބީދައިންނެވެ. އެގޮތުން، މިސަރުކާރަށް ނިސްބަތްވާ ތަފާތު އެކި ފެންވަރުގެ މީހުންނަށް، އެކިވަރުގެ ހަމަލާތަކާއި، މަރާލާނެ ކަމުގެ އެތައް އިންޒާރެއް ދީފައި ވެއެވެ. އޭގެތެރޭގައި މިނިވަން މުޢައްސަސާތަކުގެ ބޭފުޅުންނާއި، ކޯޓުތަކުގެ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، މިސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރަށް ތާޢީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިފައިންނާއި ފުލުހުންނާއި، މިސަރުކާރަށް ތާޢީދުކުރާ އާއްމު ރައްޔިތުންވެސް ހިމެނެއެވެ. މާރާމާރީ ހިންގުމާއި، ތޫނު ހަތިޔާރުން ބިރުދެއްކުމާއި، ތޫނު ހަތިޔާރުން ހަމަލާދިނުމާއި، މާރާލާނެކަމުށް ބުނުމާއި، މަރާލަން އުޅުމާއި، ދައުލަތުގެ އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުންދިނުމާއ ހުޅުޖެހުމާއި، މިފަދަ ކިތަންމެ ނާތަޙުޒީބު ޖަރީމާތަކެއް މިބައިމީހުން ވަނީ ހިންގާފައެވެ. ދިވެހި އަންހެން ފުލުހަކު މަގުމަތިން ހައްޔަރުކޮށް، އެކަނާއަށް ޖިންސީ އަދި ޖިސްމާނީ އެތައް ގޯނާއެއްވެސް ކޮށްފައިވެއެވެ.

ކަންމިހެން ހުރުމާއެކު، މިޙަރަކާތް އިތުރަށް ފުޅާވެ، މިބައިމީހުން ބޭނުންވާ މީހަކު ކިޑްނޭޕްކޮށް ނުވަތަ މަރާލުން ފަދަ ކަންކަން ހިންގުމަކީވެސް ދުރުކަމެއް ނޫނެވެ. މާޒީން ޢިބުރަތް ލިބިގަންނަން ޖެހެއެވެ. ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާއާއި ފެބުރުއަރީ ހައެއްގައި ހިންގަން އުޅުނު ޤަތުލުޢާއްމާއި ފެބުރުއަރީ އަށެއްގެ ހުޅުޖެހުންފަދަ ޙާދިސާތަކަކީ އާދައިގެން ކަންކަމެއް ނޫނެވެ. އަދި ކިއެއް  އެއީ ގޭންގު ކުއްތަކާއި ޓެރަރިސްޓު ހަމަލާތަކެކެވެ. މިފަދަ ހަމަލާތަކުން މިބައިމީހުންނަކީ ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓު ގޭންގެއްކަން ސާބިތުވެއެވެ. އަދި މިބައިމީހުންގެ އެއްމެ ބޮޑު އަމާޒަކީ މިސަރުކާރާއި، ގުޅިފައިވާ ސިޔާސީ ފަރާތްތައްކަންވެސް ކަށަވަރު ޔަޤީނެވެ.

