“ދޫނިރާއްޖޭގެ” މަޖިލީސް މެމްބަރެއްގެ މަރު

ދޫނިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީސް ކަމަށްވާ، ދޫނި މަޖިލީހުގެ މެމްބަރަކު އަނެއްކާވެސް އިހާނެތި ގޮތަކަށް މަރާލާފައި އޮތްވާ ފެނިއްޖެއެވެ. މިއީ މިގޮތަށް މަރާލެވުނު ފަސް ވަނަ ދޫނި މަޖިލީހުގެ މެމްބަރެވެ. މިފަހަރު މަރާލެވިފައި ވަނީ ދޫނިރާއްޖޭގެ ކާޅު ގަބީލާގެ އިއްޒަތްތެރި މެމްބަރެކެވެ. މިފަހަރުގެ ޙާދިސާ ހިނގާފައިވަނީ، ދޫނިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ގެސްޓުހައުސް އެއްގެ ތެރޭގައި، އިއްޒަތްތެރި މެމްބަރާއި އެބޭފުޅާ ގެންގުޅުއްވާ ޖާރިޔާއަކާއި ދެބޭފުޅުން ނާޗަރަންގީގެ ވަގުތުތަކެއް ހޭދަކުރައްވަމުން ދަނިކޮށެވެ. ނަމަވެސް މިޙާދިސާގައި ޖާރިޔާއަށް މާބޮޑު ގެއްލުމެއް ނުވެއެވެ. ރޭޕް ކުރުމުގެ ސަބަބުން ފިނދުފަތްގަނޑުން ބައެއް ފަތް މަދުވުން ފިޔަވައި އެހެން އެއްވެސް ގެއްލުމެއް ނުވެއެވެ.

ޙައްޤަކާއި ނުލައި ދޫނި މެރުމަކީ ދޫނި ރާއްޖޭގައި އާއްމުކަމެކެވެ. ނަމަވެސް، މިޙާދިސާ ވެގެންދިޔައީ ދޫނި ރާއްޖެއަށް ލިބުނު ފުން ހިތާމަޔަކަށެވެ. އެގޮތުން އެރާއްޖޭގެ ހުރިހައި ޓީވީ ސްޓޭޝަން ތަކާއި، ރޭޑިއޯ ސްޓޭޝަންތަކާއި ނޫސް މަޖައްލާތަކުން މިހިތާމައިގައި ބައިވެރިވެ، އެތައްދުވަހެއް ވަންދެން މިވާހަކަތައް ދެއްކިއެވެ. ނަތީޔާއެއްގެ ގޮތުން، މުޅި ދޫނި ރާއްޖެ އެލާޓަށް އައެވެ. ޚާއްސަކޮށް ދޫނި މަޖިލީހެވެ. ސަބަބަކީ މިހާރަކަށް އައިސް، މިފަދަ ހަމަލާތަކުގެ ޝިކާރަޔަކަށް ދޫނި މަޖިލީހުގެ މެންބަރުންވެސް ވަމުން އަންނާތީއެވެ.

ހަމަ އެދުވަހު، ދޫނި ރާއްޖޭގެ ފުލުސް އޮފީހުން ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު ނެރުނެވެ. އެރިޕޯޓުގައި، ޢިއްޒަތްތެރި މެމްބަރާއި އޭނާގެ ޖާރިޔާ އާއި ދެބޭފުޅުން، ގެސްޓުހައުސްގެ ކޮޓަރީގައި ތިއްބަވަނިކޮށް، ޤާތިލުން ކޮޓަރިއަށް ވަދެގަތީ ކަމަށްވެއެވެ. އަދި ފުރަތަމަވެސް 65000 ރުޕިޔާ ދޭށޭ ބުނި ކަމަށާއި، ނަމަވެސް ޢިއްޒަތްތެރި މެމްބަރު ރުޕިޔާ ނެތްކަމަށް ވިދާޅުވުމުން، މެމްބަރުގެ ބަނޑަށް ވަޅި ހަރައި މަރާލީ ކަމަށްވެސް ވެއެވެ. އަދި އެއަށް ފަހު އަލްމަރޮހޫމު ޢިއްޒަތްތެރި މެމްބަރުގެ ވޮލެޓުން 65000 ރުޕިޔާ ނެގުމަށް ފަހު، މެމްބަރުގެ ޖާރިޔާ ރޭޕް ކޮށްލުމަށްފަހު ޤާތިލުން ނިކުމެގެން ދިޔައީކަމަށްވެސް ވެއެވެ. އަދި މައްސަލައާއި ގުޅިގެން ތިން ދޫންޏެއް ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ދެވަނަ ފުރުސަތުގެ ދޫންޏަކާއި ހަތަރުވަނަ ފުރުސަތުގެ ދޫންޏަކާއި 30 އަހަރު ނުފުރޭ ކުޑަދޫންޏެއްވެސް ހިމެނޭކަމަށް ފުލުސް އޮފީފުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އަދި، ދޫނި މަޖިލީހުގެ މެމްބަރުންނަށް މިފަދަ ޙަމަލާތަށް ދެވެމުން މިއަންނަނީ، ދޫނިރާއްޖޭގެ ނިސްބަތުން އެބޭފުޅުންނަށް ލިބިލައްވާ މުސާރައިގެ ބޮޑުކަމާއި، އެބޭފުޅުންނަށް ލިބިލައްވާ ރިޝްވަތުގެ ބޮޑެތި ހަދިޔާތަކުގެ ވާހަކަ ދޫނި ގޭންގުތަކަށް އެނގޭތީކަމަށްވެސް އެރިޕޯޓުގައި ވެއެވެ. އަދި ދޫނި މަޖިލީހުގެ މެމްބަރުން މިކަމަށް ސަމާލުވެގެން ތިއްބެވުމަށްވެސް ފުލުސް އޮފީހުގެ ރިޕޯޓުގައި ޢިލްތިމާސް ކުރައްވާފައި ވެއެވެ.

