ނަޖީބުގެ ތިންވަނަ ޤާތިލު ދޫކޮށްލެވިފައި

 • ވަކީލު އަހުމަދު ނަޖީބު އަވަހާރަކޮށްލި ކަމުގެ ދައުވާ އުފުލާފައިވާ އަހުމަދު މުއްރަތު ޝަރީއަތަށް ހާޒިރުކުރަނީ... ފޮޓޯ: ހަވީރު

ވަކީލު އަހުމަދު ނަޖީބު އަވަހާރަކޮށްލި ކަމުގެ ދައުވާ އުފުލާފައިވާ އަހުމަދު މުއްރަތު ޝަރީއަތަށް ހާޒިރުކުރަނީ… ފޮޓޯ: ހަވީރު

މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު ނަޖީބު އަވަހާރަކޮށްލުމުގައި އެހީތެރިވި ތިންވަނަ ފަރާތެއްވެސް ވެއެވެ. ނަމަވެސް އެފަރާތުގެ ވާހަކަ އެއްވެސް ފަރާތަކުން ދައްކާއަޑެއް ނުއިވެއެވެ. ލިޔާތަނެއްވެސް ނުފެނެއެވެ. އެފަރާތާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ބަޔަކުވެސް ނޫޅެއެވެ. ދައުލަތުގެ ދަޢުވާއާއި ވާރިސުންގެ ދަޢުވާގައިވެސް އެފަރާތުގެ ނަމެއްވެސް ނެތެވެ. އެއްމެ ކުޑަމިނުން އެފަރާތް ކުއްވެރިކުރާ ބަޔަކުވެސް އުޅޭހެންނެއް ހިއެއް ނުވެއެވެ. އާދެ އެއީ ﷲ ޙަރާމްކުރެއްވި ބަނގުރަލެވެ.

ނަޖީބު އަވަހާރަކޮށްލުމުގައި ޙަރަކާތްތެރިވި ދެމީހުން ކަމަށްވާ، އަޙްމަދު މުއްރަތު އާއި އޭނާގެ ޖާރިޔާއެއްގެ ގޮތުގައި އުޅުނު ފާޠިމަތު ހަނާއާއި ދެމީހުން ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން މިކަން ސާބިތުވެއެވެ. އެގޮތުން މިޙާދިސާ ހިނގިއިރު، ރާ ބޮއެގެން ހުރިކަމަށް ހަނާ އެއްބަސް ވެފައި ވެއެވެ. ނަޖީބު އަވަހާރަކޮށްލަން ނޫޅޭ ކަމަށާއި، ނަޖީބު ހަޅޭލަވަން ފެށުމުން ހަމަލާ ދެވުނީ އައިރުޅީގައި ނޭނގި ކަމަށް، މުއްރަތުގެ ބަޔާނުގައި ވެއެވެ. އަދި އޭރު ހުރީ މަސްތުވެގެން ކަމަށާއި، ކަމެއް ކުރެވުނުކަންވެސް އެނގުނީ ނަޖީބުގެ ކަރުން ލޭ އަންނަތަން ފެނުމުން ކަމަށްވެސް މުއްރަތު ކޯޓުގައި ބުނެފައި ވެއެވެ. އަދި އެއަށް ފަހު އެކަމާއި ދެރަވެގެން ރުއީ ކަމަށާއި، ނަޖީބުގެ ކަރުން ލޭ މަނާ ކުރުމަށްވެސް މަސައްކަތް ކުރިކަމަށް މުއްރަތު ބުނެފައި ވެފައި ވެއެވެ.

ކަންމިހެން ހުރުމާއިއެކު، ނަޖީބު އަވަހާރަކޮށްލުމުގައި، މުއްރަތާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް، ބަނގުރަލުގެ ހިއްސާ އެބައޮތެވެ. މުއްރަތުގެ ބުއްދި ގޯސް ކުރުވުމަށްފަހު، މުއްރަތުލައްވާ ނަޖީބުގެ ކަރަށް ވަޅި ހަރާލީ ބަނގުރަލެވެ. ނުވަތަ އޭގެ މަސްތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރަލުގެ މަސްތަކީ، އެހެން މަސްތުވާ ތަކެއްޗަށްވުރެ ބޮޑަށް، ޙަޔާތްކުޑަ ކަމާއި ބިރުކުޑަ ކަމާއި، ގަދަ ވާން ބޭނުންވުމާއި ގަދަކަން ދައްކަން ބޭނުން ވާއެއްޗެކެވެ. އަދި ރާބޮއެގެން ހުންނަމީހާގެ އެއްމެ ޚާއްސަ އެއް ސިފަޔަކީ، ރުޅި ގަދަ ވުމާއި، އެއްގޮތަކަށްވެސް ރުޅި ކޮންޓްރޯލް ނުކުރެވުމެވެ. ދުނިޔޭގެ ޤައުމުތަކުގެ ކުށުގެ ހިސާބު ކިތާބުތަކަށް ބަލާލުމުން މިކަން އިތުރަށް ސާފުވެގެންދެއެވެ. އެގޮތުން އެމެރިކާގެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތް ކުރާމީހުންގެ %90 މީހުން ޤަބޫލުކުރާގޮތުގައި، ކުޑަކުދިންނާއި ބަދުއަޚްލާޤީ އަމަލު ހިންގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބަނގުރަލެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުގުން ބުނާގޮތުން، ރޭޕްކުރާމީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީނުން ތިބެނީ ރާބޮއެ މަސްތުވެގެންނެވެ. ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން ގެ ރިޕޯޓުތަކުން ދައްކާގޮތުން، އިނގިރޭސިވިލާތުގެ މީހުން މަރާ މީހުންގެ %70 މީހުން، ޤަތުލު ހިންގާފައިވަނީ ބަނގުރަލުގެ މަސްތުގައި ތިބެގެންނެވެ. ދިވެހިރާއްޖޭގައިވެސް ހިނގަމުންދާ މިފަދަ ބޮޑެތި ކުށްތަކާއި މާރާމާރީތަށް ހިނގަނީ، ބަނގުރާ ބޮއެގެން ތިބެ ކަމަށް، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލު މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވެއެވެ.

