އިސްލާމީ ވެރިކަމެއް ދިވެހިރާއްޖެއަށް އަންނާނެ. އިންޝާﷲ

  • 23 ޑިސެމްބަރު މުޒާހަރާގެ ތެރެއިން. ދިއިސްލާމް ފޮޓޯ: އަޝްވާގު

23 ޑިސެމްބަރު މުޒާހަރާގެ ތެރެއިން. ދިއިސްލާމް ފޮޓޯ: އަޝްވާގު


ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެ، ޑިމޮކްރަސީ އާއި ސިޔާސީ ޕާޓީތައް އުވި، ސިޔާސީ މަސްރަޙު އެކޮޅުކޮޅުން ޖެހޭނެ ދުވަސް ގާތްވެއްޖެއެވެ. އިންގިލާބުގެ ދުވަސް ކާރިވެއްޖެއެވެ. އިސްލާމްދީން ކުރިއަރައި، މުސްލިމުން ބާރުވެރިވާނެ ދުވަސް އެބަ އާދެއެވެ. ހުރިހާ އެއްމެންގެ މައްޗަށް ޤުރުއާނާއި ސުންނަތުން ގޮތް ކަނޑައަޅައި ޙުކުމް ކުރާނެ ދުވަސް އަންނާނެއެވެ. އެދުވަހަކީ، ރާއްޖޭގެ ވެރިކަމާއި ވެރިކަމުގެ ނިޒާމު ވިއްސި ވިހާލިވެ، އިސްލާމީ ވެރިކަމުގެ ދަށަށް ދިވެހިރާއްޖެ ދާނެދުވަހެވެ. ރުހޭ ބަޔަކު ރުހުނަސް، ނުރުހޭބަޔަކު ނުރުހުނަސް، ޤުރުއާނާއި ސުންނަތުގެ އަލީގައި ދިވެހިރާއްޖޭގެ ސިޔާސަތު ހިންގާނެއެވެ. އިސްލާމްދީނާއި އިންސާނުންގެ ފުރާނައާއި އިންސާނީ ބުއްދިއާއި މުދަލާއި އަބުރާއި އިންސާނީ ނަސްލު ޙިމާޔަށް ކުރެވި، އަބުރުވެރި އުފާ ފާގަތި ދިރި އުޅުމެއް އުޅެވޭނެއެވެ. އިންސާފު ޤާއިމު ކުރެވި މުޖުތަމަޢު އަމާން ވެގެންދާނެއެވެ. ކޮންމެ މީހަކަށްވެސް ނުވަތަ ކޮންމެ އެއެއްޗަކަށްވެސް، އެއެއްޗަކަށް ޙައްޤުވެގެންވާ، ޙައްޤުތައް ހޯދައި ދެވޭނެއެވެ. އިޤްތިސޯދު ކުރިއަރައި އަތްމަތި ތިޔާގިވެ، ޒަކާތާއި ސަދަޤާތުގައި ހިފާނޭ މީހަކު ނުވާނެއެވެ.