އެރޭން އެރެއަށް ދޫނި މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުނެވެ. އެޖަލްސާގައި އެވަގުތު ދުނިޔޭގައި ތިއެއްބެވި ހުރިހައި އިއްޒަތްތެރި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދޫނި ރާއްޖޭގައި، ދޫނި މެރުން އާއްމުވެފައިވާތީ އެކަމާއި ބެހޭގޮތުން ބަޙުސް ކުރަން ފެށިއެވެ. އަދި އެރޭން އެރެއަށް ޤާނޫނު ޢުޤޫބާތު އިސްލާޙުކޮށްފައި މެނުވީ މަޖިލީސް ނުހުއްޓުމަށް ފާސް ކުރިއެވެ. އަދި އިސްލާމް ދީން ކިޔާ ދީނެއްގައި، މިފަދަ މައްސަލަތަކަށް ޙައްލު ގެނެވޭފަދަ ޢުޤޫބާތްތަކެއް ހުންނަ ކަމަށާއި، އެއީ މަރަށް މަރުގެ އަދަބު ދިނުމާއި، ވައްކަން ކުރާމީހާގެ އަތްކެނޑުން ކަމުގައްޔާއި، އެޙުކުމްތައްވެސް ދޫނި ރާއްޖޭގައި ޤާއިމުކުރުމަށް މެންބަރަކު ހުށައެޅުއްވިއެވެ. އަދި އެހުށހެޅުމަށް ތާއީދުވެސް ލިބުނެވެ. އެއަށްފަހު، މުޅި މަޖިލީހަކީ ކުޑަ ކޮމެޓީއެއް ކަމަށް ނިންމަވައި، މަޖިލީހުން މައްސަލަ ދީރާސާކުރައްވަން ފެއްޓެވިއެވެ. އެގޮތުން އެޙުކުމްތައް ކުރެވެމުން އަންނަ ބައެއް ރާއްޖެ ތަކުގެ ޙާލަތުވެސް ބެލެވުނެވެ. އޭގެތެރެއިން ޚާއްސަކޮށް ސަޢުދީ ޢަރަބިޔާ ކިޔާ ރާއްޖެއެއްގެ ވާހަކަ ދެކެވުނެވެ. ދުނިޔޭގެ އެއްމެ ކުރިއަރާފައިވާ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ރާއްޖެ ތަކާއި އަޅުވައި ބަލާއިރު ސަޢުދީ އަރަބިޔާގައި އެއްގޮތަކަށްވެސް މިފަދަ ޖަރީމާތަށް ނުހިނގާކަމަށްވެސް މެންބަރަކު ވިދާޅުވިއެވެ. އެހާވެސް މަދުކަމަށް ވިދާޅުވިއެވެ. ނަމަވެސް ކާޅު ގަބީލާގެ ބައެއެއް މެންބަރުން މިކަމާއި ދެކޮޅުހެދިއެވެ. އަދި ތިޔަ ބުނާ އިސްލާމް ދީނަކީ ހައްދުފަހަނަޅާ ދީނެއް ކަމަށާއި، ތިޔަމެންބަރުން ތިއުޅުއްވަނީ ދޫނި ރާއްޖެއަކީ އަފްގާނިސްތާނަށް ހަދަންކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. ނަމަވެސް ކާޅު ގަބީލާގެ އެހެން މެންބަރަކު ވިދާޅުވީ، އެއީ ކޮންމެ ކަހަލަ ދީނަކަށް ވީނަމަވެސް ވަރިހަމަ ކަމަށާއި، ތިމަންނާޔަށް މުހިއްމީ މިޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންގެ ފުރާނަ ހިމާޔަތް ކުރުން ކަމަށެވެ. އަދި މިހާތަނަށް ކާޅު ގަބީލާގެ ޢިއްޒަތްތެރި ދެ މެމްބަރަކާއި، އެހެން ޤަބީލާތަކުން ތިން މެންބަރަކު މަރުވަފައި ވާކަމަށާއި މިކަމަށް ޙައްލު ގެނެވޭނީ މަރުގެ އަދަބު ދީގެން ކަމަށްވެސް ވިދާޅުވިއެވެ.