ހުރިހާ ޒަމާނަކާއި މަކާނަކަށް ފެތޭގޮތަށް ﷲ ބާވައިލައްވާފައިވާ ދީނުގައި، ބަނގުރާ ޙަރާމް ކުރައްވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އަދި ބަނގުރަލަކީ ހުރިހައި ނުބައި ކަމެއްގެ މަންމަ ކަމަށާއި އެއިން ދުރުވެތިބުމަށްވެސް އިސްލާމްދީން އަންގައެވެ. ވީމާ، ނަޖީބުގެ ޤާތިލުންނަށް އަދަބު ދެވޭއިރު، ނަޖީބު މަރާލުމުގެ މަންމައާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ހަމަޖެހޭކަމެއް ނޫނެވެ. އިންސާފެއްވެސް ނޫނެވެ. އަދި ކިއެއް، އެއީ މިފަދަ އިތުރު ކުށްތަކަށް ކޮށޭ މަގެކެވެ. ދެވޭ ހިތްވަރެއްވެސް މެއެވެ. ޤާތިލުންނަށް މަރުގެ އަދަބު ދެވޭއިރު، ބަނގުރަލަށް އެއަށްވުރެ ބޮޑު އަދަބެއް ދެވެން ޖެހޭނެއެވެ. އެއީ ބަނގުރަލުގެ މުޅި ނަސްލަށް މަރުގެ އަދަބު ދިނުމެވެ. މުޅި ރާއްޖެއެއިން ބަނގުރާ ނައްތާލުމެވެ. އެހެންނޫނީ މީހުން މެރުމާއި ޤަތުލުއާމްތަކެއް ނުހުއްޓުވޭނެއެވެ. އިންސާފު ޤާއިމުވެ ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނެއެވެ.

މިހެންދަންނަވާއިރު، މިރައްޖެއަށް ބަނގުރާ އެތެރެވާ މައިގަނޑު ދޮރޯއްޓަކީ ޓޫރިޒަމްކަން އެނގެއެވެ. ޓޫރިސްޓުން ނާންނާނެތީވެ ބަނގުރާ މަނާކުރަން މިރާއްޖޭގެ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހާއި ވެރިކަމާއި ސިޔާސީ ފަރާތްތަކާއި ރައްޔިތުންވެސް އެއްބަސް ވާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިފަދަ މީހަކީ، ﷲ ފިޔަވައި މާއްދިއްޔަތަށް އަޅުކަންކޮށްފި މީހެކެވެ. އެފަދަ މީހުން ޤަބޫލުކުރާގޮތުގައި ރިޒުގު ދެއްވަނީ ބަނގުރަލެވެ. ނުވަތަ އެފަދަ އެހެން އެއްޗެކެވެ. ﷲ އެއް ނޫނެވެ. ﷲ އަށް އީމާން ވާނަމަ، ރިޒުގުދެއްވަނީ ﷲ ކަން ޤަބޫލުކޮށް، ﷲ ޙަރާމްކުރެއްވި ބަނގުރަލުން މިދިވެހި ފަސްގަނޑު ސާފުކުރުމަށްޓަކައި، އެމީހުން މަސައްކަތް ކުރީހެވެ. ވީމާ، މިފަދަ އިތުރު މަރުތަކަށް އިންތިޒާރު ނުކުރާ ޙާލު، ބަނގުރަލާއި މަސްތުވާތަކެތި މަނާ ނުކުރެވޭހައި ހިނދަކު، މިފަދަ ޤަތުލުއާއްމުތަށް ތަކުރާރުކޮށް ހިނގާނޭ ކަމަށް ބެލެވެއެވެ. މާތް ﷲ އަޅުގަނޑަށާއި ތިޔަބޭފުޅުންނަށް ހޮޔޮވިސްނުން ދެއްވާށިއެވެ. އާމީން.

