ރާއްޖޭގައި އިންތިޚާބެއް ބޭއްވޭނީ 2013ގެ ނޮވެމްބަރ މަހުގައި- ޑރ. އާނަންދާ ކުމާރަސިރީ

*މިއީ ލަންކާގެ ސަންޑޭ ޓައިމްސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާ

ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާއާއި ބައްދަލުކުރައްވަން ނައިބުރައީސް މުޙައްމަދު ވަޙީދުއްދީނާއިއެކު ވަޑައިގެންނެވި ރައީސް ވަހީދުގެ ކޮންސަލްޓަންޓް ކަމަށް ސަންޑޭ އޮބްޒަރވަރއިން ބުނާ ލަންކާގެ އުފަން މެލޭޝިއާގެ ޑިޕްލޮމޭޓް ޑރ. އާނަންދާ ކުމާރަސިރީ އެނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިގޮތުގައި ލަންކާގެ ރައީސްއާއި ބައްދަލުކުރެއްވެވީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެވުމަށް މަޝްވަރާކުރެއްވުމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާދެއްވެވީ އަސްކަރީ ބަޣާވާތަކުން ބަޑިން ބިރުދައްކައިގެން ކަމަށް ދެކެވޭ ވާހަކަ ޑރ. ކުމާރަސިރީ ދޮގުކުރެއްވިއެވެ. ރައީސް ވަހީދުގެ ސަރުކާރުން ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރައްވާނެކަމަށާއި އަދި އެކަމަށްޓަކައި މިހާރު މަގު ޗާޓެއް އެކުލަވާލެވިފައިވާނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ބަސްދީގަތުމުގެ ބައެއް ބައިތައް:

ސުވާލު: ރައީސް ޑރ. ވަޙީދުގެ ކޮންސަލްޓަންޓްގެ ހައިސިއްޔަތުން މަނިކުފާނުވަނީ ނައިބު ރައީސް މުޙައްމަދު ވަހީދުއްދީނާއިއެކު ރައީސްގެ މެސެޖަކާއިއެކު ރައީސް މަހިންދާ ރާޖަޕަކްސާއާއި ބައްދަލުކުރައްވާފަ. މި މެސެޖުގެ އެންމެ މުހިއްމު ބައިތައް އަޅުގަނޑުމެންނާ ހިއްސާކޮށްލައްވަފާނަންތޯ؟

ޖަވާބު: އެއީ އެތަކެއް ޒަމާންތަކެއްވަންދެން ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާއި އަދި އެކަން ރައީސް ޑރ. ވަޙީދު ފާހަގަކުރައްވާކަން ހާމަކުރެއްވުމަށްޓަކައި. ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ލަންކާއަށް ކުރިމަތިވަމުން އަންނަ ކަންތައް ހަމަ ރާއްޖެއަށްވެސް ދަނީ ކުރިމަތިވަމުން. ރާއްޖޭގެ ސިޔާސީ ޕާޓީތައް މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތަށް ރައީސް ރާޖަޕަކްސާ ދެއްވަމުން އަންނަ އެއްބާރުލުން ރައީސް ވަހީދު ވަނީ ފާހަގަކުރައްވާފަ.

ކުރީގެ ރައީސް ނަޝީދުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފިޔަވާ ދެންތިބި ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ ރާއްޖޭގައި ފުރިހަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް އެކުލަވާލެވިފައިވާ މަގުޗާޓަށް މަރުހަބާ ކިޔުއްވައި އެޕާޓީތަކުން ދަނީ އެކަމުގައި ބައިވެރިވެލައްވަމުން. އެމްޑީޕީއަށް މިމަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް. އެދޮރު އަދިވެސް ވަނީ ހުޅުވާލެވިފަ.

ސުވާލު: ރާއްޖޭގެ ނިންމުންތަކަށް ބޭރުގެ އެއްވެސް ނުފޫޒެއް އައިސްގެން ނުވާނެކަމަށް ރައީސް ރާޖަޕަކްސަނީ ވިދާޅުވެފަ. ބޭރުގެ ނުފޫޒެއް ނެތި މިގޮތަށް ކަންކަން ނިންމިދާނެކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ޖަވާބު: ރައީސް ރާޖަޕަކްސަ އެހެން ވިދާޅުވީ ކީއްވެގެންކަން ސަރުކާރަށް ފަހުމްވޭ. ބޮޑެތި ޤައުމުތަކުން އެމީހުން އަމިއްލަ މައްސަލަތަކަށް ހައްލެއް ނުހޯދޭއިރު، (ލަންކާ އާއި ރާއްޖެ ފަދަ) ކުޑަ ޤައުމުތަކުގެ ދާޚިލީ ކަންކަމާއި ބެހެމުންދަނީ.