ޙައިރާންވެވަޑައި ނުގަންނަވާށެވެ. މިދަންނަވަނީ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ ނަބިއްޔާ މުޙައްމަދު ރަސޫލާ صلى الله عليه وسلم ގެ ދޫފުޅުން އަންނާނެކަމުގެ ޚަބަރު ދެއްވާފައިވާ ދުވަސްވަރެއްގެ ވާހަކައެވެ. ﷲ އިރާދަކުރެއްވި ވަގުތު ޖެހުމާއެކު، މަހުދީގެ ފާނު ފައުޅުވާނެ ވާހަކައެވެ. މަސީޙުއް ދައްޖާލު ނިކުންނާނެ ވާހަކައެވެ. ދައްޖާލާއި ޔަހޫދީން ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުން މުސްލިމުންނާއި ވަރުގަދަ ހަނގުރާމަ އެއްކޮށް، މުސްލިމުން ގަދަވާނެ ވާހަކައެވެ. ޢީސާގެފާނު ދެވަނަ ފަހަރަށް ދުނިޔެއަށް ފައިބައި ވަޑައިގެން، ދައްޖާލު ޤަތުލު ކުރައްވައި ބިންމަތި އަމާން ކުރައްވަވާނެ ވާހަކައެވެ. އަދި މުޅި ދުނިޔޭގައި ވަރުގަދަ އިސްލާމީ ޚިލާފަތެއް ޤާއިމު ކުރެވި، އެވެރިކަމުގެ ދަށުގައި ދިވެހިރާއްޖެ ވެސް އޮންނާނެ ވާހަކައެވެ. މުސްލިމުން އިންތިޒާރު ކުރަމުން މިދާ ރަން ޒަމާން ނުވަތަ، ގޯލްޑަން އޭޖް އަންނާނެ ވާހަކައެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. “ތިމަން ކަލޭގެފާނުގެ ނަފްސު އެކަލާނގެ ކުޅަދުންވަންތަކަމުގެ ބާރުގެ ދަށުގައިވާ ﷲ ގަންދެއްވާ ވިދާޅުވަމެވެ. ކަލޭމެންގެ ތެރެއަށް މަރިޔަމުގެ ފާނުގެ ދަރިކަލުން (ޢީސާގެ ފާނު) ޢަދުލުވެރި ވެރިއެއްގެ ގޮތުގައި ފައިބައި ވަޑައިގަތުން ގާތްވެއްޖެއެވެ. އެކަލޭގެފާނު ވަޑައިގެން، ސޮލީބުތަށް ތަޅުއްވައި އޫރުތަށް ޤަތުލު ކުރައްވާނެތެވެ. އަދި ޖިޒްޔަ ކަނޑުއްވައި ހައްދަވާނެތެވެ. އަދި އެއްވެސް މީހަކު ބޭނުން ނުކުރާ ހިސާބަށް މުދައުތަށް ގިނަވެގެން ދާނެއެވެ…..” (ބުޚާރީއާއި މުސްލިމް). ކަންމިހެން ހުރުމާއެކު، މިދުވަސް އަންނާނެކަން ސައްޙަ ޙަދީސުން ސާބިތެވެ. އަދި ކޮންމެ މުސްލިމެއްގެ ހިތުތެރޭގައި، ޝައްކެއް ވަސްވާހެއްނެތި މިކަން ޔަޤީން ކުރަން ޖެހެއެވެ. އެހެންނުނީ އީމާންކަން ފުރިހަމައެއް ނުވާނެވެ. އަދި މިވާހަކަތައް ދޮގުކޮށްފި މީހާ ކާފަރުވެ ދީނުން ބޭރުވާނެއެވެ.

ވީމާ، އަޅުގަނޑުމެން ރައްޔިތުންވެސް މިދުވަހަށްޓަކައި ތައްޔާރީތަކެއް ވާން އެބަޖެހެއެވެ. ޔަހޫދީންނާއި ދައްޖާލުގެ ފިތުނައިން ރައްކާތެރި ވުމަށްޓަކައި، ވިސްނުންތަކެއް ވިސްނަން އެބަޖެހެއެވެ. ރޭވުންތަކެއް ރާވަން އެބަޖެހެއެވެ. ދީނީ ޢިލްމުވެރިން މެދުވެރިކޮށް ކަމާބެހޭ މައުލޫމާތު ހޯދަން އެބަޖެހެއެވެ. އެހެން ނޫނީ، ދައްޖާލުގެ ފިތުނައާއި ޔަހޫދީ ޕްރޮޕެގެންޑާ ތަކުގައި ޖެހި، ހަތުރުންނާއި މިތުރުން އޮޅި، މަޙުދީގެ ފާނަކީ މަޙުދީގެފާނު ނޫން ކަމަށްވެސް ވިސްނިދާނެއެވެ. މަޙުދީގެ ފާނުގެ ލަޝްކަރަކީ ޓެރަރިސްޓުން ކަމަށްވެސް ބެލެވިދާނެއެވެ. ދައްޖާލަކީ ދައްޖާލުކަން އޮޅި އޭނާގެ ފަހަތުން ދެވުންވެސް އެކަށީގެން ވެއެވެ. އަދި އޭނާއަކީ ދައްޖާލުކަން އެނގުނަސް، ވެރިކަމާއި ބާރާއި ފައިސާގެ ދަހިވެތިކަމުގައި ނުވަތަ ޕާޓީ ރޫޙުފަދަ ރޫޙު ތަކުގައި ޖެހި، ދައްޖާލަށް ހެއްލި ދެދުނިޔޭން ގެއްލިގެން ހިނގައިދާނެއެވެ.