މާގިނަ އިރުތަކެއް ނުވެ، ޤާނޫނު އިސްލާޙު ކުރެވި ވޯޓަށް އެހިއްޖެއެވެ.  ވައްކަން ކުރާ ދޫންޏެއްގެ އަތް ކެނޑުމަށާއި ޙައްޤަކާއި ނުލައި ދޫނިމަރާ ދޫނިތަކަށް މަރުގެ އަދަބު ދިނުމަށް ފާސް ކުރެވުނެވެ. އިދި ކޮޅަށް ވޯޓު ދެއްވީ، ކާޅު ގަބީލާގެ އެއްމެ ތިން މެންބަރުންނެވެ. އެއީ ދޫނިރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ދެ އަންހެން ދޫންޏާއި އެރަށުގެ ފިލްމުކުޅޭ ފިރިހެން ދޫންޏެކެވެ. އަލްޙަމްދު ލިއްލާހިއެވެ. ދޫނިރާއްޖޭގެ މަސްލަޙަތައްޓަކައި އެހެން ގޮތެއް ނެތިގެން، ﷲ ހުކުމް ތަންފީޒުކުރަން ފެއްޓުނެވެ. ނަތީޖާއެއްގެ ގޮތުން، ދެތިން ދޫންޏެއްގެ މައްޗަށް ޙުކުމް ތަންފީޒު ކުރެވުމާއިއެކު، މުޅި ދޫނި ރާއްޖެއިން ވައްކަމާއި ދޫނި މެރުން ނެތޭ ބުނާވަރަށް ހުއްޓި، މުޖުތަމަޢު އަމާން ވެގެން ދިޔައެވެ.

ނަމަވެސް ދޫނި ރާއްޖޭގެ ބައެއް ނޫސް މަޖައްލާތަކުން ސިފަކޮށްފައި ވަނީ، ދޫނި މަޖިލީސްގެ މެންބަރުންނަކީ އަމިއްލަ އެދުން ބޮޑު ބައެއްގެ ގޮތުގައެވެ. ދޫނިރާއްޖޭގެ ނިކަމެތި ރައްޔިތުން ބަނޑަށްޖެހިފައިވާ ޙާލުގައިވެސް، އެބޭފުޅުން އަމިއްލަޔަށް މުސާރަ ބޮޑުކުރައްވައި، އެމުސާރަކޮޅާއި މުދަލާއި އަމިއްލަ ފުރާނަ ޙިމާޔަތް ކުރެއްވުމަށްޓަކައި، އިސްލާމް ދީނުގެ ޙުކުމްތައް، ނިވައިފަތްގަނޑަކަށް ބޭނުން ކުރެއްވީކަމަށްވެސް ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. އަދިވެސް ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި، ރޭޕް ކުރެވުނު ޖާރިޔާއަކީ އެއިން މެންބަރެއްގެ އަނބި ކަނބަލުންނަމަ، ނުވަތަ އަންހެން ދަރިއެއް ނަމަ، ނުވަތަ ދައްތައެއް ނަމަ، ރޭޕް ކުރުމުގެ އަދަބުވެސް އިސްލާމް ދީނުގައި ވާގޮތަށް ކަނޑައެޅީސް ކަމުގައެވެ.

 

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ޢިބުރަތްތެރި ލިޔުމެއް، މީހުންމެރުމުގެ މިސިލްސިލާ ރައީސުލްޖުމްހޫރިއްޔާއާއި ހަމަޔަށް ދިގުދެމިގެންދިޔުންވެސް އެކަށީގެންވޭ، އަނެއްކާ މިހެންމިބުނީ އެކަމަށް ހިތްވަރުދޭކަށެއްނޫން! ކިތަންމެ ދެރަ މީހަކަށް ފުރާނަޔަކީ ޙުރުމަތްތެރި އެއްޗެއް، މާތްﷲ ބާއްވައިލެއްވި ޙުކުމް ތަންފީޒުކުރުމަށް އަހަރެމެން މުސްލިމުނ

  2. މާޝާ ﷲ ވަރަށް ފުރހިމަ ލިޔުމެއް!! މިފަދަ ގޮތަކަށް މިރާއްޖޭގައިވެސް އިސްލާމީ ޝަރީޢަތް ޤާއިމްކުރާނެނަމައޭ އަޅުގަނޑު ހިތައް އަރައެވެ.

  3. އެކަހަލަ ދޫނި ރާއްޖެ އެއް ތިމަންނަ ބޭނުމީ….!

  4. ހަޤީޤަތް…..އޮބިނޯވޭ…….

  5. މީތި ހަމަ ވަރަށް ދަށުދަރަޖަ. ކީޕް އަ ލިމިޓް

  6. ބަޔަކަށް އެއްޗެައް ވިސްނަދޭން ބޭނުން ނަމަ މިފަދަ ހުތުރު އިބާރާތް ނޫނަސް ބޭނުން ކުރެވޭނެ ކަމަށް ފެނޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!