އެޤައުމުތަކުން އެފަދައިން ކަންތައް ކުރައްވަނީ އެއްގޮތަކަށްވެސް ޑިމޮކްރަސީ ރައްކާތެރިކުރުމަކަށް ނޫން. އެއީ ސިޔާސީ އަދި އިޤްތިސާދީ ކޮންމެވެސް ފައިދާތަކެއް ހާސިލްކުރުމަށް. ކުރީގެ ރައީސް ނަޝީދާއި އަދި ރާއްޖެއަށް ޕްރެޝަރ ކުރަމުން އަންނަ ޖަމާޢަތްތަކުން ބޭނުންވަނީ އަވަސް އިންތިޚާބެއް ވީހާވެސް އަވަހަށް ބޭއްވުމަށް. މީގެ ތެރެއިން ބައެއް ފަރާތްތަކުން ހަމަ މިހާރުން މިހާރަށް އިންތިޚާބެއް ބޭއްވުމަށް ގޮވާލާއިރު އަނެއްބައި ފަރާތްތަކުން ގޮވާލަނީ ހަމަސްތެރޭގައި އިންތިޚާބެއް ބޭއްވުމަށް. ނަމަވެސް ޤާނޫނު އަސާސީގެ މާއްދާތަކަށް ހަވާލާދެއްވައި ރައީސް ވަޙީދު ވިދާޅުވަމުންގެންދަވަނީ އިންތިޚާބެއް ބޭއްވޭނީ 2013ގެ ނޮވެމްބަރ މަހުގައިކަމަށް.  އެނޫން ތާރީޚެއްގައި ބޭއްވުމަކަށް ޤާނޫނުއަސާސީއިން ތަންނުދޭ.

ނަމަވެސް މިކަމުގައިވެސް އެންމެން އެއްބަސްވާ ފަދަ ނިންމުމެއް ނިންމެވުމަށް އެމަނިކުފާނު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ފައްޓަވާފަ. މިފަދަ އެއްބަސްވުމަކަށް އައުމަށް ފަހަރުގައި ޤާނޫނުއަސާސީގައި ބުނާ ތާރީޚުނޫން އެހެން ތާރީޚެއްގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ޤާނޫނުއަސާސީ އިސްލާހް ކުރަންވެސް ޖެހިދާނެ. އެހެން ދާއިރާތަކުގައިވެސް ޤާނޫނުއަސާސީ އިސްލާހުކުރަން ޖެހިދާނެ. މިސާލަކަށް ތިން ބާރު، ވެރިކަންކުރާބާރާއި، ޝަރްޢީ ދާއިރާއާއި، ޤާނޫނުހަދާ މަޖިލިސް ފުރިހަމައަށް ވަކިވެފައި އޮތުމުގެ މައްސަލަ.

މަގުޗާޓުގެ އެންމެ މުހިއްމު އެއް އަމާޒަކީ ތިން ބާރު ވަކިވުމަކީ ކޮބައިކަން ވަރަށް ސާފުކޮށް ދޭހަކޮށްދިނުން. ރައީސް ވަހީދު ވަނީ، މަގުތަކެއް ނިކުމެ ދައުލަތުގެ މުދަލަށް އަރައިގަނެ ބިރުވެރިކަން ފަތުރައި މުޒާހަރާކުރުމުގެ ބަދަލުގައި، މަޝްވަރާއާޢި ވިލަރެސް ކޮށްގެން އެންމެން އެއްބަސްވާނޭ އަމާޒުތަކަށް ވާސިލްވުމަށް ހުރިހާ ޕާޓީތަކުގެ މެދުގައި ބައްދަލުވުންތަކެއް ފައްޓަވާފައި.