14 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ވަރަށް ރަނގަޅު ވާހަކައެއް

 2. ގޭގެ ސިޓިން ރޫމުގައި މިނީބާރް ހަދައިގެން އުޅޭ ކޮންމެ މުޖުތަމައު އަކުން ވެސް ގެވެށި ތިމާވެށީގެ އަނިޔާ ފެންނާނެ، ދިވެހިރާއްޖޭގައިވެސް ތަނަސްވަސް ކަމުގެ އަހުލުވެރިންގެ ގެއިން މިހާރު މިނީބާރްް ވެސް ފެންނަނީ ހަމަ މަދެއްކޮށެއް ނޫނޭ ދެންނެވޭނީ!

 3. މުއްރަތު އާއި އޭނާގެ ޖާރިޔާ .. މަ ހީހީ…. ލޯލް

 4. މިލުމުގައި މިވަނީ ވަރަށް ރަގަޅު ވާހަކަ ތަކެއް…އަޅުގަނޑަށް ވެސް ވަރަށް ފެނޭ މަތުވާ ހުރިހާ ވައްތަރެއްގެ އެޗެއް ރާއްޖެ އެތެރެކުރުމާ ވިއްކުން މަނާ ކުރުމަށް…ޓޫރިސްޓުންނައްޓަކައޭ ކިޔާފަވެސް އަޅުގަނޑުމެންގެ ދީނުގައި މަނާކޮއްފައި އޮންނަ ކަމެއް ކޮއްގެން ނުވާނެ…މިކަމާ ކަމާބެހޭ ފަރާތްތަކުން ވިނާ މިކަމަށް އަމަލީފިޔަވަޅޭއް އެޅުމަށްވެސް އަޅުގަޑު އެދެން…އަދި ދި އިސްލާމުން މިކަން ފާހަގަ ކޮއްލެވި ކަމަށްޓަކައި ޝުކުރުދަންނަވަން..

 5. ވަރަށް ރަގަޅު ވާހަކައެެެެޢް

 6. ހަނާ އަކީ ޖާރިޔާއެއްނޫނެވެ. އެއީ ސިއްރުގޮތުގައި އޭނާ ގެންގުޅޭ އަންހެނެކެވެ. ޖާރިޔާގެންގުޅުމަކީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަމެކެވެ. އެހެންވިމާ އެތަށް އިސްލާޙްކޮށްލައްވާ

  ލިޔުން ހަމަ އޮބި އިނގޭ

 7. އެމީހުން ތިބީ ރާބޮއެގެން ހަމަހޭގައެވެ. މަސްތުގެ ޙާލަތުގައެއް ނޫނެވެ. މަސްތުވެގެންނޭ ކުރެވުނު ކަމެއް ނޭނގެއޭ ބުނީ ސަލާމަތްވާނޭ ކަމުގެ އުއްމީދުގައި ކަމަށް ވުން އެކަށީގެންވެއެވެ. އެހެނީ ރާ ބޮއެގެން މަސްތުވެގެން ހުންނަ މީހާއަށް އެޙާލަތުގައި ކުރެވުނު ކަމެއް ހަނދާން ނުހުންނާނެއެވެ.

 8. ޖާރިޔާ އެކޭ ނުބުނެވޭނެ.. ތިހެން ބުނުމުން އަސްލު ބަހުގެ މާނަ އޮޅި މީހުންގެ ހިތްތައް ޝައްކުން ފުރޭނެ. އެހެން ކަމުން މާނަ ނޯޅޭނެ ފަދަ ބަހެއް ބޭނުން ކުރުމަކީ ވަރަށް ބޮޑު އެދުމެއ

 9. މަ ވެސް ތިމަކާ އެއްބަސް.

 10. ޖާރިޔާ މި ބަސް ބޭނުން ކޮށްފައިވަނީ ދިވެހިބަހުގެ އުސޫލާ ޚިލާފަށް. އެހެން ކަމުން އެބަސް ނެގުމަށް އެދެން.. ތިމަކުގެ ސަބަނުން މީސްތަކުންގެ ހިތުގައި ޝައްކު އުފެދުމަކީ ނުވެ ނުދާނެ ކަމެއް.

 11. ޝަރީޢަތާ ޚިލާފަށް ގެންގުޅުނަސް އަދި އެއްގިތަށް ގެންގުޅުނަސް އެއަށް ޢަރަބި ބަހުގައި ކިޔަނީ ހަމައެހެން

 12. ތހިކަމުގައި ރަލުގެ ބައިވަރަށްބޮޑު ތިއަކަމާއި ގޫޅިގެން ދހިވެހިރާއްޖޭގައި ފާޅުގައި ރާވިއްކާ އެންމެނަށްވެސް އަދަބުދޭން ގޮވާލަން!

 13. މިލުމުގައި މިވަނީ ވަރަށް ރަގަޅު ވާހަކަ ތަކެއް….. އެކަމު
  ރަލަކިިީ
  ފުރަތަމަ ގާތިލް…… ރަލަކިިީ ހުރިހާ ނުބާ ކަމެއްގެ އަސްލް

 14. ތެދެއް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!