ދުނިޔެއަށް މިފަދަ ބޮޑު ސިޔާސީ އިންގިލާބެއް އަންނަން އުޅޭއިރު، އަޅުގަނޑުމެންގެ ގިނަ ސިޔާސީ ފަރާތަކަށް މިކަން އެނގޭކަމަކަށް ނުވެއެވެ. އެހެންނަމަވެސް، ދައްޖާލުގެ ސިފައިން ކަމަށްވާ ޔަހޫދީން މިކަން ދަނެއެވެ. އަދި މިދުވަހަށްޓަކައި ކެނޑިނޭޅި ތައްޔާރީތައް ވަމުންއެބަދެއެވެ. އެމީހުންގެ ހުރިހާ ސިޔާސީ ރޭވުން ތަކާއި، އަސްކަރީ ހަރަކާތްތަކާއި އިގްތިސޯދީ ސިޔާސަތު އަމާޒުވެފައި ވަނީ މިދިމާލަށެވެ. ނަމަވެސް، އަޅުގަނޑުމެން މިތިބީ ނިދާފައެވެ. ނުވަތަ ނިންދަވާފައެވެ. ދިވެހިރައްޔިތުންނޭވެ. ހޭއަރާށެވެ. ވިސްނާ ފިކުރު ކުރައްވާށެވެ. މަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރި ވުމަށްޓަކައި މަސައްކަތް ކުރައްވާށެވެ. އަޅުގަނޑުމެންގެ ސިޔާސީ ފަރާތްތަކުގެ، ފޮރިން ޕޮލިސީ ނުވަތަ ޚާރިޖީ ސިޔާސަތު ހުރީ ކޮންދިމާލަކަށްތޯ ބައްލަވާށެވެ. ދައްޖާލާއި ޔަހޫދީންނާއިވީ ދިމާލަށްތޯ، ނުވަތަ މުސްލިމުންނާއި ވީފަރާތައްތޯ ބައްލަވާށެވެ. ދައްޖާލުގެ ސިފައިން ކަމަށްވާ ޔަހޫދީން ޖަހާހައި ބެރަކަށް ނަށާތޯ ނުވަތަ ނޫންތޯ ބައްލަވާށެވެ. މަސީޙުއް ދައްޖާލުގެ ފިތުނަ އާއި ޔަހޫދީންގެ އާރާއިބާރާއި ފައިސާގެ ކުރިމަތީގައި، މިބައިމީހުންގެ ޢަމަލުތައް ހުރެދާނެގޮތް އަންދާޒާ ކުރައްވާށެވެ. ލޯމަރާލާފައި މިމީހުން ފަހަތުން ހިނގަން ހަދައިގެން، ދައްޖާލު ފަހަތުން ދެވިދާނެތޯ ނުވަތަ ނޫންތޯ ދަނެގަންނާށެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެކަން ހަނދާން ކުރައްވާށެވެ.

ދެން އޮތީ، އަދުގެ ސިޔާސީ ޙާލަތެވެ. އިސްލާމީ ފިކުރު ދުވަހެއް ދުވަހަކަށް މިދަނީ ކުރިއަރައި ފުޅާވަމުންނެވެ. ދިވެހިރާއްޖެ އާއި ޢަރަބި ޤައުމުތަކާއި ޔޫރަޕާއި އެފްރިކާ އާއި ހުޅަނގާއި އޭޝިޔާގައިވެސް މުސްލިމުން މިދަނީ، ހީވެސް ނުކުރާފަދަ ބޮޑެތި ކާމިޔާބީތަކެއް ޙާސިލު ކުރަމުންނެވެ. ސިޔާސީ ގޮތުންނާއި އެނޫން ގޮތް ގޮތުންނެވެ. އުއްމަތް ހޭލައި، އަޤީދާ ވަރުގަދަ ތަޢުލީމީ ހޭލުންތެރި ޒުވާނުން އުއްމަތާއި ގުޅެމުންދަނީއެވެ. ޑިމޮކްރަސީ އާއި އަދުގެ ސޯޝަލް ސިސްޓަމް މަތިން ފޫހިވެ، އިންސާފާއި ހަމަހަމަކަން ގެނެސްދެވޭނެ ހަމައެކަނި ނިޒާމަކީ، އިސްލާމީ ނިޒާމުކަން ދުނިޔެއަށް ވިސްނެން ފަށައިފިއެވެ. ﷲ ގެ ރޭއްވެވުމުގެ މޮޅުކަމާއެވެ. އެއިލާހު ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ. “އެމީހުން ނުބައި ރޭވުންތައް ރޭވިއެވެ. އަދި ﷲ ވެސް ރޭއްވެވިއެވެ. އަދި އެންމެ މޮޅަށް، އެންމެ ފުރިހަމައަށް ރާއްވަވާ ފަރާތަކީ ﷲ އެވެ.” (އާލަޢިމްރާން ސޫރަތުގެ 54 ވަނަ އާޔަތް)

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲއަކްބަރ

  2. ވަރައް ފުރިހަމަ ލިޔުމެއް.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!