މުދަލަށާއި ރައްޔިތުންނަށް ގެއްލުންދިނުމުން އެކަމުގެ ހިތްދަތިކަމާއި ވޭން ތަހައްމަލުކުރަންވެސް މިޖެހެނީ ޚުދު ރައްޔިތުން. މިއީ ރައީސް ވަޙީދު އެއްގޮތަކަށްވެސް ބޭނުންފުޅުވެލައްވާގޮތެއްނޫން. އެމަނިކުފާނު ބޭނުންވަނީ އަނިޔާވެރިކަމާއި، ނާއިންސާފުގެ ސަގާފަތް މުޅިން އެކީ ނައްތާލަން. އެމަނިކުފާނުވަނީ ފަންނުވެރި ތަޢުލީމީ ޤާބިލް ކެބިނެޓެއް އެކުލަވާލައްވާފަ.

ރައީސް ވަޙީދުގެ ކެބިނެޓް މަސައްކަތް ކުރައްވާނީ ސިޔާސީ ބޭފުޅުންތަކެއްގެ ގޮތުގައެއްނޫން. އެބޭފުޅުންގެ މަސްޢޫލިއްޔަތކީ ޕްރޮޕޯޒަލްތަކާއި، ޕްރޮޖެކްޓްތަކާއި އެނޫންވެސް ގޮތްގޮތުން ޤައުމުގެ ފައިދާއާއި ލާބަ ކުރިއަށް ނެރެ، އެބޭފުޅެއްގެ ރޮނގުން ޤައުމު ކުރިއެރުވުން. ސިޔާސީ ކަންތައްތަކައިގެން މަޝްއޫލުވެގެން އުޅޭނީ ސިޔާސީ ޕާޓީތަކުން. އެމަނިކުފާނު އެމަނުފާނު ނިސްބްތްވާ ޕާޓީގެ އެއްވެސް ބޭފުޅަކަށް ކެބިނެޓުން މަޤާމެއް ދެއްވާފައެއްނެތް. މިއީ ޙާޤީޤީ ޑިމޮކްރަސީއަކީ. އެމަނިކުފާނަކީ ވަރާށްވެސް ދެފުށްފެންނަގޮތަށް ކަންކަންކުރައްވާ، ޒިންމާދާރު ޤާބިލު އަދި އިންސާފަތް ލޯބިކުރައްވާ ބޭފުޅެއް.

ރައީސް ވަޙީދަކީ ކުރީގެ ރައީސް ނަޝީދުގެ ރަނިންގ މޭޓް. ރައީސް އިސްތިއުފާދެއްވުމުން ދެން އެމަޤާމު އޮޓޮމެޓިކުން ލިބިވަޑައިގަންނަވާނީ، ރައީސްގެ މަޤާމު ފުރުއްވާނީ ނައިބުރައީސް ކަން ވަރަށް ސާފުކޮށް ޤާނުނުއަސާސީގައި ބަޔާންކޮށްފައިވޭ. ރައީސް ވަޙީދު ރައީސް ކަމަށް ވަޑައިގަތުމަކީ އެއީ ޤާނޫނުއަސާސީއާއި ޚިލާފުކަމެކޭ، ޣައިރު ޤާނޫނީ ކަމެކޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތް. އެމަނިކުފާނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު. މިޖަމާޢަތްތަކަށް ދެން ދެއްކެވޭނެ ބަހަނާއެއް، ކުރެވޭނެ ޕްރެޝަރެއް ނޯންނާނެ.

ޤައުމަކަށް އެޤައުމެއްގެ އިޤްތިސާދީ ގުޅުމާއި އެހެނިހެން ގުޅުންތައް ފުޅާކޮށް އެޤައުމަކުން އެދޭ ޤައުމުތަކަކާއި ގުޅުން ބޭއްވުމުގެ މިނިވަންކަން އޮންނަންވާނެކަމަށް ރައީސް ރާޖަޕަކްސައާއި އަދި އެހެން އިސްވެރިން ވިދާޅުވިވިދާޅުވުމަށް ރައީސް ވަޙީދު މަރުހަބާ ވިދާޅުވާ. އެއީ އެޤައުމެއްގެ ޙައްޤެއް.