އެއަށްފަހު ދަންނަވަމަވެ. އޭދިވެހި ޤައުމުގެ ޢިއްޒަތްތެރި ވެރިންނޭވެ. ދިވެހި ރައްޔިތުންނާއި، ތިބޭފުޅުންގެ ފުރާނަ ސަލާމަތްކުރަން ބޭނުން ތޯއެވެ؟ ބޭނުމިއްޔާ އޮތީ ހަމަ އެއްމެ ގޮތެކެވެ. އެއީ ﷲ ގެ ޙުކުމްފުޅު ތަންފީޒު ކުރުމެވެ. މަރަށް މަރުގެ އަދަބު ދިނުމެވެ. ތިމާމެންގެ އަމިއްލަ ނަފްސާއި ދިވެހި ރައްޔިތުން ޙިމާޔަތް ކުރުމަށްޓަކައި މަރަށް މަރު ހިއްޕަވާށެވެ. އަމާން މުޖުތަމަޢަކަށްޓަކައި މަރަށް މަރުގެ އަދަބު ތަންފީޒު ކުރައްވާށެވެ. އެހެންނޫނީ ޤައުމު ފަސާދަވެ، ބޮޑު ލޭ އޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރު އެބައޮތެވެ. މަރަށް މަރުގެ އަދަބު ދެވޭނަމަ، އެއްވެސް މީހަކަށް އަނެކާގެ ފުރާނަ ދުއްވާލުމަކީ، މެޓައެއްހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. މިސަރުކާރުގެ ވެރިންނަށް އަޅުގަނޑުދޭ މަރުގެ އިންޒާރަކީ މިއީއެވެ. ދިވެހި ބަހުގައި އިންޒާރަކީ އަންނާން އޮތް ނުރައްކަލަކުން ބަޔަކު ސަލާމަތްކޮށް ހޭލައްވައި ބިރުގެންނެވުމަށް ދެވޭ ނަސޭޙަތެވެ. އެންގޭ އެންގުމެވެ.

 

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މުހައްމަދު ހުސެއިން އަށް މިލިޔުން ލިޔާއިރުވެސް އިގޭނެ، އިސްލާމްދީނުގަ މަރަށް މަރުހިފޭނީ އަދުލުވެރި އިންސާފު ވެރި ފަނޑިޔާރުގެއިން ކަން. ރާޔްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ފެންނަނީ ފައިސާވެރިން ބޮޑެތި ކުށްތަކަށް އަރާގެންފަވެސް މިނިވަންކަމާއި އެކު މުޖުތަމައުގަ އުޅޭތަން. އެންމެ ފުރަތަމަ ފަޑިޔާރުގެ ތައްވެސް އެބަޖެހޭ ރަނގަޅު ކުރަން. އޭގެ ފަހުން ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް

  2. ދިވެހިން ލިޔުމަކީ ވަރަށް ފޫހިވާ ކަމެއް

  3. ކަލޭމެން ދީން ހަތިޔާރަށް ނަގައި ދީން ހަލާކުކުރަނީ ތި.. ދީނަކީ ކަލޭމެން ބޭނުންވާ ގޮތަށް ބަދަލުވާނެ އެއްޗެއް ނުން. އަދި ބުނަން ޙައްޤާ ބާޠިލް ސާފުވާނެ ދުވަސްވެސް އަންނާނެ. އަންނި ވިޔަސް ތިޔަ އިމްރާންމެންވިޔަސް މައުމޫންވިޔަސް ގޯސް ކަންތައްތައް އެންމެން ކައިރީގައިވެސް ގޯސްވާނެ

  4. އަދި ހަމަ އެދުވަހު، އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ނިކުމެ ކުރި މުޒާހަރާ ވަރައް އިހާނެތި އަނިޔާވެރި ގޮތަކައް ދިވެހި ލޮބުވެތި ފުލުހުންނާ ސިފައން ރޫޅާލިއެވެ. މީގެ ސަބަބުން ގިނަ ބަޔަކައް އަނިޔާވެ ހޮސްޕިޓަލްތައް ތޮއް ޖެހްނެވެ. މިގޮތައް އަމަލް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުން ރުޅި އައިސް ފުލުހުންގެ ގިނަ މުއަސްސަސާ ތަކައް ގެއްލުން ދިނެވެ.

  5. ރުޅިއައިސްގެން ގެއްލުދިނީ އައްޑޫސިޓިއާއި ތިނަދުއަށްށެވެ. އެކަމަކު ފުލުހުން ރޫޅާލި މުޒާހަރާ ކުރީ މާލޭގައެވެ. ވަރުގަދަ ރުޅިއެއްނޫންހެއްޔެވެ؟ ރުޅި ގަދަވެގެން ދިޔަވަރަކީ އޭގެ ހޫނުކަށް ރާއްޖޭގެ ދެކުނަށް ފޯރުމެވެ،

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!