ލިބެންއުޅޭ ކުއްޖާގެ ޖިންސު ބެލިދާނެތޯ؟

 

ސުވާލު:

ރަނގަޅު ބޭނުމަކަށްޓަކައި (މިސާލަކަށް، ހޯދަންވާ ބަކަރީގެ އަދަދު އިނގެނީ ޖިންސު އެނގުމުންނެވެ އެހެންކަމުން އެކަމަށް ތައްޔާރުވުމަށް ނުވަތަ ކުއްޖާއަށް އެއްޗިހިގަންނަން ފަސޭހަކުރުމަށް) ލިބެންއުޅޭ ކުއްޖާގެ ޖިންސު ބެލިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

މިސުވާލަށް ޖަވާބު ދިނުމުގެ ކުރިން ބަޔާންކޮށްލަން ބޭނުންވާ މުހިންމު ނުކްތާއެއް އެބައޮތެވެ. އެއީ، ދުނިޔޭގެ ކަންހިނގާ ގޮތާއި ގުރްއާނުގެ ޞަރީޙާ ނައްޞަކާއި ފުށުނާރާނެކަމެވެ. ފުށުއަރާ ކަމަށް ހީވެއްޖެނަމަ އެއްގޮތަކީ ދުނިޔޭގެ ކަންހިނގާގޮތް ކަމުގައި ހީވެގެން މިއުޅޭ ގޮތަކީ ރަގަޅު ޙަގީގީ ގޮތް ނޫން ކަމެވެ. ނޫންނަމަ ގުރްއާނުގައިވާ ބަސްފުޅުގެ މާނަ ރަގަޅަށް ނޭނގުމެވެ. ގުރްއާނުގެ ޞަރީޙަ ނައްޞެއް އެއްވެސް ގޮތަކުން ފުށުލެއް ނާރާނެއެވެ.

މިޒަމާނުގެ މެޝިންތައް ބޭނުންކޮށްގެން މާބަނޑު މީހާގެ ބަނޑުގައިވާ ދަރިފުޅުގެ ޖިންސު ދެނެގަނެވެއެވެ. ނަމަވެސް މިކަމަކީ ގުރްއާނާއި ތަޢާރުޟްވާ ނުވަތަ ފުށުއަރާ ކަމެއް ނޫނެވެ. ބައްޕަގެ މަނިތިކި މަންމަގެ ރަޙިމްގެ ތެރެއަށް ދިޔުމާއި އެކު އެއީ ކޮން ޖިންސެއްގެ ކުއްޖެއްކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކުއްޖާ މަންމަގެ ބަނޑުގައި އޮންނާނީ ކިހާ ދުވަހަކު ކަމާއި، އެކުއްޖާ އަކީ ބާއްޖެވެރިއެއްތޯ ނުވަތަ އަބާއްޖަވެރިޔެއްތޯ، އަދި އެކުއްޖާ ދުނިޔޭގައި ކުރާނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ މިހުރިހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ކުއްޖާ އުފެއްދެވުމަށްފަހު މެޝިނުން ބަލާފައި އެއީ ކޮން ޖިންސެއްގެ ކުއްޖެއްތޯ ބުނުމަކީ ޣައިބުގެ ޢިލްމުގެ ތެރެއިންވާ ކަންތައްތަކެއް ނޫނެވެ. ވީމާ، ގުރްއާނުގައިވާ  “ރަޙިމްގައިވާ ކުއްޖާގެ ޖިންސު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އޭ” އޮންނަ ބަސްފުޅާއި މިކަމާއި ފުށުއެރުމެއް ނެތެވެ.

ބަނޑުބޮޑު އިރު ކޮން ޖިންސެއްގެ ކުއްޖެއްތޯ ބެލުމަށްފަހު، ވިހާއިރު އެހެން ޖިންސެއްގެ ކުއްޖަކު ލިބުނު ނަމަވެސް ތައުބާވާކަށް ނުޖެހޭނެއެވެ. والله أعلم

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސުވާލާ ޖަވާބާނުގުޅޭކަން ފާހަގަކޮށްލަން..

  2. ސުވާލު ކުރަން ކިހިނެއް ހަދަން ޖެހޭނީ! ވ ވ ވ ވ ވ ވ ބޭނުން ސުވާލުތައް ކުރަން! އެކަމަކު ނެގޭ! ވަރަށް ބަލައިފިން! ):

  3. (”ރަޙިމްގައިވާ ކުއްޖާގެ ޖިންސު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އޭ” އޮންނަ ބަސްފުޅާއި) މިތާ މިވާ ”ރަޙިމްގައިވާ ކުއްޖާގެ ޖިންސު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އޭ” ގެ ބަދަލުގައި ”ރަޙިމްގައިވާ އެއްޗެއް (ކުއްޖާގެ ގޮތް ) ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އޭ” މިފަދާން ނުވަތަ އެއައް ވުރެ އާޔަތުގެ މާނަޔާ ގާތްކޮށް ބަޔާންކުރުން ރަނގަޅުކަމަށް ފެނޭ.

  4. ވަރަށް ފުރިހަމަ ޖަވާބެއް

  5. ސުވާލު ފޮނުވަން ހަދަން ޖެހެނީ ކޮންގޮތެއްތޯ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!