ސްރީލަންކާ އަކީ އެތަކެއް ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް އަވަށްޓެރި ޤައުމެއް. ސްރީލަންކާގެ ވަރަށް ގިނަ ރައްޔިތުން ރާއްޖޭގައި އުޅެ، ހަމައެދައިން ލަންކާގައި ރާއްޖޭގެ ގިނަ ޢަދެއްގެ މީހުންވެސް އުޅޭ. އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއާއި، އިޤްތިސާދު ފުޅާކުރުމަށާއި އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ. ރާއްޖެއިން މިސަރަޙައްދުގެ އެހެން ޤައުމުތަކާއި އެކުވެސް ގުޅުން ބަދަހިކުރުމުގެ ވިސްނުން ގެންގުޅޭ،

ސުވާލު: ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފައިވަނީ، ތިރީސް އަހަރުގެ ޚުދުމުޚްތާރު ވެރިއެއް ޑިމޮކްރެޓިކް އިންތިޚާބެއްގައި ބަލިކުރައްވައި. މީޑިއާގެ ބައެއް ފަރާތްތަކާއި އަދި ބައެއް ޤައުމުތަކުން ތުހުމަތުކުރައްވާގޮތުގައި އެމަނިކުފާނު ވެރިކަމުން ދުރުކުރައްވާފައިވަނީ އަސްކަރީ ބަޣާވާތަކުން. އެކަމާއި އިންކާރު ކުރައްވަންތޯ؟

ޖަވާބު: ނަޝީދު އިސްތިއުފާދެއްވެވީ އަމިއްލަފުޅަށް. އަމަނިކުފާނުގެ އަމިއްލަ އިޚްތިޔާރުގައި. މިހާރު އާންމުވެފައިވާ ވީޑިއޯތަކުން އެކަން ވަރަށް ސާފު. އެކަމިފާނު އަމިއްލަފުޅަށް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ހިސާބަށް ކަންތައްތައް ދިޔައީ އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކުގެ ސަބަބުން. ޖިނާޢީ ކޯޓުގެ އިސް ގާޒީ ޤާނުއަސާސީއާއި ޚިލާފަށް ގަދަބާރުން ހައްޔަރުކުރުމާއި، އެނޫންވެސް ޣައިރު ޤާނޫނީ ކަންތައްތަކުގެ ސަބަބުން. ކުރީގައި ނަގަމުން އައި ނާޖާއިޒްފައިދާތައް މަޤާމްތަކުން ދުރުވުމުން މިހާރު ނުނެގޭތީ އެކަމާ ކަންބޮޑުވެގެމް އުޅޭ އެމްޑީޕީގެ މެމްބަރުންގެ އާދޭހުގެ ސަބަބުން މިހާރު ނަޝީދު ދަނީ އަވަސް އިންތިޚާބަކަށް ގޮވައި، ދެކޮޅުވެރިކަމާއި، ހަމަނުޖެހުން ހިންގަމުން.

ނަޝީދު އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރުކަމަކާއިނުލާ. އެމަނިކުފާނު އިސްތިއުފާގެ ސިޓީ ލިޔުއްވީ އަމިއްލަ އަތްޕުޅުން އަދި އެކަން އިޢުލާން ކުރެއްވެވި މަންޒަރު ޓީވީ މެދުވެރިކޮށް ވަގުތުން ވަނީ ދައްކާފަ. އަމިއްލައަށް ފަރުމާކުރައްވައި، އަމިއްލަފުޅަށް މީހުން ކަނޑައަޅުއްވާގައިވާ ޕްރޮޖެކްޓްތަކަށް 17 ބިލިއަނާއި ގާތްކުރާ އަދަދަކަށް އެމަނިކުފާނުވަނީ ޚަރަދުކުރައްވާފަ. މިހާރު އެއަދަދު 23 ބިލިއަނަށް އަރާފައިވާކަމަށް ހާމަވޭ. މިފަދަ ޙާލަތެއް އިޤްތިސާދު އޮތް އިރު އަވަސް އިންތިޚާބަކާމެދު ރާއްޖެއިން ވިސްނަނެ އެއްވެސް ގޮތެއްނެތް.

ސުވާލު: ތިރީސް އަހަރުގެ ޚުދުމުޚްތާރު ވެރިކަމަށްފަހު ދިވެހިން ޑިމޮކްރަސީއާއި އެއްގޮތަށް އިންތިޚާބުކުރި ރައީސް މިހާރު ވެރިކަމުގައި ނެތުމުން، ދެން ރާއްޖޭގައި އަލުން ޑިމޮކްރަސީ ޤާއިމްކުރުމަކީ ވަރަށް ދުރުކަމެއްކަމުގައ ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުން. ރާއްޖޭގައި ޑިމޮކްރަސީ އަލުން ޤާއިމްކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްތޯ؟

އަޅުގަނޑު ވަރަށް ޔަޤީންކަން އެބައޮތް. ސަރުކާރުން ގެންގުޅުއްވަނީ ދެފުށްފެންނަ ސިޔާސަތެއް. ދައުލަތުގެ ތިންބާރު ވަކިކޮށް އެއްބާރު އަނެއްބާރު ނުފޫޒުފޯރުވަން އެއްވެސް ޖާގައެއް އަދުގެ ސަރުކާރުން ނުދޭނެ. މިއީ ރައީސް ވަޙީދުގެ ސިޔާސީ ފަލްސަފާއަކީ. ހުރިހާ ޕާޓީއެއް ނިސްބަތްވާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރައްވައިފި. ހުރިހާ ޕާޓީތަކުން އެއްބަސްވާފަދަ ނިންމުންތަކެއް ނިންމުމަށް މިހާރު ދަނީ މަޝްވަރާކުރެވި ވިލަރެސް ކުރެވެމުން. ރާއްޖޭގެ ވެރިކަން ނެގެހެއްޓުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލެއްވެއްޖެއްޔާ މި މަޝްވަރާތަކުގެ ދަށުން ގެނެވޭނެ. ސުލްހަވެރިގޮތަކަށް ކަންކަން ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުން. މިއީ ފުރިހަމަ ޑިކޮމްރަސީއެއް ރާއްޖޭގައި ޤާއިމްކުރެވޭނެކަމުގެ ޢަލާމާތްތައް، ހެކިތައް.

ސުވާލު: ރާއްޖެއަކީ ފަތުރުވެރިންގެ ޖަންނަތެއްކަމުގައި ބެލެވޭ ޤައުމެއް. އަދި ރާއްޖޭގެ މައިގަނޑު އާމްދަނީ ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް. މިހާރު ރާއްޖޭގައި ހިނގަމުން އަންނަ ސިޔާސީ ހަލަބޮލުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކިހާވަރަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވޭތޯ؟

ޖަވާބު: ނަސީބަކުން، ފަތުރުވެރިކަމުގެ ދާއިރާއަށް މާބޮޑު އަސަރެއްކޮށްފައެއްނުވޭ. ފަތުރުވެރިން ރާއްޖެއަށް ދަނީ އަދިވެސް އަންނަމުން. އެންމެ ފުރަތަމަ ކޮޅު، އަސްލު ޙާލަތު އޮތްގޮތް ނޭނގޭތީ ކޮންމެވެސް ވަރަކަށް އަސަރުތަކެއްކުރި. ބައެއް ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް ކުރި މަސައްކަތުގެ ސަބަބުން އިނގިރޭސިވިލާތުގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ޓްރެވެލް އެޑްވައިޒަރީތަކެއް ނެރުނު. ދެތިން ޗާޓަރ ފްލައިޓްތަކެއް ކެންސަލްކުރި. ނަމަވެސް މިހާރު ކުރިއެކޭ އެއްފަދައިން ފަތުރުވެރިން އާދޭ. ރައީސް ވަޙީދުވަނީ އެކަން ހަމައަކަށް އަޅުއްވާފަ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ބަރާބަރު!!! ހަބޭސް ނިންމުމެއް!!! ތިޔައީ ގިނަރައްޔިތުން ބޭނުންވާގޮތަކީވެސް!!! މަރުޙަބާ!!!

  2. މިނޫނަސް ވަކި މަސްލަހަތެއް ކުރިއެރުވުމަށް ތިބޭމީހުން މިކަހަލަ ވާހަކަދައްކާނެ. އެވާހަކަތައް ފެތުރީމާ ވަހުމް ގިނަވެ މައްސަލަ ބޮޑުވާނީ.

  3. ދެން އެދުވަހު މާލޭގެ މަގުމަތިން އެފެނުނީ ހުވަފެނެއްތާދޯ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!